May 3, 2024 16:29
Advertisement

-Advertisement-

ރ.އަތޮޅުގެ "ފުޓްސަލް ކިންގް" ޝަންޓޭގެ ވިދުން

މިހާރު ކުރިއަށްދާ ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ މުބާރާތުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ރ.ދުވާފަރު ޓީމުގެ 30 ނަމްބަރު ޖަރޒީގައި ކުޅެމުން އައި މުޙައްމަދު އިޝާން (ޝަންޓޭ) އެވެ. އޭނާގެ ކޮއްޓުމާއި ނެއްޓުމުގެ ހުނަރެވެ. އޭނާގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ފަސޭހައިން ފާހަގަކުރެވުނެވެ. އެއީ އުމުރުން އެންމެ 21 އަހަރުގެ ކުޅުންތެރިއެކެވެ. ޒުވާން ކުޅުންތެރިޔާ އިތުބާރާއި، ހުނަރުވެރިކަމާއެކު ދައްކަމުންދިޔަ މޮޅު ކުޅުން ވެގެންދިޔައީ ފުޓްސަލްއަށް ލޯބިކުރާ ފަރާތްތަކަށް ޝައުޤުވެރި ހަރަކާތްތަކަކަށެވެ. ނަތީޖާއަކީ ދުވާފަރާ ދެކޮޅަށް މުބާރާތުގައި ނުކުތް ކޮންމެ ޓީމެއް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކުޅުންތެރިއަކަށް ޝަންޓޭ ވުމެވެ.

ދުވާފަރު މިހާތަނަށް މިމުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގައި އޭނާ ވަނީ މޮޅަށް ކުޅެ، ގިނަ ގޯލް ތަކެއްވެސް ޖަހާފައެވެ. އުމުރުން ހަގު ނަމަވެސް ހަލުވި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝަންޓޭ އަކީ މިމުބާރާތުގެ ޒޯން ޗެމްޕިޔަން ދުވާފަރު ޓީމަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. 

ޒޯންތަކުގެ މެޗުތައް ނިމުނުއިރު ތަށި އުފުލާލި ކެޕްޓަން ޓީމުގެ މުގުލުގައިހުރެ މިހާތަނަށް 11 ގޯލު ޖެހިއެވެ. އެންމެ ގިނަ ގޯލު ޖެހުމާއި އަދި ޒޯން ލެވެލުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް އުފުލާލީ ޒުވާން ޝަންޓޭ އެވެ. މިއީ އޭނާގެ އުފަން ރަށާއި މުޅި އަތޮޅަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީ އެކެވެ.

Advertisement

ފުޓްބޯޅައަށް ޝައުގު އުފެދުނު ގޮތް

މަދަރުސީ ހަޔާތް ފެށުނު ހިސާބުން ސުކޫލުގެ އެކިހަރަކާތްތަކުގެ ތެރެއިން ފުޓްބޯޅަ ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގައިވެސް ޝަންޓޭގެ ހިތުގައި ފުޓްބޯޅައަށް ޝައުގު އުފެދުނެވެ. އޭނާ ބުނީ އޭރުވެސް ފުޓްބޯޅަ ކުޅެންދާން ރޮއެ، ބޭރުގައި އުޅޭ ވަގުތުތަކުގައިވެސް ފުޓްބޯޅަ ގެންގުޅޭ ކަމަށް މަންމަމެންވެސް ބުނާ ކަމަށެވެ. ނަތީޖާއަކަށްވީ އުމުރުން އެންމެ 13 އަހަރުގައި، އޭރުވެސް އިސްވެ ހުރެ މޮޅު ކުޅުމެއް ދައްކާ އިންޓަ ސްކޫލް މުބާރާތާއި، އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމްތަކުގައިވެސް ހިމެނުމެވެ. އެދުވަހުގެ އެ ކާމީޔާބީއަށްފަހު ޓީމެއްގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރެ މުބާރާތެއްގައި ދުވާފަރު ތަމްސީލު ކުރުމަކީ ދެކެމުންއައި ހުވަފެނެކެވެ. މިއަދު ޒުވާން ކުޅުންތެރިޔާގެ އަތުގައި މުޅި ދުވާފަރު ފަޚްރުވެރިވާ ޓީމްގެ، ޝަރަފްވެރި ކެޕްޓަން ބޭންޑް އެބަ އޮތެވެ.

ދުވާފަރު ޓީމުގެ މުގުލުގައި ހުންނަ ޝަންޓޭ އަކީ އެޓީމުގެ ކުޅުންތެރިންނާއި، ކޯޗާއި އަދި ސަޕޯޓަރުންވެސް އެންމެ އިތުބާރު ކުރާ އެއްކުޅުންތެރިޔާއެވެ. ދުވާފަރު ޓީމުގެ ސަޕޯޓަރުންގެ ބަހުންނަމަ ޝަންޓޭ ދަނޑުމަތީގައި ހުންނަހާ ހިނދަކު ދުވާފަރު ޓީމާއި މެދު އޮންނަ އިތުބާރު ބޮޑެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ހަލުވި ދުވެއްޔާއި އަދި އަވަސް ހުނަރުތަކެވެ. ކުއްލި ލަކިތަކަކުން ކޮއްޓާލާ ބޯޅައާއިއެކު އޭނާގެ ކުރިމަތީގައި ހުންނަ ކުޅުންތެރިޔާ ބީޓުކޮށްލާލެއް އަވަސްކަމެވެ. އަދި ދުވާފަރު ޓީމުގެ އެންމެ ފަހަތުގައިހުރެ އެހެން ފޯވަޑުންގެ އަތުން ބޯޅަށް ދަމާގަންނަލެއްވެސް އަވަހެވެ.

ފުޓްސަލްގައި ދެކެން ބޭނުންވާ ހުވަފެން

"ކުރިންވެސް ފުޓްބޯޅައަށް ލޯބި ޖެހުން ހިސާބުން އެންމެ ބޭނުންވީ އުފަން ރަށަށް ރީތި ނަމެއް އަހަރެންގެ ފަރާތުން ހޯދައިދޭން. މިއީ އަދި އެކަމުގެ ފެށުން. ކުރިއަށްއޮތްތާ އިރާދަކުރެއްވިއްޔާ އަދި އަތޮޅާއި އުފަން ރަށަށް ފަހުރުވެރި އެތައް ރަންވަނަ ތަކެއް ހޯދައިދޭން ބޭނުން. އެއީ ކަންނޭގެ ކުރެވޭ އެންމެ ބޮޑު އުއްމީދަކީ. އަދި ދެން އެންމެ ބޭނުންވަނީ ފުޓްސަލް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ދުވަހެއް ދެކެން". އަތޮޅާއި އުފަންރަށް ދެކެ އާދަޔާ ހިލާފު ލޯތްބެއް ހުންނަކަން ފާހަގަކޮށް ޝަންޓޭ ހިއްސާކުރީ އޭނާގެ ހުވަފެނެވެ.

އަތޮޅާއި އުފަން ރަށުގެ އިތުރުން، ގައުމީ ފެންވަރުގެ އެވޯޑުތަކެއް ފުޓްބޯޅައިން ހޯދާ ގައުމު ފަހުރުވެރިވާފަދަ ކުޅުންތެރިއަކަށް ވުމަށް އިޝާން (ޝަންޓޭ) ކުރަމުން އަންނަ މިމަސައްކަތުގައި ކުރިއަށްދިއުމުގެ ހިއްވަރާއި، ކާމިޔާބީއަށް ޒީޓައިމްސްއިން އެދެމެވެ.

+1
0
+1
54
+1
5
+1
1
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް