April 19, 2024 11:21
Advertisement

-Advertisement-

ފޮޓޯ: ސްކިންކްރާފްޓް

އިސްތަށިތައް ނުރަވާން ދިމާވާ ސަބަބުތައް އަދި އޭގެ ހައްލު

ބޮލުގެ އިސްތަށިތައް ނުރަވާތީ ކަންބޮޑުވާ މީހުން އުޅެއެވެ. ބައެއް މީހުންގެ އުމުރުން 20 އަހަރުގައިވެސް އިސްތަށިތައް ނުރަވާން ދިމާވެއެވެ. އިސްތަށިތައް ނުރަވަނީ "މެލަނިން" ކިޔާ މާއްދާއެއް މަދުވުމުންނެވެ. އާއްމުގޮތެއްގައި އުމުރުން ދުވަސްވާވަރަކަށް "މެލަނިން" ގެ މާއްދާ ހަށިގަނޑުގައި އުފެދޭ މިންވަރު މަދުވެއެވެ. އެހެންނަމަވެސް ޒުވާންއިރުގައި ބައެއް މީހުންގެ ހިތަށް އަރައެވެ. އޭނާއަށްވުރެ އުމުރުން ދުވަސްވެފައި ތިބޭ މީހުންނަށްވުރެ އޭނާގެ އިސްތަށިގަނޑު ނުރަވަނީ ކީއްވެގެންބާވައެވެ. އެކަމާ ލަދުގަނެ ބައެއް މީހުން އެކަމަށް ހައްލު ހޯދުމުގެ ގޮތުން ބޮލުގައި ކުލަޖައްސައެވެ. އިސްތަށިތައް ނުރަވުމަކީ ލަދުގަންނަންޖެހޭ އަދި ދެރަވާންޖެހޭ ކަމެއް ނޫނެވެ. މިކަމަކީ އެކި ސަބަބުތަކާހުރެ އެކި މީހުންނަށް ދިމާވާ މައްސަލައެކެވެ. މިސާލަކަށް އެމީހެއްގެ ސިއްހީ ހާލަތު ހުންނަގޮތުން ނުވަތަ ކެވޭ ކާނާގެ ސަބަބުންވެސް މިހެން ދިމާވެދާނެއެވެ. މިކަމުގައި ކޮންމެ މީހެއްގެ ސަބަބުވެސް ހަމަ ތަފާތުވެދާނެއެވެ. އާއްމުގޮތެއްގައި އިސްތަށިތައް ނުރަވާ ކަންކަމުގެ ތަފްސީލު ބަލާލާނަމަވެ.

ކަންބޮޑުވުން

ކަންކަމާ މާބޮޑަށް ކަންބޮޑުވުމުގެ ސަބަބުން ބައެއް މީހުންގެ އިސްތަށިތައް ނުރަވެއެވެ. ކަންބޮޑުވުމަކީ ސިއްހީގޮތުންވެސް މީހާ ބަލިކަށިކޮށްލާ ފެންނަ ފެނުމަށްވެސް މީހާގެ ތާޒާކަން ގެއްލޭ ކަމެކެވެ. ކަންކަމާ މާބޮޑަށް ކަންބޮޑުވެ ވިސްނުމަކީ ވަރަށް ގެއްލުންހުރި ކަމެކެވެ. މިކަމުގެ ސަބަބުން ރަނގަޅަށް ނުކެވި ރޭގަނޑު އަރާމު ނިދި ނުލިބި މިހުރިހާ ކަމެއްވެސް ދިމާވާން ފަށައެވެ.

Advertisement

ކަންބޮޑުވުމުން ދުރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް:

1- ގަވާއިދުން ކަސްރަތުކުރުން

2- ކަންކަމާމެދު ގޯސްކޮށް ނުވިސްނައި އެކަމުގެ ރަނގަޅުގޮތަށް ވިސްނުން 

3- ތިމާ އެންމެ ހިތްހަމަޖެހޭ ނުވަތަ ހޮބީއެއްގެ ގޮތުގައި ކުރާކަމެއްގައި މަސްއޫލުވެގެން އުޅުމުން ކަންކަމާ ކަންބޮޑުވާނެ ވަގުތު މަދުވޭ

4- އެކަނި ކަންކަމާމެދު މާބޮޑަށް ނުވިސްނާ ރައްޓެހިންނާއި އާއިލާއާއިއެކު ބޭރަށް ގޮސް މަޖާކޮށްލުން

5- ސިއްހީ ގޮތުން ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަން ދިނުން

6- އިތުބާރުހިފޭ ކަހަލަ މީހުންނާ ކަންކަމުގައި މަޝްވަރާކޮށް ހައްލުހޯދުން

ވިޓަމިންސް ނުވަތަ މިނަރަލްސް މަދުވުން

ހަށިގަނޑަށް ބޭނުންވާ މިނަރަލްސް އާއި ވިޓަމިންސް މަދުވުމުގެ ސަބަބުން އިސްތަށިތައް ނުރަވާން ފަށައެވެ. މިސާލަކަށް ކެލްސިއަމް، ކޮޕާ، ޒިންކް، ވިޓަމިންބީ12، އަޔަން ހިމެނެއެވެ. ޕްރޮޓީން މަދުވުމުންވެސް އިސްތަށިތައް ނުރަވެއެވެ. ބައެއް ސިއްހީ މާހިރުން ބުނާގޮތުގައި ހަމައެކަނި ތަރުކާރީ ޑައެޓެއް ނަގާ މީހުންނަށް އިސްތަށިތައް ނުރަވުމުގެ ޗާންސް ބޮޑެވެ. އެއީ އޭގެއިން ޕްރޮޓީންގެ މިންވަރު ނުލިބޭތީއެވެ. ނުރަވާން ފެށުމުން ހަށިގަނޑަށް ބޭނުންވާ މިނަރަލްސް އަދި ވިޓަމިންސް ގަވާއިދުން ބޭނުންކުރަން ފަށައިފިނަމަ އިތުރަށް ނުރަޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާވަރަށް ވިޓަމިންސް އާއި މިނަރަލްސް ބޭނުންކުރުން ވަރަށް މުހިއްމެވެ.

ޖެނެޓިކްސް

ޖެނެޓިކްސްގެ ސަބަބުންވެސް ބައެއް މީހުންގެ އިސްތަށިތައް އަވަހަށް ނުރަވެއެވެ. މިގޮތުން މަންމަ ނުވަތަ ބައްޕަ އުމުރުގެ ކުރީކޮޅު ނުރަވެފައިވާނަމަ ދަރިންވެސް އަވަހަށް ނުރަވުމުގެ ފުރުސަތު އޮވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

އާއްމުގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މީހާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. މީހާ މާއަވަހަށް މުސްކުޅިވާހެންވެސް ހީވެއެވެ. އާއްމުކޮށް ސިގިރޭޓްބޯ މީހުންގެ އިސްތަށިތައް ނުރަވާލެއް އަވަސްވާކަން ފާހަގަވެއެވެ. ސިއްހީ ގޮތުން ގެއްލުން ލިބޭ ގިނަ ކަންކަމަކީ ނުރަވުމަށް އޮތް ނުރައްކަލަކަށް ވެގެންދެއެވެ. އިސްތަށިތައް ނުރަވާން ފެށުމުން ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކޮށްފިނަމަ އެކަން ކޮންޓްރޯލްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކެމިކަލްސް އާއި ހޫނުގެ ސަބަބުން

އިސްތަށިގަނޑުގައި ކެމިކަލްސް ހުންނަ ތަފާތު ވައްތަރުތަކުގެ ކުލަ ޖެއްސުމާއި ބޯފަންކުރުން ފަދަ ކަންކަމުންވެސް އިސްތަށިތައް އަވަހަށް ނުރަވާން ފަށައެވެ. ކެމިކަލްސް އަކީ ވަރަށް ބޮޑަށް އިސްތަށިގަނޑު ހަލާކުކޮށްލާ އެއްޗެކެވެ. އަދި އިސްތަށިތަކަށް ހޫނުވެ ތަފާތު އެއްޗެހި ބޭނުންކުރަން ފެށުމުންވެސް މިކަން މިގޮތަށް ދިމާވެއެވެ.

މިކަމަށް ހައްލު ހޯދުމަށް ތަފާތު ކަންކަން ކުރެއެވެ. ނަމަވެސް މިއީ އެހާ ފަސޭހައިން ހައްލުވެގެންދާ ކަމެއް ނޫނެވެ. ވަރަށް ބޮޑަށް ސަމާލުކަންދީގެން ނޫނީ ރަނގަޅެއް ނުކުރެވޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ކަންބޮޑުވުމާއި ދުރުވެ، ސިއްހަތަށް ފައިދާ ލިބޭ ކާނާ ކެއުން ވަރަށް މުހިއްމެވެ. ގަވާއިދުން ކަސްރަތުކޮށް ރޭގަނޑުގެ ވަގުތުގައި ރަނގަޅަށް ނިދާފައި ފަތިހު ހޭލަން އާދަކުރާށެވެ.

+1
1
+1
1
+1
0
+1
1
+1
3
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް