May 20, 2024 20:30
Advertisement

-Advertisement-

މަސްޖިދުލް އަޤްސާއާއި ފަލަސްޠީނުގެ މުޤައްދަސް ބިންތައް މިނިވަން ކުރުމަށް ތެދުވުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފި

ފަލަސްޠީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅި ލާމެހިފައިވާ ބިމެކެވެ. އެއީ ﷲ ތަޢާލާ ބަރަކާތް ލައްވައި މާތްކުރައްވާފައިވާ ބިމެކެވެ. އެންމެ ގިނަ ނަބީބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް ބިމެވެ. އެތައް ނަބީބޭކަލުންނެއް ދިރިއުޅުއްވި ބިމެވެ. އެއީ ކީރިތި ރަސޫލާ ﷺ އާއިގެން އެބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިމެވެ. ކީރިތި ރަސޫލާ ﷺ މަތިވެރިވެގެންވާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެބިމުގައި މަސްޖިދުލް އަޤްސާއިންނެވެ. މި ދަތުރުފުޅުގައި އެންމެހައި ނަބީ ބޭކަލުންނާއިގެން ކީރިތި ރަސޫލާ ﷺ މަސްޖިދުލް އަޤްސާގައި ނަމާދު ކުރެއްވިއެވެ. އިސްރާ އާއި މިޢުރާޖުގެ މި ދަތުރުފުޅުން މުސްލިމުންގެ ފުރަތަމަ ޤިބުލަ އަލްމަސްޖިދުލް އަޤްސާއާއި ދެވަނަ ޤިބުލަ ކަޢުބަތު ﷲ ގެފުޅާ ހުރި ގުޅުން އަންގައިދެއެވެ. އެހެންވެ އެ ބިން ވަނީ މުސްލިމުންގެ މަތިވެރި އަޤީދާއާއި ގުޅި ލާމެހިފައެވެ.

މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ﷺ ގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ނާރެހަކީ، އެ ތަނެއްގެ ވަށައިގެން ﷲ ތަޢާލާ ބަރަކާތް ލައްވާފައިވާ އަލްމަސްޖިދުލް އަޤްސާ އެވެ.

ރޫމީންގެ އަނިޔާވެރި ވަކިތަކުން މުސްލިމުންނަށް ފަލަސްޠީނުގެ ބިން ސަލާމަތްކުރެވުނީ، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބުގެ ޚިލާފަތުގައެވެ. އެއަށްފަހު މުސްލިމުންގެ ވެރިކަމުގެ ދަށުގައި ހަތަރު ޤަރުނަށްވުރެ ދިގު މުއްދަތަކަށް ފަލަސްޠީނު އޮތް އިރުވެސް އެތަނުގައި ދިރިއުޅެމުން އައި އެހެން ދީންތަކުގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް މުސްލިމުން އަރައިގެންފައެއް ނުވެއެވެ. އެއެންމެން އުޅެމުން އައީ މިނިވަންކަމާއި ސުލްހަވެރިކަމާއި އަމާންކަމާ އެކުގައެވެ. އޭގެ ފަހުން ފަލަސްޠީނާ ކުރިމަތިވީ ޞަލީބީ ހަނގުރާމައެވެ. އެ ހަނގުރާމާގައި ދުޝްމަނުންގެ ޝިޢާރަކީ ޤުދުސާއި މުޤައްދަސް ބިންތައް މިނިވަންކުރުމެވެ. މި ޝިޢާރުގެ ދަށުން އެމީހުން ޤުދުސުގައި ހިންގި ޤަތުލު ޢާއްމުގައި މުސްލިމުންގެ ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. އެމީހުން ޤުދުސަށް އަރައިގެން ދިޔައީ ޝަހީދުވެފައިވާ މުސްލިމުންގެ ހަށިތައްމަތީ ހިނގާފައެވެ. 88 އަހަރުގެ މުއްދަތަކަށް ޞަލީބީން ޤުދުސުގައި ހިންގި ލާއިންސާނީ، އަނިޔާވެރި ވެރިކަމުގައި ނިމުމުގެ ސިއްކަ ޖައްސަވައި ޞަލީބީ އިސްތިޢުމާރުން ޤުދުސް މިނިވަންކޮށްދެއްވީ މުޅި އިސްލާމީ އުއްމަތް އެ ޤާއިދަކަށްޓަކައި ފަޚުރުވެރިވާ މަޝްހޫރު ކޮމާންޑަރު ޞަލާޙުއްދީނުލް އައްޔޫބީ އެވެ.

Advertisement

ފަލަސްޠީނާއި ޤުދުސަކީ ޔަހޫދީންނަށް ދެއްވުމަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ބިމެއްކަމަށް ދަޢުވާކުރާ ޔަހޫދީން އައީ އެމީހުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ޒައިނިޒަމްގެ ނަމުގައި ސިއްރު ރޭވުންތައް ރާވައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ނިރުބަވެރި ޖަމާޢަތްތައް އުފެއްދިއެވެ. އަދި 'ނަސްލު ނައްތާލުމުގެ' ޝިޢާރުގެ ދަށުން ފަލަސްޠީނުގެ އަހުލުވެރިންނާ ދެކޮޅަށް ބަޑިއާއި ބޮމުގެ ހަމަލާތައް ދީ ޤަތުލު އާއްމުތައް ހިންގިއެވެ. ގެދޮރު ސުންނާފަތިކޮށް ފޭރުމުގެ ބޮޑެތި ޖަރީމާތާއް ހިންގިއެވެ. މި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެ އެތައް ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށް ވިއެވެ. މި ހުރިހާ ޖަރީމާތައް ހިންގަމުން އައީ އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނުން ކަމުގައި ދަޢުވާކުރާ ހުޅަނގާއި ދުނިޔޭގެ ދެފުށް ދެގޮތް ސިޔާސަތު ގެންގުޅޭ ބޮޑެތި ބާރުތަކުގެ ހިމާޔަތުގައި ތިބެގެންނެވެ.

ފަލަސްޠީނުގެ މުޤައްދަސް ބިމުގައި އިޒްރޭލުގެ ނަމުގައި ޣައިރު ޤާނޫނީ ދައުލަތެއް އުފެއްދިތާ 71 އަހަރު ވެއްޖެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން ޔަހޫދީ ދައުލަތް އުފެދުނުއިރު ފަލަސްޠީނުގައި ޔަހޫދީން ދިރިއުޅުނު ބިމުގެ ނިސްބަތަކީ އެންމެ ދިހައެއް އިންސައްތައެވެ. ނަމަވެސް މިއަދު ޔަހޫދީން ވަނީ އެބިމުގެ ނުވަދިހަ އިންސައްތައަށް ގަދަކަމުން ވެރިވެގެންފައެވެ. ޔަހޫދީން މިއަދު ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ރަޙުމުކުޑަ ލާއިންސާނީ އަނިޔާތަކުގެ އަޑު އަހާނެ ބަޔަކު މި ބިންމަތީގައި ނެތީ ހެއްޔެވެ؟ އެންމެ ޒަމާނީ ހަތިޔާރުތައް ބޭނުންކޮށްގެން ނިކަމެތި އެތައް އާއިލާއެއްގެ ލެއިން މުސްލިމުންގެ މުޤައްދަސް ބިން ކަޅިކުރަމުންދާއިރު އެ އާއިލާތަކުގެ ގިސްލުންތަކާއި ކެކުޅުންތަކުގެ އަޑުއަހައި ހިތުގައި ރަހުމާއި ހަމްދަރުދީގެ ވިންދެއް ޖެހި ބަޔަކު ނެތީ ހެއްޔެވެ؟ ފަލަސްޠީނުގެ މައިންނާއި ޅަދަރިން އާދޭހާއެކު ހިމާޔަތަށް އެދި ދިއްކޮށްލާ އަތުގައި ހިފަން ކެރޭ އީމާންކަމުގެ ވިންދު ހުރި މުސްލިމުން ހުސްވީ ހެއްޔެވެ؟

ޔަހޫދީން މަސައްކަތް ކުރަނީ އެބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުމަށެވެ. ޔަހޫދީ މީޑިއާ މެދުވެރިކޮށް އަލްޤުދުސްގައިވާ އިސްލާމީ މުޤައްދަސް މަލަތައް ދުނިޔޭގެ ލޯތަކަށް އޮޅުވާލުމުގެ ޖަރީމާއެއް ދަނީ ހިންގަމުންނެވެ.

ޣާފިލުކަމުގެ ނިދިން ހޭލާށެވެ. މިހާރު އެފެށީ މަސްޖިދުލް އަޤްޞާ ބިމާ ހަމަކޮށްލުމުގެ މަޝްރޫޢެވެ. ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ޙަރަމްފުޅު ނައްތައިލުމުގެ މަޝްރޫޢެވެ. މި ވާހަކަތައް ޒުވާން ޖީލުތަކާ ހަމައަށް ގެންގޮސްދޭށެވެ.

މުސްލިމް އަޚުންނޭވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކުން ޢިބުރަތް ލިބިގަނެ ޣާފިލުކަމުގެ ނިދިން ހޭލާށެވެ! މަސްޖިދުލް އަޤްސާއާއި ފަލަސްޠީނުގެ މުޤައްދަސް ބިންތައް މިނިވަން ކުރުމަށް ތެދުވެ ހިންދަމާލާށެވެ. ވަރުގަދަ އީމާންކަމަކާއި ޢަދުއްވުންގެ ރޭވުންތައް ބޮއްސުންލާ ފަދަ ޙިމުމަތްތެރިކަމާއެކު ﷲ ގެ ޙަޟްރަތުން ވާގިއެދިގެން ކުރިއަށް ދާށެވެ!

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް