May 12, 2024 17:00
Advertisement

-Advertisement-

އެއްމާބަނޑު ދެކުދިން ލިބުމުން އާމްދަނީ ހޯދުމަށް ފެށީ ތަފާތު ކާނާ ތައްޔާރުކުރުމުގެ މަސައްކަތް!

ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ތަފާތު މަސައްކަތްކުރާ ކަނބަލުން އުޅެއެވެ. އައްޑޫސިޓީ ހުޅުމީދޫ އަށް އުފަން މަރްޔަމް ނިޒާމާ އަކީ ވެސް ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ތަފާތު ރަހަތަކުގެ ކާނާ ތައްޔާރުކުރާ މުރާލި ކަނބަލެކެވެ.

'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި ނިޒާމާ ފާހަގަކުރި ގޮތުގައި މި މަސައްކަތް ފެށުނީ މީގެ ފަސްއަހަރު ކުރިންނެވެ. އެއްމާބަނޑު ދެކުދިން ލިބުމުން އެކުދިންނަށް ވަގުތު ދެމުން އާމްދަނީ ހޯދުމަށް ކުރެވޭނެ މަސައްކަތެއްގައި ދެމިހުރުމަކީ އޭނާގެ މަގްސަދެވެ.

އުފަން ރަށުގައި ދިރިއުޅުނުއިރު، ހެދިކާ އާއި މަސްކާށި ޓްރޭއިން ފެށި މަސައްކަތް ދުވަހެއް ދުވަހަކަށް ދަނީ ފުޅާވަމުންނެވެ. ތައްޔާރުކުރާ ބާވަތްތައް ދަނީ ގިނަ ވަމުންނެވެ.

Advertisement

" އެންމެ ފުރަތަމަ ޕާޓީތަކަށް ހެދިކާ ތައްޔާރުކުރަން ފެށީ. އެއަށްފަހު މަސްކާށި ޓްރޭ. އަދި ބަނބުކެޔޮ މޫސުމުގައި ބަނބުކެޔޮ ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ކެއުންތައް ވިއްކަމުން ދިޔައީ. 2021 ވަނަ އަހަރު މާލެ އަށް ދިރިއުޅުން ބަދަލުކުރިފަހުން މާލޭގައި ތަފާތު ބާވަތްތައް ވިއްކަމުން މިދަނީ. އައިސިންގ ކޭކް ކޯސްވެސް ހަދައިގެން ކޭކު އަޅަމުން މިދަނީ". ނިޒާމާ

އޯޑަރު ނަގައިގެން ތައްޔާރުކުރާ ތަކެތީގެތެރޭގައި ތަފާތުވައްތަރުގެ ހެދިކާ، ބަނާނާ ބްރެޑް، ކަޕްކޭކް، ބަޓަރކޭކް، އައިސިންގ ކޭކް، ކޮކްނަޓް ބޯލްސް، ސަބްމެރިން ސޯސް، ބޮނޑިބަތް އަދި ޕާނީ ޕޫރީ ހިމެނެއެވެ. މާލެ ބަދަލުވުމަށްފަހު މަސްކާށި ޓްރޭ ތައްޔާރެއް ނުކުރެއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރީ އެއަށް އަޅަން ބޭނުންކުރާ ތަކެތި ތާޒާކޮށް ހޯދުމަށް ދިމާވާ ގޮންޖެހުމެވެ.

" 5 އަހަރުގެ އެއްމާބަނޑު ދެކުދިން ގޮވައިގެން މިމަސައްކަތް ކުރަނީ ވަރަށް ކުރާހިތުން. އެއްވެސް އޯޑަރަކަށް ނޫނެކޭ ނުބުނެވޭތޯ ބަލަން. އެކަމަކު ގަޑި ކައިރިކޮށްފަ އޯޑަރު ދިނުމުން މަސައްކަތް ނިންމަން އުދަގޫވޭ. އަބަދުވެސް ބަލަން އޯޑަރުތައް ވަގުތަށް ނިންމޭތޯ".

ރަށާއި އަޅާބަލާއިރު މާލޭގައި ތައްޔާރުކުރާ ބާވަތްތަކުގެ އަގުތަކަށް ބަދަލު ނައަންނަ ކަމަށާއި، މިމަސައްކަތަށް ބޭނުންވާ ބައެއްތަކެތި ގެންނަނީ ރަށުން ކަމަށް ނިޒާމާ ވަނީ ބުނެފައެވެ. އަދި މިމަސައްކަތުން އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

" އެންމެ އުފާވަނީ ރެގިއުލަރ ކަސްޓަމަރސް އުޅޭތީ. އާންމުކޮށް ކަޕްކޭކްސް އަދި ބަޓަރ ކޭކު ގަންނަ މީހުން އުޅޭނެ. ކުދިން ތަންކޮޅެއް ބޮޑުވުމުން މިމަސައްކަތް އިތުރަށް ފުޅާކުރުމަށް މިވިސްނަނީ".

އިންޓަވިއު ނިންމާލަމުން ވަނީ މި މަސައްކަތުގައި އެހީތެރިވެދޭ އާއިލާގެ މެންބަރުންނަށް އަދި ޚާއްސަކޮށް ޑެލިވަރީ ކުރުމުގައިވެސް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފިރިމީހާ އަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ނިޒާމާގެ އުފެއްދުންތަކަށް އޯޑަރު ދޭން ބޭނުންނަމަ ފޭސްބުކް ޕޭޖް Amaxin’s Kitchen އިން އޯޑަރ ދެވޭނެ އެވެ.

+1
8
+1
5
+1
15
+1
1
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް