May 12, 2024 04:59
Advertisement

-Advertisement-

ފޮޓޯ: އަރާކުރި ސީރީސްގެ “ވާހަކަ ދޭހަ 2”

ކުޑަކުދިންނަށް ޚާއްސަ: 'ކާޅާއި ޚިޔާލީ އަންހެނާ' މި ވާހަކަ ކިޔުމަށްފަހު ޖަވާބު ދިނުމަށް!

މިއީ އަރާކުރި ސީރީސްގެ "ވާހަކަ ދޭހަ 2" މި ފޮތުގެ ވާހަކައެކެވެ. މި ފޮތުގައި މިބާވަތުގެ ޢިބްރަތްތެރި 15 ވާހަކަ ހިމެނޭނެއެވެ. މި ވާހަކަ ކިޔުމަށްފަހު ތިރީގައިއެވާ މަސައްކަތް ކޮށްލާށެވެ.

އަމީނާއަކީ ދަނޑުވެރިކަން ކޮށްގެން ލިބޭ އާމްދަނީއަކުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ދާ މީހެކެވެ. އޭނާ ކުރާ ދަނޑުވެރިކަމަކީ ގޯތިތެރޭގައި ތަފާތު ބާވަތް ބާވަތުގެ ގަސް ހެއްދުމެވެ. އެއިން ލިބޭ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރަށުގެ މާރުކޭޓަށް ގެންގޮސްގެން ވިއްކުމެވެ. އޭނާގެ ގެ ހުންނަނީ ރަށުގެ އަތިރިމަތީ ވަރަށް ހިތްގައިމު ހިސާބެއްގައިކަމުން، ބައެއް މީހުން އެ ހިސާބަށް އައިސް އަމީނާގެ އަތުން ތަކެތި ގަނެގެން ވެސް ދެއެވެ. އަމީނާއަށް ވަރަށް ރަނގަޅު އާމްދަނީއެއް އެ މަސައްކަތުން ލިބެމުންދެެއެވެ.

އަމީނާގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަހެއް ވެސް މިހާރު ވަނީ ފޯދިފައެވެ. މިއީ އެ އަނބުގަހުގައި އަނބުއެޅި ފުރަތަމަ ފަހަރު ކަމުން އަނބުތައް ދޮންވާން ފެށުމުން އަމީނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އެއީ އެ ރަށުގެ އެހެން އެއްވެސް ގެއެއްގައި އަނބުގަހެއް އަދި ފޯދިފައި ނެތީމައެވެ. ރަށުގެ މީހުން ވެސް އެ ގަހުގައި އަނބު އެޅީއްސުރެ އަނބު ގަންނަން ބޭނުންވެގެން އުޅޭކަން އަމީނާއަށް އެނގެއެވެ.

Advertisement

އަނބުގަހުގައި އަނބު އަޅައި އަނބުތައް ދޮންވެ ފައްކާވުމުން، އެއް ދުވަހަކު އަމީނާ ގަހުން ފުރަތަމަ ފަހަރަށް ދޮން އަނބު ބިނދެފިއެވެ. ވަށިގަނޑެއް ފުރާ އަނބު އަޅައިގެން ބާޒާރަށް އަނބު ވިއްކަން ދިއުމަށްޓަކައި ހިނގައިގެންފިއެވެ. މި މަންޒަރު ބަލަން ކަޅިއަޅައިގެން ކާޅެއް އެ ގަހުގައި އިނެވެ. އަމީނާ ވަށިގަނޑު ހިފައިން ހިނގައިގަންނަމުން އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ބާޒާރަށް ގޮސް މި ހުރިހާ އަނބުތައް ވިއްކައިލުމުން އަހަރެންނަށް ގިނަ އަދަދެއްގެ ފައިސާ، އެއްފަހަރާ މިއަދު ލިބޭނެއެވެ. އޭރުން އަހަރެންގެ ދަރިފުޅު އޭލެވެލް ހަދަން މާލެއަށް ފޮނުވޭނެއެވެ. އަމީނާ އެ ޚިޔާލުގައި ހުރެ އަނބުވަށިގަނޑު ހިފައިގެން ގޯތިތެރެއިން ހަމަ ނިކުތްތަނާ އަނބު ގަހުގެ ގޮފިގަނޑުގައި އިން ކާޅު އޭނާގެ ބޯމަތިން ކުއްލިއަކަށް ނިކަން ބާރަށް ގޮވަންފެށިއެވެ.

ކާޅުގެ ގޮވައިގަތް ބާރު އަޑަށް އަމީނާ ސިއްސައިގެން ގޮސް އަތުގައި ހުރި އަނބު ވަށިގަނޑު ކުއްލިއަކަށް އަތުން ދޫވެގެން ވެއްޓިއްޖެއެވެ. އެ ވަގުތު ވަށިގަނޑުގައި ހުރި ހުރިހާ އަނބެއް އެއްކޮށް ބިންމައްޗަށް ފައިބައިގެންފިއެވެ. އޭނާގެ ގެ ހުންނަނީ ރަށުގެ ގޮނޑުދޮށުގައި ކަމުން ވަށިގަނޑުން ފައިބައިގަތް އަނބުތަކުގެ ބައެއް ގޮސް އެޅުނީ މޫދަށެވެ. އަތު ޖެހުނު އަނބުކޮޅުގެ ތެރެއިން ވެސް  ބޮޑުބައި ހުރީ ބިންމައްޗަށް އެޅުނުލެއް ބާރުކަމުން ޗިސްވެފައެވެ. އަމީނާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.

އަމީނާ މައްޗަށް ބަލައިލިއިރު އެއްކަލަ ކާޅު ގޮފިގަނޑުގައި އިންތަން ފެނިއްޖެއެވެ. އެ ވަގުތު އަމީނާ ކާޅާ ދިމައަށް ބަލާލާފައި ރުޅިވެރިކަމާއެކު ބުންޏެވެ. ކަލޭގެ ސަބަބުން މަށަށް މި ލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ މިއަދު އަހަރެންނަށް މި ލިބުނު  ދެރަ މި ލިބުނީ ކަލެއާ ހެދިއެވެ. އެ ވަގުތު ކާޅު ބާރަށް ގޮވައިގަތެވެ. އޭތި ބުނި ކަހަލައެވެ. "ކަލޭ ފަރުވާކުޑަ ކުރީއެއްނު. ކަލޭ އަމިއްލަ ޚިޔާލުތަކުގެތެރޭގައި ހުންނަން ހަދައިގެން އަނބުވަށިގަނޑު ވެއްޓުނީނު. ކީއްވެތަ މަގޭ ބޮލުގައި ތި ތުހުމަތު ތިޔަ އަޅުވަނީ؟" ދެން ކާޅު ވަގުތުން އުދުއްސައިގެން ހިނގައްޖެއެވެ.

ކާޅުގެ އެ އަމަލުން އަމީނާއަށް އެއްޗެއް އިހްސާސްކުރެވިއްޖެއެވެ. އޭނާ ޚިޔާލީ ދުނިޔެއެއްގައި އުޅެންހަދައިގެން މިއަދު މި ލިބުނު ދެރަ  އޭނާއަށް ލިބުނީއެވެ. ދެން ވަރަށް ލަދުންހުރެ އަމީނާ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

                    *****************************

ވާހަކައާ ގުޅޭ ރަނގަޅު ޖަވާބުގައި ރަނގަޅު، ނުބައި ޖަވާބުގައި ރަސްގެ ޖަހާށެވެ!  

1- އަމީނާއަށް އޭނާ ކުރާ ދަނޑުވެރިކަމުން ކައިބޮއެއް ނޫޅެވެއެވެ.

2- އަމީނާ ދަނޑުވެރިކަން ކުރަނީ އޭނާގެ ގޯތިތެރޭގައެވެ.

3- ފޯދިފައިހުރި އަނބުގަސްތައް އެ ރަށުގައި ވަރަށް ގިނައެވެ.

4- ވަށިގަނޑެއް ފުރާ އަނބު އަޅައިގެން އަމީނާ ނިކުތީ ބާޒާރަށް ދާށެވެ.

5- އަމީނާގެ ދަރިޔަކު ހުރެއެވެ.

6- ހުރިހާ އަނބުތަކެއް ފައިބައިގެން ދިޔައީ މޫދަށެވެ.

7- ކާޅު އައިސް އަނބުވަށިގަނޑުގައި ޖެހިގަތީއެވެ.

8- ކާޅުގެ ސަބަބުން އަމީނާއަށް ހެދުނު ގޯސް އިހުސާސް ކުރެވުނެވެ.

 

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
3
+1
1
+1
2
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް