May 20, 2024 22:06
Advertisement

-Advertisement-

ބަލިމަޑުކަމަކީ އިމްތިހާނެއް، ކެތްތެރިވާ މީހާއަށް ޘަވާބާއި ދަރުމަ ލިބިގެންވޭ- ހުކުރު ޚުތުބާ

އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. މިފަދަ ބައެއް ޙައްޤުތައް ބަޔާންކޮށްދެއްވައި ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. މާނައީ: " ކޮންމެ މުސްލިމަކު އަނެއް މުސްލިމާއަށް އަދާކޮށްދޭންޖެހޭ ހަ ޙައްޤެއް ވެއެވެ". ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ޙައްޤުތަކެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. " އެއީ އޭނާއާ ބައްދަލުވެއްޖެނަމަ އޭނާއަށް ސަލާމް ގޮވައިލުމާއި، އޭނާ ދަޢުވަތެއް ދީފިނަމަ އިޖާބަ ދިނުމާއި، އޭނާ ނަސޭހަތަކަށް އެދިއްޖެނަމަ އޭނާއަށް ނަސޭހަތްދިނުމާއި، އޭނާ ކިނބިއްސެއް އަޅައި ﷲ އަށް ޙަމްދު ކޮށްފިނަމަ، އޭނާއަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރުމާއި، އޭނާ ބަލިވެއްޖެނަމަ އޭނާއަށް ގޮވައިލަން ދިޔުމާއި، އޭނާ މަރުވެއްޖެނަ، އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ.

ބަލިމީހާ އަށް ގޮވައިލަން ދިޔުމުގެ މާތްކަމާއި، ޘަވާބާ ބެހޭ ގޮތުން ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ބަލި މީހަކަށް ގޮވައިލަން ހަވީރުގެ ވަގުތެއްގައި މީހަކު ދިޔަނަމަ އެމީހަކަށް ފާފަފުއްސަވައި ދެއްވުމަށް އެދި، ހަތްދިހަ ހާސް މަލާއިކަތުން ހެނދުނު ވަންދެން ދުޢާ ކުރައްވާނެތެވެ. އަދި ބަލި މީހަކަށް ގޮވައިލަން ހެނދުނުގެ ވަގުތެއްގައި މީހަކު ދިޔަނަމަ އެމީހަކަށް ފާފަފުއްސަވައިދެއްވުމަށް އެދި ހަތްދިހަ ހާސް މަލާއިކަތުން ހަވީރު ވަންދެން ދުޢާ ކުރައްވާނެތެވެ. އެމީހަކު ހުންނާނީ ސުވަރުގޭގެ ބަގީޗާތަކުގައެވެ".

ދުނިޔޭގައި ކޮންމެ އިންސާނަކުވެސް ބަލިވާނެއެވެ. ތަދާއި ވޭނާއި، ކެކުޅުން ފަދަ ކަންކަމަކީ މާތް ﷲ ކުރިމަތިކުރައްވާ އިމްތިހާނުތަކެވެ. މިކަންކަން ތަހައްމަލުކުރަން ނުޖެހޭ އެއްވެސް މީހަކު ނުވާނެއެވެ. ބަލިމަޑުކަމާއި ކުރިމަތިވުމުން ނޫނީ، ދުޅަހެޔޮކަމާއި އާފިޔަތުގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ. އިންސާނާއާ ކުރިމަތިކުރައްވާ ބޮޑެތި އިމްތިހާނުތަކާއި މުސީބާތްތަކުގެ ތެރޭގައި ބަލިވުން ހިމެނެއެވެ. މާތް ﷲ އަށް އަދާކުރަން ޖެހޭ ވާޖިބުތަކާއި ތިމާ އަދާކުރަންޖެހޭ ޙައްޤުތައް އަދާ ކުރެވޭނީ ސިއްޙަތާއި ދުޅަހެޔޮކަން ލިބިގެންނެވެ. އެހެންކަމުން ސިއްޙަތާއި ދުޅަހެޔޮކަމަކީ މާތް ﷲ ދެއްވާ އަގު ބޮޑު ނިޢުމަތެކެވެ.

Advertisement

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ " ވަރަށް ގިނަ ބަޔަކު އެކަމާމެދު ފަރުވާ ކުޑަކުރާ ދެ ނިޢުމަތެއް ވެއެވެ. އެއީ ސިއްޙަތާއި ހުސް ވަގުތެވެ". މިބަސްފުޅުން ދޭހަވާ ގޮތުގައި ވަރަށް ގިނަ ބަޔަކު އެމީހުންގެ ސިއްޙަތުންނާއި ހުސް ވަގުތުން ފައިދާ ނުހޯދައެވެ. އެމީހުންނަށް ސިއްޙަތާއި ހުސް ވަގުތު ލިބިފައި ވިޔަސް ފައިދާ ހުރި ކަންކަމުގައި އެ ނިޢުމަތްތަކުގެ ބޭނުމެއް ނުކުރެއެވެ. ﷲ ގެ ޙަޟްރަތާ ކުއްތަން ވުމަށްޓަކައި، ސިއްޙަތާއި ވަގުތުތައް ބޭނުން ކުރުމުގެ ބަދަލުގައި ސިއްޙަތާއި ވަގުތުގެ ބޭނުންކުރަނީ ބޭކާރު ކަންކަމުގައެވެ. ދީނަށާއި، ވަޠަނަށާއި، އެމީހުންގެ އާއިލާތަކަށް މަންފާއެއް ނެތް ކަންކަމުގައެވެ.

ބަލިމީހުންނަށް ގޮވައިލަން ދިޔުމަކީ އެކަމުގައި ގިނަގުނަ ފައިދާތަކެއް ހިމެނޭ ކަމެކެވެ. އެއީ ނުހަނު ދަރުމަ ހުރި ކަމެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ " ބަލިމީހާ އަށް ގޮވައިލަންދާ މީހާ އެވަނީ ސުވަރުގޭގެ ޚުރުފަތުގައެވެ". ދެންނެވުނެވެ. ޚުރުފަތަކީ ކޮން އެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ ސުވަރުގޭގެ މޭވާއެވެ".

ބަލިމަޑުކަމަކީ މާތް ﷲ އަހަރެމެންނާ ކުރިމަތިކުރައްވާ އިމްތިހާނެކެވެ. އަޖުމަ ބެއްލެވުމެކެވެ. އެކަމަށް ކެތްތެރިވާ މީހާއަށް މަތިވެރި ޘަވާބާއި ދަރުމަ ލިބިގެން ވެއެވެ.

ބަލިމީހާ އަށް ގޮވައިލަން ދިޔުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭނޭ ކަމެކެވެ. އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙު އާލާވާނެ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާގެ ވޭންތަކަށާއި، ކެކުޅުންތަކަށް ލުއިކަމެއް ލިބޭނެއެވެ. ބަލީގެ ސަބަބުން ލިބިފައިވާ ނިކަމެތިކަން ކުޑަވާނެއެވެ. އޭނާއަށް އަޅައިލާ ބަޔަކު ތިބިކަން އެނގި، އޭނާގެ މާނަވީ ބާރު އިތުރުވާނެއެވެ.

ބަލިމަޑުކަން ކުރިމަތިވެ އިންސާނާގެ ނަފްސު އިމްތިޙާނު ކުރެއްވުމަކީ އޭނާގެ ނަފްސު ޠާހިރުކޮށްދޭނެ ކަމެކެވެ. އޭނާގެ ނިކަމެތިކަމާއި، އާރެއް ބާރެއް ނެތްކަމުގެ އިހްސާސް އޭނާއަށް ކުރެވޭނެ ކަމެކެވެ. ބޮޑާކަމާ ދުރުހެލިކުރުވާނެ ކަމެކެވެ. ބަލިމީހާ އަށް ގޮވައިލަން ދިޔުމަކީ ﷲ ގެ ޙަޟްރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއްކަން ހަނދާންކުރާށެވެ! ބަލިމީހާ އަށް ގޮވައިލަން ގޮސް އޭނާ ކައިރީގައި ތިބާގެ ނަފްސަށާއި އޭނާއަށް ހެޔޮ ދުޢާކުރާށެވެ. ބަލިމީހާ އަށް ގޮވައިލާން ދާން ވާނީ އޭނާއަށް އުދަނގޫ ނުވާނެ ވަގުތުތައް ބަލައިގެންނެވެ.

 

މައުލޫމާތު: ހުކުރުޚުތުބާ 

+1
0
+1
1
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް