May 12, 2024 04:30
Advertisement

-Advertisement-

ގިނަ ދުވަސްވީ ޝެފް: އޭނާގެ ލަނޑުދަނޑި ހާސިލުވީ ކިހިނެއް؟

ކޮންމެ މީހަކީވެސް މީރު ކެއުމެއް ކާން ބޭނުންވާނެ މީހެކެވެ. އަދި މީރުކޮށް ކައްކަން ބޭނުންވާ މީހުން ވެސް އުޅެއެވެ. ދުނިޔޭގައި މޮޅެތި ފާސްތައް ނަގައިގެން ކެއްކުމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުން މަދެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ތަފާތު ކެއުންތައް ތައާރަފުވަމުންދާ ޒަމާނެއްގައި ޝެފުންނަކީ ވަރަށް މުހިންމު ބައެކެވެ. 

ޖަޕާނުގެ ޓޯކިއޯއަށް އުފަން ޖިރޯ އޮނޯ އަކީ ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ އެއް ޝެފެވެ. 27 އޮކްޓޫބަރ 1925 ވަނަ އަހަރު އުފަންވި ޖިރޯގެ އުމުރުން މިހާރު 97 އަހަރު ވެފައިވާއިރުވެސް އޭނާގެ ކެއްކުން އަދިވެސް އެހާމެ ހައިރާން ކުރުވަނިވިހާ ކަމުދެއެވެ.

ޖަޕާނުގެ މަޝްހޫރު 'ސުކިޔަބަޝީ ޖިރޯ' ގެ ވެރިޔާ ޖިރޯ އޮނޯއަކީ ދުނިޔޭގެ ޝެފުން ތަކުގެ ތެރެއިން ނަންހިގާ މަޝްހޫރު އެކަކެވެ. އޭނާގެ ކެއްކުންތަކަކީ ހައިރާންކުރުވާހާ މޮޅެތި ކެއްކުންތަކެވެ. ޖަޕާނުގެ ޒަމާނީ ކެއުން ކަމުގައިވާ ސުޝީ އަކީ ތަފާތު އަދި މީރު ކެއުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކެއުމެކެވެ. އެންމެ ކުރިންސުރެއްވެސް ސުޝީ ހެދުމުގައި މަޝްހޫރުކަން ހޯދި މިހާރު ޒަމާނާ އެކަށީގެންވާ ގޮތަށް ސުޝީ ހެދުމުގައި ދެމިހުރި ޖިރޯ އަކީ ކުޅަދާނަ ހުނަރުވެރި ޝެފެކެވެ. 

Advertisement

ޖިރޯ އަކީ ޖަޕާނުގެ ސިޓީއެއް ކަމުގައިވާ ޝެންޒޯކާ ޕްރިފެކްޗަރ އަށް އުފަން މީހެކެވެ. އޭނާގެ އުމުރުން އެންމެ 7 އަހަރުގައި ތައުލީމު ހާސިލްކުރުމަށްޓަކައި ޓޯކިއޯއަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން ރެސްޓޯރެންޓެއްގައި ވަޒީފާ އަދާކުރަން ފެށި މީހެކެވެ. 1951 ވަނަ އަހަރު ކޮލިފައިޑް ސުޝީ ޝެފެއްގެ ގޮތުގައި ޖިރޯ އޮނޯ ފާހަގަވެގެން ދިޔައެވެ. 1956 ވަނަ އަހަރު އޭނާގެ އަމިއްލަ ރެސްޓޯރެންޓް ކަމުގައިވާ 'ސުކިޔަބަޝީ ޖިރޯ' ޓޯކިއޯގެ ގިންޒާގައި ހުޅުވިއެވެ. ޖިރޯގެ ދެފިރިހެން ދަރިންނަކީވެސް ސުޝީ ހެދުމުގައި ކުޅަދާނަ ޝެފުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް އޮބާމާ އަދި ޖިރޯ

ޖިރޯގެ ވާހަކަ އާއި އޭނާގެ ރެސްޓޯރެންޓްގެ ވާހަކަ މަޝްހޫރު ޑޮކިއުމެންޓަރީ "ޖިރޯ ޑްރީމްސް އޮފް ސުޝީ" ގައި ގެނައުމަށްފަހު އޭނާގެ ނަން ރަން އަކުރުން ފާހަގަވިއެވެ. 10 މީހުންނަށް އިންސާފު ކުރުމަށް ހިންގާ މި ރެސްޓޯރެންޓަކީ ހަމައެކަނި މަޝްހޫރު މީހުންނާއި ތަންތަނުގެ ރައީސުން ފެންވަރުގެ ބޭފުޅުންނަށް އެކަނި ހުޅުވާލާފައިވާ ރެސްޓޯރެންޓެކެވެ. 2014 ވަނަ އަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޖަޕާނުގެ ޕްރައިމް މިނިސްޓަރ އަށް ކެއުމަށް އިންސާފު ކުރެވުނެވެ. ބަރަކް އޮބާމާ ވިދާޅުވިގޮތުގައި ދުވަހަކުވެސް އެހާ މީރު ސުޝީ އެއް ނުކެވެއެވެ. އެއުފާވެރި ޖުމްލައިން ޖިރޯ އަށް ލިބުނު ހިތްހަމަޖެހުން ވަރަށްބޮޑެވެ.

މިމަސައްކަތުގައި މިހާ ކުރިއަށް ދިއުމުގެ ސިއްރަކީ ކޮބައިތޯ ބަލާލާއިރު ޖިރޯ ވިދާޅުވަނީ ބުރަކޮށް މަސައްކަތްކުރުން ކަމަށެވެ. އަމިއްލަ މަސައްކަތެއް ކުރާނަމަ އަމިއްލައަށް ކަންކަން ކޮށްގެން ކުރިއަރުވަން މަސައްކަތްކުރާނަމަ މަސައްކަތުގެ ނަތީޖާ ފޮނިވާނެ ކަމުގައި ޖިރޯ ވިދާޅުވެއެވެ. ޖިރޯ އަކީ އަބަދުވެސް ހުރިހާ ކަމެއްގައި އަމިއްލައަށް ޝާމިލުވެގެން ކުރި މީހެކެވެ. މީހަކަށް ބަރޯސާ ނުވެ ކަންކަމުގައި އިސްނަގައިގެން ބުރަކޮށް އުޅުމުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. އެންމެ ކުރިއްސުރެވެސް ކަންކަން ކުރާނެގޮތް އަމިއްލައަށް ދަސްކުރިއެވެ. އަދި ހަނޑޫ އެއްޗެހި ހައްދާ މީހުންގެ ކައިރިއަށްގޮސް ހަނޑުލުގެ ކޮލިޓީ އަމިއްލައަށް ބަލައިގެން އެކަމުގެވެސް ތަޖުރިބާ އަމިއްލައަށް ކުރިއެވެ.

ޖިރޯ އަކީ ކޮންމެ ދުވަހަކުވެސް ވަރަށް ފަތިހާ ހޭލައިގެން އަމިއްލައަށް މަސްމާރުކޭޓަށްގޮސް ރަނގަޅު ތާޒާ މަސް ހޯދައިގެން ގެނެސްގެން އެމަސައްކަތް ކުރި މީހެކެވެ. މިގޮތަށް އަމިއްލައަށް މަސްގަންނަން ބާޒާރަށް ގޮސްގެން ކުރަން ބޭނުންވަނީ މަހުގެ ތާޒާކަންވެސް އަމިއްލައަށް ދެނެގަނެގެން ކޮލިޓީ ހިފަހައްޓަން ބޭނުންވާތީއެވެ. އެތައް އަހަރެއް ވަންދެން މިކަންކަން ކުރީ އަމިއްލައަށެވެ. އެއަށްފަހު ދެން މަސްގަންނަން އޭނާ ފޮނުވީ އޭނާގެ ފިރިހެން ދަރިފުޅެވެ. ދާއޮހޮރުވައިގެން އަމިއްލައަށް ބުރަ މަސައްކަތުން ކުރާ ކޮންމެ ކަމެއްގައިވެސް ނަތީޖާ ވަރަށް ފޮނިވާނެ ކަމުގައި ޖިރޯ ފާހަގަކުރެއެވެ. 

ކުރާ ކޮންމެ މަސައްކަތަކީ ލޯތްބާއި ވަގުތު ހޭދަކޮށްގެން ކުރާ ކަމެއްކަމުގައި ހަދަން ޖިރޯ ނަސޭހަތްތެރިވެއެވެ. ކަންކަމުގައި އަވަސް އަރުވާނުލައި މީހުންގެ އަތްމައްޗަށް ކަންކަން ދޫނުކޮށް އަމިއްލައަށް މޮނިޓަރ ކޮށްގެން ކުރަން ދަސްކުރަން ވާނެއެވެ. ކަންކަމުގައި ބުރަކޮށް ދާއޮހޮރުވައިގެން ގިނަ ދުވަހުން ކަންކަން ހާސިލުވުން އެއީ ލިބޭ ބޮޑު އުފަލެކެވެ. ތަފާތު ތަޖުރިބާތައްކޮށް އެކަންކަމުން އިބުރަތް ހާސިލުކޮށްގެން ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލު ވުމަކީ ޝައްކެއް އޮތް ކަމެއްނޫނެވެ. މިއީ ޖިރޯ، އޭނާގެ ލަނޑުދަނޑި ހާސިލުކުރި ގޮތެވެ. 

މައުލޫމާތު: ސީއެން އެން

+1
1
+1
1
+1
4
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް