May 20, 2024 20:30
Advertisement

-Advertisement-

ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި މަޤާމުގެ ބޭނުންކޮށްފިނަމަ އެއީ އަމާނާތަށް ޚިޔާނާތްތެރިވުން- ހުކުރު ޚުތުބާ

މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށްޓަކައި މަސްއޫލުވެރިއަކު ހުންނަން ޖެހޭނެއެވެ. އެމީހުންގެ ކަންތައްތައް އޮޅުންބޮޅުންވެ ފާލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައެވެ. ކޮންމެ މީހަކު އެމީހެއްގެ ހަވާނަފްސާ އެއްގޮތަށް ކަންތައް ކުރަން ފަށައިފިނަމަ ކަންތައްތައް ބޮއްސުންލައިފާނެއެވެ. އެހެންކަމުން މަސްއޫލުވެރިއަކަށް ބޭނުންވާނެއެވެ. އެހެނަސް މިމަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް، ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި އޭނާގެ މަޤާމުގެ ބޭނުން ކޮށްފިނަމަ އަމާނާތަށް ޚިޔާނާތްތެރި ވެއްޖެއެވެ.

ކޮންމެ އިންސާނަކުވެސް ބުއްދި ފުރިހަމަވެ، ވަކި އުމުރަކަށް ދިޔުމުން އޭނާއަކީ މުކައްލަފެކެވެ. އެ ހިސާބުން އޭނާގެ އަމަލުތަކާމެދު ޒިންމާވާން ޖެހޭނެއެވެ. އޭނާގެ ދީނަށާއި އަޤީދާއަށް ރައްކައުތެރިވާން ޖެހޭނެއެވެ. އޭނާ މީހަކާ އިންނަ ހިސާބުން އަނބިމީހާގެ ހައްޤުތައް އަދާކުރަން ޖެހޭނެއެވެ. އަނބިމީހާގެ ކިބައިން ދަރިން ލިބޭ ހިސާބުން އޭނާގެ މަސްއޫލިއްޔަތު ބޮޑުވެ ފުޅާވާނެއެވެ. އަނބިމީހާ ބެލެހެއްޓުމާއި، ދަރީން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތެވެ. ވަޒީފާއެއްގައި އުޅޭނަމަ އެއީ ވެސް އޭނާގެ މަސްއޫލިއްޔަތެކެވެ.

ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމް ވަނީ އޮޅިފައެވެ. އެމީހުން ދެކޭގޮތުގައި އެއީ ފަޚްރުވެރި ކަމާއި ޝަރަފުވެރި ކަމެކެވެ. އެއީ ތިމާގެ ބާރާއި މުއްސަނދިކަން ދެއްކުމަށް ހުޅުވޭ ދޮރެކެވެ. އޭނާގެ އަމާޒަކީ، ފިނި ކޮޓަރީގައި ބިޔަ މޭޒު ދޮށުގައި ބޮޑު ގޮނޑީގައި އިނދެ ކަންކަމަށް އަމުރުކޮށް ކަންކަން މަނާކުރުމެވެ. މިވެނި މީހާ މިވެނި ވަޒީފާއަށް، އެވެނި މީހާ އެވެނި ވަޒީފާއަށް އިސްކުރުމެވެ. މި ނުބައި މަފްހޫމުގެ ސަބަބުން މަސްއޫލިއްޔަތު ވަނީ ވާދަވެރިކަމުގެ ތެރެއަށް ވަދެފައެވެ. މިހެންވަނީ އަމިއްލަ އެދުން ބޮޑުވުމާއި އަޤީދާ ބަލިކަށިވުމުގެ ސަބަބުންނެވެ.  

Advertisement

މަސްއޫލިއްޔަތުތަކަކީ ލުއިފަސޭހަ ކަމެއްކަމަށް ހީ ނުކުރާށެވެ. އެއީ ހަމައެކަނި އަމުރު ކުރުމާއި، މަނާ ކުރުން ކަމަށް ނުދެކޭށެވެ. އެއީ ބައެއްގެ މައްޗަށް އަތްގަދަ ކުރުން ކަމަށް ނުދެކޭށެވެ. އެހެނަސް އެއީ ބޮޑެތި ޒިންމާ ތަކެކެވެ. ނާޖާއިޒު ގޮތުގައި މިކަންކަން ކޮށްފިނަމަ ޤިޔާމަތް ދުވަހުން "އޭ ސަހަރޯއޭ" ބުނަން ޖެހޭނެއެވެ. މާތް ﷲ އަންގަވާގައިވާ ގޮތަށް، މި މަސްއޫލިއްޔަތު އަދާކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! އެކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެތެވެ. އެސުވާލަށް ޖަވާބު ދިނުމަށް ތައްޔާރުވާށެވެ!

މަސްއޫލިއްޔަތު އަދާކުރާ މީހާ ވާންވާނީ އޭނާ ހަވާލުވާ މަސައްކަތް ދަންނަ އަމާނާތްތެރިއަކަށެވެ. މަސްއޫލިއްޔަތަކާ ހަވާލުވާ މީހާ އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި އެމީހުންގެ މުހުތާދުތައް ފުއްދައިދޭންވާނެއެވެ. މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތް ﷲ ތަޢުފީޤު ދެއްވާނެތެވެ. އެމީހުންގެ ދުޢާ އިޖާބަ ކުރައްވާނެތެވެ. އަދި އެމީހުން ވާނީ ޤިޔާމަތް ދުވަހުން ﷲ ގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް