ކޮލަމް ތަޢާރަފް
"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިސްލާހުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

މިއަދުގެ ވާހަކަކޮޅު މި ފަށަނީ ޙަޤީޤަތާއި ދާދިއެއްގޮތް މަންޒަރުތަކެއް ކިއުންތެރިނާއެކު ހިއްސާކޮށްލަމުންނެވެ. "ދޭއް ޖަހާ ބޮޑުވެއްޖެއެވެ. މުޅި ގޭތެރެއަށް ވަނީ ފުން ހިމޭންކަމެއް ވެރިވެފައެވެ. ނަމަވެސް، ސާދަ އަހަރުގެ ދަރިފުޅު އައިޝްގެ ކޮޓަރީގެ ދޮރުގެ ދަށުން ފޭދިގެން ނުކުންނަ ފަނޑު ނޫކުލައިގެ އަލިކަމުން އެ ހިމޭންކަން އިންޒާރެއް ފަދައިން މުގުރާލައެވެ. މަޑުމަޑުން ދޮރު ހުޅުވާލިއިރު، އައިޝް އިނީ ފޯނުގެ ސްކްރީނަށް ގެއްލިފައެވެ. ކުޅެމުންދާ ގޭމްގެ އަވަސް ހަރަކާތްތަކާއެކު އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ.
"ދަރިފުޅާ، އަދިވެސް ނުނިދަންތަ؟ މާދަމާ ސްކޫލް އޮންނާނެ،" މަންމަ ކަންބޮޑުވެފައި ބުންޏެވެ. އައިޝް ފޯނުން ނަޒަރު ވަކިކޮށްނުލާ، ރުޅިވެރިކަމާއެކު ބުންޏެވެ: "މަންމާ، ޕްލީޒް! އަހަރެންގެ ކަންކަމާ ނުބެހިބަލަ. މިއީ އަހަރެން ފޫހިފިލުވާލަން އޮތް ހަމައެކަނި ވަގުތު، އިތުރު ވަގުތެއް ވެސް ލިބެނީކީ ނޫން. މުޅި ދުވަހު އުޅެނީ ކިޔެވުމުގެ ކަންކަމުގައި، ޕްރެކްޓިސްތަކުގަ".
މަންމަގެ ހިތަށް ކުރީ ބަޔާންކުރަން ދަތި އަސަރެކެވެ. ކުޑައިރު ހީނލާފައި ވާހަކަދެއްކި ލާނެތް ދަރިފުޅު، މިއަދު އެއީ ހަމަ އެ ކުއްޖާ ހެއްޔެވެ؟ އެ ކުޑަކުޑަ ސްކްރީން ވަނީ ދަރިފުޅާއި އާއިލާއާ ދެމެދު ފޫނުބެއްދޭނެ ފަދަ ބޮޑު ފާރެއްލާފައެވެ. ފޯނު އަތުލަން އުޅެފިނަމަ ގޭތެރެ ބޮޑު ހަނގުރާމައަކަށް ބަދަލުވެއެވެ. ދޫކޮށްލައިފިނަމަ ދަރިފުޅުގެ މުސްތަގުބަލު ފުނޑުފުނޑުވަނީއެވެ. މިކަމުގައި ހަދާނެ ގޮތެއް، ދަރިފުޅަށް ވިސްނައިދޭނެ ގޮތެއް އެ މަންމައަކަށް ނޭނގެއެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ ކޮންމެ ގެއަކުން ފެންނަމުންދާ، ބެލެނިވެރިންގެ ހިތުގެ ރިހުމެކެވެ.
އާދެ، ހަލުވިކަމާއެކު ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ސަބަބުން ދިވެހިރާއްޖޭގެ މުޖުތަމައު އެހެން މުޖުތަމައަކާއި ތަފާތެއް ނެތެވެ. އެންމެންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މި ކޮލަމުގައި ކުރިން ބަޔާންކުރެވުނު ވަރަށް ގިނަ ލިޔުންތަކުގައިވާ ފަދައިން، ފުރާވަރުގެ ކުދިންގެ މެދުގައި ސްމާޓްފޯނާއި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވުމަކީ ދިވެހި ބެލެނިވެރިންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. މަތީގައި ހިއްސާކޮށްލެވުނު ސިނާރިއޯ އަކީ ވަރަށް އާންމު ބެލެނިވެރިއެއްގެ ހަގީގީ ދިރިއުޅުމުގައި ދިމާވާ ދުވަހީ ކަމަކަށް މިހާރު ވަނީ ވެފައެވެ.
ޑިޖިޓަލް ޒަމާނުގައި ފުރާވަރުގެ ކުދިން ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމަކީ، ކުދިންގެ އާންމު ދިރިއުޅުމަށާއި ތައުލީމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާ ކަމެކެވެ. އެގޮތުން، ގްރޭޓަރ މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައި ކުދިން މާގިނައިން ފޯނާއި އެހެނިހެން ސްކްރީންތައް ބޭނުންކުރުމުގެ ސަބަބުން އެކުދިންގެ ނިދުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ (އާދަމް އަދި އެހެން ލިޔުންތެރިން، 2026). މިދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި ދަންވަރު ގިނަވަގުތު ސްކްރީންގައި ހޭދަކުރުމުގެ ސަބަބުން ހެނދުނު ހޭލާއިރު ކުދިން މާބޮޑަށް ވަރުބަލިވެ، ނިދިމަޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި ހަމައެއާއެކު ގަވާއިދުން ސްކޫލަށް ހާޒިރުނުވުން އިތުރުވުމަށް މަގުފަހިވެއެވެ (އާދަމް އަދި އެހެން ލިޔުންތެރިން، 2026). މި ދިރާސާއިން ހާމަވި އެންމެ ނުތަނަވަސްކަމަކީ ހަމައެހެންމެ، ދަރިންގެ މިފަދަ ކަންކަން ކޮންޓްރޯލްކޮށް މެނޭޖުކުރުމުގައި ބެލެނިވެރިންނާއި ޓީޗަރުންނަށް އޮތް ބާރާއި އިޚްތިޔާރު ކުޑަވަމުންދާކަން ފާހަގަކުރެވުމެވެ. މި ވާހަކަ ކޮޅު ފެށިއިރު ހިއްސާކޮށްލާފައިވާ ނުތަނަވަސް ކަމަކީ މިހާރު ވަރަށް ގިނަ ބެލެނިވެރިން ތަޖުރިބާ ކުރަމުންދާ ކަންކަން މިދިރާސާއިން ހާމަވިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް (UNICEF) ގުޅިގެން ރާއްޖޭގެ ގައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ "ސައިބަރ ސޭފްޓީ އެންޑް ޑިޖިޓަލް ލިޓްރެސީ" ދިރާސާއިން އެނގުނު ގޮތުގައި، ދިވެހިރާއްޖޭގެ ގިނަ ބެލެނިވެރިންނަކީ ދަރިން އިންޓަނެޓް ބޭނުންކުރާ ގޮތް މޮނިޓަރކުރަން ބޭނުންވި ނަމަވެސް، ޓެކްނޮލޮޖީއަށް އަހުލުވެރި ނުވުމުގެ ސަބަބުން އެކަން ކުރާނެ ގޮތް ނޭނގި ހާސްކަމެއްގެ ތެރޭގައި ތިބި ބައެކެވެ. މިފަދަ މާހައުލެއްގައި، ކުދިންގެ ޑިޖިޓަލް ދިރިއުޅުން ރަނގަޅު މަގަށް އަޅުވައި، ހައްދުން ނެއްޓިގެންދިއުން ހުއްޓުވުމަށްޓަކައި ބެލެނިވެރިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު (Digital Parenting Self-Efficacy) ވަޒަންކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.

މިއަދު އިތުރަށް ބަލާލެވޭ ދިރާސާއަކީ ދާދިފަހުން ޖަރުމަނު ވިލާތުގައި ހަދާފައިވާ ދިރާސާއެކެވެ. މިދިރާސާގައި މައިގަނޑުގޮތެއްގައި ބަހުސުކުރެވިފައިވަނީ ޑިޖިޓަލް މީޑިއާއަކީ ފުރާވަރުގެ ކުދިންގެ އާންމު ދިރިއުޅުމުގެ ބޮޑު ހިއްސާއެއް ހިމެނޭ އެއްޗަކަށް ވެފައިވާގޮތާއި ބެހޭގޮތުންނެވެ. އަދި ޑިޖިޓަލް މީޑިއާގެ ސަބަބުން ހައްދުން ނެއްޓިގެން ގޭމް ކުޅުމާއި، ސޯޝަލް މީޑިއާ ބޭނުންކުރުމާއި، އަދި ވީޑިއޯ ސްޓްރީމްކުރުން ފަދަ ނޭދެވޭ އާދަތަކާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައިކަން ދިރާސާގައި އަލި އަޅުވާލެވިފައިވެއެވެ. ދިރާސާއިން ހާމަކުރަނީ ބެލެނިވެރިންނަކީ ދަރިންގެ ފަރާތުން ފެންނަ މިފަދަ އުޅުންތައް މެނޭޖުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައަކަށް ވުމަށެވެ. ނަމަވެސް ކުދިން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް މެނޭޖުކުރުމުގައި ބެލެނިވެރިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަން ބަޔާންކޮށްފައި ވެއެވެ.
މުޅި ދިރާސާ ޚާއްޞަކޮށްލާފައިވަނީ، ދަރިންގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ގޮތްތަކާއި ގުޅުންތައް މެނޭޖުކުރުމުގައި ބެލެނިވެރިންގެ އަމިއްލަ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށެވެ. މިގޮތުން ތައްޔާރުކޮށްފައިވާ ސާރވޭގައި 6 އައިޓަމްގެ މައްޗަށް އެކުލެވިގެން "ޑިޖިޓަލް ޕޭރެންޓިންގ ސެލްފް-އެފިކަސީ ސްކޭލް" (DPSES) ގެ ސާރވޭއެއް ދިރާސާގައި ބޭނުންކޮށްފައިވެއެވެ. ތިން މަރުހަލާއަކަށް (2019 އިން 2024 އަށް) ކޮންމެ މަރުހަލާއެއްގައި ގާތްގަނޑަކަށް 1200 ބެލެނިވެރިންނާއި ކުދިންގެ ގުރޫޕްތައް ދިރާސާގައި ބައިވެރިކުރުވާފައިވެއެވެ.
ދިރާސާގެ ހޯދުންތަކުން ހާމަކޮށްފައިވަނީ ޑިޖިޓަލް ކަންކަން މެނޭޖުކުރުމުގެ އަމިއްލަ އިތުބާރު ބޮޑު ބެލެނިވެރިންގެ ކުދިން، އެކި ޕްލެޓްފޯމްތަކުގައި މީޑިއާ ނޭދެވޭ ގޮތުގައި ބޭނުންކުރާ މިންވަރު މަދުކަމެވެ. މިއީ (ރާއްޖެ ފަދަ) ޑިޖިޓަލް ބަދަލުތަކާ ކުރިމަތިލަމުންދާ ގައުމުތަކުގައި ބެލެނިވެރިންނަށް އެހީތެރިވެދޭ ޓޫލްތަކާއި، ޑިޖިޓަލް ވެލްބީންގ އެޕްތަކާއި، އަދި ފުރާވަރުގެ ކުދިން ރަނގަޅު ގޮތުގައި މީޑިއާ ބޭނުންކުރުމަށް ބާރުއަޅާ އިދާރީ ޕްރޮގްރާމްތައް ފަރުމާކުރުމަށް ވަރަށް ބޮޑަށް ލަފާ ދީފައިވާ ދިރާސާއެކެވެ. މިދިރާސާގެތެރެއިން ފާހަގަކޮށްފައިވާ ބެލެނިވެރިންގެ ކަންބޮޑުވުންތައް ކުރުކޮށް ބަޔާންކޮށްލާނަމެވެ.

ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުންތަކާއި ހާސްކަން
- ހައްދުން ނެއްޓިގެން ދިއުން (Digital Addiction): ގޭމް ކުޅުމާއި، ޓިކްޓޮކް ނުވަތަ ޔޫޓިއުބް ސްޓްރީމްކުރުމުގައި ކުދިން ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ކިޔެވުމަށާއި، އަޚުލާގަށާއި، އަދި ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރުން.
- އާއިލީ ގުޅުންތަކަށް ބުރޫއެރުން: ކުދިން ފޯނަށް މާބޮޑަށް ގެއްލިފައި ތިބުމުގެ ސަބަބުން، މައިންބަފައިންނާ ވާހަކަދެއްކުން މަދުވެ، ގޭތެރޭގެ ދިރިއުޅުން ބޭނުންތެރި މުއާމަލާތްތަކުން މަހުރޫމްވުން.
- ސައިބަރ ބުލީއިން އަދި ނޭދެވޭ މަންޒަރުތައް: އިންޓަނެޓްގެ ޒަރީއާއިން ކުދިންނަށް ނޭދެވޭ ފިކުރުތަކާއި، ބޮޑެތި މީހުންނަށް ހާއްސަ މަންޒަރުތައް ފެނުމާއި، އަދި އޮންލައިންކޮށް ގަނާކުރުމުގެ ޝިކާރައަކަށް ވެދާނެތީ ބެލެނިވެރިން އަބަދުވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވުން.
"ޑިޖިޓަލް ޕޭރެންޓިންގ" ގައި ބެލެނިވެރިޔާގެ ދައުރު
މިފަދަ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި ބެލެނިވެރިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނުވަތަ "ޑިޖިޓަލް ޕޭރެންޓިންގ ސެލްފް-އެފިކަސީ" (Digital Parenting Self-Efficacy) އިތުރުކުރަން ޖެހެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޓެކްނޮލޮޖީ މެނޭޖުކުރުމުގެ ގާބިލުކަން ހުންނަ ބެލެނިވެރިންގެ ކުދިން، އޮންލައިންކޮށް ދިމާވާ ނުރައްކާތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.
ބެލެނިވެރިން ހޭލުންތެރިވާންޖެހޭ މުހިންމު ކަންތައްތައް
1. ސްކްރީން ޓައިމް މެނޭޖުކުރުމާއި "ޑިޖިޓަލް-ފްރީ" ސަރަހައްދުތައް ކަނޑައެޅުން:
ގޭގެ ވަކި ސަރަހައްދުތަކަކީ (މިސާލަކަށް: ކާގެ ނުވަތަ ނިދާކޮޓަރި) ފޯނު ވެއްދުން މަނާ "ޑިޖިޓަލް-ފްރީ" ތަންތަން ކަމުގައި ހެދުމަށް ދިރާސާގައި އިލްތިމާސްކުރެއެވެ. އަދި ނިދަން އޮށޯންނަ ގަޑީގެ 1 ގަޑިއިރު ކުރިން ހުރިހާ ސްކްރީންތަކެއް ނިއްވާލުމުގެ އާދަ ހަރުލެއްވުމަށް ބެލެނިވެރިންނަށް ދިރާސާގައި ބާރު އަޅާފައިވެއެވެ.
2. ސައިބަރ ސޭފްޓީ (އިންޓަނެޓްގެ ރައްކާތެރިކަން) އަދި ޕޭރެންޓަލް ކޮންޓްރޯލްސް:
ކުދިން ބޭނުންކުރާ ފޯނާއި އެޕްތަކުގައި "ޕޭރެންޓަލް ކޮންޓްރޯލްސް" ނުވަތަ "ފެމިލީ ލިންކް" ބޭނުންކޮށްގެން ނޭދެވޭ ސައިޓްތައް ބްލޮކްކުރާށެވެ. އަދި ނުދަންނަ މީހުންނާ ވާހަކަނުދެއްކުމަށާއި، އަމިއްލަ މައުލޫމާތު ހިއްސާނުކުރުމަށް ކުދިންނަށް ކިޔައިދީ ހޭލުންތެރިކުރާށެވެ.
3. ބެލެނިވެރިޔާ ނަމޫނާއަކަށް ވުމާއި މުއާމަލާތްކުރުން:
ދަރިންނާއެކު ވަގުތު ހޭދަކުރާއިރު ފޯނާއި ދުރު ބެލެނިވެރިޔާ އަމިއްލައަށް ރަނގަޅު ނަމޫނާއެއް ދެއްކުމުގެ މުހިންމު ކަމާ ބެހޭގޮތުން ދިރާސާގައި ލަފާދީފައިވެއެވެ. އަދި ހަރުކަށިކޮށް ފޯނު އަތުލުމުގެ ބަދަލުގައި، އިންޓަނެޓުން ފެންނަ ރަނގަޅު އަދި ނުބައި ކަންކަމާ ބެހޭގޮތުން ކުދިންނާ ހުޅުވާލެވިފައިވާ މާހައުލެއްގައި ރަހުމަތްތެރިއެއް ފަދައިން ވާހަކަދައްކާ މަޝްވަރާކުރުމަށް ބާރު އަޅާފައިވެއެވެ.
ދަންވަރުގެ ހިމޭންކަމުގައި ފޯނުގެ ނޫކުލައިގެ އަލިކަމަށް ގެއްލިފައި އިންނަ އައިޝް ފަދަ އެތައް ކުދިންނެއްގެ މަންޒަރަކީ، މިއަދު ހަމައެކަނި ބެލެނިވެރިއެއްގެ ހިތުގެ ހާސްކަމެއް ނޫނެވެ. އެއީ ދިރާސާތަކުން ވެސް ސާބިތުވެ، ގައުމީ ފެންވަރުގައި ސަމާލުކަންދޭން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ރާއްޖޭގެ މާހައުލުގައި ހެދިފައިވާ ދިރާސާތަކުން ހާމަވާގޮތުގައި، ރޭގަނޑު މާގިނައިން ސްކްރީން ބޭނުންކުރުމަކީ ކުދިންގެ ނިދި ހަލާކުވެ، ސްކޫލަށް ހާޟިރުނުވުން އިތުރުވެ، ނަފްސާނީ ގޮތުން ކުދިން ބަލިކަށިކޮށްލާ ކަމެކެވެ. މި ޑިޖިޓަލް އާލަތްތަކުގެ އޮއެވަރުން ދަރިން ސަލާމަތްކުރުމުގެ މާލިމީންނަކީ ބެލެނިވެރިންނެވެ. ބައިނަލްއަގުވާމީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، ބެލެނިވެރިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނުވަތަ "ޑިޖިޓަލް ޕޭރެންޓިންގ ސެލްފް-އެފިކަސީ" މަތިވިވަރަކަށް، ނޭދެވޭ ގޮތުގައި ކުދިން މީޑިއާ ބޭނުންކުރާ މިންވަރު ދަށްވެއެވެ. އެހެންކަމުން، ޕޭރެންޓަލް ކޮންޓްރޯލްސް ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ހުޅުވާލެވިފައިވާ މާހައުލެއްގައި ކުދިންނާ މުއާމަލާތްކޮށް، ދިރިއުޅުމުގެ އެހެނިހެން ކަންކަމާއެކު މިންހެޔޮކޮށް (ބެލެންސްޑް) ކޮންޓްރޯލްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ސްކްރީންތަކުގެ އަޅަކަށް ދަރިން ވިޔަނުދީ، ރައްކާތެރި ޖީލެއް ބިނާކުރެވޭނީ ޓެކްނޮލޮޖީގެ ކުރިމަތީގައި ބެލެނިވެރިންގެ ހޭލުންތެރިކަމާއި އިތުބާރު ވަރުގަދަކޮށްގެންނެވެ.
މަސްދަރުތައް:
Adam, A. S., Solih, M., & Rasheed, A. I. (2026). The Negative Impact of Screen Time on Teenagers' School Absenteeism. International Journal of Emerging Perspectives in Education, 2(1), 31-39. https://doi.org/10.64306/zhv05z87
Dohms, N., Ziegler, M., & Paschke, K. (2026). Parents’ Confidence in Guiding Adolescents’ Technology Use: Validation of the Digital Parenting Self-Efficacy Scale (DPSES) in a Large Population-Based Sample. International Journal of Human–Computer Interaction, 1-17.
Ministry of Education, & UNICEF Maldives. (2021). Assessment of digital literacy and cyber safety awareness among school children, parents, and teachers in the Maldives. Ministry of Education.
އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ.













