ޢާއިލާއެއް ބިނާކޮށް، ދަރިން ހޯދުމަކީ އިންސާނާގެ ޙަޔާތަށް އަންނަ އެންމެ އުފާވެރި އަދި އެންމެ ބޮޑު އެއް ބާބެވެ.
އައު ފުރާނައެއް ދުނިޔެއަށް މަރުޙަބާ ކިޔުމުގެ އުންމީދުގައި ތިބޭ ދެމަފިރިން، އެމީހުންގެ ޞިއްޙަތަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ސަމާލުކަމެއް ދެމުންދެއެވެ. ނަމަވެސް، ލޯބިން ފުރިގެންވާ އެ އުންމީދުތަކުގެ މައްޗަށް، ދެއިނގިލިން ހިފަހައްޓާލައިގެން އަންދާލެވޭ ކުޑަކުޑަ ސިނގިރޭޓަކުން ނުކުންނަ ނުރައްކާތެރި ދުމެއްގެ ސަބަބުން ހިޔަނި އެޅެމުންދާކަން ހަނދާނުގައި ހުންނަނީ މަދު ފަހަރަކުއެވެ.

ދުންފަތުގެ ނުރައްކާތެރިކަމަކީ ހަމައެކަނި ފުއްޕާމެޔާއި ހިތުގެ ބަލިތަކަށް ހުށަހެޅޭ ކަމެއްކަމަށް ހީވެފައިވާނަމަ އެއީ ވަރަށްވެސް ބޮޑު ކުންހީއެކެވެ. އެއީ ހަށިގަނޑުގެ ހުރިހާ ނިޒާމަކާއި ކޮންމެވެސް ގޮތަކަށް ކުޅެލާ ނުރައްކާތެރި ޢަމަލެކެވެ. އަދި އެއީ އިންސާނާގެ ދަރިމައިވުމުގެ ޤާބިލުކަމަށް ބޮޑެތި ހުރަސްތައް އަޅާ، ޢާއިލީ ހުވަފެންތައް ފުނޑުފުނޑުކޮށްލާ ފަދަ ޙަތިޔާރެކެވެ. ވީމާ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދަރިމައިވުމަށް އެޅޭ ހުރަސްތަކަށް ބަލާލަމާތޯއެވެ.
އަންހެނުންގެ ދަރިމައިވުމަށް ދުންފަތް އަސަރުކުރާ ގޮތް
އަންހެނުންގެ ހަށިގަނޑުގައި ދަރިމައިވުމުގެ ނިޒާމަކީ ވަރަށް ނާޒުކު، އަދި އެހާމެ ފުރިހަމަ ނިޒާމެކެވެ. ނަމަވެސް، ދުންފަތުގައި ހިމެނޭ ނިކޮޓިންއާއި، ސައިނައިޑް އަދި ލެޑް ފަދަ ވިހަ މާއްދާތައް ހަށިގަނޑަށް ވަނުމާއެކު، އަންހެނާގެ ބިސް ރައްކާކުރާ ނިޒާމް ކަމަށްވާ އޯވަރީސް (ovaries) އަށް ސީދާ ގެއްލުންތައް ލިބެން ފަށައެވެ. މިގޮތުން، ދުންފަތުގެ ސަބަބުން އަންހެނެއްގެ ހަށިގަނޑުގައި ޤުދުރަތީގޮތުން ލިބިފައި ހުންނަ ބިހުގެ އަދަދު (ovarian reserve) އަވަސްމިނެއްގައި މަދުވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުން، އާންމުކޮށް މީހަކު މެނޮޕޯޒް (menopause) ވާ އުމުރަށްވުރެ 1 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތެއް އަވަހަށް ވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
މީގެއިތުރުން، ދުންފަތުގެ ދުމުން ހަށިގަނޑުގެ ހޯމޯނަލް ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރުވައެވެ. ދަރިމައިވުމަށް ވަރަށް ބޮޑަށް ބޭނުންވާ ހޯމޯނެއްކަމަށްވާ އީސްޓްރޮޖެން (estrogen) އަދި ޕްރޮޖެސްޓަރޯން (progesterone) ފަދަ މުހިންމު ހޯމޯންތަކުގެ މިންވަރު ދަށްކޮށް، ކޮންމެ މަހެއްގެވެސް މައްސަރާއި ބިސް ފައްކާވެ އޭގެ ދަތުރުގެ މަރުޙަލާ (ovulation) އަށް ބޮޑެތި ހުރަސްތައް ކުރިމަތިކުރުވައެވެ. މީގެ ސަބަބުން ޤުދުރަތީގޮތުން ބަނޑުބޮޑުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވެގެންދިޔުން އެކަށީގެންވެއެވެ.
ދުންފަތުގެ ދުމުގައިވާ ވިހަ މާއްދާތަކުން ބިހުގެ ފެންވަރު ދަށްކޮށް، އޭގައިވާ ޖެނެޓިކް މެޓީރިއަލް ނުވަތަ ޑީ.އެން.އޭ (DNA) ހަލާކުކޮށްލާ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ބަނޑުބޮޑުވުމަށްފަހު ދަރިފުޅު ބައިގެން ދިއުމުގެ (miscarriage) ނުރައްކާތަކާއި، ރަޙިމުން ބޭރުގައި ދަރިފުޅު އުފެދުން (ectopic pregnancy) ފަދަ ނުރައްކާތައް އިތުރުވެއެވެ. އަދި ކްރޮމޯސޯމްގެ މައްސަލަތަކުގެ ސަބަބުން ޑައުން ސިންޑްރޯމް (Down syndrome) ފަދަ ޙާލަތްތައް މެދުވެރިވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
އަދިވެސް އިތުރަށް ބަލައިލާއިރު، އަންހެނާގެ ރަޙިމާއި ފެލޯޕިއަން ޓިއުބުގެ މަސައްކަތްތަކަށްވެސް ދުންފަތުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ދުންފަތުގެ ނޭދެވޭ އަސަރު ފެލޯޕިއަން ޓިއުބަށް ކުރިމަތިވުމުން، ފާޓިލައިޒްވެފައިވާ އެމްބްރިއޯ (embryo) ރަޙިމަށް ދިޔުމަށް ދަތިވެ، އަދި ރަޙިމުގެ ފަށަލައިގައި ދަރިފުޅު ރަނގަޅަށް ހަރުލުމަށް (implantation) އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.
ފިރިހެނުންގެ ދަރިމައިވުމަށް ދުންފަތް އަސަރުކުރާ ގޮތް
ދަރިމައިވުމުގެ މައްސަލަތަކުގައި، މި މުޖުތަމަޢުގައި މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުންނާއި ސުވާލުކުރެވޭ ފަހަރުތައް ގިނަވި ނަމަވެސް، ފިރިހެނުންގެ ޞިއްޙަތަށްވެސް ދުންފަތުގެ ސަބަބުން ކުރަނީ އެހާމެ ނުރައްކާތެރި އަސަރެކެވެ. ސިގިރޭޓު ބުއިމުގެ ސަބަބުން ފިރިހެނާގެ ދަރިފަނި (sperm) އުފެދޭ މިންވަރާއި، މަނީގެ ވޮލިއުމް (semen volume) މަދުވެ، ދަރިފަނީގެ ހަރަކާތްތެރިކަން (motility) ނުވަތަ ފަތައިގެން ބިހާ ހަމައަށް ދިއުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.
މީގެއިތުރުން، ދުންފަތުގެ ސަބަބުން ދަރިފަނީގެ ބައްޓަމަށް (sperm morphology) ނޭދެވޭ ބަދަލުތައް އާދެއެވެ. އެގޮތުން، އާދަޔާޚިލާފު ނުވަތަ ނުކުޅެދޭ ސިފަތައް ހުންނަ ދަރިފަނި އުފެދޭ ނިސްބަތް އިތުރުވެ، ބިހެއް ފާޓިލައިޒްކުރުމުގެ ޤާބިލުކަން ދަރިފަނީގައި ނުހުރެއެވެ.
ދުންފަތުގެ ދުމުގައިވާ ވިހަ މާއްދާތަކުން ފިރިހެނާގެ ދަރިފަނީގައިވާ ޖެނެޓިކް މައުލޫމާތު ނުވަތަ ޑީ.އެން.އޭ ބުރިބުރިވުމަށް (DNA Fragmentation) މެދުވެރިވާކަމަށްވެސް ދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ. މިއީ މާބަނޑުވުމަށްފަހު ދަރިފުޅު ބަނޑަށް މަރުވުމަށް ނުވަތަ ދަރިފުޅު ބައިގެން ދިއުމަށް (miscarriage) މެދުވެރިވާ މައިގަނޑު އަދި ނުރައްކާތެރި ސަބަބެކެވެ.
ޖިސްމާނީ ގޮތުން ދަރިއަކު ހޯދުމުގެ މަސައްކަތަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަހަކީ، ދުންފަތުގެ ސަބަބުން ހަށިގަނޑުގެ ލޭހޮޅިތަކަށް ގެއްލުންވެ، ލޭދަތުރުކުރުމަށް ބުރޫއެރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިމްޕޮޓެންސް (impotence) ނުވަތަ ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވެ، ދަރިއަކު ހޯދުމަށް ކުރާ ޖިސްމާނީ މަސައްކަތަށް އެކަމުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
އެހެން ފަރާތަކަށްކުރާ އަސަރު: ސެކަންޑްހޭންޑް ދުން
ތިމާ އަމިއްލައަށް ދުންފަތުގެ އިސްތިޢުމާލު ނުކުރި ނަމަވެސް، ވަށައިގެން ދުންފަތުގެ ދުން ބޯ މާޙައުލެއްގައި އުޅެންޖެހުމަކީ (Secondhand smoke) ވެސް ދަރިމައިވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމަށް ހުށަހެޅުމުގެ ސަބަބުން، ދެމަފިރިންނަށް ބަނޑުބޮޑުވުމަށް ނަގާ މުއްދަތު (time to pregnancy) ދިގުވެ، ދަރިމައިވުމުގެ ނިޒާމަށް ނުރައްކާތެރި ވިހަ މާއްދާތަކުގެ އަސަރު ފޯރަމުންދެއެވެ.
ކުރު މުއްދަތާއި ދިގު މުއްދަތުގެ އަސަރުތައް: ބަދަލުކުރެވޭނެ ހެއްޔެވެ؟
ދުންފަތުގެ ސަބަބުން ދަރިމައިވުމުގެ ނިޒާމަށް ކުރާ ބައެއް އަސަރުތަކަކީ ވަގުތީ ކަންކަމަށްވާއިރު، އަނެއްބައި ކަންކަމަކީ އަނބުރާ ބަދަލުނުކުރެވޭ، ދިގު މުއްދަތުގެ ގެއްލުންތަކެކެވެ. މިސާލަކަށް، އަންހެނުންގެ އޯވަރީގައި ހުންނަ ބިހުގެ ޢަދަދު މަދުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ، އެ ބިސްތައް އަނބުރާ އާލާއެއް ނުކުރެވޭނެއެވެ. ނަމަވެސް، ފިރިހެނުންގެ ދަރިފަނީގެ ޞިއްޙަތާއި އަންހެނުންގެ ހޯމޯނަލް ބައެއް ކަންކަމަކީ، ދުންފަތުގެ އާދަ ދޫކޮށްލުމުން މަޑުމަޑުން ރަނގަޅުވެގެންދާނެ ކަންކަންކަމުގައި ކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ.
އުންމީދުގެ އަލިކަން: ދުންފަތް ހުއްޓާލުމުން ލިބޭ ފައިދާ
އެންމެ އުފާވެރި ޚަބަރަކީ، ދުންފަތުގެ ނުބައި އާދަ ދޫކޮށްލުމުން ހަށިގަނޑުގެ ދަރިމައިވުމުގެ ނިޒާމު އަނބުރާ އިޔާދަވުމުގެ ފުރުސަތު އެބައޮތްކަމެވެ. ސިނގިރޭޓު ބުއިން ހުއްޓާލުމުން، އަންހެނާގެ ބިހުގެ ފެންވަރާއި ފިރިހެނާގެ ދަރިފަނީގެ ފެންވަރު ރަނގަޅުވެ، ދަރިމައިވުމުގެ ޤާބިލުކަން މަޑުމަޑުން އަނބުރާ އާލާވާން ފަށައެވެ.
ޞިއްޙީ މާހިރުން އަދި ޑޮކްޓަރުން ލަފާދެނީ، ދަރިއަކު ހޯދުމުގެ މަސައްކަތް ފެށުމުގެ މަދުވެގެން 3 މަސްދުވަސް ކުރިން ދުންފަތުގެ އިސްތިޢުމާލު މުޅިން އެއްކޮށް ހުއްޓާލުމަށެވެ. މިއީ އަންހެނުންގެ އޯވަރީތަކުން ދޫކުރާ ބިހުގެ ފެންވަރާއި، ފިރިހެނުންގެ ދަރިފަނި އައުވެ، ހަށިގަނޑު ސާފުވެ، ދަރިމައިވުމުގެ ނިޒާމު ފުރިހަމައަށް ތައްޔާރުވުމަށް ހަށިގަނޑަށް ބޭނުންވާ މުއްދަތެވެ.
އާއިލާއެއް ފެށުމުގެ މާތް އަދި އުފާވެރި ދަތުރުގައި، ސިގިރޭޓްގެ ދުމަކީ ދެމަފިރިންގެ އުންމީދުތަކުގައި ރޯކޮށްލާ އަލިފާނެކެވެ. ދުންފަތުގެ ނުރައްކަލުން ސަލާމަތްވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަކީ އަންނަން އޮތް ޖީލުގެ ސިއްޙަތަށާއި އަމިއްލަ ނަފުސުގެ އުފާވެރިކަމަށްޓަކައި މިއަދު އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަން ކަށަވަރެވެ.
މަސްދަރު: އެމެރިކަން ސޮސައިޓީ ފޮރ ރީޕްރޮޑަކްޓިވް މެޑިސިން، ވޯރލްޑް ހެލްތް އޯގަނައިޒޭޝަން









