ކޮލަމް ތަޢާރަފް
"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް 'ޒީޓައިމްސް'ގައި ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާމެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ހަލުވިކަމާއެކު ބަދަލުވަމުންދާ ޑިޖިޓަލް ދުނިޔޭގައި، ސޯޝަލް މީޑިއާއަކީ ފުރާވަރު ކުދިންގެ ދިރިއުޅުމުގެ ވަކިނުކުރެވޭނެ ބަޔަކަށް ވަނީ ވެފައެވެ. މި ބަދަލާއެކު، ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި އަދުގެ ވާހަކަކޮޅު މި އަމާޒުކޮށްލަނީ މިޒަމާނުގެ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކާ ގުޅޭގޮތުންނެވެ. އާދެ، ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ. އެންމެ ފުރަތަމަ ބަލާލަން ޖެހެނީ ފުރާވަރު ޢުމުރަކީ ކޮބާތޯ. ފުރާވަރު ޢުމުރު އަޅުގަނޑުމެން މިކިޔަނީ ކޮންމެ ކުއްޖެއްގެ ހަޔާތުގައިވެސް އެންމެ ބޮޑު ބަދަލުތަކެއް ގެނުވާ ޢުމުރުފުރައެވެ. އެއީ 13 އަހަރާ 19 އަހަރާ ދެމެދެވެ. މި ޢުމުރުފުރައަކީ ވަރަށް ޚާއްޞަ އެހާމެ ނާޒުކު މަރުހަލާއެއްގައި ބޮޑުވަމުން އަންނަ ޢުމުރު ފުރައެކެވެ. ކަންކަމަށް ފުންކޮށް ވިސްނުމާއި، އަމިއްލަކަންތައްތައް ދެނެގަތުމާއި، މާހައުލުގައި އެކުދިންނަށް ފަހިވެފައިވާ ތަފާތު ކަންކަމާމެދު ވަރަށް ޒާތީ ނަޒަރަކުން ބަލާ ބައެއް ގޮތުގައި މި ޢުމުރު ފާހަގަކުރެވެއެވެ.
ކޮންމެ ކުއްޖަކަށް ވެސް އެންމެ ކަމުދާގޮތް މިނެ ކިރުމުގެ ގާބިލުކަމާއި އަދި ކަންކަމުގައި އިންތަކާއި މިންތައް ދެނެގަތުމުގައި އެންމެ ބޮޑު ބަދަލުތަކެއް އަންނަ އުމުރަކީ ވެސް ހަމަ މިއެވެ. މިކުދިންނަކީ ތަބީޢަތުގައިވެސް ޒާތީ ވިސްނުމަކުން ކަންކަން ނިންމާ ޤަރާރުތައް ނަގާ ބައެކެވެ. ހަމައެއާއެކު ވަށައިގެންވާ މާހައުލުގައި ހުންނަ ރަނގަޅު އަދި ނުރަނގަޅު އާދަތަކަށް ވަރަށް ބޮޑަށް މެހެވިގެންދާ އުމުރަކަށް ވެސް މި ޢުމުރުގެ ކުދިން ފާހަގަކުރެވެއެވެ. ބައެއް ފަހަރު އެންމެ ރަނގަޅު ނުވަތަ ރަނގަޅު ނޫނީ ކޮންކަމެއްކަން ފުންކޮށް ވިސްނާއިރު، ވަގުތީ އަދި ޒާތީ ގޮތްތަކެއް ގެންގުޅޭކަން ވެސް މި ޢުމުރު ކުދިންގެ ސުލޫކުތަކުން ފާހަގަކުރެވެއެވެ. މިހެންކަމުން ޒަމާނަށް އަންނަ ބަދަލުތަކާއި، އާކަންތައްތައް ކަމުދިޔުމާއި ގަޔާވުމާއި، ތަފާތު ކަންކަމުގައި ދެވިހިފުމާއި، ކަންކަމަށް ޣަރަގުވެގެން ދިއުންފަދަ ކޮންމެ ކަމަކީ މި ޢުމުރު ކުދިންގެ ދިރިއުޅުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަންކަމެވެ. މިހުރިހާ ކަމެއް މިހެން ހުރުމުން މިޒަމާނުގެ ބެލެނިވެރިންނަކީ ފުރާވަރު އުމުރުގެ ދަރިންގެ ކަންކަން ވަރަށް ގާތުން ބަލާ މޮނިޓަރ ކޮށް، 'ފާރަވެރިންނަށް' ވާން ޖެހޭކަމަށް ވަރަށް ގިނަ ޢިލްމީ ބަހުސްތަކުގައި މަޝްވަރާކުރެވެއެވެ. ނަމަވެސް ފާރަވެރިވާންޖެހޭ ގޮތާއި، އެކަން ކުރަންވީ ވަކި ގޮތްތަކެއް އަޅުގނޑުމެންގެ ރާއްޖޭގައި ބަހުސްކުރެވޭ މިންވަރު މަދެވެ. ހަމައެއާއެކު ރޭޑިއޯ ޓީވީ ނުވަތަ ސޯޝަލް މީޑިއާގެ ޕޯސްޓްތަކުގައިވެސް ބެލެނިވެރިން ހޭލުންތެރިވާންވީ ނުވަތަ ސަމާލުވާންވީ ކޮންކަންތައްތަކެއް ކަމެއް ސާފުކޮށް އެންމެނާއި ހަމައަށް ތިލަވާކަން ޔަގީކުރަން އުނދަގުލެވެ. އެންމެ އާންމު ބެލެނިވެރިޔާއަށް ވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް މި މައުޟޫއަކީ ވާހަކަ ދެކެވެންޖެހޭ ދާއިރާއެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ.
މިއަދު އަޅުގަނޑު މި ހިއްސާ ކޮށްލާ ވާހަކަ ކޮޅަކީ ވަރަށް ފަހުން ޝާއިޢުކުރެވިފައިވާ ދިރާސީ ކަރުދާހަކުން އެއްކޮށްލެވުނު މަޢުލޫމާތު ކޮޅެކެވެ. މި ކަރުދާސް ޝާއިޢު ކޮށްފައިވަނީ 'ޖާރނަލް އޮފް އެޑޮލިސެންސް' 2026 ގައެވެ. ކަރުދާހުގެ ސީދާ އިނގިރޭސިބަހުން ލިޔެވިފައިވާ މައުޟޫޢާއި އަދި ދިރާސާވެރިންގެ ނަންތައް ތިރީގައި މަޢުލޫމާތައްޓަކައި ހިމަނާލެވިފައި އެވަނީއެވެ.
| މައުޟޫޢު | Parental Factors Associated with Social Media Use in Adolescence: A Systematic Review |
| ދިރާސާވެރިން | Morawska, Alina ;Adina, Japheth; Khan, Asaduzzama; Turner, Karen. |
މި ކަރުދާސް ޝާއިޢުކޮށްފައިވަނީ އޮސްޓްރޭލިޔާގެ ކުއިންސް ލޭންޑް ޔުނިވަރސިޓީގެ ހަތަރު ދިރާސާވެރިންގެ ޓީމަކުންނެވެ. މި ކަރުދާހަކީ ސިސްޓަމެޓިކް ލިޓްރެޗަރ ރިވިއު ކަރުދާހެއް ނަމަވެސް މުހިންމު މަޢުލޫމާތުތަކެއް ކަރުދާހުގައި ތިލަކޮށްލެވިފައި ވާކަން ހާމަވެއެވެ. ދިރާސާއަށް މަޢުލޫމާތު ނެގިފައިވަނީ އޮންލައިން ހަތަރު ޑޭޓާބޭސްއެއް ކަމަށްވާ Scopus، PubMed، PsycINFO، އަދި ERIC ބޭނުންކޮށްގެން ސިސްޓެމެޓިކް ލިޓަރޭޗާ ރިވިއުއެއްގެ ދިރާސީ އުސޫލުތަކަށް ތަބައުވެގެންނެވެ. މިގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބަލައި، ޖުމްލަ 27 ދިރާސާއެއް (މީގެ ތެރޭގައި 19 ކުރޮސް-ސެކްޝަނަލް ދިރާސާ ހިމެނޭހެން) މި ރިވިއުއަށް ނެގުނެވެ. މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޔޫރަޕް، އެމެރިކާ، އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 26,337 ފުރާވަރު ކުދިން ހިމެނޭ ދިރާސީ ކަރުދާސްތަކެވެ.
މިދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި ފުރާވަރު ކުދިންގެ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ބެލެނިވެރިންނަށް މަގުދެއްކިދާނެ ގޮތްތަކެއް ވެއެވެ. އަދި އެކަމާ މަޝްވަރާ ކުރުމަކީ މިހާރު ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެކު ބޮޑު ސަމާލުކަމެއް ބޭނުންވާ ކަމެކެވެ. މި ކަރުދާހުގެ މައިގަނޑު ބަހުސްގެ ތެރޭގައި ބެލެނިވެރިކަމަކީ ޓެކްނޮލޮޖީއާ ގުޅުންހުރި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި 10 އަހަރާއި 19 އަހަރާ ދެމެދުގެ ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ މުހިންމު ކަމަށް އަލި އަޅުވާލެވިފައެވެ. ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުން މީގެ ކުރިން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ބެލެނިވެރިން ގެންގުޅޭ އުކުޅުތަކާ މެދު ތަފާތު ނަތީޖާތަކެއް ވަނީ ފެނިފައެވެ. ނަމަވެސް ކުރީގެ ދިރާސާތަކުން ބެލެނިވެރިންގެ އަމަލުތަކުގެ ސަބަބުން ކުދިންގެ ޑިޖިޓަލް ލިޓަރަސީ (ޓެކްނޮލޮޖީއަށް ހޭލުންތެރިވުން) ބައްޓަންވުމަށް ބާރުފޯރުވާ ގޮތެއް އަދި ސާފެއް ނުވެއެވެ. އެހެންކަމުން، މި ޢިލްމުވެރިންގެ ކަރުދާހުގެ މައިގަނޑު މަގްސަދަކީ ބެލެނިވެރިންގެ ފަރާތުން ފެންނަ ކަންތައްތަކާއި ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ހުރި ގުޅުން ދެނެގަތުމެވެ. ދިރާސާގެ ހޯދުންތަކުގައި ފާހަގަކުރެވިފައިވަނީ:
- ބެލެނިވެރިންގެ އަމަލުތަކުގެ ތެރެއިން ހަތަރު ކަމެއް (ނަމޫނާ ދެއްކުން، މުއާމަލާތްކުރުން/މެދުވެރިއަކަށްވުން، ބެލެހެއްޓުން/މޮނިޓާކުރުން، އަދި ހުދޫދުތައް ކަނޑައެޅުން) ފަދަ ކަންކަމަކީ ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ސީދާ ގުޅިފައިވާކަން ފާހަގަކުރެވުނެވެ.
- ފުރާވަރު ކުދިން އާންމުކޮށް ކޮޕީ ކުރަނީ ބެލެނިވެރިން ސޯޝަލް މީޑިއާ ބޭނުންކުރާ އާދަތަކެވެ. މީގެ ތެރޭގައި އޮންލައިންގައި ހޭދަކުރާ ވަގުތާއި، ޕްރައިވެސީ ސެޓިންގްސް ފަދަ ކަންކަން ހިމެނެއެވެ.
- ހާއްސަކޮށް، ބެލެނިވެރިން ދަރިންނާ ވާހަކަދައްކައިގެން ކަންކަން ނިންމުމުން (parental mediation) ކުދިންނަށް ރަނގަޅު އަސަރުތަކެއް ކުރެއެވެ. ނަމަވެސް ހަމައެކަނި ފާރަވެރިވެ ބެލެހެއްޓުމުން (parental monitoring) ފެނުނީ ނަތީޖާތައް ތަފާތުކޮށެވެ. މިގޮތުން ކުރިއާލާ ރޭވުންތެރިކަމާއެކު ހުދޫދުތައް ކަނޑައެޅުމުން ސޯޝަލް މީޑިއާގެ ނޭދެވޭ ބޭނުންތައް މަދުވާކަން ފާހަގަކުރެވުނެވެ. ނަމަވެސް، ކަމެއް ދިމާވުމުން އެއަށް ރައްދުދިނުމުގެ ގޮތުން ހުދޫދުތައް ކަނޑައެޅުމުން، ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވާކަން ފާހަގަކުރެވުނެވެ.
މިފަދަ ދިރާސީ ކަރުދާސްތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ކަންކަން އިސްލާހުކުރުމަށްވެސް ފިޔަވަޅުތައް ހޯދިދާނެ ޢިލްމީ ލިޔުންތަކެވެ. މި ދިރާސާއިން ދައްކައިދެނީ ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތް ބައްޓަންކުރުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ފުޅާކަމެވެ. ހާއްސަކޮށް ބެލެނިވެރިން ނަމޫނާ ދެއްކުމާއި، ދަރިންނާ މުއާމަލާތްކުރުމުގެ މުހިންމުކަން ބޮޑެވެ. އަދި ބެލެހެއްޓުމާއި ހުދޫދު ކަނޑައެޅުމުން ކުރާ އަސަރުތައް އިތުރަށް ދިރާސާކުރަން ޖެހޭކަން މި ރިވިއުއިން ހާމަވެއެވެ. މިފަދަ ކަންކަމުގައި ކޮންމެ ކުއްޖެއްގެ އަމިއްލަ ބޭނުންތަކާއި އާއިލީ ހާލަތަށް ރިއާޔަތްކުރުމަކީ ފައިދާހުރި އުސޫލުތަކެއް އެކުލަވާލުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ މުޖުތަމައުގެ ހާލަތާ ގުޅުވައިގެން އަމަލީ ގޮތުން ބާރުއެޅިދާނެ ދެތިން ކަމެއް ފާހަގަކުރެވެއެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ނުހަނު މަތި ގައުމަކަށް ވުމާއެކު، މި ހޯދުންތަކުގެ ބޭނުންތެރިކަން ދިވެހި އާއިލާތަކަށް ބޮޑެވެ.
- ބެލެނިވެރިންގެ އަމަލީ ނަމޫނާ އިސްކުރުން
ރާއްޖޭގައި ގިނަ ބެލެނިވެރިންނަކީ ވަޒީފާގެ މާހައުލުގައާއި ގޭތެރޭގައިވެސް ފޯނާއި ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރާ ބައެކެވެ. ދިރާސާއިން ދައްކާގޮތުން ކުދިން "ކޮޕީ" ކުރަނީ ބެލެނިވެރިންގެ އާދަތަކެވެ. ދަރިންގެ ސޯޝަލް މީޑިއާ އާދަތައް އިސްލާހުކުރުމުގެ ކުރިން، ބެލެނިވެރިން އަމަލީ ނަމޫނާ ދައްކަންޖެހެއެވެ. "ޑިޖިޓަލް ޑިޓޮކްސް" ނުވަތަ ފޯނާ ދުރު ވަގުތުތައް އާއިލާގައި ކަނޑައެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
- 'ފާރަވެރިވުމުގެ' ބަދަލުގައި 'ގުޅުން ބަދަހިކުރުން'
ދިވެހި އާއިލާތަކުގައި ގިނަފަހަރަށް ފެންނަނީ ކުއްޖާގެ ފޯނު "ޗެކްކުރުން" ނުވަތަ ސިއްރުން ބެލުން ފަދަ މޮނިޓަރިންގ އުކުޅުތަކެވެ. ނަމަވެސް ދިރާސާއިން ބުނަނީ މީގެ ނަތީޖާ ތަފާތުވެދާނެ ކަމަށެވެ. ބެލެނިވެރިންނާއި ދަރިންނާ ދެމެދު އޮންނަ މުއާމަލާތް (Parental Mediation) ވަރުގަދަކުރަންޖެހެއެވެ. ސޯޝަލް މީޑިއާގެ ނުރައްކަލާ ބެހޭގޮތުން ބިރުދެއްކުމުގެ ބަދަލުގައި، އެކުދިންނާއެކު މިނިވަންކަމާއެކު މަޝްވަރާކޮށް، "ޑިޖިޓަލް ލިޓަރަސީ" ނުވަތަ ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދޭންޖެހެއެވެ.
- އަދަބުދިނުމުގެ ގޮތުން ފޯނު އަތުލުމުގެ ނޭދެވޭ އަސަރު
ރާއްޖޭގައި އާންމުކޮށް ކުއްޖަކު ގޯސްކަމެއް ކޮށްފިނަމަ އެންމެ ފުރަތަމަވެސް ކުރާ ކަމަކީ ފޯނު އަތުލުމެވެ (Reactive Limit-setting). ދިރާސާއިން ދައްކާގޮތުގައި މިކަމުގެ ސަބަބުން ކުއްޖާ ސޯޝަލް މީޑިއާއަށް އޮންނަ ޝައުގުވެރިކަން ނުވަތަ ބޭނުންކުރާ މިންވަރު އިތުރުވެއެވެ. ހުދޫދުތައް ކަނޑައަޅަންވާނީ ކުރިއާލާ ރޭވިގެން (Proactive) އެވެ. ކުއްޖާ ގޯހެއް ހެދުމުން ކުއްލިއަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ގޭގެ އުސޫލުތައް ކުރިއާލާ ކަނޑައަޅައި، އެ އުސޫލުތަކަށް ކުއްޖާ ހޭނުވުމަކީ މާ ފައިދާހުރި ގޮތެކެވެ.
- ދިވެހި އާއިލީ އޮނިގަނޑާއި އެހީތެރިކަން
މި ޒަމާނަކަށް އައިސް ރާއްޖޭގައި ގިނައީ "ނިއުކްލިއާ" ހަމައެކަނީ މައިންބަފައިން ދަރިން އެކުގައި އުޅޭ އުޅުން ކަމުގައިވިޔަސް ޖުމްލަގޮތެއްގައި ޢާއިލާގެ އެކުވެރިކަމާއި ގާތްކަން އޮންނަނީ އެއްކޮށް އުޅޭ ބޮޑު ޢާއިލާތަކެއް ގޮތަށެވެ. ކުއްޖާގެ ސޯޝަލް މީޑިއާ ބޭނުންކުރުން ބައްޓަންކުރުމުގައި ހަމައެކަނި މަންމަ ނުވަތަ ބައްޕަގެ އިތުރުން، ޢާއިލާގައި އުޅޭ މީހުންގެ (މިސާލަކަށް ބޮޑުބޭބެ، ބޮޑުދައިތަ) އަމަލުތައްވެސް ދިރާސާގައި ބުނާ "ނަމޫނާ"ގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން މުޅި އާއިލާ އެކުގައި މިކަމަށް ހޭލުންތެރިވާންޖެހެއެވެ.
މި ދިރާސާއަކީ ދިވެހި މުޖުތަމައަށް ވަރަށް މުހިންމު މެސެޖެއް ދޭ ދިރާސާއެކެވެ. ކުދިން ޓެކްނޮލޮޖީއަށް ހޭނުމަކީ ހަމައެކަނި ސްކޫލްގެ ނުވަތަ މުޖުތަމައުގެ ޒިންމާއެއް ނޫނެވެ. އެކަމުގެ ބިންގާ އެޅެނީ ގޭތެރެއިންނެވެ. ބެލެނިވެރިންގެ "ގަލަމުން" ދަރިންގެ ޑިޖިޓަލް ހަޔާތް ކުރަހައިދޭއިރު، އެންމެ މުހިންމީ ހަރުކަށި އުސޫލުތަކަށްވުރެ ބޮޑަށް، އޯގާތެރި މުއާމަލާތާއި ރަނގަޅު ނަމޫނާކަން މި ދިރާސާއިން ކަށަވަރުކޮށްދެއެވެ.
ހަވާލާދޭ ފަރާތް
Morawska, A., Adina, J., Khan, A., & Turner, K. M. (2026). Parental Factors Associated with Social Media Use in Adolescence: A Systematic Review. Journal of Adolescence, 98(1), 51-68.
އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ.













