May 20, 2024 21:00
Advertisement

-Advertisement-

ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތް

ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތޭ ބުނުމުން، ގިނަ މީހުންނަށް ހީފުޅުވެލައްވަނީ އެއީ، ހަމައެކަނި ސުންނަތް ކަންތައްތަކެވެ. އެއީ ކުރުމާއި ނުކުރުމަށް އިޚްތިޔާރު ލިބިފައިވާ ކަންތައްތައްކަމަށެވެ. ވީމާ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތޭ ބުނުމުން އެއީ، ހަމައެކަނި އެކަލޭގެފާނުން އުޅުއްވި ގޮތްކޮޅުކަމަށް ހީކުރައްވާ ބޭފުޅުން މަދެއްނޫނެވެ. އެކަލޭގެފާނުން އުޅުއްވި ގޮތްކޮޅަކީވެސް ސުންނަތެވެ. ހަމައެހެންމެ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ބަޔާންކުރައްވާފައިވާ ދެވަނަ މަޞްދަރަކީވެސް ސުންނަތެވެ. އިސްލާމީ ޝަރީޢަތުގައި ސުންނަތަކީ ކޮބައިކަން އެނގުމަކީ މުހިންމުކަމެކެވެ. އެއީ އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ ކީރިތި ޤުރްއާނާއި، ރަސޫލާ صلى الله عليه وسلمގެ ސުންނަތުގެ މައްޗަށް ކަމަށްވާތީއެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރެވެ. އެއީ މާތްﷲގެ ވަޙީބަސްފުޅުތަކެކެވެ. މާތްﷲގެ އަމުރުފުޅާ ޚިލާފަށް އެކަލޭގެފާނު އެއްވެސް ބަސްފުޅެއް ޙަދީޘްނުކުރައްވައެވެ. މާތްﷲ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ." (النجم3_5).  

ކީރިތި ޤުރްއާނުގައިވާ ޙުކުމްތަކުގެ ތަފްޞީލަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތެވެ. މިޘާލަކަށް ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَأَقِيْمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوْا مَعَ الرَّاكِعِيْنَ" (البقرة :43). މާނައީ: "އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ! އަދި ރުކޫޢުކުރާ މީހުންނާއެކުގައި ތިޔަބައިމީހުން ރުކޫޢަކުރާށެވެ!" މިއާޔަތުގައި މާތްﷲ އަމުރުކުރައްވާފައިވަނީ ނަމާދުކުރުމަށާއި، ޒަކާތް ދިނުމަަށެވެ. ނަމަވެސް ނަމާދުކުރަންވީ ގޮތް، އަދި ޒަކާތް ދައްކަންވީ ގޮތް ބަޔާންކުރައްވާފައެއް ނުވެއެވެ. އެކަން ބަޔާންވެގެން އައިސްފައިވަނީ ކީރިތި ރަސޫލާގެ ސުންނަތުންނެވެ. مالك بن حويرثގެ ކިބައިން بخاري ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮން ފެނިވަޑައިގަތްގޮތަށް ތިޔަބައިމީހުން ނަމާދުކުރާށެވެ". އެކަލޭގެފާނު ނަމާދުކުރެއްވި ގޮތާއިބެހޭގޮތުން އެތަށް ޙަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. އޭގައި ނަމާދުގެ ރަކުޢަތްތަކާއި، މަކުރޫހަ ކަންތަކާއި، ސުންނަތް ކަންތައް ބަޔާންވެގެންވެއެވެ. ވީމާ ކިރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައި ވާޖިބު ކަންތަކާއި، މަކުރޫހަ ކަންތަކާއި، ޙަރާމް ކަންތަކާއި، އަދި ސުންނަތް ކަންތައްތަކެއް އެކުލެވިގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަމެއްކުރުމަށް އަމުރުކުރައްވާފައިވާކަމަކީ ކުރަން ވާޖިބުވާނެކަމެކެެވެ. އަދި ނުކޮށް ދޫކޮށްލުމަށް އަމުރުކުރައްވާފައިވާ ކަންތައްތަކަކީ ޙަރާމް ކަންތައްތަކެވެ. އަދި ބައެއްފަހަރު ކުރައްވާފައިވާ، އަނެއްބައިފަހަރު ދޫކުރައްވާފައިވާ ކަންތައްތަކީ ސުންނަތް ކަންތަކެވެ.

Advertisement

ވީމާ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތަކީ ހަމައެކަނި ކުރުން ސުންނަތްވެގެންވާ ކަންތަކެއްނޫނެެވެ. އެކަލޭގެފާނުގެ މައްޗައް ބާވާލެއްވި ވަޙީބަސްފުޅުތަކުގެ ޙުކުމްތަކާއި، ވާހަކަތައް، އަދި އިންސާނުންނަށް ކާމިޔާބުލިބޭނެ ކަންތައް ބަޔާންކޮށްދެނީ އެކަލޭގެފާނުގެ ސުންނަތުގައެވެ. އިސްލާމީ ޝަރީޢަތް ސުންނަތާއި ނުލައި ފުރިހަމަނުވާނެއެވެ. ހަމަމިފަދައިން އެކަލޭގެފާނު އުޅުއްވި ގޮތަކީވެސް ސުންނަތެވެ. އެއީ އެކަލޭގެފާނު ހެދުން ތުރުކުރެއްވި ގޮތް ނުވަތަ އެކަހަލަ އެހެން ކަންތައްތަކެވެ. އެކަލޭގެފާނުގެ ޞިފަފުޅުތަކުގެ ތެރެއިން، މާތްﷲގެ ދަރުމައާއި ޘަަވާބަށް އެދި، ނުވަތަ އެކަލޭގެފާނުންދެކެ ވާ ލޯތްބައްޓަކައި އެކަލޭގެފާނު އެކަމެއް ކުރައްވާފައިވާގޮތަށް ކުރުމަކީ ދަރުމައާއި ޘަވާބު ލިބޭނެ ކަންތައްތަކެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." (الأحزاب 21).

މާތްﷲ ވަނީ ކީރިތި ރަސޫލާއަށް ތަބަޢުވުމަށް އަމުރު ކުރައްވާފައެވެ. ވީމާ އެކަލޭގެފާނަށް ތަބަޢުވުމަކީ މުސްލިމުންގެ މައްޗައް ވާޖިބުކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ:" ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކާފިރުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (آل عمران 32). ވީމާ، އަޅުގަނޑުމެން ޢާޚިރަތުގެ ޘަވާބާއި ދަރުމައަށް އެދޭނަމަ، އެކަލޭގެފާނަށް ތަބަޢުވާންޖެހެއެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
5
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް