ގޭގައި ބޭނުންކުރާތަކެތި ގަންނަން ފިހާރައަށް ދިއުމުގެ ކުރިން ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކުރުން ވަރަށް މުހިންމެވެ. މިގޮތަށް ލިސްޓެއް ތައްޔާރުކުރުމުގެ ބޭނުމަކީ ގަންނަންދާ އެއްޗެހި ހަނދާނުގައި ބެހެއްޓުމުގެ ބަދަލުގައި ގަންނަންދާ އެއްޗެހީގެ އިތުރު އެއްޗެހި ނުގަތުމަށެވެ.
ގިނަފަހަރަށް ފިހާރައަކަށް ދާއިރު ގަންނަންދާ ބައެއް ސާމާނު ގަތުމުގެ ބަދަލުގައި އެހެންތަކެތި ގަނެވި، ގަންނަން ދިޔަ ތަކެތި ނުގަނެވި އާދެއެވެ. މިގޮތަށް ލިސްޓްކޮށްގެން ދިޔަނަމަވެސް ބައެއް ތަކެތި ލިސްޓް ކުރަން ހަނދާން ނެތޭ ފަހަރުވެސް އާދެއެވެ.
ބަދިގޭގައި ކައްކަން ހުންނައިރު ކެއްކުމުގައި ބޭނުންކުރާ ބައެއް ސާމާނު ހުސްވާކަން އެނގުމުން ނޯޓް ކޮށްލުމަށްޓަކައި ބަދިގޭގައި ނޯޓް ފޮތެއް ބޭއްވުން ރަނގަޅެވެ. ހުސްވާކަން އެނގޭ ތަކެތި ހަދާން ހުއްޓާ ވަގުތުން ލިޔެލުމުން އެކުރެވެނީ ވަރަށް މުހިންމު ކަމެކެވެ. ނޫންނަމަ ފޯނު ހުޅުވާލުމަށްފަހު 'ނޯޓްސް' ބައިގައި ލިޔެލުންވެސް ރަނގަޅުވާނެއެވެ. އަދި ޚާއްސަގޮތެއްގައި ފިހާރައިން ބޭނުންވާތަކެތި ގަތުމުގެ ކުރިން މުއްދަތު ހަމަވާ ދުވަސް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވިސްނާލަންޖެހޭ ކަންތައްތައް:
1- ތާޒާ ތަރުކާރީ ނުވަތަ ތާޒާ މޭވާ ގަންނައިރު އާންމުގޮތެއްގައި ގެއެއްގައި ބޭނުންކުރާ މިންވަރަށްވުރެ އިތުރަށް ގަނެވުމުން ހަލާކުވާގޮތް ދިމާވެއެވެ. މިކަހަލަ ތާޒާ ކާނާ ގަންނައިރު ގިނައިން ގަތުމުގެ ބަދަލުގައި ބޭނުން ކުރެވޭ މިންވަރަށް ގަނެލުން މުހިންމެވެ.
2- ޕާން ނުވަތަ ބަނަސް ކަހަލަ އެއްޗެހި ގަންނައިރު މުއްދަތު ހަމަވެފައި ހުރިތޯ ބަލާލުމަށްފަހު، އެއްދުވަސް ނުވަތަ ދެދުވަސް މުއްދަތު ހަމަވާން ހުރިނަމަ ގަތުން އެހާ ރައްކާތެރިއެއް ނޫނެވެ. ސަބަބަކީ އޭގެސަބަބުން ބޭނުން ނުކުރެވި އޮއްވާ މުއްދަތު ހަމަވެގެން އުކާލަން ޖެހިދާނެތީއެވެ.
3- ދަޅުކާނާ ގަންނައިރު ދަޅު ބަނޑިވެ ނުވަތަ ދަބަރު ޖަހާފައި ހުންނަ ދަޅު ގަތުން އެހާ ރައްކާތެރިއެއް ނޫނެވެ. އެގޮތަށް ހުރިނަމަ އެދަޅެއްގައި ބަންދުކޮށްފައި ހުންނަ ކާނާގެ ކޮލިޓީއާއި މެދު ސުވާލު އުފެދެއެވެ.
4- ކާއެއްޗެހި ގަންނައިރު މާބޮޑަށް އަގު ހެޔޮކޮށްފައި ހުރިނަމަ އެއެއްޗެއްގެ މުއްދަތު ހަމަވާ ތާރީޚް ވަރަށް ބޮޑަށް ކައިރިވެފައި ހުރުން ގާތެވެ. އެހެންނަމަ އެތަކެތި އަގުހެޔޮވުމުން ގިނައިން ގަނެވި ބޭނުން ނުކުރެވިދާ ފަހަރުވެސް އާދެއެވެ. އޭރުން އެކުރެވެނީ ބޭކާރު ޚަރަދެކެވެ.
5- ވަގުތު ސަލާމަތް ކުރުމަށްޓަކައި ނުވަތަ ޓެކްސްއަށްދާ ލާރި ރައްކާކުރުމަށްޓަކައި އޮންލައިން ސައިޓްތަކުން ބައެއް ކާއެއްޗެހި އޯޑަރ ކުރެވިދާނެއެވެ.
6- ބާޒާރު ކުރަންދާއިރު ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުގެ ބަދަލުގައި ނުވަތަ ކޮތަޅު ގަންނަންދާ ޚަރަދު ކުޑަކުރުމަށް އަމިއްލަ ކޮތަޅު ގެންދެވިދާނެއެވެ.
7- ހަލާކުނުވެ ގިނަދުވަހަށް ގެންގުޅެވޭތަކެތި ގިނައިން ގަނޑުކޮށް ގަންނަނަމަ އަގުހެޔޮވެ އަދި ވަގުތު ސަލާމަތް ކުރެވެއެވެ.
8- ތާޒާ ކިރުކަހަލަ އެއްޗެހި ގަންނައިރު ބޮޑެތިފުޅި ގަތުމުގެ ބަދަލުގައި ކުދިފުޅި ނުވަތަ ކުދިޕެކެޓް ގަތުން މުހިންމެވެ. ނޫންނަމަ ކަނޑާފައި ބެހެއްޓުމުން ހަލާކުވުން އަވަސްވެއެވެ.