ޢުމުރުން ދުވަސްވަމުންދާ ވަރަކަށް، ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ޤުދުރަތީ ކަންކަމެވެ. އިސްތަށިގަނޑު ނުރަވުމާއި، ހަންގަނޑުގައި ރޫޖެހުމަކީ އޭގެ ތެރެއިން ލޮލަށް ފެންނަ ބޭރުފުށުގެ ނިޝާންތަކެވެ. ނަމަވެސް، ލޮލަށް ސީދާ ނުފެނުނު ނަމަވެސް، ހަށިގަނޑުގެ އެތެރޭގައި، ޚާއްޞަކޮށް މަސްތަކަށް އަންނަ ބަދަލުތަކަކީ މުސްތަޤުބަލުގެ ސިއްޙަތާއި ހަރަކާތްތެރިވެވޭ މިންވަރުގެ މިނިވަންކަމާ ސީދާ ގުޅިފައިވާ ކަންކަމެވެ. އުމުރުން ދުވަސްވާ ވަރަކަށް އަތްފައިގެ ބާރުދެރަވެ، ސިޑިއަކަށް އަރަން އުނދަގޫވުމަކީ ހަމައެކަނި "އުމުރުން ދުވަސްވީމަ ވާގޮތެއް" ކަމަށް ނިންމައިލެވޭނެބާއެވެ؟ މިއީ ހަށިގަނޑުގެ އެތެރޭގައި، އެތަކެއް އަހަރުތަކެއްގެ މަތިން ހިނގަމުންދާ ބޮޑު ބަދަލެކެވެ. މިކަމުގެ ފަހަތުގައިވާ ސައިންސާއި، މިއިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމަށް ފުންކޮށް ބަލައިލަމާ ހެއްޔެވެ؟

ޢުމުރުން ދުވަސްވާވަރަކަށް ގައިން މަސް (Muscles) މަދުވުމަށް ސިއްޙީގޮތުން ކިޔަނީ "ސާކޯޕޭނިއާ" (Sarcopenia) އެވެ. މިއީ ޢުމުރުން 30 ނުވަތަ 40 އަހަރު ފާއިތުވަމުންދާ ވަރަކަށް، އަހަރެމެންގެ ހަށިގަނޑުގައި ހުންނަ މަހުގެ ބައި މަޑުމަޑުން މަދުވެ، ބާރުދެރަވަމުންދާ ދިއުމެކެވެ.
މިއީ ހަމައެކަނި ޖިމަށްގޮސް ބަރު އެއްޗެހި ނުއުފުލިގެން ވާކަމެއް ނޫނެވެ. މިއީ ހަށިގަނޑުގެ މަސްތަކުގެ ސެލްތައް ކުޑަވެ، ހަށިގަނޑަށް ބޭނުންވާ ސްޓްރެންތް ނުވަތަ ބާރު ގެއްލިގެންދާ ދިއުމެކެވެ. އޭގެ ނަތީޖާއަކަށް ވަނީ، ބާޒާރު ކޮތަޅުތައް ހިފައިގެން ދިއުމާއި، ގޮނޑިއަކުން ތެދުވުން ފަދަ އާދައިގެ ކަންކަން ކުރުމަށްވެސް ހަށިގަނޑު ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހުމެވެ.
މިފަދައިން މަސްތައް ބަލިކަށިވުމުގެ ފަހަތުގައި އެކި ސަބަބުތައް ވެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ޤުދުރަތީ ގޮތުން ޢުމުރު މައްޗަށް ދިއުމެވެ. ޢުމުރުން ދުވަސްވީ ވަރަކަށް ހަށިގަނޑުގައި މަސް އުފެއްދުމަށް އެހީވެދޭ ހޯމޯންތަކާއި ސެލްތަކުގެ މަސައްކަތް މަޑުޖެހިގެންދާތީއެވެ.
ދެވަނަ ކަމަކީ، ހަރަކާތްތެރިކަން ކުޑަވުމެވެ. ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ގިނައިން އިށީނދެ ތިބެންޖެހުމާއި، ކަސްރަތު ނުކުރުމުގެ ސަބަބުން މަސްތައް "ބޭނުން ނުކުރެވި" ނިދާފައިވާ ފަދަ ޙާލަތަކަށް ގޮސް ބަލިކަށިވެގެންދެއެވެ. މީގެ އިތުރުން، ކާނާގައި ޕްރޮޓީން މަދުވުމާއި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފުރިހަމައަށް ނުލިބުން ވެސް މިކަމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ.
އެންމެ އުފާވެރި ޚަބަރަކީ، މަސްތައް ބަލިކަށިވުމަކީ އޭގެ ދުވެލި ފަހަތަށް ޖައްސާލެވޭނެ ކަމެއް. ޢުމުރުން ދުވަސްވީ ނަމަވެސް، ރަނގަޅު އާދަތަކެއް ގެންގުޅެގެން މަސްތަކުގެ ބާރު އަލުން އާލާކުރެވިދާނެ. އެންމެ މުހިންމު އެއް ކަމަކީ ބަރުފަދަ ތަކެތި އުފުލުމާއި ރެސިސްޓެންސް ކަސްރަތު ކުރުން.
ޢުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ކުރުމޭ ބުނުމުން ކަންބޮޑުވެދާނެއެވެ. ނަމަވެސް، ލުއި ޑަމްބެލްސް ނުވަތަ ރެސިސްޓެންސް ބޭންޑް ބޭނުންކޮށްގެން ނުވަތަ އަމިއްލަ ހަށިގަނޑުގެ ބަރުދަން ބޭނުންކޮށްގެން ކުރާ ކުދިކުދި ކަސްރަތުތަކަކީ މަސްތައް ވަރުގަދަކޮށްދޭ އަޖާއިބެއްފަދަ ބޭހެކެވެ.
މީގެއިތުރުން، ކާނާގައި ޕްރޮޓީން ހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަށިގަނޑުގައި މަސް (Muscles) އުފެދުމަށް އެންމެ މުހިންމު ބިނާކުރަނިވި މާއްދާއަކީ ޕްރޮޓީން ކަމަށްވާތީ، ކާނާގައި އެކަށީގެންވާ ވަރަށް ޕްރޮޓީން ހިމެނުމަކީ މަސްތައް ވިރިގެން ދިއުން ހުއްޓުވާނެ މައިގަނޑު ތަޅުދަނޑިއެވެ.

ޢުމުރަކީ ހަމައެކަނި އަދަދެކޭ ބުނާ ފަދައިން، މަސްތައް ބަލިކަށިވުމަކީ ޢުމުރުން ދުވަސްވުމުން ކޮންމެހެން ކަޑައްތުކުރަންޖެހޭ ކާރިސާއެއް ނޫނެވެ. ރަނގަޅު ކާނާއާއި، މަސްތަށް ވަރުގަދަކޮށްދޭ ކުދިކުދި ކަސްރަތުތަކާއި، ޙަރަކާތްތެރި ދިރިއުޅުމަކުން ޢުމުރުގެ ކޮންމެ ހިސާބެއްގައިވެސް ހަށިގަނޑުގެ ބާރާއި މިނިވަންކަން ދަމަހައްޓަން މަސައްކަތް ކުރެވިދާނެއެވެ. މިއަދު ފަށާ ކުޑަ ބަދަލަކީ މާދަމާގެ ޞިއްޙަތާއި މިނިވަންކަމަށްޓަކައިވާ ވަރަށް ފައިދާހުރި އިންވެސްޓްމަންޓެއް ނޫންތޯއެވެ. މުހިންމީ އެއްފަހަރާ ބޮޑެތި ބަރުތައް އުފުލުމެއްނޫނެވެ. މުހިންމީ ތިމާއަށް ތަޙަންމަލު ކުރެވޭ މިންވަރަކުން ފަށައި ގިނަދުވަހު މިކަމުގައި ދެމިހުރުމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
މަސްދަރު: ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް، ހަރވަރޑް ހެލްތް ޕަބްލިޝިންގ، ކްލެވެލެންޑް ކްލިނިކް، ވެބްއެމްޑީ









