May 13, 2024 13:09
Advertisement

-Advertisement-

އުޝް

އުޝްގެ 'ބެއިބީޒް' ޕޭޖުން ލިބެންހުންނަ ތަކެތި ތަފާތު އަދި ރީތި!

ސޯޝަލް މީޑިއާގައި 'ބެއިބީޒް' މި ޕޭޖު ހިންގަމުން އަންނަ ހުނަރުވެރިއަކީ ފާޠިމަތު އުޝާމާ ހާމިދު (އުޝް) އެވެ. ވެރިރަށް މާލެ އަށް އުފަން އުޝް ތަފާތު ވައްތަރުގެ އެއްޗެހި ފެހުމުގެ މަސައްކަތްކުރާތާ 20 އަހަރު ވީއެވެ. އުޝްގެ އުފެއްދުންތަކުގެ ތެރޭގައި ތުއްތުކުދިންގެ ހެދުން، ބެޑްޝީޓް ސެޓު، ހިތާނީސާލު ހިމެނެއެވެ.

ތުއްތުކުދިންނަށް ޚާއްސަކޮށްގެން އުޝް ތައްޔާރުކޮށްފައިވާ ބެޑިންސެޓް

މަސައްކަތް ފެށުނު ގޮތް

ވިޔަފާރިއެއްގެ ގޮތުގައި މިމަސައްކަތް ރަޖިސްޓްރީކޮށްގެން ކުރާތާވެސް 12 އަހަރު ވީއެވެ. " ފެހުމުގެ މަސައްކަތް ކުރަން ފެށީ އުމުރުން 17 އަހަރުގައި. އެއިރުވެސް މަންމައަކީ ފެހުންތެރިއެއް. ސްކޫލު ނިމުނުގޮތަށް ކައިވެނިކޮށްގެން އެހާއަވަހަށް ދަރިއަކު ލިބުނީމަ ބެލީ ގޭގަ ހުރެގެން ކުރެވޭނެ ރަނގަޅު މަސައްކަތެއް ދަސްކުރަން. ބޮޑަށް ޝައުގުވެރިވީ އެމްބްރޮއިޑަރީ ވޯކަށް. ފަހަން ދަސްކޮށްގެންތާ އެމަސައްކަތް ކުރެވޭނީ. ފުރަތަމަ އަމިއްލަ ހެދުން ފަހައިގެން ދަސްކުރީ. ދެން މަންމަ ކުދިހެދުންކޮޅުތައް ފަހައިދިނީމަ އަތުން އެމްބްރޮއިޑަރީ ހެދީ. ފަހުން މިދާއިރާގެ ކޯހެއް ހެދުމަށްފަހު ރަނގަޅަށް މަސައްކަތް ދަސްވީމަ ފޭސްބުކްގައި 'ބެއިބީޒް' ޕޭޖް ހުޅުވައިގެން މަސައްކަތް ފުޅާކުރީ" އުޝް ކިޔައިދިނެވެ.

Advertisement

ކުރިން ވަޒީފާ އަދާކުރި އުޝް ވަޒީފާއިން ވަކިވުމަށްފަހު ފެހުމުގެ މަސައްކަތަށް ހުސްވީ ޒުވާން އުމުރުގައި ދެކުދިން ލިބި އެކުދިންނަށް ވަގުތުދޭން ޖެހޭތީއާއިއެކު ފެހުމުގެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ.

ތަފާތު ތީމްތަކަށް ބެޑިންސެޓް ތައްޔާރުކޮށްދޭ

އަމިއްލަ ގޭގައި ފެހުމާއިގުޅޭ ސްޓޫޑިއޯއެއް

އުޝް މައުލޫމާތު ދިންގޮތުގައި އޭނާގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ފިހާރައެއް އަދި ފަހާތަނެއްވެސް ހުޅުވިއެވެ.

" 2 ކުދިންގެ ޒިންމާ ނަގައިގެން އެމަސައްކަތް ކުރަން އުދަގޫވީމަ ފިހާރަ ބަންދުކުރީ. އަދި ފަހާތަން ގެއަށް މިބަދަލުކުރީ. ގޭގައި ހުންނާނީ ސްޓޫޑިއޯއެއް ގޮތަށް. އެއަށްފަހު އެއްޗެހި ވިއްކަމުން އައީ އޮންލައިންކޮށް ޕޭޖުގައި މައުލޫމާތާއި ފޮޓޯ ހިއްސާކޮށްގެން. ޕޭޖު މެދުވެރިކޮށް އޯޑަރުވެސް ނަގަން". ދިރިއުޅުމުގަދި ދިމާވި ގޮންޖެހުންތަކާއެކުވެސް އުޝްގެ މަސައްކަތް ނަގާ ކޮޅަށް ޖެހިއެވެ.

ތުއްތުކުދިންގެ ހެދުންތައް ތަފާތު އަދި ރީތި

އަގު އުޅެނީ ކިހިނެއް؟

އުޝްގެ އުފެއްދުންތައް ވަރަށް ރީއްޗެވެ. ބޭނުންގޮތަކަށް ނަންކޮޅުވެސް ޖަހައިދީގެން ތައްޔާރުކޮށްދެއެވެ.

ކުރިން ބެޑިންސެޓް ތައްޔާރުކުރީ އެމްބްރޮއިޑަރީ ވޯކް ވަރަށް ގިނަކޮށެވެ. "އެމީހަކު ބޭނުން ތީމަކަށް އެއިރު ހަދައިދެން. މިސާލަކަށް ޓްވިޓީ، ހެލޯކިޓީ، އަންޑަރވޯޓަރ، ކަހަލަ ތީމްތަކަށް ހެދިން. ބެޑިންސެޓްގައި ހުންނާނީ 3 ޕިލޯކޭސް، 1 ބޯލްސްޓަރ ކޭސް، ބެޑްޝީޓް. ބޭނުމިއްޔާ ބަންޕަރ ކަވަރ އެއްޗެހިވެސް ހަދައިދެން އެކަމަކު ހަދާފަ ބަހައްޓަނީ ހަމައެކަނި ބެޑްޝީޓްސެޓް. 550 އިން 850 އާއި ދެމެދުގައި ބެޑިންސެޓްގެ އަގު އުޅޭނީ. އެމްބްރޮއިޑަރީ ހަދާނަމަ އަގުބޮޑުވާނެ".

އުޝްގެ އުފެއްދުމެއް ކަމުގައިވާ ހިތާނީސާލު

ހިތާނީ ސާލުވެސް ބޭނުންގޮތަކަށް ތައްޔާރުކުރެއެވެ. އެންމެ ފާހަގަކުރެވެނީ 'ބީޗް ތީމަށް' ތައްޔާރުކުރި ސާލުކަމަށް ފާހަގަކުރިއެވެ.

ތުއްތުކުދިންގެ ހެދުންކޮޅު: " ބޭބީ ހެދުންކޮޅު ހުންނާނީ ޑިޒައިންތައް ހަދާފަ. އެވެސް ބޭނުން ކުލައަކަށް ތައްޔާރުކޮށްދެން. ކަސްޓަމައިޒްކޮށް ނަންކޮޅުވެސް ޖަހައިދެން. އަގު އުޅެނީ 80- 250 އާއި ދެމެދު. ކުރީގެ އަގަށް ބަދަލުއައީ އެއްޗެހީގެ އަގު ބޮޑުވީމަ. އެކަމަކު ވަރަށް އަގު ބަދަލު ނުކުރަން. ކޮވިޑް ފަހުންވެސް ބަދަލެއް ނުގެންނަން އަގަށް". އުޝް ފާހަގަކުރިއެވެ. 

ގޮންޖެހުން

އެހެން މަސައްކަތްތެރިންނެކޭ އެއްގޮތަށް އުޝްއަށް ވެސް ދިމާވާ ގޮންޖެހުމަކީ ބޭނުންވާ ތަކެތި ރާއްޖެއިން އަގުހެޔޮކޮށް ނުލިބުމެވެ. އެހެންވެ އޭނާގެ މަސައްކަތަށް ބޭނުންވާ އެއްޗެހިވެސް ގެންނަނީ ރާއްޖެއިން ބޭރުންނެވެ. އަދި ދިމާވާ އެހެން ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރީ އޯޑަރު ދިނުމަށްފަހު މަދުންނަމަވެސް އޯޑަރު ދިން ފަރާތުން އެ ތައްޔާރުކުރާ އެއްޗަކާ ހަވާލުވުމަށް ނައަންނަ މައްސަލައެވެ.

" އެޑްވާންސް ޕޭމެންޓެއް މުހިންމު ކުރިން އޯޑަރު ދީގެން އެއްޗެއް ތައްޔާރުކުރަންޏާ. އޮންލައިންކޮށް މިވިޔަފާރި ކުރާއިރު ބޮޑެތި ޕޭމެންޓްތައް އެޑްވާންސަށް ދައްކަން ޖެހޭއިރުވެސް ފަސްނުޖެހި ގިނަ މީހުން ދައްކާކަން ފާހަގަވޭ. އެއީ މިމަސައްކަތުގައި މީހުން އަޅުގަނޑަށް ކުރާ އިތުބާރު. ގަޑިއަށް މަސައްކަތް ނިންމާ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެކަން އެމީހުންނަށް ޔަގީން ކުރެވޭތީކަން އެނގޭ އެގޮތަށް އެޑްވާންސްކޮށް ރުފިޔާ ދޭނީ. 99 އިންސައްތަ މީހުންގެ ފަރާތުން 'ފީޑްބެކް' ލިބޭ މަސައްކަތާއިމެދު ހިތްހަމަޖެހިގެން. އެއީ މިމަސައްކަތުގައި ދެމިހުރުމަށް ލިބޭ ހިތްވަރެއް". ތަފާތު ވައްތަރުގެ ހެދުންވެސް ފަހައިދިން އުޝް ބުންޏެވެ.

ރީތިކުލަތަކެއްގެ ހެދުންތަކެއް

ފެހުން މިއީ ރަނގަޅު މަސައްކަތެއް

އުޝްގެ ތަޖުރިބާއަށް ބަލާއިރު ފާހަގަކުރީ ފެހުމުގެ މަސައްކަތަކީ އާމްދަނީއެއް ހޯދުމަށް ކުރަން ރަނގަޅުކަމެއް ކަމަށެވެ. އަދި އެހާގިނަ ދުވަހު މިމަސައްކަތުގައި ހޭދަވުމުން މިއީ އުޝް އަށް ކުރަން އުދަގޫކަމެއްވެސް ނޫނެވެ.

" އެކަމަކު މިމަސައްކަތް ފައްޓާއިރު ވަރަށް އުދަގޫވާނެ. އެއީ ކުދިހެދުން ހަދާއިރު ވަރަށް ބައިވަރު ކުދި މެޓީރިއަލް ގެންގުޅެންޖެހޭ. ވަރަށް ތަރުތީބުން ނޫނިއްޔާ ގިނަވަގުތު ހޭދަވެ އުދަގޫވާނެ މިކަން ކުރަން.. އަޅުގަނޑު ގޭގަ މިހުންނަނީ ވަކިން ސްޓޫޑިއޯއެއް ހަދާފަ މިމަސައްކަތަށް ޚާއްސަ. ހުރިހާއެއްޗެއް އެކިކުލަކުލައިގެ އެއްޗެހިވެސް ވަކިން ބަހައްޓާފަ މިހުންނަނީ. އެހެންވެ މަސައްކަތަށް ވަރަށް ފަސޭހަ. އެއިރުން ވަރަށް އަވަހަށް މަސައްކަތް ނިންމާލެވޭ. މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ރަނގަޅު މަސައްކަތެއް". އުޝް ހިތްހަމަޖެހުމާއެކު ފާހަގަކުރިއެވެ.

އުޝް- އޭނާގެ މަންމައާއި ބައްޕައާއެކު

މިމަސައްކަތުގައި މަންމައާއި ބައްޕަ އަދި ފިރިމީހާ އާއި ދެކުދިންގެ ފަރާތުން ލިބޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު އުޝްވަނީ ފާހަގަކޮށްފައެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް Baibeez އިން ތުއްތުކުދިންގެ ހެދުންކޮޅު ބެޑިންސެޓް އަދި ހިތާނީ ސާލުވެސް ގަންނަން ލިބޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7901166 މި ނަންބަރަށްވެސް ގުޅާލެވިދާނެއެވެ.

+1
2
+1
13
+1
7
+1
0
+1
0
+1
1
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. ކުރިއައް ވަޑައި ގަންނަވާ އަޅުގަނޑުމެންގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ

    7
    1
  2. ހިތްވަރާއެކު ކުރިޔަށް ވަޑައިންނަވާ..
    ކުރިއެރުންއެދި ދުއާދަންނަވަން..

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް