May 11, 2024 15:02
Advertisement

-Advertisement-

ޑޮކްޓަރެއްގެ ވަޒީފާއިން ކޭކް އެޅުމުގެ މަސައްކަތަށް

ކޮންމެ މީހަކީވެސް ހަޔާތުގައި އުއްމީދުތަކަކާއި ލަނޑުދަޑިތަކެއް ހާސިލުކުރަން ބޭނުންވާނެ މީހެކެވެ. ހަޔާތުގެ ދިގުދަތުރު ނިންމާލަން ބޭނުންވާނީ އުފަލުގައިކަން ކަށަވަރެވެ. ދިރިއުޅުމަށްޓަކައި އެތައް ހުވަފެންތަކެއް ދެކޭނެއެވެ. ކިޔެވުމާއި ވަޒީފާގެ ގޮތުގައިވެސް މެއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކިޔަވައިގެން ތިމާ ބޭނުންވާ ލަނޑުދަޑިއަށް ހާސިލުވުމަށްޓަކައި އެތައް ވަގުތެއް ނަގައެވެ. އެއިން ކޮންމެ ދުވަހަކީވެސް އެމީހެއްގެ ހަޔާތުގައި މުހިއްމު ދުވަހެކެވެ. ކުޑައިރުއްސުރެ ދެކެން ބޭނުންވާ ހުވަފެނުގައި ކުލަޖެހުމަށް އެތައް އަހަރެއް ހޭދަވެގެންގޮސް އެދުވަހަކަށްޓަކައި ކެތްމަދުވާ މީހުންވެސް ތިބެއެވެ. ކިޔެވުމުގެ ފުރުސަތަކީ އެންމެންނަށް ލިބޭނެ ފުރުސަތަކަށްވެސް ނުވެދާނެއެވެ. ފައިސާގެ ދަތިކަމުގެ ސަބަބުން ބޭނުންވާ މަންޒިލަށް ވާސިލްނުވެވެސް ހިގައިދާނެއެވެ. އެހެންނަމަވެސް މިއަދު މިދައްކަން އުޅެނީ މެލޭޝިއާގެ އުމުރުން 31 އަހަރުގެ 'ނަކިއުއްދިން ރޮޒްމާން' ޑޮކްޓަރީކަމުގެ ވަޒީފާއިން ވަކިވެ، ކޭކްއަޅާ މީހެއްގެ ވަޒީފާއަށް ދާންޖެހުނު ވާހަކައެވެ.

ނަކިއުއްދިން އަކީ އެންމެ ކުޑައިރުއްސުރެ ވެސް ޑޮކްޓަރަކަށް ވުމުގެ އުއްމީދު އޮންނަ މީހެކެވެ. މިކަމުގައި އަބަދުވެސް ކުރިއަށް ދާން ބޭނުންވާ ކަމުގައި ބުނެއެވެ. އެހުވަފެނުގައި ކުލަޖެހުނެވެ. އެހެންނަމަވެސް ދިމާވީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ކެރިއަރ ދޫކޮށް އެހެން ދިމާލަކަށް މިސްރާބު ޖަހަން ޖެހުނީ އެގޮތް ބޭނުންވެގެނެއް ނޫނެވެ. އޭނާގެ ސިއްހީ ހާލަތު އެގޮތަށް ތަން ނުދިނުމުންނެވެ.

މީނާއަކީ ކިޔަަވަން އުޅުނު ދުވަސްވަރު ރަޝިއާގައި އެތަނުގެ ތަފާތު ކޭކުތަކުގެ ރަހަތައް މީރުވެގެން ކޭކުއަޅަން ދަސްކުރި މީހެކެވެ. އެކަން އޭރުކުރީ ހޮބީއެއްގެ ގޮތުންނެވެ. 2012 ވަނަ އަހަރު ޔުނިވަރސިޓީގައި ކިޔަވަމުން އޭނާގެ މީރު ރެޑްވެލްވެޓް ކޭކު އަޅައި ޔުނިވަރސިޓީ ކުދިންނާއި އެތަނުގައި އުޅުނު ރައްޓެހިންނަށް ވިއްކިއެވެ. އެއީ އިތުރަށް ރުފިޔާ ހޯދުމުގެ ބޭނުމުގައިވެސް މެއެވެ. ޑޮކްޓަރުކަން ކިޔެވުމަކީ އެތައް ޚަރަދެއް ހިގާ ކަމަކަށްވާއިރު އޭނާ ވިސްނީ މިކަމުގައިވެސް އިތުރު އާމްދަނީއެއް ލިބޭނެގޮތެއް ހޯދައި އަމިއްލަ ޚަރަދުތައް އަމިއްލައަށް ހަމަޖެއްސުމަށެވެ.

Advertisement

2016 ވަނައަހަރު ކިޔަވައި ނިމިގެން އެންމެ މަތީ ވަނަ ހާސިލުކުރުމަށްފަހު ކްލޭންގްވެލީގެ މެޑިކަލް ސްކޫލަށް ވަނެވެ. އެތަނުގައި އުޅުމަށްފަހު 2018 ވަނަ އަހަރު އޭނާގެ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ހޮސްޕިޓަލުން އޭނާއަށް އެންގީ ވަޒީފާ ދޫކޮށްލުމަށެވެ. އެއީ ވަރަށް ހިތާމަވެރި ހިތްދަތި ދުވަސްތަކަކަށްވިއެވެ. އެއްވެސް މީހަކަށް އެމީހެއްގެ ސިއްހީ ހާލަތު ތަން ނުދޭ މިންވަރަކުން ވަޒީފާ އަދައެއް ނުކުރެވޭނެއެވެ. އޭނާގެ ހުރިހާ އުއްމީދުތައް ގެއްލުނުކަހަލައެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތް ބޭކާރުވިކަހަލައެވެ. އެހެންނަމަވެސް އެހިސާބުންވެސް އޭނާ ވިސްނީ ޕޮޒިޓިވް ކޮށެވެ.

ކެރިއަރ ދޫކޮށްލަންޖެހުނު ކަމުގައިވިޔަސް ދިރިއުޅުން އެހިސާބުން ނިމުނީ ނޫންކަމުގައި ދެކި 2018 ވަނަ އަހަރު އޭނާގެ އަމިއްލަ ސިޓީ ކަމުގައިވާ 'އިޕޯ' އަށް ގޮސް ކޭކް އެޅުމުގެ މަސައްކަތް ފެށިއެވެ. ކޭކު އެޅުމަކީ އޭނާ ކުރާހިތްވާ ކަމަކަށްވެ އެކަމަށް ވަގުތު ހުސްކޮށް އަމިއްލައަށް ޔޫޓިއުބް ބަލައިގެންވެސް ދަސްކުރިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަކީ ވެޑިން ކޭކް އެޅުމުގައި މަޝްހޫރު މީހަކަށް ވެގެންދިޔައެވެ. އޭނާގެ ކޭކުތަކުން އެންމެންގެ ހިތްތައް އަތުލިއެވެ.

2019 ވަނަ އަހަރު ކޮވިޑްގެ ބަލިމަޑުކަން އައުމުން އަނެއްކާވެސް އެކަން މަޑުޖެހުނެވެ. އެހެން ނަމަވެސް ހިތްވަރު އެލުވައެއްނުލައެވެ. ގޭގައި ޑެކަރޭޓްކޮށްގެން ކާލެވޭކަހަލަ އެކި ޒާތުގެ ފޮނިއެއްޗެހި ހަދައިގެން ވިއްކިއެވެ. ހަވީރު ސަޔަށް ބޭނުންވާ ކަހަލަ ޑެޒާޓްތައް ހެދިއެވެ. އޭނާގެ މަސައްކަތް ދިޔައީ ކުރިއަށެވެ. 'އިންސްޓަރ' އަދި 'ފޭސްބުކް' އެކައުންޓުގައި އެކިކަހަލަ ރީތި އަޖައިބުކުރުވަނިވި ވެޑިންކޭކް ތަކުގެ ފޮޓޯއިން ފުރާލިއެވެ. މީނާ ބުނާގޮތުގައި ހިތްވަރަކީ ވަރަށް މުހިއްމު އެއްޗެކެވެ. ހިތާއި ސިކުނޑި ބޭނުންކޮށްގެން ކުރިއަށްދާން ވިސްނައިފިނަމަ އެއްވެސް ކަމަކީ އުދަގޫ ކަމަކަށް ނުވާނެއެވެ. މިއަދު މީނާއަކީ ޑޮކްޓަރަކަށްވުރެ ގިނަ އާމްދަނީ ހޯދައިގެން ދިރިއުޅޭ އުފާވެރި މީހެކެވެ. ބުރަމަސައްކަތާއި ހިތްވަރުން ކުރިއަށް ދެވިދާނެ ކަމުގެ ނަތީޖާ ދެއްކިއެވެ.

+1
2
+1
1
+1
2
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް