July 27, 2026 03:23
Advertisement

-Advertisement-

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޑޮކްޓަރ މުހައްމަދު ލަޠީފަށް އަރުވައިފި 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާއިރު އެމަނިކުފާނުގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަގާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތް ކުރައްވައިފައެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީންކުރުމަށްޓަކައި އަލަށް ގާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" އުފެދިގެން ދިޔުމުގައްޔާއި، "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީ ކުރެވިގެން ދިޔުމުގައިވެސް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިއްމެވެ.

Advertisement

ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުޅާ ކުރައްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާ ކުރެއްވުމަށްޓަކައި "ބިލްޓް-އިން ސުޕަރވިޜަން ސިސްޓަމް" އެއް އެމަނިކުފާނު ޤާއިމު ކުރެއްވިއެވެ. ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" 1998 ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔައިރު، އެ ކޮލެޖު ގާއިމުކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް ޚިދުމަތްކުރައްވައި، އެ ދާއިރާއިންވެސް ތަޖުރިބާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3ވަނަ ސެކްރެޓެރީ ކަމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުރުއްވިއެވެ. އެ މަނިކުފާނު ވަނީ އދ. އިޞްލާޙުކުރުމުގެ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން، އޮމާންކަމާއެކުގައި ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވައި، އެ އިސްތިރާޖު ތަންފީޒުކުރުމުގައިވެސް އިސް ދައުރެއް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވިއެވެ. މީގެއިތުރުން، "ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން" އާއި، ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ގާއިމުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދި ފަހުން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހި ސިވިލް ސަރވިސް ހަރުދަނާކުރައްވައި، ޒަމާނާ އެއްގޮތަށް ސިވިލް ސަރވިސް ބައްޓަންކުރެއްވުމަށްޓަކައި ޑޮކްޓަރ މުޙައްމަދު ލަޠީފް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފް، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސޓީ އޮފް ވޭލްސް އިން، އެޑިޔުކޭޝަނަލް ޕްލޭނިންގ ގެ ރޮނގުން 1992ވަނަ އަހަރުއެވެ. އެ މަނިކުފާނު، މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލު ކުރެއްވީވެސް، ޔުނިވަރސިޓީ އޮފް ވޭލްސް އިންނެވެ.

މައުލޫމާތު: ރައީސް އޮފީސް

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް