May 21, 2024 00:39
Advertisement

-Advertisement-

ފޮޓޯ: ނެޝަނަލް ޖިއޮގްރަފިކް ކިޑްސް

ނޭއްގާނީ ކަންކަން ހުއްޓުވުމަކީ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް- ޚުޠުބާ

ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވައިފައިވާ ޒިންމާއެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަން ޖެހޭނެއެވެ. އެއީ ބިމުގައި ބާރުވެރިކަމާއި ނަޞްރު ދެއްވުމުގެ ސަބަބެކެވެ. ކަން މިހެން ހުރިއިރު އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި، ދީނީ ކަންކަމާބެހޭ ޢިލްމު އާންމު ކުރުމާއި، އިސްލާމީ ޝިޢާރުތައް ނެގެހެއްޓުމާއި މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުމެވެ.

ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. މާނައީ: " ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، ފަހެ އެމީހެއްގެ އަތުން އެކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހާ، ދުލުން އެކަން މަނާކުރާށެވެ! ދުލުން އެކަން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ ހިތުން އެކަމަށް އިންކާރުކުރާށެވެ! މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ".

މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެކެވެ. އެހެނީ މިފަދަ ކަންކަމާމެދު އަޅާނުލައި ތިބެއްޖެނަމަ މަންޒިލު މަޤްސޫދަށް ވާސިލުވުމުގެ ކުރިން މުޖުތަމަޢު ހަލާކުވެ ނެތި ހިނގައިދާނެއެވެ.

Advertisement

ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމުގެ މަސައްކަތަށް ބަޔަކު އަބަދުވެސް ނިކުމެ، އެކަމަށް ހުސްވެފައި ތިބުމަށް މާތްﷲ ވަނީ އަމުރު ކުރައްވާފައެވެ. އަދި އެމީހުންނަކީ ކާމިޔާބުގެ އަހުލުވެރިން ކަމުގައި މާތްﷲ ވަނީ އަންގަވާފައެވެ.

މި ލޮބުވެތި އިސްލާމީ ޤައުމުގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނާއި، މީސްތަކުން އިސްލާމް ދީނާއި ދުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މި ޒަމާނުގެ މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޤައުމުގެ އަޚްލާޤީ މިންގަނޑު ހަލާކުކުރުމަށް މަސައްކަތްކުރާ ފަރާތްތައް މާތް ﷲ އަށް ބިރުވެތިވާހުށިކަމެވެ. އަދި އެފަދަ ކަންކަން ހުއްޓާލާ އެކަންކަމުން ދުރުހެލިވާހުށިކަމެވެ.

ތަނަވަސްކަމާއި މުދާވެރިކަމަކީ މާތް ﷲ ދެއްވާ އެއްޗެއް ކަމުގައި ވީހިނދު، އެކަމުގެ ދަހިވެތި ކަމުގައި އަހުރެމެން، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިޔުމެއް ނެތެވެ. އަދި އެކަމުގެ ދަޅައިގައިޖެހި މަތިވެރި އިސްލާމީ ޢަޤީދާއާއި، އިސްލާމީ ޘަޤާފަތް ދޫކޮށް ޣައިރު މުސްލިމުންގެ ފިއްތުންތަކަށް ދީލާލުމެއް ވެސް ނުމެ ނެތްމެއެވެ. އެ ޤައުމެއްގެ ބަޔަކީ މާތް ﷲ އަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކުކަމުގައި ވެއްޖެނަމަ، މާތް ﷲ އެބަޔަކަށް މުއްސަނދިކަމާއި ފުދުންތެރިކަން ދެއްވާނެތެވެ.

އުންމީދު ކަނޑާލުމެއް ނެތެވެ! މާތް ﷲ ގެ ޙަޟްރަތުން ވާގިއެދި އަޚްލާޤީގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެންމެން އަތުގުޅާލަމާ ހިނގާށެވެ! ޒާތީ ކަންކަން އެއްފަރާތްކޮށް ބުއްދީގެ ތަރާދުން ކަން ހިނގަމުންދާގޮތް ކިރާލަމާ ހިނގާށެވެ! މި ޤައުމަކީ ސައްތައިން ސައްތަ ޝަރަފުވެރި އަބުރުވެރި އިސްލާމީ ޤައުމެކެވެ. މި ޤައުމުގައި ފާޅުކުރެވެންޖެހޭނީ މި ޤައުމުގެ އަހުލުވެރިން ހިތުން ރުހުމުން ބަލައިގެންފައިވާ އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތަކެވެ. މިނިވަންކަމާއި ތަހުޒީބުގެ ނަމުގައި އުފުލަމުންދާ އިސްލާމްދީނާއި ޚިލާފު ޝިޢާރުތަކަށް، މި ޠާހިރު ފަސްގަނޑުން، ކުޑަނަމަވެސް ޖާގައެއް ދީގެން ނުވާނެއެވެ. މި ޤައުމުގައި ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރަން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ އަހުލުވެރީންނަކީ ހެޔޮކަންކަމަށް ލޯބިކުރާ ހެޔޮކަމުގެ އަހުލުވެރި ބައެކެވެ. އެބައިމީހުންގެ ނަފްސުގައި ރިވެތި އަޚްލާޤީ ސިފަތަކެއް ހުރި ބައެކެވެ. ވީމާ އިސްލާމް ދީނާއި ޚިލާފު އޮއިވަރުތަކުން ސަލާމަތް ވެފައިވާ ނަމޫނާ އިސްލާމީ މުޖުތަމަޢެއް ބިނާކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ! ފަސާދައިގެ ދޮރުތައް ބަންދުކޮށް، މިމުޖުތަމަޢުއަކީ އަމާން މުޖުތަމަޢެއް ކަމުގައި ހަދާށެވެ! މިކަންކަން ކުރެވޭނީ ކޮންމެ ފަރުދަކުމެ އެ ފަރުދެއްގެ ޒިންމާ ހެޔޮގޮތުގައި އަދާކޮށްގެންނެވެ. މައިންބަފައިން އެބައިމީހުންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލައިގެންނެވެ. މުދައްރިސުންނާއި އެދުރުން ދެއްވާ ފިލާވަޅުތަކާއެކު ހެޔޮކަމުގައި ދަރިވަރުންނަށް ނަމޫނާ ބަޔަކަށްވުމުގެ ޒިންމާ އަދާކޮށްގެންނެވެ. މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ އިޖުތިމާޢީ ޒިންމާ ކޮންމެ ފަރުދަކުމެ އަދާކޮށްގެންނެވެ. ޤައުމުގެ ދީނީ ޢިލްމުވެރިން، މީސްތަކުންނަށް ހެޔޮ ނަސޭހަތާއި، އިރުޝާދު ދިނުމުގެ ޒިންމާ އުފުލައިގެންނެވެ. ސިޔާސީ ލީޑަރުންނާއި ކަމުވޮށިވެގެންވާ މީހުން ޤައުމުގެ ދީނީ މަސްލަހަތު އިސްކުރުމުގައި ޒިންމާދާރު ވެގެންނެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް