May 16, 2024 10:32
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ވިހިވަނަބައި)

އެމީހުންގެ ވާހަކައިގައި ތިއްބާ ޝަރުވާންގެ މަންމަ އައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހަންފެށިއެވެ. ޝަރުވާން ބިރުން ތުރުތުރުލާން ފަށައިފިއެވެ. ވެގެން މިއުޅޭ ކަންތައް މަންމައަށް އެނގިއްޖެއްޔާ ކަންތައް ވާނެ ގޮތަކާއި މެދު ބިރުގަންނަނީއެވެ. އެންމެފަހުން ޝަރުވާން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި މަންމަ ވަރަށް ހާސްވެފައި ހުއްޓެވެ.

"ކިހިނެއްވެގެން މިއުޅެނީ" ޝަރުވާން ފެނުމާއިއެކު މަންމަ ފުރަތަމަވެސް ކުރީ ސުވާލެވެ.

"ކިހިނެއްވީ. ކަމެއް ވެއްޖެތަ" ޝަރުވާން ނޭނގޭ ކަމަށް ހެދުނެވެ.

Advertisement

"އެއުޅެނީނު ހަމީދާ މަރާލައިގެން. ޔަގީން އެއީ އިންސާނެއްގެ ކަމެއް ނޫންކަން. އަނެއްކާ ސުވާއިދާގެ ކަމެއްތަ" މަންމަ ޝައްކުގެ ނަޒަރަކުން ސުވައިދާއަށް ބަލައިލިއެވެ.

މާގިނަ ވާހަކައެއް މަންމަ ނުދައްކާ ނިކުމެގެން ދިޔައީއެވެ. ޝަރުވާންވެސް އިރުކޮޅަކުން ބޭރަށް ނިކުތީ ހަމީދާގެ ޚަބަރެއް ވޭތޯއެވެ. ގެއިން ނިކުމެގެން މާދުރަށް ނުދެވެނީސް މަންމަ އާއި ބައްދަލުވިއެވެ. މަންމަގެ މިސްރާބު ހުރީ ޝިފާމެންގެ ގެއާއި ދިމާލަށެވެ. ޝަރުވާން ބޭނުންވީ މަންމަގެ ޝައްކު ފިލުވައިލާށެވެ. ޝަރުވާން އެކި ގޮތްގޮތަށްވެސް ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެވާހަކަތަކެއް މަންމައަށް އަޑުއިވޭ ކަމަކަށް ނުވިއެވެ. ސަބަބަކީ ސުވައިދާ އަކީ ޖިންނިއެއް ކަން ޝަރުވާންގެ މަންމައަށް އެނގޭތީއެވެ. އަދި މީހުން ބުނާ ގޮތުން ހަމީދާއަށް އެވަރު ކޮއްލަން ކެރޭނެ އިންސާނަކު ނުހުންނާނެވެ.

"ދަރިފުޅާ. ސުވައިދާ ތިކަހަލަ ކަމެއް ކޮއްފާނެ. އެއީ ޖިންނިއެއް. ޖިންނި އަވަލައިފިއްޔާ ނިމުނީ" މަންމަގެ ޖަވާބު އެންމެފަހުން ބުނެލިއެވެ.

"މަންމާ. އެހެން ނުބުނެބަލަ. ސުވައިދާ އެއްބައި އެއީ އިންސާނެކޭ. އެހެންނޫނަސް މިރަށުގެ މީހަކަށް އެކަހަލަ ކަމެއް އޭނަ ނުކުރާނެ" ޝަރުވާން ހިތްހަމަނުޖެހުނީ މަންމަ ސުވައިދާއަށް ޝައްކު ކުރީމައެވެ.

"އެހެންވިއްޔާ ހިނގާބަލަ ފަންޑިތައެއް ހަދަން" ޝަރުވާންގެ މަންމަ ބުނެލިއެވެ.

"ކީއްކުރަން" ޝަރުވާން ބުނެލިއެވެ.

