May 12, 2024 20:03
Advertisement

-Advertisement-

ފަލަސްޠީނުގެ ކުޑަކުދިންތަކެއް/ ފޮޓޯ: ދަ އިންޑިޕެންޑެންޓް

ފަލަސްޠީނުގެ ހާލަތު: ޝަހީދުވެފައިވާ މައިންބަފައިން ފެނޭތޯ ރޮއެ އާދޭސްކުރާ ކުޑަކުދިންގެ ހިތްދަތި އިހުސާސް!

އިސްރާއީލުގެ ހައްދުފަހަނައަޅައިފައިވާ އަސްކަރިއްޔާ އިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ކޮންމެ 15 މިނިޓަކުން ކުޑަކުއްޖަކު މަރުވަމުންދާކަމަށް އެންޖީއޯ އަކުން ފާހަގަކޮށްފައިވެއެވެ. މި އޮކްޓޯބަރުގެ 7 ވަނަ ދުވަހުން ފެށިގެން ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ބަދަލުކުރަމުން އަންނަ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 5087 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މީގެ ތެރޭގައި އެކި އުމުރުގެ މީހުން ހިމެނެއެވެ. އަދި ކޮންމެ ދުވަހަކު 100 ވަރަކަށް ކުޑަކުދިން ވެސް ދަނީ ޝަހީދުވަމުންނެވެ.

ފަލަސްޠީނުގެ ކުއްޖަކު ރޮނީ/ ފޮޓޯ: ގެޓީއިމޭޖަސް

ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް އިމާރާތްތަކުގެ ދަށުން ނެގުމުގެ މަސައްކަތް ކުރާއިރު، މައިންބަފައިން ޝަހީދުވެ އެ އާއިލާއިން ކުޑަކުއްޖަކު ސަލާމަތްވެއްޖެނަމަ އެކުދިން މައިންބަފައިން ހޯދަން އެއުޅޭ މަންޒަރު ފެނުމުން ކުރެވެނީ ވަރަށްވެސް ހިތްދަތި އިހުސާސެކެވެ.

" އެއީ އަހަރެންގެ މަންމަ، އިސްތަށިގަނޑަށް ބަލާފަވެސް އެނގޭ ވަކިކުރަން. މަންމަ އެ ޝަހީދުވީ". ބޮމުގެ ސަބަބުން ލިބުނު އަނިޔާގައި ސިފަ ވަކިކުރަން ނޭނގޭ ވަރަށް ޒަޚަމްވެ ޝަހީދުވެފައިވާ މަންމަގެ ހަށިގަނޑު ފެނުމުން ރޮމުން ރޮމުން ކުއްޖަކު ބުނިއަޑު އިވުނެވެ.

Advertisement

އަދި އެފަދަ އެހެން ކުއްޖަކު މަންމާ! މަންމާ! ކިޔާ ހޮސްޕިޓަލުގައި ދުވާ މަންޒަރު ފެނުނެވެ. އެކުއްޖާ އެ ރުއީ މަންމަ ފެންނަން ނެތުމުންނެވެ. ޝަހީދުވީކަމެއް ނުވަތަ ގެއްލުނީކަމެއްވެސް ނޭނގެއެވެ. ބޮމުގެ ހަމަލާއެއްގައި މިކުއްޖާ ސަލާމަތްވިއިރު މަންމައަށް ވީނުވީއެއް ނޭނގުނީއެވެ.

ފަލަސްޠީނު ކުއްޖަކު ހިތްދަތިކަމުގައި / ފޮޓޯ: ދަ ނެޝަނަލް

ޝަހީދުވެފައިވާ ބައްޕަގެ ހަށިގަނޑު ކައިރީގައި ހުރެގެން ރޮމުންދިޔަ ކުޑަކުއްޖެކެވެ. ބުނާކަހަލައެވެ. ދެން އަހަރެމެންނަށް އެހީތެރިވާނީ ކާކުހެއްޔެވެ؟ އަދި ގިނަ އަދަދެއްގެ ހަށިގަނޑުތައް ބަހައްޓާފަހުރި ތަނެއްގައި ފަހަރަކު ހަށިގަނޑެއް ބަލަމުންދިޔަ ކުއްޖަކު ވީޑިއޯއިން ފެނުނެވެ. މޫނުގައި އަޅާފައިވާ ފޮތިގަނޑު ނަގަމުން މައިންބަފައިންނަށް ގޮވަމުންދިޔައިރު އެކުއްޖާ ދިޔައީ ރޮމުންނެވެ. 

ހޮސްޕިޓަލެއްގެ ތެރޭގައި ތުއްތުކުއްޖަކު އުރާލައިގެން ހުރި ނަރުހެއް ހުއްޓެވެ. ހުއްޓުމެއް ނެތި އެކުއްޖާ ރޮމުންދިޔައިރު މިއީ އެއާއިލާއިން ސަލާމަތްވި ހަމައެކަނި ކުއްޖާއެވެ. މުޅިއުމުރަށް ކުޑަދަރިފުޅު ޔަތީމުވީއެވެ.

ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުތައް ފެންނައިރު އެމީހުންނަކީ ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް ގެއްލުން ލިބި، ބައެއް މީހުންގެ ގުނަވަންތައް ވަކިވެ އަދި ބޯ ބުރިވެފައިވާ ކުއްޖެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ. އަދި އިމާރާތްތަކުގެ ދަށުން ކުނޑިކުނޑިވެފައިވާ އިންސާނުންގެ ބައިބައިވެސް ދަނީ ފެންނަމުންނެވެ.

ބޮމުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތައް

ބޮމަކަށްފަހު ބޮމެއް އަޅަމުން އަންނައިރު އެމާހައުލު ނިކަން ސިފަކޮށްލަމާތޯއެވެ. ވަށައިގެން އިވެނީ ބާރުގަދަ އަޑުތަކެވެ. މީހުންގެ ގިސްލުމުގެ އަޑެވެ. އިމާރާތްތައް ކުދިކުދިވެ ބިންމައްޗަށް ފައިބަމުންދާ މަންޒަރެވެ. އަދި އެތަންތަނުގެ ދަށުގައި ތާށިވެފައިތިބި މީހުން ދިރިހުއްޓާ އެތަނުން ނުކުމެވޭތޯ ކުރާ ހިތްދަތި އާދޭހުގެ އަޑެވެ. މައިންބަފައިން ދަރިން ގައިގައި ބައްދައިގެން އެދަރިންނަށް ހިމާޔަތްދޭއިރު، މި ހަމަލާތަކުގައި ޝަހީދުވާނީ މުޅި އާއިލާ ނޫންކަމެއް ނޭނގޭހާ ބިރުވެރި ވަގުތުތަކެވެ. މަދުއިރުތަކެއްގެ ތެރޭގައި ލޯބިން އުޅުނު އާއިލާ އާއި ވަކިވާން މަޖުބޫރުވީއެވެ. ބައެއް ހާލަތްތަކުގައި އާއިލާއިން އެންމެ ކުއްޖަކު ސަލާމަތްވެ، ނޫނީ އުމުރުން ދުވަސްވީ މައިންބަފައިން އެކަނި ސަލާމަތްވާފަހަރުވެސް އާދެއެވެ. މުޅި އުމުރު އެއްކުރި ރުފިޔާއިން މައިންބަފައިން އިމާރާތްކުރި ގެ ވެސް ހަލާކުވެ އުޅޭނެތަނެއް ނެތި މަގުމަތިވީއެވެ.

މިއީ ކޮންފަދަ އަނިޔާވެރިކަމެއްތޯ އެވެ. ބޮންއަޅައި އާއިލާގެ ގިނަބައެއް ޝަހީދުވެފައިވާއިރު އަޅާލާނެ އިތުރު އެއްވެސް މީހެއް ނެތި ހާލުގައި ޖެހެމުންދާ ކުޑަކުދިންނަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައެވެ. އެ ބިރުވެރި މާހައުލުގައި އެންމެ ބޮޑަށް ބޭނުންވާނީ މައިންބަފައިންގެ އަޅާލުމާއި ލޯތްބެވެ. އެ ލޯބި ތާއަބަދަށް ވަކިވުމުން ދެން އެތުއްތު ހިތްތަކަށް ކުރާނެ އަސަރު ބަޔާންކުރަންވެސް ދައްޗެވެ.

ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑު

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މަގުމަތިން ވެސް ފެންނަމުން ދަނީ ޝަހީދުވެފައިވާ އެތައްބައެއްގެ ހަށިގަނޑެވެ. އެންމެ ބޮޑު ހިތްދަތިކަމަކީ އާންމު އުސޫލުން ކަށުކަމާކެމީގެ ކަންތައް ކުރިއަށްގެންދެވޭނެ ގޮތެއްވެސް ނެތުމެވެ. ބޮޑު އެއްވަޅެއްގައި ގިނަބަޔަކު ވަޅުލަމުން އަންނައިރު ވަޅުލެވޭނެ އިންތިޒާމެއް ހަމަނުޖެހި ހޮސްޕިޓަލު ބޭރުގައި ގިނަވަގުތު ހަށިގަނޑުތައް ބަހައްޓަން މަޖުބޫރުވާ ހާލަތަށްވެސް ވަނީ ގޮސްފައެވެ. ކޮންމެ ދުވަހަކު އެތައްބަޔަކު މަރުވެ، މެދުކެނޑުމެއްނެތި ބޮން އަޅަމުން އަންނައިރު ޒަރޫރީ ބޭނުންތައްވެސް ނުފުދި މަގުމަތިވެފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ޒަޚަމްވެފައިވާ މީހުން ގިނަކަމުން ހޮސްޕިޓަލުތައް ފުރި ބިންމަތީގައި ބާއްވައިގެން ފަރުވާދެވޭތޯ މަސައްކަތްކުރާ މަންޒަރު ވީޑިއޯތަކުން ދަނީ ފެންނަމުންނެވެ.

ފަލަސްޠީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ޤާއިމްކުރީ 1948 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޔަހޫދީން ދަނީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގަމުންނެވެ. ފަލަސްޠީނުގެ ބިމުގެ ބޮޑުބައެއްގައި ޔަހޫދީން ގަދަކަމުން ވަޒަންވެރިވެފައިވާއިރު މި މާތް ބިމުގެ ހިމާޔަތުގައި ފަލަސްޠީނުގެ މުޖާހިދުން އެދައްކަނީ ވަރަށްވެސް ބޮޑު ހިތްވަރެކެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްރު ދެއްވާތޯ ގިނަގިނައިން ދުޢާކުރަމާ ހިގާށެވެ! އަދި ވީމިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމާތޯ އެވެ.

+1
0
+1
0
+1
0
+1
0
+1
1
+1
0
+1
10

Advertisement

ގުޅުންހުރި ލިޔުންތައް