May 20, 2024 23:40
Advertisement

-Advertisement-

ރިޟާ: ހިތްހެޔޮ ރަނގަޅު ޚިދުމަތްތެރިއެއް!

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދެވި ރިޟާ އަކީ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ހިތްހެޔޮ މަޑުމައިތިރި ވަރަށް ރަނގަޅު ބޭފުޅެކެވެ.

ކ. ގުރައިދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ރިޟާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2009 ވަނަ އަހަރު މޭ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެދުވަހުން ފެށިގެން އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ދާއިރާގެ ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވާ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

އުމުރުން 55 އަހަރުގައި ރިޟާ އަވަހާރަވީ 'ބޮޑުބައްޔަކަށް' ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

ރިޟާ ވަކިވުމުގެ ހިތާމައިގައި ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކުރަމުންނެވެ. ފެށުނީއްސުރެ ޕީޕީއެމްގައި މަސައްކަތްކުރެއްވި ރިޟާ އާއި ގުޅޭގޮތުން ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި އިސްކޮށް މަސައްކަތްކުރައްވާ އަބްދުއްރަހީމް ފާހަގަކުރައްވައިފައިވެއެވެ.

" ރިޟާ އާއެކު މަޖިލީހުގައި 10 އަހަރު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު. ރިޟާ އަކީ ހިތްހެޔޮ އަޚްލާގު ރަނގަޅު އެންމެނާވެސް ގާތްގުޅުމެއް ބެހެއްޓެވި މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއް". އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ލިޔުއްވައިފައިވެއެވެ.

" ރިޟާ އަކީ އަޅުގަނޑުގެ މަޖިލީހުގެ ހަޔާތުގައި 2009 - 2019 އަށް އަޅުގަނޑާއި ނުހަނު ގާތްކަން ބޭއްވި ވަރަށް ޚުލްޤު ހެޔޮ މަޑުމައިތިރި އެހާމެ ހަރުދަނާ އެކުވެރިއެއް. އޭރުވެސް އާންމުކޮށް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު ރޯދަ އަށް ހުންނެވުމާއި އެކު ފަރުޟު ނަމާދުތަކަށް ނުހަނު ފަރުވާތެރި ވެލެއްވިތަން މަޖިލީސްގައި އެކުގައި އުޅުނު އަޅުގަނޑުމެންގެ އޮޅީގެ އެކުވެރިންނަށް ފެނިވަޑައިގަންނަވާނެ". ނިހާން ލިޔުއްވައިފައިވެއެވެ.

އިބްރާހީމް ރިޟާ / ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި ރިޟާ އާއި ގުޅޭގޮތުން ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

" ރިޟާ އަކީ މި ޕާޓީ އުފެދުނީއްސުރެ މި ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް. އަދި ޑީއާރުޕީ އާއި މި ޕާޓީ އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއް. ރިޟާ އަވަހާރަވުމަކީ މި ކޯލިޝަނަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް". ތަޢުޒިޔާ ދެންނެވުމުގެ ގޮތުން ޕީޕީއެމް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ކ.ގުޅި، ކ.މާފުށި އަދި ކ.ގުރައިދޫ އަށް ނިސްބަތްވާ ރައްޔިތުންވެސް ގެންދަވަނީ ތަޢުޒިޔާގެ މެސެޖުތައް ހިއްސާކުރައްވަމުންނެވެ. ގިނަބަޔަކު ފާހަގަކުރާ ގޮތުގައި ރިޟާ އަކީ ދެޕާޓީ އަކަށް ނިސްބަތްވިޔަސް ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ.

ރިޟާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން!

+1
0
+1
0
+1
0
+1
0
+1
0
+1
1
+1
4

Advertisement

ގުޅުންހުރި ލިޔުންތައް