ނަމަވެސް އެކަމާއި މަންމަ އެއްބަހެއް ނޫނެވެ. މަންމަ ބޭނުންވަނީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުން ސަލާމަތް ވާށެވެ. އެނގިހުރެ އެއްވެސް އިންސާނަކަށް ދެރަގޮތެއްވާން ބޭނުން ނުވާތީއެވެ. އެކަމާއި ޝަރުވާން ތަކުރާރުކޮށް ދެކޮޅު ހަދަމުންދިޔައީ އޭނަގެ ލޯބިވާ އަނބިމީހާ ގެއްލިދާނެތީއެވެ. ދެމައިން ވާހަކައިގެ ތިބެ ގޮސް ވަދެވުނީ ޝިފާމެންގެ ގެއަށެވެ. ގޯތިތެރޭގައި މީހުންތައް ފުރިފައި އޮތެވެ. އެންމެންވެސް ދައްކަމުން ދިޔައީ އެއްވާހަކައެކެވެ. އަލަށް މިރަށުން ކަންތައް މިވާން ފެށިގޮތުގެ ވާހަކައެވެ. ޝަރުވާންވެސް އެމީހުންނާއި ގާތަށް ޖެހިލިއެވެ. ރަށުގެ ޒުވާނުންނާއި އިސްރައްވެހިންވެސް އެތާގައި ތިއްބެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވިފައި ޝަރުވާން ބިރުގަތެވެ. އެމީހުން ބުނާ ގޮތުން ރެއަކަށް ވުރެ ރެއެއް އެމީހުންގެ ބާރު ދާނީ ގަދަވަމުންނެވެ. އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވާން އެއްބަސްވަމުން ދިޔައެވެ. ނަމަވެސް ޝަރުވާން އެތާގައި އެއްވެސް އެއްޗެކޭ ނުބުނެ އަނގަމަޑުން ލައިގެން ހުއްޓެވެ. ޝަރުވާންގެ މަންމަ ވަނީ ޝިފާގެ މަންމަ އާއި އެކީގައި ގޭތެރެއަށެވެ. މާގިނައިރެއް ނުވަނީސް މަންމަވެސް ބޭރަށް ނިކުތެވެ.

ހަމީދާގެ ކަށުނަމާދު އޮތީ އަސުރަށް ފަހުގައެވެ. ހަމީދާގެ މޫނުދެކިލަން ރަށުގެ ކުދި ބޮޑު އެންމެން ވަނީ ސަހަރާއަށް ހާޒިރުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ބިރުވެރިކަމާއި ހާސްކަމެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެ ބިރުވެރިކަމުން ރަށް ވީހާވެސް އަވަހަކަށް ސަލާތް ކޮއްދޭންކަން އެމީހުންގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. ކަށުނަމާދަށް ފަހު ހަމީދާގެ ސަންދޯކުގެ ހިފަހައްޓައިގެން ވަޅަށް ތިރިކުރަންދެން ޝަރުވާން ސަންދޯކުގައި ހިފަހައްޓައިގެން ހުރީ ވަރަށް ބިރުންނެވެ. ސުވައިދާގެ މަރު ނުވަތަ މިރަށު މީހުންގެ މަރެވެ. އެތަނުން ޝަރުވާން ކޮންމެވެސް އެއްކަމެއް އިޚްތިޔާރު ކުރަން ވަނީ ޖެހިފައެވެ. ސުވައިދާގެ ކޮޅަށް އަރައިފިއްޔާ ކޮންމެ ރެއަކު ރަށުން މީހަކު މަރުވެދާނެއެވެ. ދެން އެހެން ނޫނިއްޔާ ލޯބިވާ އަނބިމީހާ މަރުވާން ދޫކޮއްލުމެވެ. ހަމީދާގެ ޖަނާޒާގެ ކަންތައް ނިންމާލާފައި ބޭރަށް ނިކުތްއިރު ޝަރުވާން ލޮލުގައި އަޅައިގަތީ ހަސަންބެ އާއި މަންމަ ވާހަކަ ދައްކަން ތިބި މަންޒަރެވެ. ޝަރުވާން ހިތް ބާރަށް ތެޅެން ފެށިއެވެ. ޝަރުވާން ބާރު ހިނގުމެއްގައި ގޮސް މަންމަގެ ގާތަށް ހުއްޓުނެވެ. އެވަގުތަކީ ޝިފާވެސް އައިސް މަންމަގެ ގާތަށް ހުއްޓުނު ވަގުތެވެ.

"ކޮބާ އަންހެނުން. ކީއްވެ މިތަނަށް ނައީ" ޝިފާ ސުވާލު ކުރީ ރަށުގެ އެންމެން ސަހަރާއަށް އައިއިރުވެސް ޝަރުވާންގެ އަނބިމީހާ ނާންނާތީއެވެ.

"އެބައުޅޭ ބަލިވެ" ޝަރުވާން ބޭނުންވީ އަވަހަށް ޝިފާގެ އަނގައިން ސަލާމަތް ވުމަށެވެ.

"ހިނގާ ތިގޭގައިވެސް ކިޔެވެލި ކިޔަވާލަން" ޝިފާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

ނަމަވެސް ޝަރުވާން އެވާހަކައަށް ޖަވާބުދޭކަށް ބޭނުމެއް ނޫނެވެ. ޝަރުވާން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ދާށެވެ. އަދި މަންމަގެ އަތުގައި ހިފައިގެން ދާން ފެށުމުން ހަސަންބެ ގޮވައިލި އަޑަށް މަންމަ އަނެއްކާވެސް މަޑުކޮއްލިއެވެ. ޝަރުވާން ހިތްހަމަނުޖެހުމާއިއެކު މަންމަ ދޫކޮއްލާފައި ދާން ހިނގައިގަތެވެ.

އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް ހަސަންބެ ބުނި ހިސާބު ވަނީ އޭނާގެ ކިޔެވެލި ކިޔެވުމަށް ވަރަށް ރަނގަޅަށް ތައްޔާރު ކޮއްފައެވެ. ރެއަކަށްފަހު ރެއެއް އުނދަގޫވާނެކަން ހަސަންބެ ވަނީ އޭނާގެ ލަޝްކަރަށް އަންގާ ރަނގަޅަށް ސަމާލުވެ ތިބުމަށް އަންގާފައެވެ. ވަކި ކުލައަކުން އެމީހުންގެ ހެދުންތައް ވަނީ ތައްޔާރު ކޮއްފައެވެ. އެންމެންވެސް ހުދުކުލައިން ތިބި އިރު މިރޭ އެއްވެސް އަންހެނެއް އެހިސާބަށް ނައުމަށް ވަނީ އަންގާފައެވެ. އަދި އެއްވެސް އަންހެނަކު އިރުއޮއްސުމަށްފަހު ގެއިން ބޭރަށް ނުނިކުންނަންވެސް ވަނީ އަންގާފައެވެ. ހަސަންބެ ގާތުގައި ތިބީ ރަށުން ހޮވައިލެވޭ ހަށިގަނޑުގައި ބާރު ހުރި ޒުވާނުންނެވެ. ހަމީދާގެ މަރާއި އެކު މިކަން އިތުރަށް ވަރުގަދަކުރަން ރަށުގެ ރައްޔިތުންނާއި ހަސަންބެވެސް ވަނީ އަތުކުރި އޮޅާލާފަވެ.

ގަޑިން ނުވައެއް ޖެހުމާއިއެކު ހަސަންބެ ވަށައިލާފައިވާ ފިރިހެނުންގެ މެދުގައި ހަސަންބެ އައިސް ދެފައި ވަށްކޮއްލައިގެން އިށީނެވެ. އިރުކޮޅެއް ވަންދެން ލޯމަރައިގެން އިނުމަށްފަހު ކޮންމެވެސް އެއްޗެއް ކިޔަވަން ފެށިއެވެ. އަދި ތެދުވެގެން ގޮސް ވަށައިގެން ތިބި މީހުން ވަށައި ދެތިން ބުރަށް ހިނގައިލިއެވެ. އަދި އަތުގައި އޮތް ހުދުކުލައިގެ ރުމާލުން ބާރަކަށް އެތާގައި ހުރި މީހެއްގެ މޫނުމަތީގައި ޖެހިއެވެ. އަނެއްކާވެސް ގޮސް ކުރިންވެސް ހަސަންބެ އިން ދިމާލުގައި އިށީދެ ކިޔަވަން ފެށިއެވެ. ކުޑައިރުކޮޅެއް ނުވަނީސް ދުނިޔެމަތި ބަނަވެ ވައިގަދަވާން ފެށިއެވެ. ރީތި ނަލަކޮށް އޮތް އުޑުމަތިން ނާމާންކަން ވެރިވަމުންދާ މަންޒަރު ފެންނަމުން ދާން ފެށުމާއި އެކު އެތަނުން ދެ ފިރިހެނަކު ތެދުވެގެން ދުއްވައިގަތީ އެމީހުންގެ ގެއާއި ދިމާލަށެވެ. ނަމަވެސް ދެން ތިބި މީހުން ހަސަންބެގެ ވާހަކަ ގަބޫލުކޮށް ކެތްތެރި ކަމާއި ހިތްވަރާއި އެކު ތިއްބެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރު ކިޔެވުމަށްފަހު ހަސަންބެގެ އަމުރަށް ރަށުތެރޭގައި ހިނގާލުމަށް އެންމެން ތެދުވެއްޖެއެވެ. ކުރީގައި ހުރީ މެދު އުމުރެއްގެ މީހެކެވެ. ރަށުގެ ނަން ހިނގާ އަރީފެވެ. ހަސަންބެ މެދުގައި ބަހައްޓައިގެން ޒުވާނުން ރަށުގެ އެކި މަގުތަކުން ހިނގަމުން ދިޔައީ ބާރުބާރަށް ކިޔަވަމުންނެވެ. އެއިރުވެސް ކޮންމެވެސް ވަރަކަށް ވިދާ ގުގުރައެވެ. ނަމަވެސް އެއްވެސް މީހަކު މިރޭ ހަސަންބެ ހުއްދަ ނުދެނީސް މިތަނުން ނުދިއުމަށް ހަސަންބެ ހަނދާން ކޮއްލަދެމުން ދިޔައެވެ. އެހެން ނޫނިއްޔާ އެމީހަކަށް ކޮންމެ ފަދަ ގެއްލުމެއްވެސް ލިބިދާނެއެވެ.

ފަހަރަކު މަގަކުން ހިނގަމުން ގޮސް ޝަރުވާންމެންގެ ގެއާއި ހަމަވިތަނާހެން ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަށް ހީވަނީ ހަށިގަނޑު ތޮރުފާލާނެހެންނެވެ. އެކިޔެވުމުގެ އަޑަށް ޝަރުވާން ދުވެފައި މަގުމައްޗަށް ނިކުތެވެ. އެއިރުވެސް ޝަރުވާންގެ މަންމަ ބޭރުގައި އެމަންޒަރު ބަލަން ވަރަށް ހަމަޖެހިލާފައި ހުއްޓެވެ. ވާރޭ ބޯކޮއްލުމާއި އެކު ޝަރުވާންގެ މަންމަގެ ދައުވަތު ހަސަންބެމެންނަށް ދިނެވެ. އެ ގޯތިތެރެއަށް ވަދެ ހިޔާވެލުމަށެވެ. ނަމަވެސް ހަސަންބެ ޖަވާބަކީ މިރޭ ދޫކޮއްލައިފިއްޔާ ދެން އަތެއް ނުވާނެ ކަމަށެވެ. ނަމަވެސް އެގޭ ދޮރުމަތީގައި މަޑުކޮއްލީ ވާރޭ ހުއްޓާލާތޯއެވެ. ނަމަވެސް މަޑުކޮއްލިޔަސް އެއްވެސް ވަރަކަށް ކިޔެވުން ހުއްޓައި ނުލައި ކުރިއަށް ގެންދިޔައެވެ.

"މިގޭގައިވެސް އުޅޭނެ ޖިންނިއެއް" ޝަރުވާންގެ މަންމަ އެންމެފަހުން އަރީފްގެ ގާތުގައި ބުނެގެން ހަސަންބެގެ ކަންފަތާއި ހަމައަށް އެވާހަކަ ފޯރުވިއެވެ. ޝަރުވާންގެ މަންމަ ބޭނުންވީ އެގެއިން ޖިންނި ނެރުމެވެ. އެވާހަކަ އަޑު އިވުމާއި އެކު ހަސަންބެ އެގޭ ގޯތިރެއަށް ވަނެވެ. އަދި ވަށައިގެން ހޯދައިލުމަށްފަހު އެކަނިމާ އެކަނި މައްޗަށް ބަލަހައްޓައިގެން އިނެވެ. އިރުކޮޅެއް ނުވަނީ ގޭތެރެއިން ހީވީ އަލިފާން ރޯވިހެންނެވެ. ބާރަކަށް ދުވެފައި ސުވައިދާ ބޭރަށް ނިކުމެ ހަސަންބެއާއި ދިމާކޮއްލިއެވެ. އެއިރު ސުވައިދާ ފެންކަޅިވެފައި ހުރި ނަމަވެސް މުޅި މީހާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ.

"ކަލޭ އެންމެފަހުން މިގެއަށްވެސް ވަނީދޯ" ސުވައިދާ ހަސަންބެ އާއި މުޚާތަބު ކޮއްލިއެވެ.

"ތިއީ ދޯ ޖިންނިއަކީ" ހަސަންބެ ވަރަށް ކެރިގެން ބުނެލިއެވެ.

"އާނ. މިއީ ޖިންނި. ކެރިގެން ކުރިމަތިލާ ބަލަ" ސުވައިދާ ވަރަށް އިތުބާރާއި އެކު ބުނެލިއެވެ.

ނަމަވެސް ސުވައިދާއަކަށް ހަސަންބެއާއި ކައިރިވާކަށް ނުކެރުނެވެ. ދުރުގައި ހުރެގެން ހަޅޭ ލަވަމުން ދިޔައެވެ. އެމަންޒަރު ބަލަން ދުރުގައި ތިބި މީހުން ހަސަންބެ ގާތަށް އަންނަން އުޅުމުން އެކަން ހަސަންބެ މަނާ ކުރިއެވެ. އަދި އެމީހުންގެ ބެލުމުގެ ދަށަށް ޝަރުވާންގެ މަންމަ ގެންދިޔައެވެ. ސުވައިދާ އާއި ހަސަންބެ ބަހުގެ ހަމަލާތަކުގައި ތިއްބާ އެދިމާލަށް ޝަރުވާން ދުވެފައި އަންނަން ތަން ހަސަންބެއަށް ފެނުނެވެ. ނަމަވެސް ހަސަންބެއަށް ޝަރުވާން ފެނުނީ ވަރަށް ކައިރިވި ފަހުންނެވެ. އެހެން ވުމާއި އެކު ހަސަންބެ އަށް ވުރެ ޝަރުވާން މާ ހުޝިޔާރެވެ. ދުވެފައި އައި ގޮތަށް އައިސް ހަސަންބެ އަށް ހަމަލަ ދިނެވެ. ވަގުތުން ހަސަންބެ ކޮޅަށް ތެދުވެ ޝަރުވާނަށް ރައްދު ދިނެވެ. މާގިނައިރެއް ނުވަނީސް ދުރުގައި މަންޒަރު ބަލަން ތިބި މީހުން ދުވެފައި އައިސް ޝަރުވާން ދުރުކުރިއެވެ. އެއިރުވެސް ސުވައިދާ ހަސަންބެއަށް ހަމަލަ ދޭން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެކަން ސުވައިދާއަށް ވީ ނާކާމިޔާބެވެ. ޝަރުވާނާއި ސުވައިދާ ދޫކޮއްލާފައި ހަސަންބެމެން ދާން ހިނގައިގަތުމުން ޝަރުވާންގެ މަންމަވެސް ބޭނުންވީ އެމީހުންނާއި އެކު ދާށެވެ. ނަމަވެސް ޝަރުވާންގެ އެދުމަށް ޚިޔާލު ބަދަލުކޮށް އެނބުރި ގެއަށް ވަނެވެ.

"މަންމާ އެމީހުން އެއުޅެނީ އަހަރެންގެ އަނބިމީހާ މަރާލަން. އެކަހަލަ ބަޔަކާއި މަންމަ ގުޅުން ތިބާއްވަނީ" ޝަރުވާން މަންމަ އާއި ދިމާލަށް ބުނެލިއެވެ.

"މަންމަ ކީއްކުރަން އެކަހަލަ ކަމެއް ކުރަންވީ" މަންމަ ބުނެލިއެވެ.

"އެމީހުންގެ ގާތުގައި ބުނާތި ދެން މިގެ ކައިރީގައި އެކަހަލަ ކަންތައް ނުކުރާށޭ. އެހެން ނޫނިއްޔާ ބޮނޑިއެއް ލިބިދާނެއޭ" ޝަރުވާން ބުނެލިއެވެ.

= ނުނިމޭ =

+1
0
+1
0
+1
10
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް