May 21, 2024 02:49
Advertisement

-Advertisement-

ފޮޓޯ: ޕިންޓަރެސްޓް

ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ޤިޔާމަތް ދުވަހުން ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެ- ޚުޠުބާ

މަޙްޝަރުދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަކަމަކީ އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދިނުމެވެ. މިއީ މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުމަށްޓަކައި، ދަރަނި ނަގާ މީހުންގެ ވާހަކައެއް ނޫނެވެ. ދަރަނި އަދާކުރެވޭ ހާލުގައި، ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުންގެ ވާހަކައެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި، ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތުދިނުމެވެ. ނުވަތަ ދަރަނިން މިންވަރެއް އުނިކޮށްދިނުމެވެ. ވިޔަފާރިވެރިއަކުވެސް ބަނގުރޫޓު ވެއްޖެނަމަ، އޭނާގެ ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ.

ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ޤިޔާމަތް ދުވަހުން މާތް ﷲ އެކަލާނގެ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެއެވެ.

ޤިޔާމަތްދުވަހުގެ ގަދަ ހޫނުން ސަލާމަތްވުމަށް ހިޔާވަހިކަން ލިބޭ މީހުން ބަޔާންކޮށްދެއްވައި، ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ﷲ ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، މާތް ﷲ ހަތް ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެއެވެ. އެއީ: އަދުލުވެރި އިމާމާއާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި، މިސްކިތަށް ހިތްޖެހިފައިވާ މީހާ އެބަހީ: ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާމީހާއާއި، ﷲ ގެ ވަޖްހުފުޅަށްޓަކައި އެކަކު އަނެކަކުދެކެ، ލޯބިވެ އެކުގައި އުޅެ، އެގޮތުގައި ވަކިވެދިޔަ ދެމީހުންނާއި، ޙަސަބާއި ނަސަބުން މަތިވެރި، ރީތި އަންހެނަކު ފާޙިޝްކަމަކަށް ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުގަނެއޭ ބުނެ އެކަމާ ދުރުހެލިވި މީހާއާއި، ކަނާތުން ޞަދަޤާތްކުރި އެއްޗެއް، އޭނާގެ ވާތަށް ވެސް ނޭނގޭހައި މިންވަރަށް ވަންހަނާކުރި މީހާއާއި، އެކަނިމާއެކަނި ތަނެއްގައި އިނދެ ﷲ ހަނދުމަކޮށް، އޭނާގެ ދެލޮލުން ކަރުނަ އޮހޮރި މީހާއެވެ".

Advertisement

ޤިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އެއްބަޔަކީ، އަދުލުވެރި ވެރިޔާއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، މިސްކީނުންނަށާއި، ފަޤީރުންނަށް އަޅައިނުލާ މުޖުތަމަޢެއްގައި، ފާޅުކޮށް ސަދަޤާތް ކުރުމަކީ، މީހުންނަށް އެކަމަށް ހިތްވަރުދިނުމަށްޓަކައި ކުރުން އެދެވިގެންވާ ކަމެކެވެ. މިއާޚިލާފަށް ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮފޯރުވާ މުޖުތަމަޢެއްގައި ރަނގަޅު ގޮތަކީ ސަދަޤާތް ވަންހަނާ ކުރުމެވެ.

+1
1
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް