May 20, 2024 23:22
Advertisement

-Advertisement-

އެންމެ ފާފަ ބޮޑު ދޮގަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ދޮގު- ހުކުރު ޚުޠުބާ

ތެދުބުނުމަކީ، އިސްލާމީ އަޚްލާޤީ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއް ސިފައެވެ. ހަމައެފަދައިން އެއީ ވަކިވަކި ފަރުދުންނާއި، މުޅި އުންމަތް ބާއްޖަވެރި ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްސިފައެވެ. މިހެންވެ، ތެދުބުނުމަކީ، މާތް ﷲ އެސިފަޔަކަށް ތަޢުރީފުގެބަސް ވަޙީކުރައްވައި، އެސިފައިން އެންމެހައި މުސްލިމުން ޒީނަތްތެރިވުމަށް އިރުޝާދު ދެއްވާފައިވާ ސިފައެކެވެ. މާތް ﷲ އަންގަވާފައިވާ ގޮތުގައި ތެދުބުނުމުގެ އިތުރަށް، ތިމާ އުޅެންވާނީ ވެސް ތެދުވެރީންނާއެކުގައެވެ.

ތެދުބުނުމަކީ، އެންމެހައި ރަސޫލުބޭކަލުންގައި ހުރުން ވާޖިބުވެގެންވާ ސިފައެކެވެ. އެންމެހައި ރަސޫލުބޭކަލުންނީ ތެދުވެރީންނެވެ. އެ ބޭކަލުންނަކީ ތެދުވެރިކަމުގެ އެންމެ މަތީ ދަރަޖާގައި ތިއްބެވި ބޭކަލުންކަމުގައި ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ބޭކަލުންނެވެ.

އިސްލާމީ އުންމަތުގެ ކުރީކޮޅުގައި، މުސްލިމުން ހޭދަކުރީ ނުހަނު ބާއްޖަވެރި ހަޔާތެކެވެ. ސަބަބަކީ، އެމުޖުތަމަޢުގެ އަފުރާދުންނަކީ ތެދުބުނުމާއި، ޙައްޤަށް ލޯބިކުރާ ބަޔަކަށްވީކަމެވެ. އަދި އެބައިމީހުން އެކަކު އަނެކަކާ ކުރާ މުޢާމަލާތުގައި ތެދުވެރިކަން އިސްކޮށްފައި ވީތީއެވެ. ވަކިން ޚާއްސަ ގޮތެއްގައި އެބައިމީހުންގެ ދަރީން ތަރުބިއްޔަތު ކުރުމުގައި ތެދުވެރިކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދީފައިވުމެވެ.

Advertisement

ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގައި، ތެދުބުނުމުގެ މާތްކަން ބަޔާން ކުރައްވައިފައިވާ ވަރަށް، ދޮގުހެދުމުގެ ނުބައިކަންވެސް ބަޔާން ކުރައްވާފައިވެއެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަން އަންގަވައި ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ: " މުނާފިޤުންގެ އަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފިނަމަ ދޮގުހަދާނެއެވެ. ވަޢުދު ވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އޭނާއާ އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރިވާނެއެވެ".

ދޮގު ހެދުމަކީ ނުބައި ސިފަތަކުގެތެރެއިން އެންމެ ނުބައި އެއްސިފައެވެ. މީސްތަކުންގެ ޙައްޤުތައް ގެއްލިގެން ދިޔުމުގެ އެއްސަބަބެވެ. ރުޅިވެރިކަމާއި އަދާވާތްތެރިކަން ފެތުރުމުގެ ސިއްރެވެ. ކުށެއް ނެތް އެތައްބައެއްގެ ރީތިނަމާއި، އަބުރު ނަގާލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ.

އެންމެ ނުބައި އަދި އެންމެ ފާފަ ބޮޑު ދޮގަކީ، އެކަމުން އެހެން މީހުންނަށް ގެއްލުންލިބޭ ދޮގެވެ. މިހެންވެ ދޮގުހެކި ދިނުމަކީ ބޮޑު ފާފައެއް ކަމުގައި އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. ބޮޑެތި ފާފަތަކުގެ ތެރެއިން ވެސް އެންމެ ނުބައިކަންކަމަކީ، މާތް ﷲ އާ ޝަރީކު ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި މީހުންމެރުމާއި، ދޮގުހެކި ދިނުންކަމުގައި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ދޮގު ހެކި ދިނުމަކީ، މީސްތަކުންގެ ޙައްޤުތައް އޮޅުވާލައި އަފުރާދުންނާއި އުއްމަތަށް އެތައް ގެއްލުންތަކެއް ލިބިދޭ ކަމެކެވެ. ވީއިރު ހެކިބަހުގައި ތެދުވެރިވުމަކީ އެންމެ ބޮޑަށް ރައްކައުތެރިވާންވީ އެއްކަމެވެ.

+1
1
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް