May 20, 2024 19:46
Advertisement

-Advertisement-

އަލް އަޤްސާއަކީ އަމާނާތެއް، މި މިސްކިތް ރައްކައުތެރިކުރުން މުހިންމު- ހުކުރު ޚުޠުބާ

ފަލަސްޠީނަކީ އެތައް ނަބީ ބޭކަލުންނާއި، ރަސޫލު ބޭކަލުންނެއް ދިރިއުޅުއްވި ބިމެވެ. ސަލާމްލެއްވި އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި، ޔޫސުފުގެފާނާއި، ލޫޠުގެފާނާއި، ދާވޫދުގެފާނާއި ސުލައިމާނުގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި ޢީސާގެފާނު އުޅުއްވީ މިބިމުގައެވެ. ކީރިތި ޤުރްއާނުގައި ނަންގަނެވިގެން ނުވާ އެތައް ނަބީންނަކާއި، ރަސޫލުންނެއްވެސް މިބިމުގައި އުޅުއްވިއެވެ. އެއީ މާތް ﷲ ރުއްސުންލެއްވި ޢުބާދަތު ބުނުއް ޞާމިތާއި، އުސާމަތު ބިން ޒައިދު ބިން ޙާރިޘާ ފަދަ ކީރިތި ރަސޫލާ ﷺ އެތަކެއް ޞަޙާބީންނެއް ދިރިއުޅުއްވި ބިމެވެ.

އިޒްރޭލުގެ ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް އަޅަމުންދާ ނުރައްކާތެރި ބޮންތަކުގެ ސަބަބުން ކޮންމެ ދިހަ މިނިޓަކުން ކުޑަކުއްޖަކު ޝަހީދުވެއެވެ. އެބައިމީހުން ވަނީ ޣައްޒާގެ ގެދޮރާއި ކަރަންޓު ވިއުގަތަކުގެ އަށްޑިހަ ޕަސެންޓް ސުންނާފަތި ކޮށްލާފައެވެ. ފަލަސްޠީނަކީ އިސްލާމީ ބޮޑެތި ޢިލްމުވެރީންގެ ޢިލްމީ ފޮތްތަކާއި ބޮޑެތި މަދަރުސާތަކުން ޒީނަތްތެރިވެފައިވާ ރަށެކެވެ.

ފަލަސްޠީނަކީ އިސްލާމީ އެތައް ޒަޢީމުންނެއް އެ ބިމަށްޓަކައި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބިމެކެވެ. އެބިމުގެ މިނިވަންކަމަށްޓަކައި އިސްލާމީ އެތައް ބަޠަލުންނެއް ޝަހީދުވެ ވަޑައިގެންފައިވާ ބިމެކެވެ.

Advertisement

ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ޢަޤީދާއާއި ދީނާ ގުޅިފައިވާ މާތް ﷲ ގެ ގެކޮޅެވެ. ޣައްޒާއަކީ މާތް ރަސޫލާ ﷺ އިސްރާކުރެއްވި މަސްޖިދުލް އަލްއަޤްޞާ ހުންނަ ފަލަސްޠީނުގެ ބައެކެވެ. މަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުގައި ވެސް ސަތާރަވަތަކަށް މަސްދުވަހު މަސްޖިދުލް އަޤްސާއަށް ކުރިމަތިލައްވައި ނަމާދުފުޅު ކުރެއްވިއެވެ. ކަޢުބަތު ﷲ ގެފުޅަށް ޤިބްލަ ބަދަލުކުރެވުނީ އޭގެ ފަހުންނެވެ. މުސްލިމުންގެ ހިތްތަކުގައި އަލްއަޤްޞާގެ ދަރަޖައާއި މަތިވެރިކަން ބިންވަޅު ނަގައިދިނީ ކީރިތި ރަސޫލާ ﷺ ގެ އިސްރާގެ ދަތުރުފުޅެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާގެ ބަސްފުޅުން މުސްލިމުންގެ ބޮލުގައި ވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަޅުއްވާފައެވެ. އެއީ މި މުޤައްދަސް މިސްކިތާއި ގުޅޭ މީހުންނާއި، މި މިސްކިތުގެ ޙުރްމަތްކަނޑާ މީހުންގެ ކިބައިން މި މިސްކިތް ރައްކައުތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތެވެ. އަލް އަޤްސާއަކީ ﷲ ސުބުހާނަހޫ ވަތަޢާލާ މި އުއްމަތާއި ހަވާލު ކުރައްވާފައިވާ އަމާނާތެކެވެ. އެއީ މުސްލިމުންގެ އީމާންކަމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ހޭލުންތެރިކަން މިނެދޭ ތަރާދެކެވެ. މި އުއްމަތް ﷲ ގެ ރަސޫލާ ﷺ އަށް ވަފާތެރިވާ މިންވަރު ވަޒަންކުރާ ތިލަފަތެކެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމީ އުއްމަތަށް ނަޞްރުދެއްވާނދޭވެ! މި އުއްމަތުގެ ޢަދުއްވުން ނިކަމެތި ކުރައްވާނދޭވެ! މި އުއްމަތުގެ މުޤައްދަސާތުތައް ޠާހިރު ކުރައްވާނދޭވެ! އާމީން

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް