July 11, 2026 00:15
Advertisement

-Advertisement-

ޑރ. ޝާފިޔާގެ ގަލަމުން: ސޯޝަލް މީޑިއާއާއި ލިޓްރެސީ އަދި އިސްލާމީ ދިރިއުޅުން

ކޮލަމް ތަޢާރަފް

"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިސްލާހުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ޒަމާނަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި، ޓެކްނޮލޮޖީގެ އިންގިލާބީ ކުރިއެރުންތަކާއެކު، ސޯޝަލް މީޑިއާ ވެފައިވަނީ އިންސާނީ މުޢާމަލާތްތަކާއި ޚަބަރުތައް ފެތުރުމުގެ އެންމެ ނުފޫޒުގަދަ ވަސީލަތަށެވެ. މި ބަދަލުގެ ސަބަބުން، އިސްލާމީ މުޖުތަމަޢުތަކަށާއި، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އިޖުތިމާއީ ފޭރާމަށް ވެސް ވަނީ ޑިޖިޓަލް މާހައުލުގެ ފުން ނުފޫޒު ފޯރާފައެވެ. އިސްލާމްދީނަކީ އިންސާނާގެ ޢަމަލުތަކާއި، އަޚުލާޤާއި، ދޭދޭ ގުޅުންތައް ވަކި އިމެއްގެ ތެރޭގައި ބައްޓަންކުރުމަށް ބާރުއަޅާ ދީނެކެވެ. ނަމަވެސް، މި ޑިޖިޓަލް ދުނިޔޭގައި އިސްލާމީ ދިރިއުޅުމުގެ އަގުތަކާއި އުސޫލުތަކަށް އެއްދުވަހުން އަނެއް ދުވަހަށް ދަނީ ބުރޫއަރަމުންނެވެ. ހުއްޓުމެއްނެތް، ހިފެހެއްޓުމެއް ނެތް އެތައް ނޭދެވޭ ކަމެއް މުޖުތަމަޢުގައި އިތުރުވަމުން ދާއިރު، "ސޯޝަލް މީޑިއާ ލިޓްރެސީ" ނުވަތަ މީޑިއާއަށް ހޭލުންތެރިވުން މިއަދު ވަނީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައެވެ.

Advertisement

ސޯޝަލް މީޑިއާ ލިޓްރެސީއަކީ ހަމައެކަނި އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުމެއް ނޫނެވެ. އިސްލާމީ ނަޒަރަކުން ބަލާނަމަ، އެއީ ޑިޖިޓަލް މަންސަތަކުގައި ފެންނަ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރުކުރުމުގެ އިސްލާމީ އުސޫލު ކަމަށްވާ "ތަބައްޔުން" (Tabayyun) ގެ ސިފަ ލިބިގަތުމެވެ (އަލް-ޒަމާން، 2020) މި ކޮންސެޕްޓްގެ ހަގީގީ މާނައަކީ ކަމަކާއި ބެހޭގޮތުން މަޢުލޫމާތެއް އެނގިއްޖެނަމަ، ހަގީގަތް ހޯދުމާއި ތެދު ދޮގު ބެލުމެވެ. ޚާއްޞަކޮށް މިފަދަ ކަންކަމުގެ ތެރޭގައި އޮންލައިންކޮށް ފެތުރެމުންދާ ތަފާތު ބާވަތްތަކުގެ ފިތުނައާއި ބައިބައިވުންތަކުން ދުރުހެލިވާން އެނގުމާއި، "ޑިޖިޓަލް އަޚުލާޤު" (Netiquette) ދެމެހެއްޓުމުގެ ގާބިލުކަން ލިބިގަތުމެވެ. މާނައަކީ، މުޖުތަމަޢުގެ ދީނީ، ފިކުރީ އަދި އިޖުތިމާއީ ދިފާޢު ހިފަހައްޓައި، ޒިންމާދާރުކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ "ޑިޖިޓަލް ރައްޔިތަކު" (Digital Citizenship) ކަމުގައި ވުމެވެ. މިއީ މިއަދު ފަރުދީ އަދި އިޖުތިމާއީ ފެންވަރުގައި ކޮންމެހެން ލިބިގަންނަންޖެހޭ ގާބިލިއްޔަތެކެވެ.

ފުރާވަރުގެ ކުދިންނާއި ޑިޖިޓަލް ދޮގު މަޢުލޫމާތު (Digital Misinformation)

ސޯޝަލް މީޑިއާގެ ބޭނުންކުރުން ފުރާވަރު ޢުމުރުގެ ކުދިންގެ މެދުގައި ހަލުއިކޮށް އިތުރުވަމުންދާއިރު، އެކުދިން މަޢުލޫމާތު ހޯދާ، ބޭނުންކުރާ އަދި ފަތުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މީގެ ސަބަބުން، ފުރާވަރު ކުދިން ވެފައިވަނީ ޑިޖިޓަލް ދޮގު މަޢުލޫމާތުތަކަށް (digital misinformation) އެންމެ ބޮޑަށް ހުށަހެޅޭ އެއް ގްރޫޕަށެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި، ޑިޖިޓަލް މާހައުލުތަކުގައި އެކުދިން ބަލާ އަދި ހިއްސާކުރާ ކޮންޓެންޓްތަކާ މެދު ފާޑުކިއުމުގެ ވިސްނުމަކުން (critically) ބަލައި، ވަޒަންކުރުމުގެ ގާބިލުކަން މި އުމުރުގެ ކުދިންގެ ކިބައިގައި ވަރަށް ކުޑައެވެ.

މި މައުޟޫޢާ ގުޅޭގޮތުން ރޮޑްރިގޭޒް ކަސްޓީލޯ އާއި އެހެންބޭފުޅުން (2026) ޝާއިޢުކުރައްވާފައިވާ ސިސްޓަމެޓިކް ރިވިއު އަދި މެޓާ-އެނަލިސިސް (meta-analysis) ކަރުދާހަކީ ފާހަގަކޮށްލެވޭ ކަރުދާހެކެވެ. ދިރާސާ ހަދާފައިވަނީ ޕްރިޒްމާ(PRISMA، 2020) ގެ އުސޫލުތަކާ އެއްގޮތަށް 46 ކޮލިޓޭޓިވް ދިރާސާއަކާއި 18 މެޓާ-އެނަލިސިސް ކަރުދާސް ބޭނުންކޮށްގެންނެވެ. މި ދިރާސާއިން ހާމަވިގޮތުގައި، މީޑިއާ ލިޓްރެސީގެ ތެރެއިން ދެވޭ ތަޢުލީމީ އެހީތެރިކަމުގެ ސަބަބުން، ދޮގު މަޢުލޫމާތު ދެނެގަތުމުގެ ގާބިލުކަން ޒުވާން ކުދިންގެ ކިބައިގައި ވަރަށް ބޮޑަށް އިތުރުވެއެވެ. ޚާއްސަކޮށް، ލިޔުންތައް ކިޔާލައިގެން އަވަހަށް މާނަ ދެނެގަތުމާއި (skimming)، މަޢުލޫމާތުގެ އަސްލު ޔަގީންކުރުމާއި (source verification)، އަދި ދޮގު މަޢުލޫމާތަށް ސިކުނޑި ހޭނުވުމުގެ (cognitive inoculation) އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދެވޭ ތަމްރީނުތައް މި ކުދިންނަށް އިންތިހާއަށް ބޭނުންވެއެވެ. އެހެންކަމުން، ސްކޫލް ކަރިކިއުލަމްގެ ތެރޭގައި ހުރިހާ މާއްދާތަކަކާ ގުޅުވައިގެން، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ލިޓްރެސީ ހިމެނުމަކީ ޒުވާނުންގެ ކްރިޓިކަލް ވިސްނުން ވަރުގަދަކުރުމަށް އޮތް އެންމެ މުހިންމު ހައްލެވެ.

ބެލެނިވެރިންނަށް ހުރި މުހިންމު އިރުޝާދުތައް

ދަރިން ޑިޖިޓަލް މާހައުލުގައި ރައްކާތެރިކުރުމަށާއި، އިސްލާމީ އަޚުލާޤުގެ މަތީގައި ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ބެލެނިވެރިން ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ:

ސަމާލުކަން ދޭންވީ ކަންތައް ކަންކުރާނެގޮތް
ހަމައެކަނި ފޯނު ބޭނުންކުރަން އެނގުމަކުން ނުފުދޭކަން ވިސްނައިދިނުން

 

ދަރިފުޅަށް ފޯނެއް ނުވަތަ ޓެބްލެޓެއް ދިނުމުން އެކަނި ބެލެނިވެރިޔާގެ ޒިންމާ އަދާވީކަމަށް ނުބައްލަވާށެވެ. އިންޓަނެޓުން ފެންނަ މައުލޫމާތަކީ ތެދުތޯ ނުވަތަ ދޮގުތޯ ބަލާނެ ގޮތް (Critical Thinking) ދަރިންނަށް ދަސްކޮށްދޭން ޖެހޭނެއެވެ.
އޮންލައިން ބައިބައިވުންތަކުން (Polarization) ދަރިން ސަލާމަތްކުރުން ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ވިސްނުން ހަރުކަށިވެ، މުޖުތަމައު ބައިބައިވުމަށް މަގުފަހިވެއެވެ. ދަރިފުޅު އޮންލައިންކޮށް ފޮލޯކުރާ ޕޭޖުތައް މޮނިޓަރކޮށް، ޚިޔާލު ތަފާތުވާ މީހުންނަށް ވެސް އިހުތިރާމްކުރަންޖެހޭނެކަމާއި، ސައިބަރބުލީންގް (Cyberbullying) ފަދަ ކަންކަމަކީ އިސްލާމީ އަޚުލާގާ ޚިލާފު ކަންކަންކަން ވިސްނައިދޭށެވެ.
އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް (Social Integration) ބާރުއެޅުން އިންޓަނެޓަކީ ހަމައެކަނި ވަގުތު ބޭކާރުކުރާ އެއްޗަކަށް ނަހަދާ، އޭގެ ބޭނުންކޮށްގެން ހެޔޮކަންކަން ފެތުރުމަށާއި، ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ބައިވެރިވާން ދަރިންނަށް ހިތްވަރުދެއްވާށެވެ.
ތައުލީމީ އެޕްލިކޭޝަންތަކާއި ވަސީލަތްތައް ހޯދައިދިނުން ދަރިފުޅު ފޯނު ބޭނުންކުރާ ވަގުތުތަކުގައި، ހަމައެކަނި މުނިފޫހިފިލުވުމުގެ ބަދަލުގައި، ވިސްނުން ތަރައްގީކޮށްދޭ އަދި ދީނީ/އިޖުތިމާއީ ހޭލުންތެރިކަން އިތުރުކޮށްދޭ ފަދަ އުނގަންނައިދޭ އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް ބޭނުންކުރުމަށް މަގުދައްކަވާށެވެ.
ގޭތެރޭގައި ހުޅުވާލެވިފައިވާ މާހައުލެއް ބޭއްވުން އޮންލައިންކޮށް ދިމާވާ އެކި މައްސަލަތަކާ (މިސާލަކަށް: ބޭނުންނުވާ ފަދަ ހަޑިހުތުރު މެސެޖެއް ނުވަތަ ވީޑިއޯއެއް ފެނުން) ބެހޭގޮތުން ބިރެއް ނެތި ބެލެނިވެރިންނާ ވާހަކަދެއްކޭ ފަދަ ގާތް، އިތުބާރުހުރި ގުޅުމެއް ގޭތެރޭގައި އުފައްދަވާށެވެ.

ބެލެނިވެރިއެއްގެ ހަގީގީ ޒިންމާއަކީ ދަރިން ޓެކްނޮލޮޖީއާ މުޅިން ދުރުކުރުމެއް ނޫނެވެ. އެއީ މިޒަމާނުގައި ކުރެވޭނެ ކަމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، އެ ވަސީލަތްތައް ޒިންމާދާރުކަމާއެކު، އިސްލާމީ އަޚުލާގީ މިންގަނޑުތަކުގެ ތެރޭގައި ބޭނުންކުރާނެ ގޮތް (Digital Literacy) ދަސްކޮށްދީ މަގުދެއްކުމެވެ. މިއީ މުޅި މުޖުތަމަޢުގެ ދީނީ ފޭރާމާއި ހަމަޖެހުން ސަލާމަތްކުރުމަށްޓަކައި މިއަދު އެންމެން އެކުގައި ކުރަންޖެހިފައިވާ ގައުމީ މަސައްކަތެކެވެ.

ހަވާލާދޭ ލިޔުންތައް

  • އަލް-ޒަމާން، އެމް. (2020). ޑިޖިޓަލް ލިޓްރެސީ އެންޑް ފޭކް ނިއުސް އިން ދަ މުސްލިމް ވޯލްޑް. ޖާނަލް އޮފް އިސްލާމިކް މީޑިއާ ސްޓަޑީޒް، 4(2)، 125-138.
  • ރޮޑްރިގޭޒް ކަސްޓީލޯ، އެން. އީ.، މެންޑޯޒާ ކަރޭރާ، ޖޭ. އީ.، އެންޑްރާޑޭ-ވަސްކޭޒް، އެމް. އެމް.، އަދި އަގޮސްޓާ-ބަރޭނޯ، ކޭ. (2026). މީޑިއާ ލިޓްރެސީ އެޑިއުކޭޝަން އެންޑް މިސްއިންފޮމޭޝަން އިން ސޯޝަލް މީޑިއާ އެމަންގް އެޑޮލެސެންޓްސް: އޭ ސިސްޓަމެޓިކް ރިވިއު އެންޑް މެޓާ-އެނަލިސިސް. ޖާނަލިޒަމް އެންޑް މީޑިއާ، 7(2)، 71. https://doi.org/10.3390/journalmedia7020071

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
1
+1
0
+1
1
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް