May 3, 2024 19:21
Advertisement

-Advertisement-

ނޫކުލައިން ފަރުވާ– ދިވެހިންގެ ނަސީބު!

އުޑުމަތި ރީތި ދުވަހެއްގައި ރާއްޖޭގެ މޫދާއި ކަނޑުތަކުން ފެންނަ ހިތްގައިމު ނުލުގެ ކުލަތަކަކީ ފުރިހަމައަށް ސިފަކޮށްނުދެވޭނެފަދަ ނަޔާ، ޗާލު މަންޒަރުތަކެކެވެ. ކުލަރީތި މިމާހައުލުގައި އުފައްދާ ރާޅުތަކުގެ ޙަރަކާތްތަކާއި އެމާހައުލުގެ އަޑާއި މޫދު ލޮނުގަނޑުގެ ވަހުން ސިކުނޑިއަށް ޖާދުވީ އިޙްޞާސްތަކެއް ކުރުވައެވެ. މިމަންޒަރުތައް ސިކުނޑީގެ ތަރުޖަމާއާއި ހަމައަށް ވާޞިލުކޮށްދެނީ ލޮނުގަނޑަށް އިރުގެ އަލި އެޅުމުން  ނުލުގެ ކުލަތަކެއްގެ ސިފައިގައެވެ.

މިމަންޒަރަކީ މީހާގެ މުޅި ހަށިގަނޑަށް ލިއްބައިދޭ ވަރަށް ބޮޑު ފަރުވާއެކެވެ. މީގެ އިތުރަށް  މިއީ މާހައުލީ ސިއްރުތަކަކުން ފުރިފައިވާ އުފާވެރިކަމެއް ލިބިގަނެވޭނެކަމެކެވެ. ނުކިއްސަރު ވަހުމުތަކާއި ޚިޔާލުތަކުން މީހާ ދުރަށް ގެންގޮސްދޭކަމެކެވެ.މީގެ އިތުރަށް މޫދާއި ކަނޑުގެ މާހައުލާއި ވީހާވެސް ރަހުމަތްތެރިކޮށް އުޅުމަކީ ރުޅިއާއި ނަފުރަތާއި ހަސަދަައިން ދުރަށްގެންގޮސް ދުވަހުގެ މަސައްކަތަށް މީހާގެ ޒަމީރު އަނބުރާލާ ކަމެކެވެ.

ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށް " ފެހި މާހައުލެއްގެ " ބޭނުން ބޮޑުއިރު ، މޫދާއި ކަނޑުގެ މާހައުލު ނުވަތަ "ނޫ މާހައުލެއްގެ" މުހިިއްމުކަން މާބޮޑުކަމަށް ކަމުގެ މާހިރުން ބުނަންޖެހެނީ އެހެންވީމައެވެ. ސިއްރެއްކަމުގައި ބަލަނީ އިންސާނުންގެ ހަށިގަނޑުގެ 60 % އަކީ ފެން ކަމުގައި ވުމެވެ. ހަމަމިއާއިއެކު ، މުޅި ދުނިޔޭގެ  70 % އަކީވެސް  ހަމަ ފެނެވެ. ފެނުގެ ބޮޑުބަޔަކީ މޫދާއި ކަނޑުގެ މާހައުލެވެ. އެހެންވެ ، ނޫ މާހައުލުގެ ގޮތުގައި ބޮޑަށް މާނަކުރަނީ  ކަނޑުގެ މާހައުލަށެވެ. ޤަބޫލުކުރަންޖެހޭ ބޮޑު ޙަޤީޤަތަކީ ދިރުންހުރި ތަކެތީގެ އުފެދުމާއި ފެން، ގުޅިފައިވަނީ އެއްވެސް ގޮތަކުން ވަކިނުވެވޭހާ ބަދަހި ކޮށްކަމެވެ.

Advertisement

ކަނޑުގެ މާހައުލާއި ދިވެހިން:

ދިވެހިންނަކީ ، ބޮޑު ކަނޑެއްގައި ،  ކުދިކުދި ރަށްތަކެއްގައި ދިރިއުޅޭ ބަޔަކަށްވާތީ ، ނޫ މާހައުލާއި ދިވެހިންނާއި އޮތް ގުޅުމަކީ ހުރިހާ މާނައެއްގާވެސް ވަރަށް ގާތް ގުޅުމެކެވެ. އެހެންކަމުން ޙަޤީޤަތުގައި ދިވެހިންގެ ސިކުނޑިތަކަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނީ މޫދާއި ކަނޑުގެ މާހައުލުންނެވެ.

ކޮންމެއަކަށް ރާއްޖޭގެ ތިމާވެށީގެ މިނަޞީބަކީ ސައިންސާއި ގުޅިލާމެހިފައިވާ  ބޮޑުވެގެންވާ ނިޢުމަތެކެވެ. އިންސާނުންނަށް ޖެހޭ ނަފުސާނީ ބައެއް ބަލިމަޑުކަމަށް އޮތް ފަސޭހަ އެއް ފަރުވާއަކީ މޫދާއި ދޯޅުވެ،  އެތަންތަނުން ހިތްހަމަޖެހުން ހޯދުމެވެެ. އެފަދަ ކަންކަމުން ލުއިލިބި ޖަމާޢަތުގައި އުޅުމަށް ހިތްވަރު ހޯދުމެވެ. ޞިއްހީ މިފަދަ މައްސަލައެއްނެތް އެންމެނަށްވެސް ، މޫދާއި ކަނޑުގެ މާހައުލަކީ ހިތްއުފާކޮށްލުމަށް އެފަދަ ދެވަނައެއްނެތް ތަންތަނެވެ.

މޫދާއި ކަނޑުގެ މާހައުލުގައި  އެކިމިންވަރަށް އެކިގަޑިތަކުގައ އުފެދި ބަދަލުވަމުންދާ ކުދިކުދި ރާޅާއި ބޮޑެތި ރާޅުބާނީތަކުން ލޯތަކަށް ފަސޭހަވެ ސިކުނޑީގެ މަސައްކަތަށް ލުއިކަމެއް ލިބި މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކަށް އާރޯކަމެއް ގެނެސްދެއެވެ. އަލިފާނެއް ފެނެއް ވަކިނުވާ ތުއްތު ތުއްތު ކުދިންވެސް މޫދުގެ މިފަދަ މާހައުލެއް ފެނުމުން އިންތިހާއަށް އުފާވެ އެތަނަށް ދިއުމަށް ނުވަތަ ފުއްމާލުމަށް މަސައްކަތްކުރެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންނާއި ޤައުމުތަކުގެ ވެރިންނާއި މަޝްހޫރު މީސްމީހުން އުފާކޮށްލުމަށްޓަކައި އެންމެ ގަޔާވާ ތަންތަނަކީ ކަނޑުގެ މާހައާއި ގުޅިފައިވާ ތަންތަނެވެ. ސަބަބަބަކީ ހިތްހަމަޖެހުމާއި އުފާވެރިކަން އެމާހައުލުން ލިބޭލެއް ބޮޑުވީމައެވެ.

ފަތުރުވެރިކަމުގައި ދިވެހިރާއްޖެ މަޤާމު އެހާ މަތިވުމުގެ މައިގަނޑު ސަބަބަކީވެސް ނޫ މޫދާއި ދޮންވެލި އަތިރިމައްޗާއި އެކަހެރި ކުދިކުދި  ފެހި ރަށްތަކެވެ. މިރަށްތަކަށް ޒިޔާރަތްކުރާ ވަރަށް ގިނަ މީހުން ތަކުރާރުކޮށް އެތައްފަހަރަކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރަނީ  މިސަބަބަށްޓަކައެވެ.   

 ހިތްހަމަޖެހުން ގެނެސްދިނުމުގެ އިތުރަށް މޫދާއި ކަނޑުގެ މާހައުލަކީ ކަންކަމާއިމެދު ވިސްނާ ފިކުރުކުރުމަށް ދޮރުތައް ހުޅުވާދޭ ތަނެކެވެ. އައުވިސްނުންތަކަށް މަގުފަހިކުރުމަށް މީހުން އެންމެ ގިނައިން ދަތުރުކުރަނީ ހިތްގައިމު އެކަހެރި ޖަޒީރާ ރަށްތަކަށެވެ. އެމީހުން ބޭނުންނުވާ، މަސްނޫޢީ އަޑުތަކުން ސަލާމަތްވުމަށް އެންމެ ފަސޭހައީވެސް މިފަދަ ރަށްތަކެވެ.

 މިފަދަ ދަތުރު ތަކުގައި ބައިވެރިވާ މީހުންގެ ތެރޭގައި މަތީފަންތީގެ ދިރާސާވެރިންނާއި ފިލްމު އުފައްދާ މީހުންނާއި ފޮތް ލިޔާ މީހުންނާއި ކުރެހުންތެރިިންނާއި އެހެންވެސް ފަންނުތަކުގެ ގިނަ ބަޔަކު ބައިވެރިވެއެވެ. އެމީހުންގެ މަސައްކަތުގެ ހަމަހިމޭން ދުނިޔެއަށް މިވަރެއްނެތެވެ.

 މިފަދަ ރަށްރަށުގެ ހުދު ދޮންވެލިގަނޑުގައި ހިނގުމަކީ ދިރާސާތަކުން ދައްކާގޮތުން އެބައެއްގެ ޅައުމުރުގެ ހަނދާންތަކުގެ އާވުންބޮޑު، އެމީހުން ލޯބިވާ ފަރާތްތަކުގެ މަތިން ބޮޑަށް ހަނދާންވާ ކަމެކެވެ. މީގެ އިތުރަށް މީހުންގެ ނިދުމަށާއި މޫޑަށާއި ހަށިގަނޑު ތާޒާވެލުމަށް ރަނގަޅު ބަދަލުުތަކެއް ގެނުވާ ކަމެކެވެ.

ކޯރުތައްފަދަ ފެންގަނޑުތަކުގައި ފެތުމަށްވުރެ މޫދުގައި ފަތާ، ފީނާ ހެދުމަކީ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަވާކަމެކެވެ. ބަލިތަކުން ރައްކާތެރިވެ، ލޭގައި ހުންނަ ހުދާއި ރަތުގެ ސެލް އިތުރުކޮށްދެއެވެ. މޫދަށް އެރުމަކީ ތަފާތު ވައިރަސްތަކާއި ބެކުޓީރިޢާތަކުން ބަލިޖެހުން ކުޑަކޮށްދޭކަމެކެވެ.

އިރުގެ އަލިން ދޮންވެފައި އޮންނަ މޫދަށް އެރުމަކީ، ހަށިގަނޑަށް ބޭނުންވާ މިނެރަލްސްގެ ބައި ހަންގަނޑުތެރެއިން ވައްދާދޭ ކަމެކެވެ. މީގެ އިތުރަށް މޫދާއި ގުޅޭ ފަރުވާތަކުގެ ތެރޭގައި ދުވަސްވީ ގައިގެ ރިހުންތައް ކުޑަކޮށް ދެއެވެ. ގައިންގަޔަށް އަރާބަލިތަކުން ދުރުކުރެއެވެ. ވިޓަމިންސްއާއި މައުދަނުގެ ބައިތައް ލިއްބައިދެއެވެ. މަޝްހޫރު ޑރ. ރޮލީ ރަސެލްގެ ދިރާސާއަކުން ދައްކަނީ ، މީހެއްގެ މޫނު ، މޫދު ލޮނުގަނޑުތެރެއަށް ގަންބާލައިގެން އޮތުމުން ހިތުގެ ތެޅުންް ދަށްވެ ލޭހޮޅިތަކުގެ މަސައްކަތަށް ފަހިކަން ލިބޭކަމެވެ.

ނޫ ކުލަ ދެކެ ބިރުގަތުން (cyanophobia):

ބައެއް ކުލަކުލަ ދެކެ ބިރުގަތުމަކީ ނަފުސާނީ މައްްސަލައެއްކަމުން ނޫކުލައާއި " ނޫ މާހައުލު ދެކެ ބިރުގަން މީހުންވެސް އުޅެއެވެ. އެފަދަ މީހުންނަކީ ނޫ ކުލައިގެ މާހައުލާއި ދުރުގައި އުޅޭ ބައެކެވެ. އެފަދަ ފަރާތަކަށް ނޫކުލަ މޫދު ފެނުމަކީވެސް ކަންބޮޑުވުމާއި ހިތުގެ ހިނގުން އަވަސްވުމާއި ދާހިތްލާ ގޮތްވެދާނެކަމެކެވެ. ނޭވާލާން އުނދަގޫވުމާއި ބިރުގަތުމާއި ޖެހިލުންވުންފަދަ އެތައްކަމެއް މިކަމާއިގުޅިގެން ކުރިމަތިވެއެވެ.

 ދިވެހިންގެ މާޒީން ބައެއް

ސުވާލަކީ ރާއްޖޭގެ ކުދިކުދި ރަށްރަށުގެ ވަށައިގެންވާ ނޫކުލައިގެ ސާލުތަކެއްފަދަ މޫދުގެ މާހައުލަށް ދިވެހިން މިނަޒަރުން ބަލަނީ ކިހާވަރަކަށް ހެއްޔެވެ. ހަމަޔަޤީނުންވެސް ކާބަފައިންގެ އާދައިގެ ދިރިއުޅުމުގައި މޫދާއި ކަނޑުގެ މާހައުލަކީ ނުރައްކާތެރި ވިހައެއްގެ ޒައްރެއްވެސް އެމާހައުލަށް ނުދާނެތަނެކެވެ. އެކަން އެހެން ވުމަށް މާހައުލު އޮތަތީއެވެ.

 ދެންއޮތީ އެމީހުންް އެތަންތަނުގެ ބޭނުންހިފި ރަނގަޅު ގޮތެވެ. ގިނަ ވަގުުތުތަކެއްގައި އެމާހައުލުގައި ވަގުުތުތައް ހޭދަކޮށް އެއްބައިވަންތަ ރައްޔިތެއްގެ ނަމޫނާ ދެއްކިއެވެ. ނަތީޖާއަކީ މައްސަލަތައް މަދު އެކުވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުމެވެ. މިކަންް މިހެން ވުމުގައި ހަމަގައިމުވެސް  ނޫ މާހައުލުގެ ސައިންސް މުހިިއްމު ދައުރެއް އަދާކުރާނެ ކަމާއިމެދު ސުވާލެއް ނެތެވެ.  

ތާރީޚު ހެކިދެނީ އެޒަމާނުގަ އެންމެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުނީ ލޯބޯފިއްސައިގެން ހަތަރުދަމުހެން ކަނޑު ރޯއްޖަށް މަސައްްކަތްކުރި ހީވާގި މަސްވެރިންކަމެވެ. އެމަސައްކަތުގެ ބުރަކަމާއިހުރެނަމަވެސް މުލައްދަނޑީގެ ބާރުގަދަވެ ހަށިގަނޑަށް ޞިއްހީ ދުޅަހެޔޮކަން ހޯދިއެވެ.

ކޮންމެއަކަސް އަތްވާއި ސާފުވަޔާއި މޫދާއި ކަނޑުގެ ހިތްފަސޭހަ މާހައުލަކީ އެމީހުންގެ  އުފަލެވެ. މޫސުމީ ގަދައިގައި ކަނޑުމަތީގައި އުޅުމަކީ އެއްގަމުގައި ތިބޭ ބަޔަކު ފިތްކަނޑައިގެންދާވަރުގެ ބިރުވެރިކަމަކަސްް މަސްވެރިންގައި އެބިރެއް ނުހުންނަ ފަދައެވެ. އިރުއޮއްސޭފަހުން މަހުންލެފުމަށްފަހު އަނެއްކާ ފަތިހާ މަހަށްނިކުންނަނީ އިންޖީނެއް ސަމުގާއެއް، ފާހެއް ހުއްދައެއް ނެތް ކެޔޮޅެއްގެ މާލިމީކަމުގައި ހިތްހަމަޖެހި ތިބެއެވެ.

 މިކަން ކުރުމުގެ އަޒުމާއި ހިތްވަރާއިއެކު ވަގުުތުން ނިންމަންޖެހޭ ކަންކަން ނިންމާލަނީ ލޮލަށް ފެންނަ، ހިތަށްއަރާ ވިސްނުމެއްގެ ނިންމުމަކަށެވެ. މަސްވެރިންނަކީ އޭރު އެދުވަސްވަރު އެންމެ  ދަށްގިންތީގެ މީހުންނަށް ހަދާފައި ތިއްބަސް އެންމެ ޖެހިލުންކުޑަ ބުއްދިވެރި ނިންމުންތައް ނިންމަނީ އެމީހުންނެވެ.

 އެކަން އެހެން ވުމުގައި މިއަދުގެ ޒަމާނީ ޢިލްމީ ދިރާސާތަކުން  ހެކިދެނީ ކަނޑުގެ ނޫކުލައާއި މާހައުލާއި އެތަނުގެ  ދިރުންތަކާއި ލޮނުގެ ވަހާއި ތާޒާ ވައިން އެހިތްވަރު ލިބިދިނުމަށް އެހީތެރިވެދިންކަމެވެ. އެދުވަސްވަރު މަސްވެރިންގެ ބޮޑު އާބާދީއަކީ ލިޔަންކިޔަން ނުދަންނަ މީހުންނަށް ވިއަސް  މާހައުލުގެ މިބާރުން އެކަމަށް މަގުތަނަވަސްވީކަމަށް ޤަބޫލުނުކުރެވެންވީ ސަބަބެއްނެތެވެ.

ކަނޑުގެ މާހައުލު ރައްކާތެރިކުރުން:

ކަނޑުގެ މާހައުލަކީ މުޅިދުނިޔެއާއި ސީދާގޮތުން ގުޅިފައިވާ ތަނަކަށްވާތީ ހުރިހާ ޤައުމުތައް ގުޅިގެންނޫނީ މިކަން ކުރެވޭކަށްނެތެވެ. އެހެންކަމުން ބައިނަލް އަޤުވާމީ ޤާނޫނާއި ޤަވައިދުގެ ތެރެއިން  ޤައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަޤުވާމީ އަދި މަދަނީ ޖަމްޢިއްޔާތަކުން މިކަން ކުރެވޭތޯ ބަލައެވެ.

ކޮންމެވެސްވަރެއްގެ ކާމިޔާބުތަކެއް ހޯދުނުކަމުގައި ވިއަސް، ޙަޤީޤަތަކީ ތިމާވެށީގެ ގޮތުން ކަނޑުގެ މާހައުލުގެ ހާލަތުވަނީ އިޔާދަނުކުރެވޭވަރަށް ގޯސްވެފާކަމެވެ. 2050 ވަނަ އަހަރާއި ހަމައަށް ދިއުމުގެ ކުރިން ، ކަނޑުގެ އެންމެ ކުދިކުދި ދިރުންތަކަށްވުރެ މައިކުރޯ ޕްލާސްޓިކުގެ އަދަދު އެމާހައުލުގައި ގިނަވާނެކަން އ.ދ ގެ ތިމާވެށްޓާއި ބެހޭ ޖަމްޢިއްޔާ ، " ޔުނެޕް " ގެ ރިޕޯޓެއްގައި ހާމަކުރީ ވަރުގަދަ ދިރާސާތަކެއްގެ އެހީގައެވެ.

ކަނޑުގެ ދިރުންތަކުގެ އަދަދު މަދުވަމުންދާ މައިގަނޑު ސަބަބަކީ ވިހަ ކެމިކަލް މިމާހައުލަށް ތައާރަފުވުމެވެ. މިސާލަކަށް ކުޑަކުޑަ ދިވެހިރާއްޖޭގެ މަދު އާބާދީއަށް ޓަކައި އެތެރެކުރެވޭ ވަރަށްގިނަ ތަކެއްޗަކީ ގިނައަދަދެއްގެ ކެމިކަލް އެކުލެވޭ ބާވަތްތަކެކެވެ. އެފަދަ ޝޭމްޕޫ ، ސައިބޯނި ، ލޯޝަން ، ކުރީމް ފަދަ ތަކެެތީގެ އެންމެ ފަހުގެ މަންޒިލަކީ ނަރުދަމާގެ ތެރެއިން ކަނޑުގެ މާހައުލެވެ.

 މީގެ އިތުރަށް ކަނޑުގެ މާހައުލުގައި ދުއްވާ އުޅަނދުތަކުން ބޭރުވާ ތެލާއި މާހައުލާއި ބީރަށްޓެހި ކުނީގެ ގިނަ ބާވަތްތަކަކުން އެމާހައުލުގެ ތަޣައްޔަރުކަން އިންތިހާއަށްވަނީ މަތިވެފައެވެ.

ދިވެހި ރާއްޖޭގެ ކަނޑުގެ މާހައުލު ސަލާމަތްކުރަން އަދިވެސް ކުުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ. އެންމެ މުޙިއްމު ކަމަކީ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތަކަށް ހިމާޔަތްކުރުމަށް މިހާރު ކުރަމުންދާ ކަންކަމަށްވުރެ ހަރުދަނާ ގޮތަކަށް އުޞޫލުތަކެއް ކަނޑައެޅުމެވެ. އެއަށްފަހު ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ރޭވުންތެރިކަމާއިއެކު މަސައްކަތްފެށުމެވެ.

މިކަމުގައި އިސްކަމެއްދޭންވީ ރާއްޖޭގެ އާބާދީގެ އެންމެނަށް ހާލަތު ސާފުކޮށް އޮޅުންފިލުވާދިނުމުގައެވެ. މިކަމަކީ ކަމާއި މަތިކޮށްފައިވާ ފަރާތްތަކާއި މަދަރުސީ ތައުލީމުގެ ތެރެއިންނާއި މީޑިއާގެ އެހީގައި ކުރެވޭނެ ކަމެކެވެ. މިކަން މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރެވެއެވެ. އެހެންނަމަވެސް އަމާޒަށް ވާޞިލުވުމަށް މިވަރަކުން ނުފުދެއެވެ. ގޮންޖެހުންތަކެއް އެބަހުއްޓެވެ.

 އޭގެ މިސާލަކީ ކަނޑުގެ މާހައުލާއިމެދު  ގިނަބަޔަކު ދެކޭގޮތް އަދިވެސް ބަދަލުވެފައި ނެތުމެވެ. މީގެ އެއް ހެއްކަކީ ވަރަށް ގިނަ ރަށްރަށުގެ ވަށައިގެންވާ މޫދާއި އެތެރެވަރީގެ މާހައުލުގައި ކުނީގެ ބާވަތްތައް އާދަޔާއި ޚިލާފަށް ގިނައިން ހުރުމެވެ. ޚާއްޞަކޮށް މާހައުލަށް ގެއްލުންދޭ ނުރައްކާތެރި ކުންޏެވެ. މިކަން މިނޫންގޮތަކަށް ކުރެވެން އޮތަސް ސަމާލުކަން ނުދެވި އިޙުމާލުވެވެނީއެވެ.

އިތުރު މަޢުލޫމާތުކޮޅެއް:

މޫދާއި ކަނޑުތަކަކީ މާހައުލުތެރޭގައި ހުރި ކާބަންޑައި އޮކުސައިޑުގެ ގާތްގަނޑަކަށް ހަތަރުބައި ކުޅަ އެއްބައި ކޮންމެ އަހަަރަކުވެސް ނައްތާލުމުގެ މަސައްކަތްކުރާ ޤުދުރަތީ "ކާރުޚާނާ " އެކެވެ. މީގެ އިތުރަށް އެއީ ގުރީން ހައުސް ގޭހުގެ ސަބަބުން މާހައުލުގައި ހުންނަ ހޫނުކަން ދަމައިގަންނަ ތަނެކެވެ. އެންމެ ހާއްޞަ ގޮތެއްގައި ދުނިޔެއަށް ބޭނުންވާ އޮކުސިޖަންގެ 80 އިންސައްތަ އުފައްދާދެނީވެސް ކަނޑުގެ މާހައުލުންނެވެ. ދުނިޔެއަކީ ދިރިއުޅެވޭނެ ތަނެއްކަމަށް ހެދުމުގެ ބޮޑު ޒިއްމާ އޮތީ މިތަނުގައެވެ. ކާނާގެ އެންމެ ބޮޑު މަރުކަޒަކީ ކަަނޑުގެ މާހައުލެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމުގައިވާ 3  ބިލިއަނެއްހާ މީހުންގެ ކާނާ ފޯރުކޮށްދޭ މަދަދުވެރިއަކީ ހަމަ މިމާހައުލެވެ.

ފޮޓޯ: ޝަޓަރ ސްޓޮކު.ކޮމް، ވޯލްޕޭޕަރ ފްލެއާ، އިންޓަރނެޓް

މައުލޫމާތު: ޓްޑޭ.ކޮމް، ދަ ގާޑިއަން.ޔޫކޭ، ސޮކީއަހެލްތް.ކޮމް، އެސްކޭޕްހެވަން.ކޮމް، އިލެމެންޓަލް.މީޑިއަން.ކޮމް މައީ.ކުލެވެލަންޑްކުލިނިކު.އޯއާރ.ޖީ

ނޯޓް: މިއީ ޓްރީ މޯލްޑިވްސް (ޓީ.އެމް)ގެ ލިޔުމެކެވެ. ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޓީ.އެމް އާއި 'ޒީޓައިމްސް' ގުޅިގެން ޚާއްސަ ލިޔުންތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓީ.އެމް އަކީ 1993 ވަނަ އަހަރު އީޕީއެސް ސްކޫލުގައި އުފެއްދި ތިމާވެށި ޖަމްއިއްޔާ 'ފީޑް' ގައި ހަރަކާތްތެރިވި ބައެއް ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް