May 3, 2024 09:04
Advertisement

-Advertisement-

ކުޑަކުދިންނަށް ޚާއްސަ: ޢިބްރަތްތެރި ވާހަކަ 'ކޮތަރާއި ކާޅު' ކިޔުމަށްފަހު ޖަވާބުދިނުމަށް

މިއީ އަރާކުރި ސީރީސް ގެ19 ވަނަ ފޮތް:  "ވާހަކަ ދޭހަ 2" މި ފޮތުގެ ވާހަކައެކެވެ. މި ފޮތުގައި މިބާވަތުގެ ޢިބްރަތްތެރި 15 ވާހަކަ ހިމެނޭ 15 ދޭހަ ވާނެއެވެ. މި ވާހަކަ ކިޔުމަށްފަހު ދީފައިއެވާ މަސައްކަތް ކޮށްލާށެވެ.

ދަނޑުވެރިޔަކު އޭނާގެ ދަނޑުގައި އަޅި ކުލައިގެ ވަރަށް ގިނަ ކޮތަރުތަކެއް އޮޅުކޮށްގެން ގެންގުޅުނެވެ. އެމީހާ އެ ކޮތަރުތަކަށް ކޮންމެ ދުވަހަކު ވެސް ވަރަށް ރަނގަޅަށް ކާންދީ ބަލަހައްޓައެވެ. އެ ކޮތަރުތައް ގެންގުޅޭ ދަނޑާ މާ ދުރުނޫން ހިސާބެއްގައި  އަނބުގަސްތަކެއް ހުރެއެވެ. އެ ގަސްތަކުން އަނބު ކާންވެގެން ކޮންމެ ދުވަހަކު އެ ގަސްތަކަށް ބައިވަރު ކާޅުތައް އައިސް އުޅެއެވެ. މި ކާޅުތައް އަންނަނީ ވަރަށް ދުރު ހިސާބުތަކުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް ދަނޑުވެރިޔާ ކޮތަރުތަކަށް ވަރަށް އޯގާތެރި ކަމާއެކު ކާންދޭ މަންޒަރު މި ކާޅުތަކަށް ފެނެއެވެ.

މި މަންޒަރު ބަލަން ކާޅުތައް ތިބެފައި އެއް ދުވަހަކު އެތަނުން ކާޅެއް ބުނެފިއެވެ. "އެ ކޮތަރުތައް ހާދަހާ ނަސީބު ގަދައޭ! އެ ތަކެތި ކާނާ ހޯދާކަށް ތަންތަނަށް ދާކަށް ނުޖެހޭ. އެ ދަނޑުވެރިޔާ ކޮތަރުތަކަށް ކޮންމެ ދުވަހަކު އެ ކާންދެނީ. އެހެންވީމާ އަހަރެމެން މި އުޅޭ ގޮތަށް ކާނާ ހޯދަން ދަތުރުކުރާކަށް އެ ކޮތަރުތަކަކަށް ނުޖެހޭނެއެއްނު"

Advertisement

ކޮތަރުތަކުގެ ނަސީބާ މެދު ޙަސަދަވެރިވެގެން އެ ވާހަކަ ދައްކަން އެ ކާޅުތައް ތިބެފައި އެ ތަނުން ކާޅެއް އޭތި ކޮތަރަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ. އަދި ކޮތަރަކަށް ވެއްޖެނަމަ ކޮތަރުތަކާއެކު ދިރި އުޅެވޭނެ ކަމަށް ވެސް ހިތަށް އެރިއެވެ. ދެން މި ކާޅު އެތާ ވިސްނަން އިނދެފައި ރަނގަޅު ވިސްނުމެއް އޭތީގެ ޚިޔާލަށް އަތުވެއްޖެއެވެ. ކުއްލިއަކަށް އެހެން ކާޅުތަކުގެ ކައިރީގައި އެ ވާހަކަ ނުބުނެ ގޮސް އޭތީގެ ގައިގައި އަޅި ކުލަ ޖައްސައިފިއެވެ. ދެން ގޮސް އެއްކަލަ ކޮތަރުތަކުގެ ތެރެއަށް ވަދެ އެ ދަނޑުގައި ކޮތަރުތަކާއެކު ދިރިއުޅެން ފަށައިފިއެވެ. އެއްވެސް ކޮތަރަކަށް އެއީ ކާޅެއްކަމެއް ނޭނގެއެވެ. އެ ކޮތަރުތަކާއެކު މި ކާޅު ދިރިއުޅެމުން ދާތާ ދުވަސްތަކެއް ފާއިތުވެގެން ހިގައްޖެއެވެ.

އެއް ދުވަހަކު އެއްކަލަ ދަނޑުވެރިޔާ ބަލިވެގެން ކޮތަރުތަކަށް ކާންދޭކަށް އެ ދުވަހު ދަނޑަކަށް ނާދެވުނެވެ. ދެން އެ ދުވަހު އެތާ ނުކައި އިނދެއިނދެ ކާޅު ވަރަށް ބޮޑަށް ބަނޑުހައިވެއްޖެއެވެ. އެއްކަލަ ކޮތަރުތައް ކާއެއްޗެއް ލިބެންދެން ކެތްކޮށްގެން ތިބިގޮތަށް މި ކާޅަށް ކެތެއް ނުކުރެވުނެވެ. އެންމެ ފަހުން ކާޅު އެ ކޮތަރުތަކުގެ ތެރޭގައި އިނދެފައި އޭތީގެ ބަރު އަޑުން ހޭރިގެންފިއެވެ. ދެން ކޮތަރުތަކަށް އެއީ އެ އެއްޗެހީގެ ތެރޭގައި ހިމެނޭ  ކޮތަރެއް ނޫންކަން އެނގުމުން ކޮތަރުތައް މި ކާޅާ ޙަމަލާދީ ދުރަށް ފޮނުވާލައިފިއެވެ. އެއްކަލަ ކާޅު ދެން ގޮސް ޖެއްސީ އޭތީގެ އެކުވެރިން ތިބި އަނބުގަހަށެވެ. ދެން އެ ގަހުގައި ތިބި ކާޅުތަކަށް އެ ކުލަ ބަަދަލުކުރި ކާޅަކީ އެ އެއްޗެހީގެ ތެރޭގައި ހިމެނޭ ކާޅެއްކަމެއް ނޭނގުނެވެ. އެހެންވެ ކާޅުތައް ވެސް އެއްކަލަ އަޅި ކާޅު އެ ތަނުން ފައްސައި ދުރަށް ފޮނުވައިލައިފިއެވެ.

އެއްކަލަ ކުލަ ބަދަލުކުރި ކާޅުގެ ދަހިވެތިކަމުގެ ސަބަބުން އެ އެއްޗަށް ލިބުނީ ވަރަށް ބޮޑު ލަނޑެކެވެ. އެންމެ ފަހުން ކާޅު އުޅެން ޖެހުނީ ބޯހިޔާ ކޮށްލާނެ ތަނެއް ނެތި އަދި އެހީތެރިވެ ވާހަކަ ދައްކާނެ އެކުވެރިޔަކު ވެސް ނެތިއެވެ. 

ޢިބްރަތް: ތިބާގެ ނެތް ސިފައެއް ނެރެ ދައްކަން އުޅުމަކީ ރަނގަޅުކަމެއް ނޫނެވެ.  

1- ލަފުޒާއި މާނަ ގުޅުވުމަށްޓަކައި ނަންބަރާ ދިމާވާ ގޮޅީގައި،  ގުޅޭ އަކުރު ލިޔާށެވެ!

1- އޮޅުކުރުން          ހ. ލިބޭ ވޭންތަކަށް ޝަކުވާ ނުކޮށް ހުރުން

2- ނަސީބު           ށ. ދިރޭ އެއްޗެއް ދުރަށް ފޮނުވައިލުން 

3- ޙަސަދަވެރި          ނ. ﷲގެ މިންވަރުފުޅުން މެދުވެރިވާ ރަނގަޅުގޮތް

4- ކެތްތެރި            ރ. ވަގުކަމާއި ސިހުން ކެނޑުން، ދޯޅުވުން

5- ފައްސައިލުން         ބ. މީހަކަށް ލިބުނު މޮޅުކަމަކާމެދު ތިމާ ހިތްދަތިވުމާއި އެ  މޮޅުކަމެއް ފިލައި ދިއުމަށް އެދޭ، ދެކޮޅުވެރިޔާ

1 2 3 4 5
         

2- ވާހަކަ ކިޔާފައި އެންމެ ގުޅޭ ލަފުޒެއް ބޭނުން ކޮށްގެން ޖުމުލަ ފުރިހަމަ ކުރާށެވެ!

1- ކޮތަރުތަކަށް ކޮންމެ ދުވަހަކު ވެސް ވަރަށް ____________  ބަލަހައްޓައެވެ.

2- މި ކާޅުތައް އަންނަނީ ވަރަށް ދުރު_______________ ތަކުންނެވެ.

3- ދަނޑުވެރިޔާ  ކޮންމެ ދުވަހަކު ވެސް އޯގާތެރިކަމާއެކު ___________  ކާންދެއެވެ.

4- ކޮތަރުތަކުގެ ____________ ކާޅުތައް ތިބެނީ ޙަސަދަވެރިވެފައެވެ.

5- ކާޅު އެއްކަލަ ____________   ___________ ވަދެ ދިރިއުޅެން ފަށައފިއެވެ.

6- ކާޅު އޭތީގެ ___________ ____________  ހޭރިގަތެވެ.

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
1
+1
5
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް