May 20, 2024 18:50
Advertisement

-Advertisement-

ނަފްސު ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިންމުކަމެއް!

ނަފްސު ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ރަނގަޅު އާދަ ތަކުންނާއި ރިވެތި އަޚްލާޤުންނެވެ. ޞާލިޙު ޢަމަލުތަކުންނެވެ. މިކަމުގެ މުހިންމުކަމުގެ ސަބަބުން ކީރިތި ޤުުރްއާނުގައި ނަފްސު ތަރުބިއްޔަތުކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. ނަފްސު ތަރުބިއްޔަތުކުރެވުނު މީހަކަށް ކާމިޔާބު ލިބޭނެކަމަށާއި، އަދި ނަފްސު ތަރުބިއްޔަތު ކުރުމުގައި އިހްމާލުވީ މީހުންނަށް ނާކާމިޔާބުވާނެކަމަށް ކީރިތި ޤުރްއާންގައި ބަޔާންކުރައްވާފައިވެއެވެ.

ކީރިތި ޤުރްއާނުގައި ނަފްސު ސިިފަކުރައްވާފައިވަނީ ތިން ގޮތަކަށެވެ. މާތްﷲ ގެ ރުހުމާއި، ހެޔޮ ޢަމަލުކުރުމުގެ ސަބަބުން ހިތްހަމަޖެހިފައިވާ ޞާލިޙު މީހެއްނަމަ، އެނަފްސަކީ نفس مطمئنة އެވެ. ތިމާއަށްކުރެވޭ ކުށްތަކަށް ނަފްސު ކުށްވެރިކުރާނަމަ އެއީ، نفس لوامة، އެވެ. ހިތް ނުބައި ކަންތައްތަކަށް އެދުމާއި، ބާޠިލު ގޮތްތަކަށް ހިތް ދާނަމަ، އެއީ نفس أمارة އެވެ. މިއެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ: "އަދި ތިމަންކަލޭގެފާނުގެ ނަފްސުވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ." (يوسف 53).

މާތްﷲ އިންސާނުންގެ ނަފްސު ފުރިހަމަކުރެއްވިއެވެ. އަދި އިންސާނާގެ ނަފްސަށް ރަނގަޅު ގޮތާއި ނުބައިގޮތް ވިސްނައިދިނުމަށްޓަކައި ބުއްދިދެއްވިއެވެ. މާތްﷲ ވަޙީކުރައްވަނީ: "وَنَفْسٍ وَمَا سَوَّاهَا. فَأَلْهَمَهَا فَجُوْرَهَا وَتَقْوَاهَا قَدْ أَفْلَحَ مَنْ زَكَّاهَا. وَقَدْ خَابَ مَنْ دَسَّهَا" (الشّمس 7 _ 8). މާނައީ: "އަދި ނަފްސާއި އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ. އެ ނަފްސު ޠާހިރުކޮށްފިމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ." ابن كثير رحمه الله މި އާޔަތުގެ ތަފްސީރުގައި ވިދާޅުވަނީ  "قد أفلح من زكى" ބުނެވޭ ބަހުގެ މާނައަކީ މާތްﷲއަށް ކިޔަމަންވެއްޖެ މީހަކަށް ކާމިޔާބު ލިބިއްޖެއެވެ. އެމީހަކީ ހުރިހައި ނުބައިކަމަކާއި، ނުރަނގަޅު ސިފަތަކުން ރައްކާތެރިވެފައިވާ މީހާއެވެ. އަދި "وقد خاب من دساها" އޭ ބުނެވެނީ ނަފްސަށް ގެއްލުން ދިނުމަށެވެ. އެއީ ނުރަނގަޅު ސިިފަތަކުން ތިމާގެ ނަފްސަށް އަނިޔާދޭ މީހާއެވެ.

Advertisement

ކާފިރުކަމުން ނަފްސު ޠާހިރުކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތަކެވެ. އެހެނީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބުންވަނީ މިގޮތުންކަމަށްވާތީއެވެ. އެ ކާމިޔާބަކީ ދާއިމީ ސުވަރުގެއެވެ. މާތްﷲ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "(كافر ކަމުން) طاهرވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ." (الغاشية 14).  

މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން ނަފްސު ޠާހިރުކުރަންޖެހެއެވެ. ރަނގަޅު އަޚްލާޤާއި، ހެޔޮ ޢަމަލުތަކުންނެވެ. ނަފްސު ޠާހިރުކުރުމަށްޓަކައި ތިމާގެ ހިތް ރަނގަޅު ވާންޖެހެއެވެ. ހިތް ރަނގަޅުވެއްޖެނަމަ ހުރިހައި ޢަމަލުތަކެއް ރަނގަޅުވާނެއެވެ. އަދި ހިތް ނުބައިވެއްޖެނަމަ، އެހެން ސިިފަތައްވެސް ގޯސްވެގެންދެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާކަމަށް بخاري ومسلم ގައިވެއެވެ. "އިންސާނާގެ ހަށިގަނޑުގައި ގުނަވަނެއްވެއެވެ. އެ ގުނަވަން ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވާނެއެވެ. އަދި އެގުނަވަން ފާސިދު ވެއްޖެނަމަ، މުޅި ހަށިގަނޑު ފާސިދުވާނެއެވެ. އެއީ ހިތެވެ." އަދި ޝައިޠާނާއަށް ތަބަޢުވުމުން އަހަރެމެންގެ ނަފްސުތައް ޠާހިރުކުރަންޖެހެއެވެ. ޝައިޠާނާއަށް ތަބަޢަވެއްޖެނަމަ އަހަރެމެންގެ ނަފްސު ސާފު ނުވާނެތީއެވެ. އެއީ ޝައިޠާނާ އަމުރުކުރާނީ ހުރިހައި ނުބައި ޢަަމަލެއްކުރުމަށެވެ. ނަމަވެސް މާތްﷲ އަންގަވާފައިވަނީ ހެޔޮ ޢަމަލުތައްކޮށް އުޅުމަށެވެ. އިމާމު ابن القيم ވިދާޅުވަނީ ނަފްސު ތަރުބިއްޔަތުކުރުމަކީ ޖިހާދެކެވެ. އެއީީ ނުބައިކަންތަކުން ނަފްސު ދުރުކުރުމަކީ ޖިހާދެކެވެ. އަދި ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުމަކީ ޖިހާދެވެ. ހިތާމަތަކާއި، މުޞީބާތްތަކަށް ކެތްތެރިވުމަކީވެސް ޖިހާދެކެވެ. އަދި މާތްﷲއަށް އީމާންވެ، އެކަލާނގެ ކުރައްވާ އަމުރުތަކަށް ތަބަޢުވުމަކީ ޖިހާދެކެވެ.

ވީމާ އަޅުގަނޑުމެން ވާންވީ ހިތާއި ނަފްސު ނުބައި ޢަމަލުތަކުން ރައްކާތެރިކުރާ ބަޔަކަށެވެ. ނުބައި ޢަމަލުތަކުން ނަފްސު ޠާހިރުކުރާ ބަޔަކަށެވެ. ހެޔޮ ޢަމަލުތަކުން ހިތްހަމަޖެހިފައިވާ މީހަކަށެވެ. ހިތްހަމަޖެހުން ލިބިފައިވާ ނަފްސެއްގެ ގޮތުގައި މަރުވެދާ ބަޔަކަށެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "އޭ ހިތްހަމަޖެހިފައިވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ!" (سورة الفجر 27 _ 30).

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. 'ޒީޓައިމްސް'ގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
0
+1
1
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް