May 10, 2024 07:09
Advertisement

-Advertisement-

ތަޢުލީމީ ދާއިރާގައި ފާހަގަކުރެވުނު ޒީނާޒުގެ އަމާޒަކީ މަޖިލީހުގެ ތެރެއިން ޚިދުމަތް ކުރެއްވުން!

ޏ. ފުވައްމުލަކަށް އުފަން ޒީނާޒު އަދުނާނަކީ ތަޢުލީމީ ދާއިރާއަށް ވަރަށްގިނަ ދުވަހު ޚިދުމަތްކުރެއްވި ފާހަގަކުރެވޭ ޚިދުމަތްތެރިއެކެވެ.

ގްރެޖުއޭޝަން ރަސްމިއްޔާތަށްފަހު ޒީނާޒު

ތަޢުލީމް އުނގެނުނު ދާއިރާތައް:

އިންޓަނޭޝަނަލް ޑިޕްލޮމާއިން ޓީޗިންގ ވިތް އައިސީޓީ – ޑިސްޓިންކްޝަން / ޔުނިވަރސިޓީ އޮފް ކެމްބްރިޖް – އިނގިރޭސިވިލާތް

Advertisement

ޕޯސްޓް ގްރެޑުއޭޓް ޑިޕްލޮމާ- ޓީޗިންގ އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް – އިންސްޓިއުޓް އޮފް އެޑިއުކޭޝަން އެންޑް ސައިކޮލޮޖީ – ޔުނިވަރސިޓީ އޮފް މިންޔޯ - ޕޯރޗުގަލް

ބެޗްލަރ އޮފް އެޑިޔުކޭޝަން: އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން / އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިއާ

މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ގްލޯބަލް / ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރ - އިނގިރޭސިވިލާތް

ތަޢުލީމީ ދާއިރާ

1994 ވަނަ އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދެއްވަން ފެއްޓެވި ޒީނާޒު ވަނީ ހާފިޒު އަހްމަދު ސްކޫލް ވުޖޫދަށް ގެނެސް އެ ސްކޫލަކީ ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސްކޫލަކަށް ހެދުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އެގޮތުން ސްޕަވައިޒަރެއްގެ ދައުރު އަދާކުރުމުގައި ސްކޫލްގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އާ މަފްހޫމްތައް ތަޢާރަފްކޮށް އެ ބަދަލުތަކަށް މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.  މީގެ އިތުރުން ހާފިޒް އަހުމަދު ސްކޫލުގައި ޤާއިމް ކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރ ގައި އެންމެ ފުރަތަމަ ކޯޑިނޭޓަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ ޒީނާޒް އެވެ. ކޯޑިނޭޓަރ އެއްގެ ގޮތުގައި މަސައްކަތްކުރެއްވިއިރު ވަނީ އެރަށުގެ ސްކޫލުތަކާއި ސަރަޙައްދުގެ ސްކޫލުތަކުގެ މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށް ވޯކްޝޮޕްތަކާއި، ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދަވައިފައެވެ. އަދި ގަވާއިދުން ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް މި ސްކޫލުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. މާލޭގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ވެސް ޒީނާޒު ވަނީ 7 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. މިހާރު ޢަމަލު ކުރެވެމުންދާ އައު ޤައުމީ މަންހަޖު ތަންފީޒުކުރުމުގައި އައު މަންހަޖަށް ސްކޫލްތަކުގެ މުދައްރިސުންނާއި ޕްރިންސިޕަލުން ހޭލުންތެރިކުރުމަށް މާލޭގެ ސްކޫލުތަކުގެ އިތުރަށް ރަށްރަށުގެ ތަފާތު ސްކޫލުތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޕީޕީއެމް އިން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ޒީނާޒު

ހާފިޒް އަހްމަދު ސްކޫލުގެ ބެލެނިވެރިއަކު ދެކޭގޮތް

ހާފިޒް އަހްމަދު ސްކޫލުގައި ޒީނާޒު މަސައްކަތް ކުރެއްވިއިރު ވަރަށް ކައިރިން ޒީނާޒުގެ ޚިދުމަތްތައް ފެނުނު އަދި ބެލެނިވެރިއެއްގެ އިތުރަށް ސްކޫލު ބޯޑުގައި އެކީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އައިމިނަތު ޝެހެނާޒް ވަނީ އޭނާ ދެކޭގޮތް ހިއްސާކުރައްވާފައެވެ.

" ވަރަށް ހިންގުންތެރި ވަރުގަދަ ލީޑަރެއް ޒީނާޒަކީ. ވަރަށްގިނަ މީހުން ގޮވައިގެން މަސައްކަތްކުރުމުގެ ގާބިލު ހުނަރުވެރި އަންހެނެއްގެ ގޮތުގައި ފާހަގަކުރެވުނު. ހާސިލުކުރަން ބޭނުންވާ ކޮންމެކަމެއް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރާނެ. ވަރަށް ގިނަ މީހުންނާއި ރަނގަޅު ގުޅުމެއް އޮންނަ މީހެއް. ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ހާސިލުކުރުމަށް މަސައްކަތްކުރާނެ. ކުޑަކުދިންނާއި ރައްޓެހި މާހައުލެއްގައި ކިޔަވައިދިނުމަށް ސްކޫލުތައް ބަދަލުވެގެންދިޔައިރު އިސްކޮށް ހުރީ ޒީނާޒު. ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ މަފްހޫމް ސްކޫލްތަކަށް ތަޢާރަފް ކުރުމަށްޓަކައި މޮޑެލް ސްކޫލަކަށް ހާފިޒް އަހްމަދު ސްކޫލް ވެގެން ދިޔައިރު މި އައު ކޮންސެޕްޓް ގެ އެންމެ މަޤްބޫލް ސްކޫލަށް ހާފިޒް އަހްމަދު ސްކޫލް ވެގެންދިއުމަކީ ޒީނާޒް އިސްވެ ހުރެ ކުރެއްވި ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރާނެ ވަރަށް ގިނަ ބެލެނިވެރިންނާއި މުދައްރިސުން".  

ރާއްޖޭގައި އެއިރު ކޮންމެ އަތޮޅެއްގައިވެސް ޓީޗަރ ރިސޯސް ސެންޓަރ ގާއިމް ކުރިކަމަށާއި، އެސެންޓަރ ތަކަށް ކޯޑިނޭޓަރުން އައްޔަން ކުރިކަމަށް ޝެހެނާޒު ފާހަގަކުރެއްވިއެވެ. އެއިރު ސިސްޓަމް އޮތްގޮތުން ކޮންމެ ރަށެއްގެ އެއް ސްކޫލުގައި ސެންޓަރ ގާއިމްކުރާއިރު ހާފިޒު އަހްމަދު ސްކޫލަކީ އެސެންޓަރު ހުންނަންޖެހޭ ސްކޫލުކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ފެންވަރަށް އެތާގެ މަސައްކަތް ކުރިއަށްގެންދިއުމުގައި އިސްކޮށް ހުންނެވީ ޒީނާޒު ކަމަށާއި ނަތީޖާއެއްގެ ގޮތުން ތަޢުލީމީ މަރުކަޒުގެ ބަދަލުގައި އެސެންޓަރު ގާއިމްވެގެން ދިޔައީ ހާފިޒު އަހްމަދު ސްކޫލުގައި ކަމަށް ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ހިޔާގައި ފާހަގަކުރެވޭ މަސައްކަތެއް

ތަޢުލީމީ ދާއިރާގައި 19 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ޒީނާޒު މަސައްކަތް ކުރެއްވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައެވެ. މާލެ ވިލިނގިލީގައި ހިންގި ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމް ފުރުއްވިއިރު ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދެއްވިއެވެ.

  • ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ އިޖުތިމާއީ ރައްކާތެރިކަމަށް ވިސްނައިގެން ގަވާއިދުތައް ތަންފީޒުކުރެއްވި
  • ހިޔާގައި ދިރިއުޅޭ ކުދިންނަށް ދުޅަހެޔޮ މާހައުލެއް ގާއިމްކޮށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންނާއި ކުދިންނާއި ބެލެނިވެރިންނާއި އޮންނަ ގުޅުން ހަރުދަނާކުރެއްވި
  • މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދަވާ އާންމުންވެސް ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވާފައިވޭ
  • މިހާރު ޢަމަލު ކުރަމުންދާ، ސަރުކާރުން ބަލަހައްޓާ ކުދިންގެ ބެލެހެއްޓުން އެހެންފަރާތްތަކަށް ދިނުމަށް ބޭނުންކުރާ ފޮސްޓަރިން އުސޫލު ވުޖޫދަށް ގެނެސް ގިނަ ކުދިންތަކެއްގެ ބެލެހެއްޓުން ޢާއިލާތަކާއި ޙަވާލު ކުރުމުގެ މަސައްކަތް ފެށިގެން ދިއުމުގައި އަދާކޮށްފައިވާ ދައުރު ފާހަގަ ކުރެވޭ

މީގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައިވެސް ފާހަގަ ކުރެވޭ ގިނަ މަސައްކަތްތަކެއްގައި ޒީނާޒު އިސްދައުރެއް އަދާ ކޮށްފައިވެއެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމަށްޓަކައި މިނިސްޓްރީގައި ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ތެރެއިން، އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ޚިދުމަތް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ރެހެންދި އެވޯޑު ތަޢާރަފްކޮށް އެވޯޑު ދޭން ފެށުމާއި، ޖެންޑަރ އީކުއަލިޓީ ބިލް ވުޖޫދަށް ގެނެސް ބިލް ތަންފީޒު ކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވިއެވެ.

އެކީގައި މަސައްކަތްކުރި މުވައްޒަފަކު ދެކޭގޮތް:

ކުޑަކުދިންގެ ހިޔާގައި ޒީނާޒު އަރިހުގައި މަސައްކަތްކުރި އަލްއުސްތާޛާ އައިމިނަތު ޒިހާނާ ފާހަގަކުރެއްވިގޮތުގައި " ޒީނާޒު އަކީ ޓީމެއް ގޮވައިގެން އުޅެން އެންމެ ބެސްޓް ލީޑަރ އެއީ. ވަރަށް ކައިރިން މަސައްކަތްކުރެވުނު. އެންމެ ބޮޑަށް އެއިރު މަސައްކަތްކުރެއްވީ ގަވާއިދުތައް ފައިނަލް ކުރުމަށް. މުވައްޒަފުންނާއި ވަރަށް ގުޅޭނެ. މުވައްޒަފުންގެ އަޑުއަހާނެ. ކުދިންނަށްވެސް ވަރަށް ރަނގަޅުވާނެ. ވަރަށް އެކުވެރި މާހައުލެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުނު". ކަމަށެވެ.

އިޖްތިމާޢީ ޚިދުމަތުގެ ދާއިރާ: ޒީނާޒަކީ ވިމެން އިން ފުވައްމުލައް ( (WIF ވިފްގެ އެއް  ފައުންޑަރ

ޒީނާޒަކީ ވިމެން ފުވައްމުލަކު ނަމުގައި ހިންގަމުން އަންނަ ޖަމްއިއްޔާގެ އެއް ފައުންޑަރ މެންބަރެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރ ކޮށްގެން އަންހެނުން ބާރުވެރިކުރުމުގެ މަގްސަދުގައި ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ.

" ވަރަށް އެކްޓިވް ފައުންޑިންގ މެންބަރެއް. އެކިއެކި ދާއިރާތަކުން އަންހެނުން ތަމްރީން ކުރުމުގެ އިތުރަށް އަންހެނުން އެކިދާއިރާތަކަށް އަހުލުވެރިކޮށް ނެރުމަށް މަސައްކަތްކުރެވޭ މި ޖަމްއިއްޔާއިން. ތިމާވެށި، ސައިންސް އެންޑް ޓެކްނޮލޮޖީ، އިންޖިނޭރިންގ އެންޑް މެތަމެޓިކްސް ފަދަ ދާއިރާތައް ޒުވާނުންވެސް ހިމެނޭގޮތަށް އިސްކަންދީގެން މަސައްކަތްކުރިއަށް ގެންދަނީ.

މިހާރުވެސް ޑައިވް ތަމްރީނެއް ފުވައްމުލަކުގައި އެބަކުރިއަށްދޭ. ކުނީގެ މައްސަލައަށް ހައްލު ހޯދުމަށްވެސް މަސައްކަތް އެބަކުރެވޭ. ވަރަށް ބޮޑަށް ވިޔަފާރީގައި އަންހެނުން ބާރުވެރިކުރުމަށް ހިންގާ ޕްރޮޖެކްޓެއް މިއީ. ޒީނާޒުގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭ ޕްރޮޖެކްޓްތައް ރާވާ ހިންގުމުގައި". ފުވައްމުލަކުގައި އޮފީހެއް ހުޅުވައިގެން މިމަސައްކަތް ކުރަމުން އަންނަ ވިމެން ފުވައްމުލަކުގެ ޓީމުގެ ފަރާތުން އާދަމް އިޝާމް މައުލޫމާތު ދެއްވިއެވެ.

ޒީނާޒު ރައްޔިތުންގެ މަޖިލީހަށް

2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ޒީނާޒު ވަނީ ނިންމަވާފައެވެ.

" ތަޢުލީމީ ދާއިރާގައި މަސައްކަތްކުރި އިރުއްސުރެ ދާއިރާގެ ކުރިމަގު ބިނާ ކުރުމުގައި ފުޅާ ދާއިރާއެއްގައި އަޅުގަނޑުގެ ބައިވެރިވުން ދެވޭނެގޮތްތަކާއި މެދު އަބަދުވެސް ފިކުރުކުރެވޭ! އެގޮތުން އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑުމެންފަދަ ތަރައްޤީވަމުން އަންނަ ޑިމޮކްރަސީއެއްގައި، ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅިފައި ހުރި ގިނަ ކަންތައްތަކަކީ ރައްޔިތުންގެ އަޑު ގާތުން އަހާ އެ އަޑުތަކުގެ މައްޗަށް ޤާނޫނުތައް ފަރުމާކޮށް، ގޮތް ނިންމާ ކަންކަމަށް ވާންޖެހޭނެ ކަމަށް! ދާއިރާގެ ރައްޔިތުން ތަމްޞީލް ކުރުމުގައި އަޅުގަނޑަށް ދާއިރާގެ ރައްޔިތުންނާއި ގާތުން މުހިންމު އަދި ތަފާތު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން މި ކަމުގައި ކުރިޔަށްދާން ނިންމީ..! މި ކަމުގައި އަޅުގަނޑުގެ އަޒުމް ވަރަށް ވަރުގަދަ! އަދި އޮތީ އިޚްލާޞްތެރި މަސައްކަތެއް ކޮށްދިނުމުގެ އުންމީދު!  ޒީނާޒު ވިދާޅުވިއެވެ.

ޒީނާޒު އަކީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ އިތުރަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ. ޕީޕީއެމް/ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ޒިންމާވެސް އަދާކުރައްވަމުން އަންނަ ޒީނާޒު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ އަންހެނުންނަށް ޚާއްސަ ބައިތައް އެކުލަވާލުމުގައި ވެސް އިސްދައުރެއް އަދާކުރެއްވި ކަނބަލެކެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެވިޑް ކޮލެޖުގެ 'ކަރިކިއުލަމް ޑައިރެކްޓަރ' ގެ މަގާމްގައެވެ. އިންޓަވިއު ނިންމާލަމުން ވަނީ ވަޒީފާގެ ދާއިރާގައި މިހޭދަވި 30 ވަރަކަށް އަހަރު ދުވަހު އެކި ދާއިރާތަކުގައި އެކީގައި މަސައްކަތް ކުރެވުނު އެންމެހާ ފަރާތްތަކާއި އާއިލާގެ މީހުންގެ ފަރާތުން އެލިބުނު އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.   

+1
3
+1
1
+1
2
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް