May 20, 2024 20:02
Advertisement

-Advertisement-

އިސްލާމީ މަތިވެރި އަޚްލާޤާއި އީމާންކަމުން ބަބުޅާ ހިތްތަކަކީ ނަސީބުވެރީން، އާޚިރަތުގެ ބާއްޖަވެރީން- ހުކުރު ޚުތުބާ

ޤިޔާމަތް ދުވަހުން ސަލާމަތްކަމާއި އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުންނެވެ. ﷲ ގެ ފޮތަށް ބަލާއިރު ހިތްތަކުގެ ހާލަތްތަކެއް ބަޔާންކުރައްވާފައި ވެއެވެ. އެއް ހާލަތަކީ ސަލާމަތުންވާ ހިތެވެ. އޭގެ މާނައަކީ އެ ހިތުގައި ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތް، ނިފާޤުގެ އެއްވެސް އަސަރެއް ނެތް، ޝަހުވަތްތަކާއި، ފުރެދުންތަކުން އެއްކިބާވެފައިވާ ހިތެވެ.

ހިތްތަކުގެ އަނެއް ހާލަތަކީ، ﷲ އަށް ކާފިރުވެ ﷲ ގެ ބަސްފުޅުތަކަށް އުރެދުމުގެ މަތީގައި މަރުވި ހިތެވެ. ހިތްތަކުގެ ދެން އޮތް ހާލަތަކީ ބަލިމަޑުކަމުގެ ހާލަތުގައިވާ ހިތެވެ. އެއީ އީމާންކަންމަތީ ސާބިތުވެ ނޯވެވި، މުނާފިޤުކަން އެ ހިތުގައި އެނބުރޭ ހިތެވެ. މުށްވަރެއްހައި ކުޑަކުޑަ މި ބިންކޮޅުގައި އީމާންކަމުގެ ގަސް އިންދައި މަތިވެރި އަޚްލާޤުގެ ކާދުން އެ ގަހަށް ކާންދީ، އިޚްލާސްތެރިކަމުން ފެންދީ ހައްދައިފިނަމަ އެގަހުގައި އަޅާ މޭވާ ފޮނިވާނެއެވެ. ބަސްތަކާއި، އަމަލުތައް ރިވެތިވާނެއެވެ. މިއާ ޚިލާފަށް އެބިމުގައި ކުފުރުގެ ގަސް އިންދައި އުރެދުންތެރިކަމުގެ ފެނުން ފެންދީފިނަމަ އެ ގަހުގައި އަޅާނެ މޭވާއަކީ ނުބައި އަމަލުތަކެވެ. އެ ގަސް ވާނީ ޖަހަންމައިގެ ދަރަށެވެ. މި ދަރުން އެންމެ ފުރަތަމަ އަނދައިގެން ދާނީ މި ގަސް އިންދި މީހާގެ އަތެވެ.

އިސްލާމީ މަތިވެރި އަޚްލާޤާއި އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގައި ނަސީބު ވެރީންނެވެ. އެއީ އާޚިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމް ދީން ތަމްސީލު ކުރާ ހެޔޮ ނަމޫނާތަކެވެ.

Advertisement

އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާ ތަނަކީ ހިތެވެ. ޖަޒާ ލިބުން އޮތީ ހިތުގެ ރަނގަޅުކަމާއި ނުބައިކަމުގެ މައްޗަށެވެ. އެހެންކަމުން ކޮންމެ އިންސާނަކުވެސް އޭނާގެ ހިތް ރަނގަޅުކޮށް އިސްލާހު ކުރުމަށާއި ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރަން ވާނެއެވެ. މި ހިތް އިސްލާހު ކުރަންވާނީ އޭނާގެ ދުނިޔެއާއި އާޚިރަތް ރަނގަޅު ކޮށްދޭނެ މަންހަޖަކާ އެއްގޮތަށެވެ.

" މި މަންހަޖު ބިނާވެފައިވަނީ، އަންނަނިވި ކަންކަމުގެ މަތީގައި. ފުރަތަމަ ކަމަކީ ފިތުނަ ފަސާދައިން މި ހިތް ހިމާޔަތްކޮށް ރައްކައުތެރި ކުރުން. ﷲ އަށް އުރެދުމުން މި ހިތް ރައްކައުތެރި ކުރުން. ތެދުމަގުގައި މި ހިތް ދެމެހެއްޓުން. ދުނިޔެއަށް ހެއްލުންތެރި ނުވުން".

ހިތް ގައުވިޔަ ނުދިނުމަށްޓަކައި އެ ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާދޭންޖެހެއެވެ. އެއީ ﷲ ހަނދުމަ ކުރުންމަތީ ދެމިހުރުމެވެ.

ތިބާގެ ހިތް ސަލާމަތްވެގެންވާ އެއްޗަކަށް ހެދޭނީ، އެ ހިތް ޝިރުކުރުން ޠާހިރު ކޮށްގެންނާއި، ބިދުޢަތަކުން އެ ހިތް ސަލާމަތް ކޮށްގެންނާއި، ޣަފްލަތްތެރިކަމުން އެ ހިތް ސަލާމަތް ކޮށްގެންނާއި، ޝަހްވަތްތަކާއި ދުރުހެލި ކޮށްގެންނާއި، އިޚްލާސްތެރިކަން ނައްތައިލާ ހަވާނަފްސުން އެ ހިތް ސަލާމަތް ކޮށްގެންނެވެ.

މައުލޫމާތު: ހުކުރުޚުތުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް