May 20, 2024 22:06
Advertisement

-Advertisement-

އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިވެ ޖާސޫސް ނުކުރާށެވެ! – ހުކުރު ޚުތުބާ

މުސްލިމުންނަކީ ހިތްތިރި، މުޢާމަލާތު ކުރުން ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ، ސާދާ ބައެކެވެ. އެމީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެކެވެ. މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެކެވެ. މި ސިފަތަކުގެ ވެރި މުއުމިނުންނަށް މާތް ﷲ ނަރަކަ ޙަރާމް ކުރައްވާނެއެވެ.

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ: " އޭނާގެ މައްޗަށް ނަރަކަ ޙަރާމް ކުރައްވާފައިވާ މީހަކީ ކާކުކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވަން ހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އެއީ ހިތްތިރި މުޢަމަލާތު ރިވެތި، މީސްތަކުންނާ ގާތް، މީސްތަކުންގެ ބޭނުންތައް ފުއްދައިދީ، އެމީހުންގެ ކަންތައް ލުއި ފަސޭހަ ކޮށްދޭ ކޮންމެ މީހެކެވެ".

މީސްތަކުންނާއެކު ސުލްޙަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ، މީސްތަކުންނަށް ހެޔޮ ފޯރުވާން ޖެހޭނެއެވެ. އެމީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވާން ޖެހޭނެއެވެ. އެމީހުންގެ ޢައިބުތައް ވަންހަނާ ކުރަން ޖެހޭނެއެވެ. އެމީހުންގެ ކުށް ހޯދައި، އެމީހުން ބޭޒާރުކޮށްގެން ނުވާނެއެވެ. އެމީހުންނަށް ފުރައްސާރަކޮށް، މަލާމާތް ކޮށްގެން ނުވާނެއެވެ. އެމީހުންގެ އަބުރަށް އަރައިގަނެގެން ނުވާނެއެވެ. މުއުމިނުންނަކީ ބަސްމަގު ރިވެތި ހިތްސާފު މީހުންނެވެ. މީސްތަކުންނާ ވާހަކަދައްކާއިރު، އެކުވެރިކަން ދެމެހެއްޓޭގޮތަށް ރިވެތި ބަހުރުވައިން ވާހަކަ ދައްކާށެވެ! 

Advertisement

މާތްﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: " އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!" ބަސްމަގަކީ ވާހަކަދެއްކުމުގެ ތެރެއިން ދަސްވާ އެއްޗެކެވެ. ޢާއިލާގެ ތެރޭގައި ރިވެތި ބަހުން ވާހަކަދައްކާނަމަ ދަރީން ރިވެތި ބަހުން ވާހަކަ ދައްކާނެއެވެ. ހުތުރު ބަހުން ވާހަކަ ދައްކާނަމަ ދަރިންނަށް ދަސްވާނީ އެބަހުރުވައެވެ. ބަސްމޮށުމުގައި ހުތުރު ބަސްތަކާ ދުރުހެލިވާން ޖެހޭނެއެވެ. ނެތިމޮށުމާއި ފުރައްސާރަކުރުމާއި، މަލާމާތް ކުރުންފަދަ ދުލުގެ އާފާތްތަކާ ދުރުހެލިވާން ވާނެއެވެ. ގޭތެރޭގައި އެކަކު އަނެކަކާ ޒުވާބުކޮށް، އަރާރުން ވުމާ ދުރުހެލިވާން ވާނެއެވެ. ދަރީންނަށް ރިވެތި ބަސްމަގު ދަސްކޮށްދެވޭނީ، މި މަންހަޖުގައި ހިފައިގެންނެވެ. އީމާންކަން ފުރިހަމަކުރާން އެދޭމީހާ، އޭނާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ މިންވަރަށް، މީސްތަކުން ދެކެވެސް ލޯބިވާން ޖެހޭނެއެވެ.

މުސްލިމަކީ މުޢާމަލާތު ކުރާއިރު، ވިސްނުންތެރިކަމާއި، އިންސާފުވެރިކަމާއެކު މުޢާމަލާތު ކުރާ މީހެކެވެ. އޭނާއަކީ މީސްތަކުންނާ މުޢާމަލާތު ކުރުމުގައި ހިތްހަރުކަމާއި، ހަރުކަށިކަމުން ދުރުހެލިވާ މީހެކެވެ.

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ: "ތިޔަބައިމީހުން ކުށްހީއާ ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ހީއަކީ އެންމެ ދޮގުވެރި ވާހަކައެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ އުނި ސިފަތައް ހޯދައި ނޫޅޭށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސް ނުކުރާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރި ނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސް ނުދޭށެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ދެކެ ރުޅި ނާންނާށެވެ. މާތް ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން އުޚުތުން ކަމުގައި ވާށެވެ".

އަހަރެމެންގެ ދީން އަހަރެމެންނަށް ގޮވައިލާ މަތިވެރި އަގުތަކުގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތު ކުރާއިރު އެމީހުންގެ ރައުޔަށާއި، ޚިޔާލަށް އިހްތިރާމު ކުރުން ހިމެނެއެވެ. އިސްލާމީ ޝަރީޢަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ. އޮފީހެއްގެ ވެރިއެއް ކަމުގައިވިޔަސް، މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް މެނޭޖަރަކަށް ވިޔަސް، އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންގެ ޚިޔާލަށާއި ރައުޔަށް އިޚްތިރާމް ކުރަން ޖެހޭނެއެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
0
+1
3
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް