May 21, 2024 02:49
Advertisement

-Advertisement-

ފާޠިމަތު ޙަސަން (ފާތުން)

ފާތުން: ހިތްދަތި ބަނަ ދުވަސްތަކެއް ކުރިމަތިވި، ހިތްވަރާއެކު ކުރި މަސައްކަތުން ކާމިޔާބު ޓީޗަރަކަށް!

އަޅުގަނޑު އެންމެ ފުރަތަމަ ފާޠިމަތު ޙަސަން (ފާތުން) ދަންނަން ފެށީ 2000 ގެ އަހަރު ތަކުގެ ކުރީކޮޅުގައެވެ. ކިޔެވީ އެއް ސްކޫލެއްގައެވެ. އަދަބީ ހަރަކާތްތަކުގައި އެކީގަ މަސައްކަތް ކުރެވިފައިވެއެވެ. އަހަރުތަކެއްގެ ފަހުން ފެނުނީ ވަރަށް ހުނަރުވެރި ފާތުން އެކެވެ. ޤުރުއާން ކިޔަވައިދިނުމުގެ އިތުރަށް އަތްތެރި މަސައްކަތުގައި ވެސް ފާހަގަކުރެވެއެވެ. 'ޒީޓައިމްސް'ގެ ފަރުދުން ކެޓަގަރީގެ މި ރިޕޯޓް މި ޚާއްސަ ކޮށްލަނީ ގއ. ވިލިނގިއްޔަށް އުފަން ފާތުން އަށެވެ.

ތަޢުލީމް ހާސިލުކުރި ދާއިރާތައް:

  • ބެޗެލަރސް އޮފް ޓީޗިންގ ޕްރައިމަރީ އިސްލާމް އަދި ޤުރުއާން
  • ޑިޕްލޮމާއިން ޓީޗިންގ ޤުރުއާން
  • ޤިރާތު އެޑްވާންސް
  • ޑިޕްލޮމާއިން ބްރައިޑަލް ފެޝަން ޑިޒައިނިންގ
  • ޑިޕްލޮމާއިން ވެޑިންކޭކް އެންޑް ފޮންޑެންޓް ވޯރކް
  • ޑިޕްލޮމާއިން ޝުގަރ ފްލާވާރސް

ކިޔަވައިދޭން ފެށުނު ގޮތް:

Advertisement

2011 ވަނަ އަހަރުން ފެށިގެން ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ފާތުން ވަނީ އެންމެ ފުރަތަމަ ކިޔަވައިދޭން ފެށުނުގޮތް ކިޔައިދީފައެވެ.

" އަޅުގަނޑާއި އެކީގަ ޤާރީ ކޯސް ހެދި ކުދިންނަށް ގުރޫޕް ސްޓަޑީގަ ކިޔައިދޭން ފެށިގޮތަށް މި ދާއިރާއަށް ވަދެވުނީ. 2011 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އެކި ކުދިންނަން ކިޔަވައިދިނުމުގަ މި އުޅެނީ. ރަސްމީކޮށް އެމްކިއުއޭ ގަބޫލުކުރާ ފެންވަރުގެ ކޯސްތަކަށް ކިޔަވައިދޭން ފެށީ 2017 ވަނަ އަހަރުން ފެށިގެން".

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އަދި ޢިލްމު އިންސްޓިޓިއުޓްގަ ވެސް ވަނީ ހިފްޒް ކުލާސްތަކަށް ތަޖްވީދު ގަޑި ނަގައިދީފައެވެ. މިހާރު ކިޔަވައިދެމުން ދަނީ އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާ (އައިކިއުއެސް) އަދި ތިރީހާ ލާރނިންގ ސެންޓަރ އަށެވެ.

ހަޔާތަށް ދިމާވި ހިތްދަތިކަންތައް، ލޯބިވާ ދަރިފުޅު މަރުވުން:

'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި ފާތުން ކިޔައިދިން ގޮތުގައި އުމުރުން 20 އަހަރުގައި ވަނީ އޭނާގެ އެއް ކަންފަތުން އަޑުއިވުމުން މަހްރޫމްވެފައެވެ. އެއިރު ވަޒީފާ އަދާކުރަމުން ދިޔައީ ބޭންކް އޮފް މޯލްޑިވްސް ގައެވެ.

" އުމުރުން 12 ވަރަކަށް އަހަރުން ފެށިގެން ދެކަންފަތުން ދޮސް އަންނާތީ އެކަމަށް ލުޔެއް ހޯދުމަށް އުމުރުން 20 އަހަރުގައި އޮޕަރޭޝަން ކުރީ އައިޖީއެމްއެޗުން. އެ އޮޕަރޭޝަނަށްފަހު ވާތު ކަންފަތުން އަޑު އިވުމުން މަހްރޫމްވި. އޮޕަރޭޝަން ކުރީ ޑރ. ޖޯޝް. އެ ޑރ. ބުނީ އޮޕަރޭޝަނަށްފަހު 3 މަހުން ކަންފަތަށް އަޑު އިވޭނެ ކަމަށް. އެކަމަކު 1 އަހަރު ވީއިރުވެސް އަޑެއް ނީވޭ އެކަންފަތުން. އަނެއްކާ ސްރީލަންކާގެ ހޮސްޕިޓަލަކުން އެ އޮޕަރޭޝަން ކޮށްފަ ބުނީ ދެން އެ ކަންފަތަކުން އަޑު ނީވޭނެކަމަށް. އެއީ ކަންފަތުގައި އިންނަންޖެހޭ ކަށިކޮޅެއް ނެތުމުގެ ސަބަބުން. އަޅުގަނޑު ވަރަށް ދެރަވި. މުޅި ހަޔާތް އެއްކޮށް ބަނަވިކަހަލަ". ފާތުން ހިތްދަތިކަމާއެކު ކިޔައިދިނެވެ.

އެ ހިތްދަތި ވަގުތުގައި އެންމެ ހިތްވަރު ދިނީ ފިރިމީހާ އާއި އާއިލާއެވެ.

" ފިރިމީހާ ބުނާނެ އަދި އެއްކަންފަތަށް އަޑު އިވޭ ނޫންހޭ. އެއީ ﷲ ތިޔަކަހަލަ ކެތްތެރި ހިތްވަރުގަދަ އަންބަކު އެކަނި ދޫނުކުރަން ދެއްވި ނިއުމަތެކޭ. ވިސްނާލަބަލާށޭ ދުނިޔޭގައި އެބައުޅޭ އެއްގޮތަކަށް އަޑު ނީވޭ ނުހިނގޭ ނުފެންނަ އެތައްބަޔަކު. ދެރަވާ ކޮންމެ ފަހަރަކު އެމީހުން މަތިން ހަނދާންކޮށްލާށޭ. މިހުރިހާ ކަމަކަށް ކެތްތެރިވެ ﷲ އާއި ވަކީލު ކުރިން. އަދި 'ހިޔަރިން އެއިޑް' ލައްވައިގެން އުޅޭތީ ވަރަށް ސާފުކޮށް އަޑުއިވޭ. އަލްހަމްދުލިއްލާހި ފަހުން އިހްސާސެއް ނުވޭ އެއްކަންފަތަށް އަޑު ނީވޭ މީހެއްގެ ގޮތަށް". ފާތުން

ފާތުންގެ ދިރިއުޅުމުގައި ދިމާވި އެންމެ ހިތްދަތި ކަމަކީ ޑިގްރީ ނިމެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ލިބުނު ދަރިފުޅު ވިހޭތާ 1 މަސް ދުވަސް ފަހުން މަރުވުމެވެ.

" އެހިސާބުން ދިރިއުޅުން މަތިން ފޫހިވެ ކިޔެވުން ދޫކޮށްލަން ނިންމިން. މީހާ އެއްކޮށް ގަބުވި. އެދުވަސްކޮޅު އެއްވެސް ވަރަކަށް ނުނިދޭ ނުކެވޭ އެއްކޮށް އެންޒައިޓީވި. ދަރިފުޅުގެ ވިންދުދާކަން އެނގުމުން ޑރ. އަޅުގަނޑުގެ އަތްމައްޗަށް ދަރިފުޅުލީ. ނިޔާވީ މި އުނގުތެރޭ އޮވެ. އަމިއްލަ އަތުން ފިނިކޮށްފަހުރި މޯޗަރީއަށް ދަރިފުޅު ލީ! އެންބިއުލާންސްގަ އަޅުގަނޑާއި ފިރިމީހާ އަދި ޑުރައިވަރު އެކަނިމާ އެކަނި ސަހަރާޔަށް ދިޔައީ މަރުވެފަ އޮތް ދަރިފުޅު އަތްމައްޗަށް ލައިގެން. ހިނެވީ މި ދެއަތުން. އިހްސާސްކޮށްލާ މަޔަކަށް އަޅާނެ ވޭން އަބަދު ފެންނަނީ މިމަންޒަރުތައް. މިއީ ދުވަހަކުވެސް އަޅުގަނޑު އުންމީދުކުރި ކަމެއް ނޫން" ވޭނުން ފުރިގެންވާ އެވާހަކަތައް ފާތުން ކިޔައިދިނެވެ.

ފާތުންގެ ލޯބިވާ ދަރިފުޅު ނިޔާވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު އެވެ. ނޭވާލުމުގެ މައްސަލައެއް ދިމާވެ ނޭވާލާން އުނދަގޫވެގެން އުންމީދު ކަނޑާލާފަ އޮތް ދަރިފުޅު ނިޔާވީ އިންޑިއާގެ ހޮސްޕިޓަލެއްގައި 2 ހަފްތާ އަށް ކޯމާގައި އޮތުމަށްފަހުގަ އެވެ.

ކިޔެވުން ފުރިހަމަކުރުމަށް އާއިލާ އާއި ގާތް ރައްޓެހިން ދިން ހިތްވަރުން ފާތުން މިއަދު އެހެރީ އެ ގޮންޖެހުންތަކުން އަރައިގަނެ ޑިގްރީ ފުރިހަމަކޮށްފައެވެ. ކީރިތި ޤުރުއާނަށް އަދި ޢިލްމު އުނގެނުމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ތަދާއި ވޭން އިހްސާސް ކުރެވުނަސް ކިޔެވުމާއިގެން ކުރިޔަށްދިޔައީ ކަށިން ހިތްވަރު ނެރެގެންނެވެ.

" ހަގީގަތުގައިވެސް ޤުރުއާން ކިޔެވުމާއި ކިޔަވައިދިނުމުގެ ސަބަބުން އެ އެންޒައިޓީއިން ސަލާމަތްމިވީ. الله ގެ ބަސްފުޅު ކިހާ ތެދުފުޅުތޯ؟ ނުނިދޭ ކޮންމެ ރެޔަކު الله މަތިން ހަދުމަކޮށް އެހެންގޮސް ޤުރުއާން ހިފްޒު ކުރަން ފެށުނީ! އިންޝާ الله ދެން ބޭނުންވަނީ ކީރިތި ޤުރުއާން އެއްކޮށް ހިފްޒު ކުރަން. އެމަސައްކަތް މިހާރު ކުރިޔަށްދަނީ. الله ގެ އިރާދަފުޅާއިއެކު އެކަންވެސް ކުރާނަން" ރީއްޗަށް ޤުރުއާންވެސް ކިޔަވަން ދަންނަ ފާތުން ބުންޏެވެ.

ދަރިވަރުން ދެކޭގޮތް:

ކިޔަވައިދިނުމުގައި 12 އަހަރު ހޭދަވިއިރު މީގެތެރެއިން 9 އަހަރު ހޭދަވީ މޫނުބުރުގާ އަޅައިގެންނެވެ. ފާތުން ފާހަގަކުރެވިފައި ވަނީ ދަރިވަރުންގެ މެދުގައި މަގުބޫލު ޓީޗަރެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގައި ފާތުން ކިޔަވައިދިން ދަރިވަރެއްކަމުގައިވާ ޝަކީލާ ހާމިދު ފާހަގަކޮށްފައިވެއެވެ. "ފާތުންމިސް އަކީ އަޅުގަނޑަށް ކީރިތި ޤުރުއާން އުނގަންނައި ދެއްވި ޓީޗަރުންގެ ތެރެއިން އެންމެ ރަނގަޅު ޓީޗަރު. ފާތުންމިސް އަކީ ވަރަށް ލޯބިވާ މިސްއެއް" މޫނު ނިވާކޮށްފަ ހުރެގެން އުނގަންނައި ދިނަސް ފާތުންގެ ކިޔަވައިދިނުމުގެ ހުނަރު ގިނަ ދަރިވަރުން ފާހަގަކޮށްފައިވެއެވެ.

މަރިޔަމް މިބްސާމް ނަސީރު ކިޔާ ދަރިވަރަކު ލިޔެފައިވެއެވެ. "ފާތުންމިސް އަކީ އޯގާތެރި ހުނަރުވެރި ގާބިލް މުދައްރިސެއް".

އަދި ރަމްޒިއްޔާ މުހައްމަދު ލިޔެފައިވާގޮތުގައި ފާތުންމިސް ކިޔަވައިދޭއިރު ކުޑަކުއްޖަކަށްވެސް ނަގައިގަނެވޭނެ ގޮތަށް ވަރަށް ފަސޭހައިން ކިޔައިދޭކަމަށް ފާހަގަކޮށްފައިވެއެވެ.

ފާތުންގެ ހުނަރު ފެނިގެންދާ ބާލީސް އުރަތަކެއް

އަތްތެރިމަސައްކަތްތައް:

ފާތުން އަކީ ވަރަށް ރީތިކޮށް ކުޑަކުދިންގެ ބާލީސް އުރައާއި ބެޑްޝީޓް ތައްޔާރުކޮށްދޭ އަދި އެހާމެ މީރުކޮށް ކައްކާ ހުނަރުވެރި ކަނބަލެކެވެ. ކުޑަކުދިންގެ ބާލީސް އުރައާއި ގުޅޭ މަސައްކަތްތައް ފޭސްބުކް  Memorable Babyމި ޕޭޖްގައި ފެންނަން އެބަހުއްޓެވެ. "ބެޑިން ސެޓް" އެކި ޑިޒައިންތަކަށް ފަހަން ދަސްކޮށްދިނުމުގެ ކޯސްތައް ވަނީ ހިންގާފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީ، މާލެ ސިޓީ، ރ. އުނގޫފާރު، ރ.ހުޅުދުއްފާރު، ކ. ހުރާ، ކ.ތުލުސްދޫ އަދި ގއ. ވިލިނގިލީގައި ވަނީ ކޭކް ކޯސް ހިންގާފައެވެ.

ފާތުން ހިންގި ކޭކު ކޯހެއްގައި ބައިވެރިން ތައްޔާރުކުރި ކޭކުތައް

ނިންމުން

ދެވަނައަށް ލިބުނު ދަރިފުޅު މަރުވިއަސް ފާތުން އަށް ވަނީ ވަރަށް ފަހުން އިތުރު ކުއްޖަކު ލިބިފައެވެ. 2 ކުދިންނާއި އާއިލާއާއެކު ދިރިއުޅެމުންދާ ފާތުން ކުރިމަގަށް ކުރާ އުންމީދު ވަރަށް ފޮންޏެވެ. އުންމީދަކީ ލިބިފަހުރި ހުނަރެއް ދަސްވެފަހުރި ކަމެއް އަދި ލިބިފައިވާ ޢިލްމެއްވެސް އެހެން މީހުންނަށް އުނގަންނައިދޭށެވެ. ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވިއަސް ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށްދިއުމަށް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. މޫނުބުރުގާ އަޅައިގެންވެސް ޢިލްމު އުނގަންނައިދެވިދާނެކަން ފާތުން ދަނީ ސާބިތު ކޮށްދެމުންނެވެ.

+1
0
+1
42
+1
3
+1
0
+1
1
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް