May 13, 2024 09:37
Advertisement

-Advertisement-

ސިޔާމާ: ކެންސަރު ބަލީގައި ފައިބުރިކުރުމަށްފަހު ޖެހި ފައިގެ ބޭނުންނުކުރެވި އެދެނީ ދީލަތި އެހީއަށް!

ދިވެހިރާއްޖޭގައި ވެސް ތަފާތު ބަލިތަކުގެ ފަރުވާގައި ހިތްދަތި ތަޖުރިބާތަކެއް ކުރަމުންދާ ހިތްވަރުގަދަ މީހުން އެބައުޅެއެވެ. މިފަދަ ފަރުވާތައް ފުރިހަމަކުރާއިރު ސަރުކާރުން ލިބޭ އެހީގެ އިތުރަށް އަމިއްލަ ފޯރުންތެރިކަން ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. 'ޒީޓައިމްސް' އިން މިފަހަރު މިގެނެސްދެނީ ވަރަށް ފަގީރު ހާލަތުގައި ދިރިއުޅެމުންދިޔަ އާއިލާއަކަށް ދިމާވި ހިތްދަތި ކަންތައްތަކެއްގެ ވާހަކައެވެ. އަދި އެ އާއިލާއަށް އެހީތެރިކަން ބޭނުންވާ ސަބަބުތަކެވެ.

ސިޔާމާ ޒަރީރު ގދ. ތިނަދޫ/ ސްލިޕްގެ

އުމުރުން 40 އަހަރުގެ ސިޔާމާ އަށް ކެންސަރު ޖެހުނުކަން އެނގުނީ ފަޔަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން ފަރުވާކުރާތާ ދުވަސްތަކެއް ފަހުންނެވެ. ރަށުގައި އުޅުނުއިރު މީގެ 5 އަހަރު ކުރިން ދޮންމަދު ހޮވުމަށް ގޮސްގެން އުޅެނިކޮށް ވެއްޓި ފަޔަށް ލިބުނު އަނިޔާއަށް ފަރުވާ ދެވޭނެ ގޮތެއް ނެތިގެން ވަގުތު ފާއީތުވީއެވެ.

Advertisement

" ތަނަވަސްކަން ނެތުމުން ފުރަތަމަ ފަރުވާކުރީ ތިނަދޫ ހޮސްޕިޓަލުން. ފައިގެ ތަދު ބޮޑުވެ ހިނގަން އުދަގޫވުމުން އާސަންދައިގެ އެހީގައި މާލެ ދިޔައީ. ފުރަތަމަ ޑޮކްޓަރުން ހީކުރީ ފައިގައި ހުރީ ސިސްޓެއްކަމަށް. އޮޕަރޭޝަން ކުރަން ނިންމުމަށްފަހު އިތުރަށް ޝައްކު ކުރެވޭތީ އެމްއާރުއައި ހެއްދީމަ އެނގުނީ ޓިއުމަރެއްކަން ހުރީ އަދި ފަޔަށް ކެންސަރ ޖެހިފައި ހުރިކަން".

 އިންޑިއާ އަށް ގޮސް ވައަތުފައިގެ ކަކުލުންމަތި ބުރިކުރީ 2023 ވަނަ އަހަރު ޖެނުއަރީގަ އެވެ. އެއިރު ޓިއުމަރުގައި 9.5 ސެންޓިމީޓަރ ހުރިއިރު، މުޅި ހަށިގަނޑަށް ކެންސަރު ފެތުރިދާނެކަމުގެ ބިރު އޮތެވެ.

" ޑޮކްޓަރު ވިދާޅުވި ފައިބުރިނުކޮށްވެސް ޓިއުމަރު ނެގިދާނެ ކަމަށް. އެކަމަކު ކެންސަރު ފެތުރިދާނެކަމުގެ ބިރު އޮތުމުގެ އިތުރަށް ޓިއުމަރު ހުރީ ނާރާއި ގުޅިފައިކަމަށްވުމުން އޮޕަރޭޝަނަށްފަހު އެފައިގެ ވާގިދާނެކަމަށް ބުނީ. ފައިބުރިކުރުމަށްފަހު ޕެޓް ސްކޭން ހެދިއިރު ހުރީ ފުއްޕާމެއަށްވެސް ކެންސަރުޖެހިފަ".

ސިޔާމާގެ ހާލަތާއި ގުޅޭ ޑޮކްޓަރުގެ ލިޔުން

ސިޔާމާގެ އާއިލާއަށް ލިބެމުންދިޔަ ހިތްދަތިކަން ދިޔައީ އިތުރުވަމުންނެވެ. ކެންސަރުގެ އިތުރަށް ހިތުގެ ބައްޔަކަށްވެސް ފަރުވާ ހޯދަން ޖެހުނީއެވެ. ފައިގެ އޮޕަރޭޝަނާއެކު ހިތުގެ ވޭލް ބަދަލުކުރުމުގެ އޮޕަރޭޝަންވެސް ކުރެވުނެވެ. މުޅި މީހާ ނަފްސާނީ ބަލިމަޑުކަމަކަށް ދިޔައެވެ. ރުޅިގަދަވެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަތިވާހިސާބަށް ދިއުމުން އިންޑިއާގައި ދިޔައީ މިހުރިހާކަމަކަށް ފަރުވާ ހޯދަމުންނެވެ. މިހިތްދަތި ދަނޑިވަޅުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭން އިންޑިއާގައި ހުރީ (ނަން ހާމަކުރުމަށް ބޭނުންނުވާ) ހެޔޮއެދޭ އެކުވެރިއަކާއި ސިޔާމާގެ ފިރިމީހާއެވެ. ސިޔާމާގެ އާއިލާއަށް ވޭތުވެދިޔަ 1 އަހަރު ކައިރީގައި ހުރެގެން އެހީތެރިކަން ފޯރުކޮށްދޭ އެކުވެރިއާގެ ނަން އަހާލުމުން ބުނީ މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދޭ ކަމެއް ކަމަށެވެ.

ސިޔާމާގެ މަންމައާއި 2 ކުދިން

އެހީއަށް އެދުން ނޫންގޮތެއް ނެތް- ސިޔާމާގެ ފިރިމީހާ އަބްދުއްސަމަދު

ސިޔާމާގެ ފިރިމީހާ ވަނީ އެއާއިލާގެ ފަގީރު ދިރިއުޅުން ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. 3 ކުދިން ހިމެނޭ މި އާއިލާގެ ދޮށީދަރިފުޅު ހުރީ މާލޭގައެވެ. ދެވަނަ ދަރިފުޅު މިއަހަރު ގްރޭޑް 10 ނިމުނުއިރު 3 ވަނަ ދަރިފުޅު އުޅެނީ ގްރޭޑް 7 ގައެވެ. ސިޔާމާގެ އުމުރުން ދުވަސްވީ މަންމަ ކައިރީގައި 2 ކުދިން ދިރިއުޅެމުން އަންނައިރު ސިޔާމާގެ ފަރުވާގެ ކަންތަކުގައި ރަށުން ބޭރުގައި ސަމަދު އުޅޭތާ އަހަރު ދުވަސްވީއެވެ. ސިޔާމާއަކީ އެއްބަނޑުއެއްބަފާ އެހެން މީހަކު ހުރި މީހެއްވެސް ނޫނެވެ. ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ސަމަދަކަށް ނެތެވެ. މިއީ ތިނަދޫގައި އެންމެ ހާލުގައި އުޅޭ އެއް އާއިލާއެވެ. ދިރިއުޅެނީ ކުޑަކުޑަ ތަންކޮޅެއްގައެވެ. ފޮޓޯއިން ހާލަތު ސިފަވާނެއެވެ.

ސިޔާމާގެ އާއިލާ ރަށުގައި ދިރިއުޅޭ ގެ

" ރޯދަމަހު ޖަމްއިއްޔާއަކުން އެހީތެރިވި އާއިލާއަށް. އަދި ނޫހުގައި ޖަހައިގެން ލިބުނު އެހީގައި މިހާހިސާބަށް އިތުރު ހަރަދުތައް ކުރަމުންއައީ. ލާރިހޯދަން ދެވެން ނެތް އަނބިމީހާ މިހާލުގައި ދޫކޮށްފަ. ބަލިމީހާ ބަލަންވެސް ހުރީ އަހަރެން. ރަށުގައި މީހަކު ބަލިވިއަސް ބަލަން ހުރީ އަހަރެން. ލާރިހޯދަންވެސް ހުރީ އަހަރެން. ދެން ކީއްކުރާނީ...". ސިޔާމާގެ ފިރިމީހާ ހިތްދަތިކަމާއެކު ކިޔައިދިނެވެ.

ކިމްސްއިން ޖެހި ފައި

ކިމްސް ހޮސްޕިޓަލުން ޖެހިފައި ބޭނުމެއް ނުކުރެވުނު

ވަގުތީގޮތުން ޖެހިފައި ބަރުކަމުން އެޖަހައިގެން ނުހިނގޭކަމަށް ސިޔާމާ ވަނީ ބުނެފައެވެ. އޭނާގެ ހަށިގަނޑުގައި އެފައި އުފުއްލާނެހާ ހިތްވަރެއް ނެތީއެވެ.

" މިއީ ދަގަނޑުން ހަދާފަހުރި ފައެއް. އަދި ކޮންމެފަހަރަކު މިފައިގެ ބެލްޓް އުނަގަނޑުގައި އެއްސެނީވެސް މީހެއްގެ އެހީތެރިކަމާއެކު. ފައިނުވެސް ލެންބޭ އަތުން ހިފަހައްޓައިގެން ވަރަށް އުދަގުލުން ނޫނީ. އެހެންވެ މިފައިޖަހައިގެން ނުއުޅެވޭ" ސިޔާމާ ވަރަށް ދެރަވެފަ ބުންޏެވެ.

ހަކުރުމަތިވުމުން ކީމޯ ދިނުން ވަގުތީގޮތުން ހުއްޓާލުމަށްފަހު ފަރުވާ ހޯދަނީ ހަކުރު ދަށްކުރެވޭތޯއެވެ.

" 10.5 ކީމޯ ނިމިއްޖެ. ބާކީހުރީ 1.5، ރޯދަމަހަށްފަހު ރާއްޖެގޮސް ކީމޯ ދެވޭތޯ ބެލިން. އެކަމަކު އިންފެކްޝަނާއިހުރެ ކީމޯ ނުދެވި އެންމެފަހުން ފުރަގަސްފަރާތުން ލޭ އަންނަން ފެށީމަ އިންޑިއާއަށް އައިސް ކީމޯ މިދެނީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުން. ދުވާލަކު 1500 ރުޕީސް ހުރުމާއި ކެއުމަށް އެކަނިވެސް އެބަހޭދަވޭ. އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވުނަސް ދެންހުރި ޚަރަދުތައް މިކުރަނީ އަމިއްލައަށް ހެޔޮއެދޭ މީހުންގެ ފަރާތުން ލިބުނު އެހީއިން".

ފައިޖެހުމަށް ހޭދަވާނެ ޚަރަދު ބަޔާންކޮށް ދީފައިވާ ލިޔުން

ސިޔާމާގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި ކީމޯއާއި އެހެނިހެން ފަރުވާ އާސަންދައިން ލިބުނު ކަމުގައިވިއަސް ފައިޖެހުމަށް މިހާތަނަށް އެންސްޕާއިން އެހީ ނުލިބެއެވެ.

ސިޔާމާ އަލަށް ޖަހަން ބޭނުންވާ ފައި ހެދުމަށް 7000 ޑޮލަރު ޚަރަދުވެއެވެ.

" އަލަށް ހަދަން އުޅޭ ފަޔަކީ ސްވިޗަކަށް ފިތާލުމުން ކަކުލުން ލެންބޭގޮތަށް ވަރަށް ލުއިކޮށް ހުންނަ ފަޔެއް. ފަސޭހައިން ގެންގުޅެވޭނެ ފަދަ ފަޔެއް. ފައިބުރިކޮށް މިހާލަތުގައި އުޅޭތާ 9 މަސްވީ. އަޅުގަނޑު އެދެނީ ހެޔޮއެދޭ ފަރާތްތަކުން ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް. އެއީ ދިވެހި ރުފިޔާއިންނަމަ 1 ލައްކަ ރުފިޔާ". ހިތްދަތިކަމާއި އާދޭހާއެކު ސިޔާމާ ފާހަގަކުރިއެވެ.

ލޯބިވާދަރިންނާއި އުމުރުން ދުވަސްވެފައިވާ މަންމަ ކައިރިއަށް ރަށަށް ދިއުމަށް ކެތްމަދުވެފައިހުރި ސިޔާމާގެ ފަރުވާ ފުރިހަމަކޮށް އަމިއްލައަށް އުޅެވޭނެ ގޮތެއް ވޭތޯ ފައެއްޖެހުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް މިއާއިލާއަށް އެހީތެރިވެދެމާތޯ އެވެ.

ސިޔާމާގެ ދެމަފިރިން

ނޯޓް: ޒީޓައިމްސް އިން މި ރިޕޯޓް އާންމުކުރި ދުވަހުގެރޭ އެންސްޕާއިން ވަނީ ސިޔާމާގެ ފައި ޖެހުމަށް ބޭނުންވާ އަދަދަށް އެހީ ހަމަޖައްސައިދޭނެކަން އެހީތެރިޔާއަށް އަންގާފައެވެ. އަދި ޒީޓައިމްސް އަށް ވެސް ގުޅާ އެންސްޕާއިން ވަނީ އެހީ ހަމަޖައްސަން ނިންމާފައިވާކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެހެންވުމުން މި ރިޕޯޓުގައި ކުރިން ގެނެސްދީފައިވާ މޮބައިލް ނަންބަރާއި އެކައުންޓް ނަންބަރުތައް ވާނީ އުނިކޮށްފައެވެ.

+1
1
+1
1
+1
1
+1
2
+1
3
+1
1
+1
35

Advertisement

ގުޅުންހުރި ލިޔުންތައް