Advertisement
header ad
XeeTimesXeeTimes
ފަލަސްޠީނުން ފެންނަ އަނިޔާވެރި މަންޒަރުތަކުން ކަންބޮޑުވެ ހާސްވާގޮތްވާނަމަ ކަންތައް ކުރެވިދާނެގޮތް!

ފަލަސްޠީނުން ފެންނަ އަނިޔާވެރި މަންޒަރުތަކުން ކަންބޮޑުވެ ހާސްވާގޮތްވާނަމަ ކަންތައް ކުރެވިދާނެގޮތް!

އިސްރާއީލުގެ އަސްކަރިއްޔާ އިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން މި އޮކްޓޯބަރުމަހު އެކަނިވެސް ވަނީ 5000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި 2000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަމުން ދަނީ ޝަހީދުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ވީޑިއޯތަކެވެ. ލޯބިލޯބި ތުއްތުކުދިންނާއި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި ޝަހީދުވެފައިވާ މަންޒަރު ފެނުމުން ހިތަށް ކުރަނީ ފުން އަސަރުތަކެކެވެ. އެމަންޒަރު ބަލާލަން ހިތަށް ކުޅަދާނަ ނުވިއަސް ފަލަސްޠީނުގެ ހާލަތުގެ އެންމެފަހުގެ މައުލޫމާތު ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބައުޅެއެވެ.

ވީޑިއޯ އާއި ފޮޓޯ ހިއްސާކުރާއިރު ސަމާލުވެލައްވާ!

ފަލަސްޠީނުގައި ދުވާލެއްގެ މައްޗަށް އެތައްބަޔަކު ޝަހީދުވެ ޒަޚަމްވަމުން އަންނައިރު އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ދަނީ ހިއްސާކުރަމުންނެވެ. މިފަދަ މަންޒަރު ގެނެސްދޭއިރު އޯޑިއަންސް އެކަމަށް ސަމާލުކުރުވުމަށް އެއީ ކޮންކަހަލަ މަންޒަރެއްކަން އެނގޭ ގޮތަށް ލިޔުން މުހިންމެވެ. އެހެންނޫނީ އެމަންޒަރު ފެނި ނިދަން އުދަގޫވެ ކާން އުދަގޫވެ ނަފްސާނީގޮތުން މީހާ ބަލިކަށިކުރުވާފަދަ މަންޒަރަކަށްވެސް އެމަންޒަރު ވެދާނެއެވެ. އެއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ނަފްސާނީ ގޮތުން ބަލިކަށި ކިތަންމެ ބަޔަކު އުޅޭތީއެވެ.

Article - in content
Advertisement

ފެންނަ މަންޒަރުތަކުން ކަންބޮޑުވާނަމަ ކަންތައް ކުރެވިދާނެ ގޮތްތައް!

ފަލަސްޠީނުގައި އެތިބީ އަޅުގަނޑުމެންފަދަ މުސްލިމުންނެވެ. މުސްލިމް އުންމަތަކަށް އެވަރުގެ އަނިޔާއެއް ދޭއިރު އެއީ ފުންއަސަރެއް ކުރުވާނެ ހަނދާންނައްތާލަން އުދަގޫ ކަމަކަށް ވާނެއެވެ. އެކަމަކު އެއަނިޔާވެރި މަންޒަރު ބަލައިގެން އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ އަސަރު ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ އެމަންޒަރު ނުބެލުމެވެ. މަންޒަރު ނުބެލި ކަމުގައިވިއަސް ފަލަސްޠީނުގެ އެންމެފަހުގެ މައުލޫމާތު އަލްޖަޒީރާ ނުވަތަ ދިވެހި ނޫސް ވެބްސައިޓްތަކުން ކިޔާލެވިދާނެއެވެ.

ޝަހީދުވެފައިވާ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދަނީ ތިމާގެ ރައްޓެހިންގެ ތެރޭގައި ހިމެނޭ ކޮންބައެއްތޯ ބެލުމަށްފަހު އެބައެއްގެ ޕޯސްޓްތައް ފެންނަވަރު މަދުކުރެވިދާނެއެވެ. ފޭސްބުކްއިން ވެސް އެގޮތަށް ސެޓިންގ ހެދެން އެބަހުއްޓެވެ.

ފެންނަ މަންޒަރުތަކުން ދެރަވެ ރޮވޭގޮތްވުމުން ހިތަށް ހަމަޖެހުން ލިބޭނެ އަދި ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށްވެސް ފައިދާވާނެ އެންމެ ރަނގަޅު ގޮތަކީ ދުޢާކުރުމެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސްރު ދެއްވާތޯ ގިނަގިނައިން ދުޢާކުރުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އެއިރުން އެއަނިޔާވެރިކަން ތަހައްމަލުކުރަމުންދާ ރައްޔިތުންނަށް ތިމާގެ ފަރާތުން އެހީވެވުނީތީ އެކަމުން ހިތްހަމަޖެހުން ލިބޭނެއެވެ. 

ބޯބުރިވެފައިވާ، ނުވަތަ ހަށިގަނޑުގެ ގުނަވަންތައް ވަކިވެ ޝަހީދުވެފައިވާ ކުދިންގެ ފޮޓޯއާއި ވީޑިއޯވެސް ދަނީ ފެންނަމުންނެވެ. މިއީ ދުވަހަކުވެސް ހިތުން ފިލުވާލުމަށް އުދަގޫ ކަންތައްތަކަށް ވާނެއެވެ. ފޭސްބުކް އަދި ޓްވިޓަރ އާއި ވައިބަރ ގްރޫޕުތައް އެކި އުމުރުގެ މީހުން ބޭނުންކުރާއިރު، ހިއްސާކުރާ މަންޒަރުގެ ސަބަބުން މިފަދަ މީހުންނަށް ނޭދެވޭ އަސަރު ނުކޮށް ވޭތޯ ސަމާލުކަން ދިނުން މުހިންމެވެ. އަދި އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިމައުލޫމާތު ހިއްސާކުރާއިރުވެސް ޝަހީދުވެފައިވާ އަދި ޒަޚަމްވެފައިވާ، މީހުންގެ ފޮޓޯ ހިއްސާކުރުމުގައި އިންސާނީ ކަރާމާތަށް ސަމާލުވާށެވެ. ފަލަސްޠީނުގައި ދެމުންދާ ހަމަލާތަކުގެ ތެދު މައުލޫމާތު އެންމެންވެސް އެނގެން ބޭނުންވާނެއެވެ. އެކަމަކު އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —