May 3, 2024 12:49
Advertisement

-Advertisement-

ފޮޓޯ: އަރާކުރި ސީރީސްގެ “ވާހަކަ ދޭހަ 2”

ކުޑަކުދިންނަށް ޚާއްސަ: ހިކުމަތްތެރި އަންހެނާ މިވާހަކަ ކިޔުމަށްފަހު ޖަވާބުދިނުމަށް

މިއީ އަރާކުރި ސީރީސްގެ "ވާހަކަ ދޭހަ 2" މި ފޮތުގެ ވާހަކައެކެވެ. މި ފޮތުގައި މިބާވަތުގެ ޢިބްރަތްތެރި 15 ވާހަކަ ހިމެނޭނެއެވެ. މި ވާހަކަ ކިޔުމަށްފަހު ދީފައިއެވާ މަސައްކަތް ކޮށްލާށެވެ.

ރަށެއްގައި ވަރަށް ގާތް ދެ އެކުވެރިންއުޅުނެވެ. އެ ދެ މީހުންގެ ޖަމަލެއް އޮވެއެވެ. އެ ޖަމަލަކީ އޭގެ ސާހިބުންނަށް ވަރަށް ވަފާތެރި އެއްޗެވެ. އެއް ދުވަހަކު މި ދެ އެކުވެރިން އެ ޖަމަލުގެ މައްޗަށް ގޮދަން އަރުވައި ބަރާކޮށްގެން ކައިރީގައި އޮތް އަވަށަކަށް ދަތުރު ފެށިއެވެ. ވަރަށް ދިގު ދަތުރެއް ކުރަމުން ދަނިކޮށް އިރު އޮއްސި އަނދިރިވެއްޖެއެވެ. ދެން ޖަންގަލީ ތެރޭގައި ހުރި ބިޔަ ގަހެއްގެ ދަށުގައި އަރާމުކޮށްލަން މި ދެ މީހުން މަޑުކޮށްލިތަނާ މި މީހުންނަށް ނިދިއްޖެއެވެ. ޖަމަލު ވެސް އެތާ ގަސްދަށުގައި އޮވެލާފައި، ބަނޑުހައިވެފައި އޮތުމުގެ ސަބަބުން އެ ހިސާބުން ފެންނަން އޮތް ވިނަގަނޑަކުން ވިނަ ކަމުންކަމުން ދުރަށް ދަމުންދަމުން ގޮސް މާ ދުރައްދެވި މަގު އޮޅިއްޖެއެވެ.

ނިދާފައި ތިބި ދަތުރުވެރިންނަށް ހޭލެވިގެން ބަލައިލިއިރު އެ މީހުންގެ ޖަމަލެއް ފެންނާކަށް ނެތެވެ. މުޅި ހިސާބުގަނޑު  ހޯދަހޯދައި ވެސް ޖަމަލެއް ނުފެނުނެވެ. އޭގެ ތެރެއިން އެކަކު ވަރަށް ކަންބޮޑުވެފައި ބުންޏެވެ. "ދެން އެ ޖަމަލު ހޯދަން ދާނީ ފަހެ ކޮންތަނަކަށްތަ؟" 

Advertisement

ދެވަނަ މީހާ ބުންޏެވެ. "މިތާ ކައިރީ އެ އޮތް އަވަށަށް އަރާ ޖަމަލު ފެނޭތޯ އެ އަވަށުގެ މަގުތައް ހޯދަމާ ހިނގާ!" ދެން މި ދެ އެކުވެރިން ޖަމަލު ހޯދުމަށް ޓަކައި ޖެހިގެން ގޮތް އަވަށާ ދިމާއަށް ހިނގައިގެންފިއެވެ.

މި ދެ މީހުން ހިނގަމުންހިނގަމުން ދަނިކޮށް މަގުމަތިން މުސްކުޅި އަންހެނަކާ ބައްދަލުވެއްޖެއެވެ. އެ މީހުން ބުންޏެވެ. "އަހަރެމެން މި އުޅެނީ އަހަރެމެންގެ ޖަމަލު ގެއްލިގެން. މިއިން އެއްވެސް ހިސާބަކުން ދައްތަ އަހަރެމެންގެ ޖަމަލު ދުށިންތަ؟"

މުސްކުޅި އަންހެންމީހާ ބުންޏެވެ."ނޫން! ނުދެކެން. އެކަމަކު އެ ޖަމަލަކީ ވާތު ލޯ އަނދިރި ޖަމަލެއްތަ؟" ދަތުރުވެރިން ވަރަށް ޙައިރާންކަމާއެކު ބުންޏެވެ. "އާނ ދައްތާ! އެކަމަކު ދައްތައަށް އެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟"

މުސްކުޅިޔާ ބުންޏެވެ. "އަހަރެންގެ ވިސްނުމުން އެކަން އެނގެނީ. އަދި އެ ޖަމަލުގެ ބުރަކަށިމަތީގައި ހުރީ ގޮދަނާއި މާމުއި ދޯ؟" ދަތުރުވެރިން ބުންޏެވެ. "އޭތި ވީތަނެއް ދައްތައަށް އެނގޭ ދޯ؟" މި ސުވާލަށް ދައްތަ ޖަވާބެއް ނުދިނެވެ. ދެން މި ދެ ދަތުރުވެރިން އެ ޖަމަލުވީތަން ދައްތަޔަށް އެނގޭކަމަށް ހީކޮށް ދައްތަޔަށް ޝައްކުކޮށްފައި، އެކަމުގެ ޝަކުވާ އެ ރަށުގެ ވެރިޔާއަށް ހުށަހަޅައިފިއެވެ. ރަށުގެ ވެރިޔާ އެ މުސްކުޅި އަންހެން މީހާއާ، އެ ޖަމަލާ ބެހޭގޮތުން ސުވާކުރުމުން  މުސްކުޅި އަންހެނާ ޖަވާބުގައި ބުންޏެވެ.  "އެ ޖަމަލުގެ ވާތު ލޯ އަނދިރިކަން އަހަރެންނަށް އެނގެނީ އޭތި ވިނަ ކަމުން ދިޔައީ ހަމައެކަނި މަގުގެ ކަނާތް ފަރާތުން. އަދި އޭތި ދަތުރު ކުރަމުން ދިޔަ މަގުގެ ކަނާތްފަރާތުން ހިނި، ގޮދަން އުފުލާތަން އަހަރެން ދުށިން. އަދި  މަގުގެ އެ ފަރާތު މަގުމަތިން މާމުއި ބިންމައްޗަށް އެޅިފައި ހުއްޓައި ވެސް އަހަރެން ދުށިން"

 މި މުސްކުޅި އަންހެނާގެ މި ވާހަކަތަކުން އޭނާގެ އެ ހުރި ބުއްދިވެރިކަން ފެނިފައި ރަށުގެ ވެރިޔާ ވަރަށް އުފާކޮށް، އޭނާއަށް އިނާމު ދީފައި ދޫކޮށްލައިފިއެވެ. އެ ދަތުރުވެރިން ވެސް އެ މުށްކުޅިޔާއާ މެދު ނުބައިގޮތަކަށް ހީކުރެވުނު ކަމަށް ޓަކައި އެ މުސްކުޅިޔާގެ ކިބައިން  މައާފަށް އެދުނެވެ. އަދި އެ މުސްކުޅިޔާގެ ބުއްދިވެރިކަމަށް ޓަކައި އޭނާއަށް ވަރަށް ތަޢުރީކޮށްފިއެވެ. މުސްކުޅިޔާ ވެސް އެ ދެ މީހުނަށް މަޢާފުކޮށް އެ ޖަމަލު އަނބުރާ އެ ދެ އެކުވެރިންނަށް ފެނުމަށް އެދި ދުޢާ ކުރިއެވެ.

ރަށުގެ ވެރިޔާއަށް އެ މަންޒަރު ފެނުމުން އެ ދަތުރުވެރިންގެ ޖަމަލު ހޯދުމަށްޓަކައި ދަތުރުވެރިންނާއެކު  އިތުރު މީހުން ފޮނުވައިދީފިއެވެ.

  • ވިސްނައިގެން ވާހަކަ ކިޔުމަށް ފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!

1- މި ވާހަކައިގައި އުޅޭ ޖަމަލަކީ ކޮން ކަހަލަ ޖަނަވާރެއް ހެއްޔެވެ؟

2- އެ ޖަމަލުގެ ބުރަކަށި މައްޗަށް އަރުވައިގެން އެ މީހުން  ގެންދިޔައީ ކޮން ކަހަލަ އެއްޗެއްސެއް ހެއްޔެވެ؟

3- ޖަމަލަށް މަގު އޮޅުނީ ކީއްވެގެން ހެއްޔެވެ؟

4- އެ މުސްކުޅި އަންހެން މީހާއަށް އެ ޖަމަލުގެ ވާތު ލޯ އަނދިރިކަން އެނގުނީ ކީއްވެގެން ހެއްޔެވެ؟

5- ރަށުގެ ވެރިޔާއަށް އެ މުސްކުޅި އަންހެނާއަކީ ވިސްނުންތެރިއެއްކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟

6- އެ މުސްކުޅި އަންހެނާއަކީ ވިސްނުންތެރިއެއްކަން އެނގޭ ދެ ކަމެއް ދޭހައިގެ އަލީގައި ލިޔާށެވެ!  

7- މި ވާހަކައިން ތިޔަ ދަރިވަރަށް ލިބުނު ޢިބްރަތަކީ ކޮބައި ހެއްޔެވެ؟  

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
1
+1
1
+1
3
+1
0
+1
3
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް