Advertisement
header ad
XeeTimesXeeTimes
އެކްސިޑެންޓުވެ ކުށެއްނެތް އެތައްބަޔަކަށް އިއާދަނުކުރެވޭނެ ގެއްލުން، ޒިންމާނަގާނީ ކާކު؟

އެކްސިޑެންޓުވެ ކުށެއްނެތް އެތައްބަޔަކަށް އިއާދަނުކުރެވޭނެ ގެއްލުން، ޒިންމާނަގާނީ ކާކު؟

ރާއްޖޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގަނީ މާލެސިޓީގައެވެ. ބުރިޖުގައާއި ހުޅުމާލޭގެ މަގުތަކުގައި ދުއްވުމަކީ ބިރުވެރިކަމެކޭ ބުނާ މީހުން ވަރަށް ގިނައެވެ. އެހެން ނުބުނެވޭވަރެއް ނޫނެވެ. މިއަހަރުތެރޭގައިވެސް އެތައް އެކްސިޑެންޓެއްވެ މީހުންގެ ފުރާނަގޮސް އެތައްބަޔަކަށް އިއާދަނުކުރެވޭނެ ގެއްލުން ލިބިއްޖެއެވެ. މި އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުގެ ދަންވަރު 02:55 ހާއިރު، ހުޅުމާލެ ފޭސް 2 ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވެ ދަނީ ފަރުވާދެމުންނެވެ.

" މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހުންގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބޭ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި. ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއް ސައިކަލުގައި 3 މީހުން އަރައިގެން ވަންވޭއާއި ޚިލާފަށް ދަތުރު ކުރަނިކޮށް. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން". ފުލުހުން ހާމަކޮށްފައިވެއެވެ.

ގަވާއިދާއި ޚިލާފަށް ދުއްވި ސައިކަލުގައި ޖެހި އަނިޔާ ލިބުނު މީހުންގެ ތެރޭގައި އެއްއާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ޒުވާނުން ހިމެނޭކަމަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ. އާއިލާއިން ބުނާގޮތުގައި މި ދެމީހުން ދުއްވާފައިވަނީ ގަވާއިދާއި އެއްގޮތަށެވެ. ގާނޫނާއި ގަވާއިދަށް އަދި މަގުމަތި ބޭނުންކުރާ މީހުންނަށް ބެލުމެއްނެތި ހިތަށްއެރި ގޮތަކަށް ދުއްވާ މީހުންގެ ސަބަބުން ގެއްލުން މިލިބުނީ ކުށެއްނެތް ބަޔަކަށެވެ. އެކަކުގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު ދެވަނަ މީހާގެ މޫނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Article - in content
Advertisement

ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ އެއްބައެއް

މާލެ ސަރަހައްދުގައި ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ މީހުން އެބައުޅެއެވެ. ލައިސަންސް ނެތި އެތައްފަހަރަކު ދުއްވާ މީހުންވެސް އެބައުޅެއެވެ. މިދިޔަ ސެޕްޓެންބަރުމަހު ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ޒުވާން އަންހެނަކު މަރުވެފައިވާއިރު އެއެކްސިޑެންޓު ހިނގަން މެދުވެރިވީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ އަކީ ވެސް ލައިސަންސް ނެތި ދުއްވައިގެން 4 ފަހަރަށް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެކެވެ. މީހެއްގެ ފުރާނަ ދިޔުމުން މިމީހާ ވަނީ ހައްޔަރުކޮށްފައެވެ.

ޒިގްޒެގްކޮށް ނޫނީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ބާރަށް ދުއްވާ މީހުން ހުއްޓުވިގެން ނޫނީ މާލެ ސަރަހައްދަކީ އަމާން ތަނަކަށް ނުވާނެއެވެ.

އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ވާގޮތުން ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. މީހަކަށް އަނިޔާވެއްޖެނަމަ ކުށްކުރި މީހާ ޖޫރިމަނާކުރާނެ ބޮޑެތި އަދަދުތަކެއްވެސް ހިމަނައިފައިވެއެވެ. އަދި ލައިސަންސްވެސް 5 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ބާތިލްކުރެވިދާނެއެވެ.

ފިޔަވަޅު އެޅެނީ ކިހާވަރަކަށް؟

ޤަވާއިދާއިޚިލާފަށް ދުއްވާ މީހުންގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ކުށެއްނެތް އެކި އުމުރުގެ މީހުން މަރުވެ، އެތައްބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ނުކުޅެދޭމީހުންނަށް ވެފައިވާއިރު މަގުމަތި އަމާންތަނަކަށް ނުހެދެއެވެ. ބާރަށް ދުއްވާ މީހުން އެކަށީގެންވާ ގޮތެއްގައި ނުހުއްޓުވެއެވެ. މިމަންޒަރު އެންމެ ބޮޑަށް ފެންނަނީ މާލެ އާއި ހުޅުމާލެއާއި ދެމެދުގައި އޮތް ބުރިޖު އަދި ހުޅުމާލެ ފޭސް2 އިންނެވެ.

ސޯޝަލް މީޑިއާގައި އާންމުން ހިއްސާކުރާ ޕޯސްޓްތަކުގައި އަދި ނޫސްތަކަށް ފޮނުވާ ކޮމެންޓުތަކުގައިވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިމައްސަލައަށް ހައްލު ނުލިބޭތީއެވެ. އެކްސިޑެންޓްތަކުގައި ބޮޑެތި ގެއްލުން ލިބި ފަރުވާ ފުރިހަމަކުރުމަށް އާންމުންގެ އެހީތެރިކަން ހޯދަންޖެހޭ ހިސާބަށް ދާއިރުވެސް މި އެކްސިޑެންޓްތަކުގައި އިހުމާލުވި މީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ގިނަފަހަރަށް ނުލިބެއެވެ. ހާލުގައި ދިރިއުޅެން ޖެހެނީ ކުށެއްނެތި އަނިޔާ ލިބުނު މީހުންނާއި އެމީހުންގެ އާއިލާގެ މެންބަރުންނެވެ. މަގުމަތި އަމާން ތަނަކަށް ވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —