May 13, 2024 00:28
Advertisement

-Advertisement-

ޣައްޒާ ފަންޑަށް ލިބުނު ފައިސާގެ އަދަދު/ ފޮޓޯ: އައިއޭސީ

ޣައްޒާ ފަންޑަށް 23 މިލިއަން ރުފިޔާ އާއި 13ހާސް ޑޮލަރު: ފަލަސްޠީނަށް އެހީވުމުގައި ދިވެހިން ނަމޫނާ ދައްކައިފި!

އިސްރާއީލުގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާ އަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 8000 އާއި ކައިރިކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ. އަދި 18000 މީހުން ޒަޚަމްވެފައިވާއިރު 1600 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްވެސް ދަނީ ހުއްޓާނުލާ ކުރިއަށެވެ. ޝަހީދުވެފައިވާ ބައެއް މީހުންގެ ގުނަވަންތައް ވަކިވެ ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ މަންޒަރު ފެންނައިރު ހޮސްޕިޓަލުތައް ވަނީ ޒަޚަމްވެފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުންގެ ހަށިތަކުން ފުރިފައެވެ.

ޔަހޫދީން ދެމުންދާ ބޮމުގެ ހަމަލާތައް

ޔަހޫދީން ދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ހޮސްޕިޓަލުތަކަށް އަމާޒުކޮށްގެންވެސް ހަމަލާތައް ދެމުންނެވެ. މިހަލަމާތަކުގައި އިމާރާތްތައް ވެއްޓި ވަގުތީ ހިޔާތަކުގައި ގިނައަދަދެއްގެ މީހުން ދިރިއުޅޭއިރު ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް ވަނީ ދަތިވެފައެވެ. ހުއްޓާނުލާ ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ހިތާމައާއި ބިރުވެރިކަމެއްގައެވެ. ކަރަންޓެއް ފެނެއް އިންޓަނެޓެއް ފަސޭހައިން ލިބެން ނެތެވެ. ކާނެ އެއްޗެއް ލިބެނީވެސް އެހާ އުދަގުލުންނެވެ. މިފަދަ ހާލަތެއްގައި މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ބޮމުގެ ހަމަލާގައި ވެއްޓިފައިވާ އިމާރާތެއް ކައިރީގައި މީހުން މަޑުކޮށްގެން

ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރިއަށްގެންދިޔަ "ޣައްޒާ އެމަރޖެންސީ ރިލީފް 2023" ފަންޑަށް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ ތޭވީސް މިލިއަން ނުވަލައްކަ އަށްޑިހަ ހަތްހާސް އެއްސަތޭކަ އަށްރުފިޔާއެވެ. އަދި ތޭރަހާސް ތޭވީސް ޑޮލަރުވެސް ވަނީ މި ފަންޑަށް ލިބިފައެވެ. މިހާ ގިނަ އަދަދަކަށް ރުފިޔާ ލިބުނީ މީޑިއާ އާއި ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުންނާއި އާންމުން ހިންގި ތަފާތު ހަރަކާތްތަކުން ރުފިޔާ ހަދިޔާކޮށްފައިވާތީއެވެ.

Advertisement

އިސްލާމީ އުއްމަތަށް ދިމާވާ ކަންތައްތަކުގައި ދިވެހި ރައްޔިތުން ދެއްވާ އެހީ އަދި އައިއޭސީ އަށް ދެއްވާ އެއްބާރުލުމަށް އެޖަމްއިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައިއޭސީ އިން ދިވެހީންގެ އެހީގައި ކާތަކެތި ބެހުމުގެ މަސައްކަތުގައި

އައިއޭސީ އިން ދަނީ ޣައްޒާގައި ކާބޯތަކެތީގެ ޕެކޭޖްތައް ބަހަމުންނެވެ. މީގެ 2 ދުވަސް ކުރިން ވެސް ވަނީ ޣައްޒާގެ އަލްޝަތީ ކޭމްޕްގެ އަބޫ އަސީ ސްކޫލް، ދޭރް ބަލަޙްގެ ރުފީދާ ސްކޫލް، ދޭރް ބަލަޙް ސަރވިސް ސްޕޯޓްސް ކްލަބް (ވަގުތީ ޝެލްޓަރ) ގައިވެސް ކާބޯތަކެތީގެ 1000 ޕެކޭޖް ބަހާފައެވެ. އަދި ހާލުގައި ޖެހުނު އާއިލާތަކަށް ރަޖާ، ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު އިށީނދެ އިނުމަށް ބޭނުންކުރާ އެއްޗެހިވެސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ކޮންމެ ދުވަހަކު 6 ސްކޫލެއްގައި 1000 ޕާން ޕެކޭޖް އާއި 3000 ކެއްކި ބަތްޕާރުސަލް ދަނީ ބަހަމުންނެވެ. އާއިލާތަކުގެ އެދުމުގެ މަތިން 200 އާއިލާ އަކަށް ވަނީ 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާވެސް ދީފައިކަމަށް އައިއޭސީ އިން ފާހަގަކޮށްފައިވެއެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފަލަސްޠީނުގެ މަގެއްގެ މަތީގައި

ފަލަސްޠީނުގެ ރައްޔިތުން ފަދަ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވާ ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ. އަދި ފަލަސްޠީނުގެ މާތް ބިމުގެ ހިމާޔަތުގައި މަސައްކަތްކުރަމުން އަންނަ ހިތްވަރުގަދަ ލަޝްކަރަށް ނަސްރު މިންވަރު ކުރައްވާ ފަލަސްޠީނުގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން!

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް