May 11, 2024 00:49
Advertisement

-Advertisement-

އެންމެ މަތިވެރި ޝަފާޢަތް

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވި ނަބީބޭކަލުންނަށް އިޖާބަކުރެއްވިގެންވާ ޚާއްޞަ ދުޢާއެއް ވަނީ ދެއްވަވާފައެވެ. އެބޭކަލުންގެ ތެރެއިން މުޙައްމަދު ﷺ ފިޔަވައި ކޮންމެ ބޭކަލަކުވެސް އެބޭކަލަކަށް ދެއްވިގެންވާ ދުޢާ އާމެދު އަވަސްވެވަޑައިގެން ﷲގެ ޙަޟްރަތަށް އެދުޢާ ވަނީ ދަންނަވާފައެވެ. އަދި ﷲ ޞުބުޙާނަހޫ ވަތަޢާލާ އެއިން ކޮންމެ ބޭކަލެއްގެ ދުޢާ ވަނީ އިޖާބަކޮށްދެއްވާފައެވެ.

ރަސޫލު ﷺ ޙަދީޘްކުރައްވަނީ: " لِكُلِّ نَبِيٌ دَعْوَةٌ مُسْتَجَابَة‘ فَتَعَجَّلَ كُلُّ نَبِيّ دَعْوَتَهُ‘ وَإِنِّي إِخْتَبَأْت دَعْوَتِى شَفَاعَةَ لِأُمَّتِى يَوْمَ الْقِيَامَة فَهِيَ نَائِلَةٌ إِنْ شَاءَ الله تَعَالَى مَنْ مَاتَ مِنْ أُمَّتِى لاَ يُشْرِكْ بِالله شَيئًا " މާނައީ: " ކޮންމެ ނަބިއްޔަކަށްމެ އިޖާބަކުރެއްވިގެންވާ ދުޢާއެއް ދެއްވިއެވެ. ކޮންމެ ނަބިއްޔަކުމެ އެބޭކަލެއްގެ ދުޢާއާއިގެން އަވަސްވެވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނުންގެ ދުޢާ ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުންގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ﷲ އަށް ޝަރީކު ނުކުރާ ކޮންމެ އަޅަކަށް ޝަފާޢަތްތެރިވުމަށްޓަކައި ރައްކާތެރި ކުރެއްވީމެވެ." 

ޢަމަލުތަކުގެ ޙިސާބު ބެއްލެވޭ ދުވަހު، ޤިޔާމަތް ދުވަހު މަޙްޝަރު ބިމުގެ ބިރުވެތިކަންމަތީ އެންމެހާ މަޚްލޫޤުން ﷲ ތަޢާލާ އެބައިމީހުންގެ ޢަމަލުތަކުގެ ޖަޒާއަށް ބިރުވެތިކަމާއެކު އިންތިޒާރުކުރާޙާލު، އެބިރުވެރިކަމުން ރައްކާތެރިކުރައްވާތޯ އެދި މުޅިއިންސާނިއްޔަތުގެ ތެރެއިން ޞާލިޙު އަޅުންކޮޅެއް އެންމެހާ ރަސޫލުބޭކަލުންގެ އަރިއަހަށްދާނެތެވެ. އާދޭހެވެ! އަހަރެމެން ދުނިޔޭގައިވެސް ގެނެސްގަތް ޢަމަލަކުން މަރުފަދަ ބޮޑު އަދަބަކަށް ނިޔާކަޑައެޅިދާނެފަދަ ދަނޑިވަޅެއްގައި، އެކަމަށް މަޢާފް ނުވަތަ އެއަދަބު ލުއިކޮށްދިނުމަށް އެދި މީސްތަކުންގެ ތެރެއިން ބާރުހުރި ފަރާތަކުން އެހީތެރިކަމަކަށް އެދި ދާފަދައިން ރަސޫލުބޭކަލުންގެ އަރިއަހަށް އެބިރުވެރިކަމުން ސަލާމަތްކުރެއްވުމަށް ﷲގެ ޙަޟްރަތުގައި ދެންނެވުމަށް އެދި ދެއެވެ. މިގޮތުގެމަތިން، ހުރިހާ ރަސޫލުބޭކަލުންގެ އަރިހަށް ޝަފާޢަތަށް އެދި މީސްތަކުން ދާނެއެވެ. މިގޮތުން އާދަމުގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި އަދި އީސާގެފާނުގެ އަރިހަށްވެސް ދާނެތެވެ. އެހިނދު މުޙައްމަދުގެފާނު ފިޔަވައި އެންމެހާ ރަސޫލު ބޭކަލުން އެކަމަށް ޢުޒުރުވެވަޑައިގެންނަވާނެތެވެ.

Advertisement

ﷲ ތަޢާލާ ވަޙީކުރައްވަނީ: "يَوْمُ لاَ يَنْفَعُ مَالُ وَلاَ بَنُوْنَ ‘ إِلاَّ مَنْ أَتَاهُ بِقَلْبٍ سَلِيْمٍ " މާނައީ: "އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެކެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟްރަތައް އައި މީހަކަށް މެނުވީއެވެ." ޝަފާޢަތްތެރިވުމަށް ދުނިޔޭގައި މީސްތަކުން މެދުވެރިއަކަށްހަދައި ގެންގުޅުނު ބުދުތަކާއި ކަލާނގެތަކުގެ ގޮތުގައި މެދުވެރިކުރި އެއްވެސް އެއްޗަކަށްމެ އެހީތެރިކަމެއް ނުދެވޭނެ ދުވަހެއްމެއެވެ. ދުނިޔެ ހައްދަވައި އާރާސްތުކުރެއްވި ފަދައިން، މިދުނިޔެ ނިމުމަކަށް ގެންނަވައި އެންމެހާ މަޚްލޫޤުތަކުންގެ ޢަމަލުތަކުގެ ޙިސާބު ބައްލަވައި، ކަޑައެޅިފައިވާ ޖަޒާދެއްވާނޭކަމަށް މިކައުނު ހެއްދެވި ފަރާތުން އެވަނީ މީސްތަކުންނަށް ކަށަވަރުކޮށްދެއްވާ އަންގަވާފައެވެ. އެދުވަހަކީ އެންމެހާ މީސްތަކުން އަމިއްލަ ނަފްސުގެ ސަލާމަތަށް އެދި "ނަފްސީ ނަފްސީ" އޭގޮވާ ޙާލުގައި، އެމީހެއްގެ މައިންބަފައިންނާ އެންމެ ލޮބުވެތި އަނބިދަރިން ދޫކޮށް ތިމާގެ ނަފްސުގެ ރައްކާތެރިކަމަށް އެދި ފިލަން ދުވާ ދުވަހެވެ. ނަމަވެސް މިއުންމަތުގެ މާތްނަބިއްޔާ މުޙައްމަދު ﷺ، ﷲ ތަޢާލާގެ އިޛްނަފުޅަށް އެދި އިންސާނީ އުންމަތަށް ޝަފާޢަތްތެރިވުމަށް އެދިވަޑައިގެން ސަޖިދަފުޅަށް އޮވެ، ﷲ ތަޢާލާގެ އިޛްނަފުޅު ދެއްވާ އެކަލޭގެފާނު އެދިވަޑައިގަންނަވާކަމެއް ފުއްދަދެއްވާނޭކަމަށް ވަޙީކުރެއްވުމުން، އެކަލޭގެފާނު ތަކުރާރުކޮށް ދުޢާކުރައްވަނީ "އަޅާގެވެރި ރަސްކަލާކޮ! އަޅާގެ އުންމަތް ސަލާމަތްކުރައްވާ ފާނދޭވެ!" މިހެނެވެ. މިކަންމިހެން އަންގަވައި ވަޙީކުރައްވަނީ: " عَسَى أَنْ يَبْعَثَكَ رَبُّكَ مَقَامًا مَحْمُودَا" މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވުމަށްޓަކައެވެ."

ރަސޫލު ﷺ ގެ ޝަފާޢަތް ޙާޞިލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުގެމަތިން، ހެދުނާއި ހަވީރު އެކަލޭގެފާނުގެ މައްޗައް ދުވާލަކު ދިހަ ފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށާއި، ބަންގި ގޮވާއަޑު އިވުމުން އެކަލޭގެފާނަށް މާތްﷲގެ ޙަޟްރަތުން މަތިވެރި މަޤާމު ދެއްވުމަށް އެދެފި އަޅަކަށް ޤިޔާމަތް ދުވަހުން އެކަލޭގެފާނުގެ ޝަފާޢަތް ޙަލާލުވެއްޖެކަމުގައެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެއްވެސް އާރެއް ބާރެއްނުވާ ދުވަހު އެކަލޭގެފާނުންގެ ޝަފާޢަތް ލިބުމަށްޓަކައި އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތަށް އުޅުމަށެވެ. 

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް