May 6, 2024 21:04
Advertisement

-Advertisement-

ގިނަ ކުދިންތަކަކަށް ޕްރެޒެންޓޭޝަން ހުށަހަޅައިދިނުމުގައި ރަޔާންގެ ތަޖުރިބާ!

އުމުރުން 13 އަހަރުގެ އަހުމަދު ރަޔާން ނިޝާހް އަކީ އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ 'ސަރކްލް' ގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމްގެ ބައިވެރިއެކެވެ. ރަޔާން އަށް ލީޑަރސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ 2020 ވަނަ އަހަރު ކުރިއަށްގެންދިޔަ ' ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ' ޕްރޮގްރާމްގައި ބައިވެރިވެ ފާހަގަކުރެވޭ ދަރިވަރަކަށް ހޮވިގެންނެވެ.

ޕްރެޒެންޓޭޝަން ހުށަހަޅައިދިނުމުގައި އިސްކަންދޭންވީ ކަންތައްތައް

'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި ރަޔާން ފާހަގަކުރި ގޮތުގައި 'ސަރކްލް' ގެ ޕްރޮގްރާމްގައި ޕްރެޒެންޓޭޝަން ހުށަހަޅައިދިން ފުރަތަމަ ދުވަހު ވަރަށް ކަންބޮޑުވިއެވެ.

Advertisement

" ވިސްނަމުން ދިޔައީ އަހަރެންނަށް ނުބައިކޮށް ހުށަހަޅައިދެވުނަސް އަޑުއަހަން ތިބި ޓިޔުޓަރސް ރަނގަޅު ކޮށްދޭނެކަމަށް. 100 ކުދިންނަށް އެދުވަހު ޕްރެޒެންޓޭޝަން ހުށަހަޅައިދިނީ. ޕްރެޒެންޓޭޝަން ދޭއިރު ހަމަޖެހިގެން ހުރެ ވިސްނުން ބަހައްޓާނީ ހުށަހަޅައިދޭ މީހާ އަކީ އެންމެ އިސްކޮށް އެތަނުގައި ހުރި މީހާ ކަމަށް. ޖުމްލައެއް ހަނދާން ނެތިއްޖެނަމަ އެކްސްކިޔުޒްއޭ ބުނެ ފެންފޮދެއް ބޯލާނީ. އަދި އެވަގުތު ހަނދާންނެތުނު ޖުމްލަ ހަނދާންކުރާނީ." ރަޔާން ބުންޏެވެ.

ރަޔާން އިނގިރޭސި ބަހުން ހުށަހަޅައިދިން ޕްރެޒެންޓޭޝަންގެ ނަމަކީ 'ދަ ފަސްޓް އިންވެންޝަން' އެވެ. މި ޕްރެޒެންޓޭޝަންގައި ކިޔައިދީފައި ވަނީ މީސްތަކުން އުފެއްދި ފުރަތަމަ ހިލައިގެ އާލާތްތަކުގެ ވާހަކައެވެ. އަދި އެ ހިލައިގެ އާލާތްތައް ވުޖޫދަށް އައިގޮތާއި އެ ބޭނުން ކުރެވުނު ގޮތް ވަނީ ކިޔައިދީފައެވެ.

ރަޔާން ހުށަހަޅައިދިން ޕްރެޒެންޓޭޝަން

ލީޑަރސް ޕްރޮގްރާމްގެ ތަޖުރިބާ

ރަޔާން ފާހަގަކުރިގޮތުގައި ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމަކީ ކުރިއަށްއޮތްތާގައި ލީޑަރުންނަށް ވުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭ ޕްރޮގްރާމެކެވެ.

"ލީޑަރޝިޕްގެ ހުނަރު ދަނީ ދަސްކޮށްދެމުން. އަދި އާންމުންގެ ތެރޭގައި ވާހަކަ ދައްކާނެ ގޮތް ދަނީ ދަސްކޮށްދެމުން. ބައިވެރިންނަށް ފުރުސަތު ލިބޭ ޕްރޮފެސަރ ޑރ.ހަސަން އުގެއިލް އަދި ޓިޔުޓަރސް އާއި ސުވާލުކޮށް ކަންކަން ދަސްކުރުމަށް. ބައެއް ސެޝަންތަކުގައި ވަރަށް މަޝްހޫރު ލީޑަރުންގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅުން ބައިވެރިވޭ."

އަދި ލީޑަރަކު ކުރާނެ ކަންތައްތަކާއި ނުކުރާނޭ ކަންތައްތައް ދަސްވި ކަމަށާއި، ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް ކުރިމަތިލާންވީ ގޮތް ދަސްވި ކަމަށް މާލެއަށް އުފަން ރަޔާން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ފުރިހަމަ ކުރި ޕްރޮޖެކްޓެއްގައި ރަޔާން ވަނީ އިންސާނުން އުދުހުމަށް ބޭނުންކުރެވިދާނެ 'ޖެޓްޕެކް' އެއް އޭނާގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ތައްޔާރުކޮށްފައެވެ.

ރަޔާން ތައްޔާރުކުރި ޖެޓްޕެކް

ސްކޫލުގައި ފާހަގަކުރެވޭ ދަރިވަރެއް

މިހާރު ޣާޒީ ސްކޫލުގައި ކިޔަވަމުން އަންނަ ރަޔާން އަކީ 2020 ވަނަ އަހަރު ލާމު އަތޮޅު ތައުލީމީ މަރުކަޒު ގައި ޖޫނިއަރ ޕްރިފެކްޓެކެވެ. ކަބްސްކައުޓް ގައި އުޅެމުން އަންނަ ރަޔާން ދަނީ ފުޓްބޯޅައިގައިވެސް އޭނާގެ ހުނަރު ދައްކަމުންނެވެ. އަދި މަސްބޭނުމަށް ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ރަޔާން ވަނީ ލ.އ.ތ.މ. ގެ ފެތުމުގެ މުބާރާތުގެ އެންމެމޮޅު 5 ފެތުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ސަރކްލްގެ ޕްރޮގްރާމްތަކާއިމެދު ބެލެނިވެރިން ދެކޭގޮތް

ރަޔާން އަކީ ވަރަށް ކުޑައިރުއްސުރެ އެއްޗެހި ރާވާ އިންޖިނޭރިންގ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށް އޭނާގެ ބައްޕަ މުހައްމަދު ނިޝާހް ވަނީ ފާހަގަކޮށްފައެވެ.

" ފުރަތަމަ ބައިވެރިކުރީ އޮންލައިންކޮށް ކުރިއަށްގެންދިޔަ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމުގައި. އެ ޕްރޮގްރާމުން ހޮވިގެން ލީޑަރސް ޕްރޮގްރާމުގައި ބައިވެރިވެވުނީ. ޕްރޮފެސަރ އުގެއިލް ގެ ޕްރޮގްރާމެއްގެ އިތުރަށް ޔޫކޭގެ ޓިޔުޓަރސް ކިޔަވައިދެއްވާ ޕްރޮގްރާމަކަށް ވާތީ އިތުބާރު އޮވޭ ރަނގަޅު ޕްރޮގްރާމަކަށް ވާނެ ކަމަށް. އަދި ފާއިތުވި އެއް އަހަރު ތެރޭގައި މި ޕްރޮގުރާމުގެ ފަރާތުން ގެންދިޔަ އެއްވެސް ކުލާހެއް ފައުންޑޭޝަނުން ކެންސަލް ނުކޮށް ކުރިއަށްގެންދަމުން ދަނީ." ނިޝާހް ފާހަގަކުރިއެވެ.

ރަޔާން އަށް ކުރިއާއި ބަލާއިރު އައި އެންމެބޮޑު ތަފާތަކީ ކަންކަމުގައި އިސްނެގުމުގެ އިތުރަށް ކަންކަމާއިމެދު ތަފާތު ގޮތްގޮތަށް ވިސްނަން އެނގުމެވެ. އަދި އަމިއްލައަށް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ދެކި، ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވިދާނެ ކަމަށް ރަޔާން ދެކުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާގެ ބައްޕަ ވަނީ ފާހަގަކޮށްފައެވެ.

ނިންމުން

ރާއްޖޭގައި ސްކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން ހިންގަމުން އަންނަ ތަފާތު ޕްރޮގްރާމެއް ކަމުގައިވާ ލީޑަރސް ޕްރޮގްރާމާއި ގުޅޭގޮތުން ރަޔާން އުންމީދު ކުރަނީ ވީހާވެސް ގިނަ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބި ހުނަރު ދަސްވެގެން ދިއުމެވެ.

" އަޅުގަނޑު ވަރަށް ޝައުގުވެރިވޭ ޕްރޮގްރާމް ކުރިއަށްދާގޮތާމެދު. ތަފާތު ކަންތައްތައް ދަސްވުމުގެ އިތުރަށް ވަރަށް ގިނަ ރަހުމަތްތެރިން ލިބުނު މި ޕްރޮގްރާމުގެތެރެއިން."

އިންޓަވިއު ނިންމާލަމުން ރަޔާން ވަނީ މިފަދަ ފުރުސަތެއް ލިބުނުކަމަށްޓަކައި ޕްރޮފެސަރ ޑރ. ހަސަން އުގެއިލް އާއީ ކިޔަވައިދެއްވާ ޓިޔުޓަރސް އަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
0
+1
6
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް