May 11, 2024 11:44
Advertisement

-Advertisement-

ފޮޓޯ: ޝަޓަރސްޓޮކް

ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރުމަށް މައްސަލަ ހައްލު ކުރަން ސަމާލުކަންދިނުން

ކޮންމެ މީހަކީވެސް މައްސަލަތައް ދިމާވާނެ މީހެކެވެ. އެއީ ދިރިއުޅުމުގެ އެއްބައެވެ. ދިރިއުޅުމުގެ ދަތުރުގައި މައްސަލަ ދިމާވުމުން ވިސްނޭގޮތާއި ކަންކަންކުރެވޭ ގޮތާއި އަމަލުތަށް ބެހެއްޓޭގޮތަކީ މިއީ ވަރަށް އުދަގޫ ހިތްހަމަނުޖެހޭ ތަކުލީފު ބޮޑު ކަމެކެވެ. އެހެންވުމުން މުޅިންވެސް އުޅެވެނީ މައްސަލަތެރެއަށް ޢަރަޤުވެ މައްސަލައިގައި ވަށާޖެހިގެންނެވެ. މައްސަލައިގެ ހައްލަށް ވިސްނުން ބައްޓަންކުރުމަކީ މައްްސަލަތަކަށް ލުއެއް ލިބި ބާއްޖަވެރި ދިިރިއުޅުމަކަށް ކޮށޭނެ މަގެކެވެ.

މައްސަލަ ދިމާވުމުން ވިސްނޭގޮތް:

މައްސަލައެއް އައުމާއެކު ވިސްނުން ގެންގުޅެވޭނީ ނައްސިކޮށެވެ. ވަރަށްބޮޑު ބުރައެއް ގޮތަށެވެ. އަދި ހަމައެއާއެކު މުޅި މީހާގެ ވިސްނުން ބިނާވަނީ މައްސަލައިގެ ވަށައިގެން މުޅިންވެސް ގޯސްގޮތް ގޮތަށެވެ. އެހެންކަމުން އެކަމާގުޅިގެން އަންނަ ކޮންމެ ކަމަކީވެސް ގޯސް ނައްސި ކަމެއްކަމަށް ބަލާ ކުރެވޭ އަމަލުތަކާއި މުޢާމަލާތް ކުރެވޭ ގޮތްތަކުން ހައްލަށް ދިއުމުގެ މަގު ފަހިނުވެއެވެ. އޭގެ ބަދަލުގައި ހައްލު ލިބެން ނެތްކަމަށް ވިސްނުމާއި ފިކުރިއްޔާތު ބަދަލުވެ މީހާގެ ދިރިއުޅުން ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަންއަށް ވެއްޓެއެވެ.

Advertisement

މައްސަލަ ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަން:

  1. ފައްސި ވިސްނުމެއް ބިނާކުރުން

މައްސަލައިގެ ހައްލެއް ހޯދުމަށް ވިސްނުން ފައްސިކުރުމުން ހިތަށާއި ސިކުނޑިއަށާއި ވިސްނުމަށް ބަދަލުއާދެއެވެ. އަދި ހައްލު ހޯދަން ވިސްނަންވީ ގޮތްގޮތާއި ޢަމަލުތަށް ވިސްނި މީހާއަށް ހަމަޖެހުން ލިބެއެވެ. އަދި ހުޅުވިފައިވާ ވިސްނުމަކުން ވިސްނަންފެށުމުން ތަފާތު އެތައްގޮތަކަށް މައްސަލަ ހައްލު ކުރެވިދާނެކަން އެނގި އެއަށް މަސައްކަތްކުރުމުން މީހާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިދެއެވެ.

  1. ބޭނުންވާގޮތަށް މައްސަލަ ހައްލު ނުވެދާނެކަން ޤަބޫލުކުރުން:

ޙަޔާތުގައި ތިމާ ބޭނުންވާހައި ކަމެއް ބޭނުންވާހާ ގޮތަށް ނުވެދާނެކަން ބަލައިގަނެ ޤަބޫލުކުރުމެވެ. އެހެންކަމުން މައްސަލައަށް ހައްލު ހޯދާއިރު ބޭނުންވާ ހުރިހާގޮތަކަށް އަދި ބޭނުންހާ ހަލުވި މިނުގައި މައްސަލަ ހައްލު ނުވެދާނެކަމަށް އަހުލުވެރިވާށެވެ. އަދި އެއީ ހައްލު ނުލިބުން ކަމަށް ނުބަލާށެވެ. މިކަހަލަ ދަނޑިވަޅުތަކުގައި ވިސްނުމާއި ފިކުރުތަކާއި އަމަލުތަކާއި މުޢާމަލާތް ކުރުމުގައި މައްސަލަ ހައްލުވުމުން ކަންކަން ހުންނާނެ ގޮތަށް ފޯކަސް ކުރާށެވެ. އަދި އަމިއްލަ ނަފްސަށް ހިތްވަރުދީ މައްސަލައިގެ ހައްލު ލިބޭނެކަމަށް އުއްމީދުކޮށް އެކަމަށް ހުއްޓުމެއްނެތި ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާށެވެ.

  1. މައްސަަލައަށް ގެނބި ދިރިއުޅުން ހުއްޓުމަކަށް ގެނެސް ނުހުރުން:

މައްސަލަ އެއީ ދިރިއުޅުމުގެ އެއްބައިކަމުގައި ބަލައި އެއީ ދިިރިއުޅުން ރަނގަޅު ކުރަން ލިބޭ އައްޑަނައެއް ކަމަށް ބެލުމެވެ. އަދި މައްސަލާގައި 'ސްޓަކް'ވެފައި ހުންނަން ނުޖެހޭކަން އަބަދުވެސް ހަދާންކުރުމެވެ. އަދި ކޮންމެ މައްސަލައަކަށްވެސް ހައްލު ހޯދޭނެ ތަފާތު ގޮތްގޮތް ވާކަމާއި ހައްލަކީ ހޯދަން ވިސްނައިގެން އަމިއްލައަށް މަގު ކޮށައިގެން އިސްނަގައިގެން އުޅުމުން ލިބޭނެ އެއްޗެއްކަމެވެ. އެހެންކަމުން އަބަދުވެސް އަހަރުމެންގެ ހަކަތައާއި ވިސްނުމާއި މުޢާމަލާތް ކުރުމާއި ޢަމަލުތަށް ބަހައްޓަންވީ މައްސަލައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ހައްލު ހޯދުމަށެވެ.

ކޮންމެ މައްސަލައަކަށްވެސް ހައްލުއޮވޭ:

ކޮންމެ މައްސަަލައަކަށްވެސް ހައްލެއް ވެއެވެ. އެހެންނަމަވެސް މީގައިވާ ގޮންޖެހުމަކީ އަހަރުމެން ވިސްނާގޮތާއި ފިކުރުތަށް ބައްޓަން ކުރާގޮތެވެ. ހައްލު ވަގުތުން ވަގުތަށް ނުލިބުނަސް ހިތާއި ސިކުނޑިއާއި ލޯހުޅުވައިގެން ފައްސި ވިސްނުމަކުން ވިސްނުމުން މައްސަލަ ހައްލު ކުރެވޭނެ ރާސްތާ ފެންނާނެއެވެ. އަދި އާވިސްނުންތަކާއި ފުރުސަތުތަކަށް ލޯހުޅުވި ފަހި ދިރިއުޅުމަކަށް މަގުކޮށެއެވެ. ވީމާ، އަހަރެމެން އެންމެންވެސް މައްސަލައަށް ނުވިސްނާ ހައްލަށް ވިސްނާ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް އަތުގުޅާލަން ހިނގާށެވެ.

 

އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.

+1
0
+1
1
+1
3
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް