May 11, 2024 01:48
Advertisement

-Advertisement-

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ފެނިވަޑައިގަތް ޢަޛާބުގެ މަންޒަރުތައް - ހުކުރު ޚުތުބާ

އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ މާތްﷲ ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނެކެވެ. އިސްރާގެ ހާދިސާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ.

އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތް ﷲ މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްސާއަށް އެކަލާނގެ ކީރިތި ރަސޫލާ ﷺ ގެންދެވި ދަތުރުފުޅެވެ. މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްސާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ ﷺ ގެންދެވުނު ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގެންވަނީ، ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ﷲ ސުބުހާނަހޫ ވަތަޢާލާ އެވެ.

" އިސްރާ ދަތުރުފުޅުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން އަލްމަސްޖިދުލް އަޤްސާގައި ނަމާދުފުޅު ކުރެއްވި. މިއީ އެކަލޭގެފާނަށް މާތް ﷲ ދެއްވި ބޮޑު ޝަރަފެއް. މި ބޮޑު ޝަރަފު ދެއްވީ އިސްލާމް ދީނަށްޓަކައި އެދީނުގެ ރިސާލަތު ފެތުރުއްވުމަށް ލޮބުވެތި ރަސޫލާ ﷺ ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުގެ ސަބަބުން".

Advertisement

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުން ކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ ﷺ އަށް ދެއްކެވިއެވެ. އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބަޔެކެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާއިރު އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތާލައިފައިވާ މީހުން ކަމުގައެވެ.

މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮންބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުން އަބުރަށް އަރައި ނެތިމޮށޭ މީހުން ކަމުގައެވެ.

މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް ﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުމެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާއެކު އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދެއެވެ.

އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ މީސްތަކުންނާއެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ހާދިސާއެކެވެ. މިއީ ރަނގަޅު ސާލިހު އެކުވެރިންނާއި އިޚުލާސްތެރި މިތުރުންގެ ހެޔޮ ނަމޫނާ ހާމަކޮށްދިން ހާދިސާއެކެވެ.

މައުލޫމާތު-ހުކުރު ޚުތުބާ (09-02-2024)

+1
0
+1
0
+1
3
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް