Advertisement
header ad
XeeTimesXeeTimes
ޚާއްސަ އެހީތެރިކަން ބޭނުންވާ ކުއްޖެއްގެ މަންމަގެ ހިތުގެ އުދާސްތައް!

ޚާއްސަ އެހީތެރިކަން ބޭނުންވާ ކުއްޖެއްގެ މަންމަގެ ހިތުގެ އުދާސްތައް!

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް ކިޔަވައިދޭން ބޭނުންވެއެވެ. އެހެންނަމަވެސް ދަރިފުޅަކީ އެހެން ކުދިންނާއި ކުޑަކޮށް ތަފާތު ކުއްޖަކަށްވުމުން މި މުޖުތަމައުން ދަރިފުޅާއިމެދު ތަފާތުގޮތަކަށް ދެކޭ އެތައްބަޔަކު އުޅެއެވެ. އެމީހުންނަށް ހީވާކަހަލައެވެ. "އެމީހުންގެ ދަރިންނާއެކު އެއް ކުލާހެއްގައި ދަރިފުޅު ކިޔަވާނަމަ އެކުދިންނަށް ނޭދެވޭ އަސަރުކޮށްފާނެއެވެ. އަދި ދަރިފުޅަކީ އެހެންކުދިންނާއި ބަލާއިރު މާބޮޑަށް ހަރަކާތްތެރި ކުއްޖަކަށްވުމުން ބައެއް މުދައްރިސުންވެސް ދަރިފުޅާއިމެދު ދެކޭގޮތް ތަފާތެވެ. އަބަދު މަޑުން ނުހުރެވޭކަމަށް ބުނެ އިނގިލި ދިއްކުރާ އެތައްބަޔަކު މިމުޖުތަމައުގައި އެބައުޅެއެވެ". 

ދަރިފުޅާއެވެ. މި މަންމަ ދަރިފުޅު ސްކޫލަށް ފޮނުވަން ބޭނުންވެއެވެ. ޤުރުއާން ކުލާހަށް ގެންދަން ބޭނުންވެއެވެ. ތިއީ ބަސްނާހާ އަބަދު މަޑުން ނުހުރެވޭ ކުއްޖެކޭ ބުނުމުން ވަރަށް ދެރަވެއެވެ. އެކަމަކު ހިތްވަރު ކުރިއަސް ބައެއް މީހުން ދަރިފުޅާއިމެދު އަމަލުކުރާގޮތުން ހިތް ކުދިކުދިވެއެވެ. އެފަދަ މީހުންނަށް ނުވިސްނެނީ ކީއްވެގެންބާއޭ ހިތަށްއަރައެވެ.

މިމަންމަ ދަރިފުޅު ބެލުމަށް މިއުފުލާ ބުރަ އެފަދަ މީހުންނަށް ވިސްނޭނެނަމައޭ ހިތަށް އަރައެވެ. ދަރިފުޅުގެ ކޮންމެ ގޮވާލުމަކަށް އަބަދުވެސް ކައިރީގައި މިހުންނަނީ ލިބިދާނެ އަނިޔާއަކުން ސަލާމަތްކުރުމަށެވެ. އަދި މިމަންމަގެ ލޯބިން ދަރިފުޅަށް ހެޔޮބަދަލުތަކެއް އަންނާނެކަމުގެ އުންމީދުގައެވެ. 

Article - in content
Advertisement

ދަރިފުޅާއެވެ. މުޖުތަމައުގެ ތަފާތުކުރުންތަކުގެ ސަބަބުން ދަރިފުޅު ބާކީވެ އެކަމުގެ އަސަރު މުސްތަގުބަލަށް ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެހެން މީހުންނަށް ވިސްނައިދޭނެހާ ހިތްވަރެއް މިމަންމަގެ މިހާރަކު ނެތެވެ. އުޅެބޮޑުވާ މާހައުލުން ފެށިގެން ސްކޫލާއި ހަމައަށް މިފެންނަނީ ތަފާތުކުރުންތަކެވެ. ހުރިހާ ކުދިން އެއްގޮތްނުވާނެކަން ދެކި ތަފާތު ކުއްޖާއާއިމެދު ވިސްނާ އެކުއްޖާވެސް މުޖުތަމައުގައި އުޅެން ދަސްކޮށްދޭން އެބަޖެހެއެވެ. އަދި އެފަދަކުދިންގެ މިޒާޖަށް އެއަންނަ ބަދަލު ދެނެގަނެ އެހެންކުދިންނާއިއެކު އުޅެން ދަސްކޮށްދެވޭނީ އެފުރުސަތު އެންމެންވެގެން ހޯދައިދީގެންނެވެ.

ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރެވެންހުރި ކަމެއް ކުރުމަށް މިހިރީ ތައްޔާރަށެވެ. ހެޔޮނުވާނެއެވެ. މުޖުތަމައުން ބާކީނުކުރާށެވެ. ފުރުސަތު ދެވިއްޖެނަމަ މިއީ ބޭނުންތެރި ކުދިންނަށް ހެދިދާނެއެވެ. އެކަހެރިކޮށްފިނަމަ އެދެވެނީ ވަރަށްބޮޑު އަނިޔާއެކެވެ. އަމިއްލަ ދަރިއަށް އެފަދަ އަނިޔާއެއް ލިބެން ބޭނުންވާނީ ކާކުހެއްޔެވެ؟ މިފަދަ ކުދިންނާއިމެދު ބައެއް މީހުން އެދެކޭ ގޯސް ގޮތްތައް ބަދަލުކުރަން އެބަޖެހެއެވެ. އެންމެންގެ އެހީތެރިކަމާއެކު މުޖުތަމައުގައި އުޅެން ދަސްކޮށްދެވިދާނެއެވެ. އެހެންނޫނީ ފަސްޖެހި އެކަހެރި ދިރިއުޅުމަކަށް ލޯބިކުރާ ބަޔަކަށްވެދާނެއެވެ.

ދެއްވި ނިޢުމަތަށް ޝުކުރު ކުރަމެވެ. ދެމިހުންނާނީ ލޯބިވާ ދަރިފުޅުގެ ހައްގުގައެވެ.

ނޯޓް: މިއީ ކިޔުންތެރިއެއްގެ ހިތުގެ އުދާސްއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —