May 21, 2024 01:57
Advertisement

-Advertisement-

ސަމާ: ކުރިމަތިވި ފާޑުކިއުމަށް ބެލުމެއްނެތި އަމިއްލަ ހިތްވަރުން ހޯދި ކުރިއެރުން!

ސަމާ އިބްރާހީމް ދީދީ

އައްޑޫސިޓީ އަށް އުފަން ސަމާ އިބްރާހީމް ދީދީ އަކީ ދިވެހިރާއްޖޭގަައި ތަޢުލީމީ އަދި އިޖްތިމާއީ ރޮގުން ފާހަގަކުރެވޭ ކަނބަލެކެވެ. އެގޮތުން މި ދެދާއިރާއަށް ޚިދުމަތް ކުރާތާ 15 ވަރަކަށް އަހަރުވީއިރު ތަފާތު ފޯރަމްތަކުން ސަމާ ވަނީ ފެނިފައެވެ. މީހަކު ބުނާ އެއްޗަކަށް ފަސްޖެހުމެއް ނެތި، އަމިއްލަ ކުރިއެރުމަށް އަދި އެހެން މީހުންނަށް އެހީތެރިވުމަށް ކުރަމުންދަނީ ބުރަ މަސައްކަތްތަކެކެވެ.

ހަމައެކަނި މައެއްގެ ގޮތުން ދައްކާ ހިތްވަރަށް ބަލާލިނަމަވެސް ސާބަސް ދޭހާވެއެވެ. އެހެންކަމުން މިއީ ސަމާގެ ޕްރޮފައިލް ރިޕޯޓް ލިޔުމަށް ޝައުގުވެރިވީ ސަބަބުތަކެވެ.  

Advertisement

ތަޢުލީމް ހޯދުމަށް ބުރަ މަސައްކަތްތަކެއް

ސަމާގެ ތަޢުލީމީހަޔާތް ފެށިފައިވަނީ މާލޭގެ ސްކޫލުތަކުގައެވެ. ސްކޫލު ދައުރަށްފަހު ފުރަތަމަ ތަޢުލީމް ހާސިލުކުރީ ޓީޗިންގ ދާއިރާއިންނެވެ. ސެކަންޑަރީ ޓީޗިންގ ކޯސް ހަދަމުންދަނިކޮށް ސަމާ އާއި ކުރިމަތިވީ އާދައިގެ ބައްޔެއް ނޫނެވެ. 'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި ވަނީ ހަޔާތުގައި ދިމާވި އުފާވެރި އަދި ހިތްދަތި ހަނދާންތައްވެސް ކިޔައިދީފައެވެ.

" ބަލިވާން ފެށީ ވަރަށް ބޮޑަށް. 'ނަން ކެންސަރ' ޓިއުމަރެއް ހުރިކަން އެނގުނީ ރާއްޖެއިން ބޭރަށް ދިޔަފަހުން. ' އޯޕަން ހާރޓް ސަރޖަރީ' އެއް ކުރުމުން އެހާ ބުރަ ވަޒީފާއެއްގައި ނުއުޅެވޭނެތީ ޕާޓްޓައިމް އަށް ޓީޗަރެއްގެ ގޮތުގައި އުޅުނީ. ދެން މަސައްކަތްކުރީ ޕަބްލިކް އެގްޒަމިނޭޝަންގައި".

ބޮޑު އޮޕަރޭޝަނަކަށްފަހުވެސް ސަމާ ދިއައީ ހީވާގިކަމާއެކު މަސައްކަތާއި ކިޔަވާދިނުމުގެ ދާއިރާގައި ބޮޅުތައް އަމުނަމުން ނެވެ. އަދި އަލަތު ދަރިފުޅު ލިބި މަންމައެއްގެ ޒިންމާ އަދާކުރަމުންވެސް ފަސްޖެހުމެއްނެތި އެއްހަރުފަތުން އަނެއްހަރުފަތް ގިރާކުރަމުން ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ސަމާ ވަނީ ޑަބަލް ޑިގްރީ އަދި ޑަބަލް މާސްޓަރސް ފުރިހަމަކޮށްފައެވެ. 'ގައިޑެންސް އެންޑް ކައުންސިލިންގ' އަދި 'ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން' އިން ޑިގްރީ ނިންމިއިރު، މާސްޓަރސް ފުރިހަމަ ކޮށްފައި ވަނީ އެޑިޔުކޭޝަން ލީޑަރޝިޕް އާއި އާރޓްސް އެންޑް ސޯޝަލް ޕޮލިސީ ދާއިރާއިންނެވެ.

މީގެ އިތުރަށް ސަމާ އަކީ ގައިޑެންސް އެންޑް ކޯޗިން ދާއިރާއިން ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗިން، މެންޓަލް ހެލްތް ކޯޗިން، ލައިފް ކޯޗިންގ އާއި ގުޅުންހުރި ތަފާތު ޓްރެއިނިންގ ހަދާ މީހުން ބިނާކުރުމަށް މަސައްކަތްކުރާ ކަނބަލެކެވެ.

އެކަނި ދަރިފުޅު ގޮވައިގެންގޮސް ބޭރުގައި ކިޔަވަން އުޅުން

ދަރިފުޅު ގޮވައިގެން ކިޔަވަން މެލޭޝިއާ އަށް ދިޔައީ އެ ދަރިފުޅުގެ އުމުރުން ތިން އަހަރުގައެވެ. އެއިރު އާއިލާ މީހުންނަށް ވިސާ ހޯދުމަކީ އުދަގޫ ކަމެކެވެ. ޕާމަނަންޓް ވިސާ ދަރިފުޅަށް ނުލިބިގެން 3 ފަހަރު މެލޭޝިއާ އިން ފުރަން ޖެހުނުކަން ފާހަގަކުރިއެވެ. މެލޭޝިއާގެ އިމިގްރޭޝަނުން ތަފާތު އެތައް ގޮންޖެހުންތައް ކުރިމަތިލާން ޖެހުނުނަމަވެސް ހިތްވަރާއި އަޒުމާއެކު މަސައްކަތްކޮށް ކިޔެވުން ނިންމީ ދަރިފުޅު ގޮވައިގެން އުޅެމުންނެވެ. 3 އަހަރު ދަރިފުޅު ގޮވައިގެން އެކަނި މެލޭޝިއާގައި އުޅުނުއިރު ކޮލެޖަށް ދިޔައީ ދަރިފުޅު އިންޓަނޭޝަނަލް ސްކޫލަކަށް ލާފަ އެވެ. ކޮލެޖު ނިންމާފަ ދަރިފުޅު ގޮވައިގެން ގެއަށް ދާގޮތަށެވެ.

ސަމާގެ ދިރިއުޅުމުގެ ދަތުރުގައި އެކިގޮތްގޮތުން އެހީތެރިވެދީ، ޢިބްރަތްތެރި ފިލާވަޅުތައް ދަސްކޮށްދިން މީހުންނަށް އަދި ހެޔޮއެދޭ އެންމެންނަށް ޝުކުރު ޢަދާކުރަމުން ސަމާ ފާހަގަކޮށްލީ ދިރިއުޅުމުގެ ކަންކަމާއިގެން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އަބަދުވެސް އާޒިމްބެގެ މި ނަސޭހަތް ހަނދާންވާކަމަށެވެ. " ދިރިއުޅުމުގައި ގިވްއަޕް ނުކޮށް އަމިއްލައަށް މަސައްކަތް ކުރީމަ ހެއްދެވި ފަރާތުން އެކަމެއް ވުމަށް ފުރުސަތުތައް މަގުފަހި ކޮށްދެއްވާނޭ". 

ދިމާވި ގޮންޖެހުން

ދިރިއުޅުމުގެ މަރުޙަލާތަކުގައި އިސްކޮޅުން ކުރުވުމާއި ސިފައާއި ގުޅޭގޮތުންނާއި ދިރިއުޅުމުގެ ހައިސިއްޔަތާއި ގުޅިގެން އައި ފާޑުކިއުންތައްވީ ވަރަށް ހިތްދަތި އިޙްސާސްތަކެއް ކުރަންޖެހުނު ކަމެއްކަމަށް ސަމާ ބުންޏެވެ.

ބައެއް ޙާލަތްތަކުގައި ޒިންމާދާރު އިސްވެރިއެއްގެ ގޮތުގައި ހުރިނަމަވެސް ކަންކަމުގެ ގޮތް ނިންމާ ކަންކަން ކުރެވޭނެ ޤާބިލް މީހެއްކަމަށް ބަލައި ނުގަތުމާއި ވަކިކަހަލަ ކަންކަން ނުކުރެވޭނެކަމަށް ބުނެ އައި ގޮންޖެހުން ހަނދާންކުރަމުން ސަމާ ބުނީ އިސްކޮޅުން ކުރުވުމުން ބަލައި ނުގަންނަ މީހުންވެސް އުޅޭ ކަމަށެވެ.

ފާހަގަކުރިގޮތުގައި މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ރައްދު ނުދީ އަދާކުރި ކޮންމެ ވަޒީފާއެއްގައިވެސް ހޭދަކުރީ ކެތްތެރިކަމާއި ހިތްތިރިކަން އިސްކޮށްގެންނެވެ.

" އަޅުގަނޑު މީހުންނާއި ވާހަކަ ދައްކަނީ ކެތްތެރިކަމާއެކު. އަޅުގަނޑު އެއްޗެކޭ ނުބުނެ ކޮންމެ ހާލަތެއްގައިވެސް ބެލީ އެކަމެއް އޮންނަ އުސޫލުތަކުގެ ތެރެއިން އެންމެ އިސްކޮށް ހުންނަ މީހާ އާއި ހަމައަށް ގެންގޮސްގެންވެސް ކަންކަން ހައްލުކޮށްދެވޭތޯ. އަޅުގަނޑު އަމިއްލަ ނަފްސު ކޮންޓްރޯލުން ނައްޓާކަހަލަ ހާލަތްތައް އާދޭ. އެކަމަކު ވަރަށް ބޮޑަށް މީހުންނާއި ވާހަކަދައްކަނީ ވިސްނައިގެން އަޅުގަނޑުގެ ފަރާތުން މީހަކަށް ދެރައެއް އަދި ގެއްލުމެއް ދިމާނުވާނޭފަދަ ގޮތަކަށް". ސަމާ

ޕާޓްޓައިމް ލެކްޗަރަރ އެއް

ސަމާ އަކީ ޕާޓްޓައިމް އަށް އެކި ކޮލެޖްތަކުގައި ކިޔަވައިދެއްވާ ލެކްޗަރަރ އެކެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އިތުރުން، ވިލާ ކޮލެޖް އަދި ކްލިކް ކޮލެޖާއި ޕޮލިޓެކްނިކްގައި ކިޔަވައިދެއްވިއެވެ. ކިޔަވައިދެނީ ކައުންސިލިންގ، ސައިކޮލޮޖީ އަދި ސޯޝަލް ސައިންސާއި ގުޅޭ ތަފާތު ކޯސްތަކުގައެވެ.

އަމިއްލަ މަސައްކަތުގައި ކުރިއަށް

ސަމާ ދަނީ ކައުންސިލިން ދިނުމުގެ އިތުރަށް ގައިޑެންސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން 'ކުއެރޯ ގައިޑެންސް ސެންޓަރ އެލް.އެލް.ޕީ' ގެ ނަމުގައި ސެންޓަރެއް ހަދައި އަމިއްލައަށް ކޯޗިންގ ޓްރެއިނިންގ އާއި ގައިޑެންސް ޚިދުމަތްދިނުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އަދި 'އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ' (އީ.އެމް.ސީ) މި އެންޖީއޯ އެހެން އެކުވެރިއަކާއެކު އުފައްދައިގެން ކޯފައުންޑިންގ ޕްރެޒިޑެންޓްގެ ގޮތުގައި އިސްކޮށް ދަނީ މަސައްކަތް ކުރަމުންނެވެ.

"އެންޖީއޯ އަދި ގައިޑަންސް ސެންޓަރ ހިންގާތާ މިވީ 3 އަހަރު". އެންޖީއޯ އަދި ގައިޑަންސް ސެންޓަރ ހިންގުމަށް އެތަކެއް ތަކުލީފްތަކާއި ކުރިމަތިލާންޖެހުނު ނަމަވެސް ސަމާގެ އުއްމީދުގައި ކުލަޖެހި މުޖުތަމައުން ބަލައިގަތުންވީ ހަޔާތުގެ ދަތުރުނާމާގެ އަލިގަދަ ދަންމަރަކަށެވެ.

ރާއްޖޭގެ 10 އަތޮޅެއްގައި ތަމްރީން ޕްރޮގްރާމް ހިންގައިފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ކ، އއ، މ، ށ، ހދ. ހއ، ގއ، ގދ، ޏ، އަދި އައްޑުއަތޮޅެވެ. އަދި މީގެ އިތުރުން ތަފާތު ޕްރޮގްރާމްތައް ވަނީ މާލޭގެ ގިނަ އަދަދެއްގެ ސްކޫލާއި، މިނިސްޓްރީ އާއި، ކުންފުނިތަކުގައި ވެސް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީ ހިމެނެއެވެ. އަދި މީރާ، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް، ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ވެސް ހިމެނެއެވެ.

ލިބުނު ކާމިޔާބީތައް

  • 2018 ވަނަ އަހަރު އިންޓަރނޭޝަނަލް ޔޫތް ކޮމިޓީއިން ބޭއްވި ސައުތު އޭޝިއަން ޔޫތް ސަމިޓްގައި އޭޝިއާ އިންސްޕިރޭޝަން އެވޯޑު ފޯރ އެޑިޔުކޭޝަން
  • 2018 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަފަހަރަށް ވިމެން އިން މެނޭޖްމަންޓް(ވިމް) އިން ބޭއްވުނު 50 ވިމެން ޕްރޮފެޝަނަލް ކެރިއަރ އެވަރޑްސްގައި މެރިޓް އެވަރޑް ފޯރ ކޮންޓްރިބިޔުޝަން ޓު ދަ ސޮސައިޓީ

ނިންމުން

ސަމާ ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގައި ކާމިޔާބު ލިބުނީ ދިމާވި ގޮންޖެހުންތަކަށް ދޫނުދީ ހިތްވަރާއެކު ކުރި މަސައްކަތުންނެވެ. އަދި މަންމަ އާއި ބައްޕައާއި ކޮއްކޮގެ އިތުރުން އާއިލާގެ އިތުރު މެންބަރުންނާއި ރަޙުމަތްތެރިންނާއި ހެޔޮއެދޭ ހުރިހާ އެންމެންނާއި މެންޓަރުންގެ ފަރާތުން ލިބުނު ހިތްވަރާއި އެއްބާރުލުމާއި އުއްމީދީ ބަސްތަކުން ޢިބްރަތް ހާސިލުކޮށް ފަސްނުޖެހި ކުރިއަށް ދިއުމުންނެވެ.

ސަމާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނަގެ މަސައްކަތް މީހުން ބަލައިގަތުމެވެ.

" އަޅުގަނޑު ކައުންސިލިން ދިން ބައެއް މީހުންގެ ދިރިއުޅުން ކާމިޔާބުވީމަ ވަރަށް ހިތްހަމަޖެހޭ. މީހަކަށް އަޅުގަނޑުގެ ފަރާތުން އެއްޗެއް އެނގިގެން އެ ބަދަލު ގެނައުން އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. ސަމާގެ ފަރާތުން އެހެން މީހުން ސަކްސެސްވުން ގަބޫލުކުރަނީ ސަމާގެ ސަކްސެސްގެ ގޮތުގައި. އަބަދުވެސް ބަލަން މީހަކަށް ކަމެއް ކޮށްދީގެން އެމީހެއްގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސް ކާމިޔާބުވޭތޯ". އިންޓަވިއު ނިންމާލަމުން ފާހަގަކުރިއެވެ.

ސަމާގެ ވާހަކައިން ޢިބްރަތް ހާސިލުކުރަމާތޯ އެވެ. މީހާ ހުންނަ ސިފައަށް ބެލުމެއްނެތި ހުނަރާއި ތަޢުލީމާއި ތަޖުރިބާއަށް ބަލާނެ ބަޔަކަށް ވާން އެބަޖެހެއެވެ. ހިތްވަރާއެކު މަސައްކަތް ކުރާ މީހުންނަށް ކޮންމެވެސް ދުވަހަކުން ކާމިޔާބު ލިބޭނެއެވެ. إن شاء الله.

+1
6
+1
12
+1
20
+1
0
+1
0
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް