ދިރިއުޅުމުގެ އެންމެ ބޮޑު އެއް ނިޢުމަތަކީ ސިއްޙަތެވެ. ޢާއިލާއާއެކު އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށްޓަކައި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ދީނީ، ފަރުދީ އަދި އިޖުތިމާއީ ޒިންމާއެކެވެ. ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ގިނަ ގޭގޭގައި ހިމޭނުން ތިބެ ކުރިމަތިލަމުންދާ އެންމެ ބޮޑު އެއް ސިއްޙީ ގޮންޖެހުމަކީ "އިންސިއުލިން ރެސިސްޓެންސް" (Insulin Resistance) އެވެ. ގިނަ ފަހަރަށް ހަކުރުބަލީގެ ނަން އިވުމުން ނޫނީ އަޅުގަނޑުމެން ސަމާލުކަމެއް ނުދެމެވެ. ނަމަވެސް، ހަކުރުބަލީގެ އަސްލު ބިންގަލަކީ، އޭގެ އެތައް އަހަރެއް ކުރިން ހަށިގަނޑުގެ އެތެރޭގައި ހިނގަހިގާ އޮންނަ މި "ހިމޭން ހަނގުރާމަ" އެވެ.

އިންސިއުލިން ރެސިސްޓެންސް އަކީ ކޮބާ؟
އާދައިގެ ބަހުން ބުނާނަމަ، އިންސިއުލިންއަކީ އަޅުގަނޑުމެން ކާ ކެއުމުން ލޭގެ ތެރެއަށް އަންނަ ހަކުރު (ގްލްކޯޒް)، ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަދެ ހަކަތައަށް ބަދަލުކުރުމަށްޓަކައި ސެލްތަކުގެ "ދޮރުތައް ހުޅުވައިދޭ ތަޅުދަނޑި" އެވެ. އިންސިއުލިން ރެސިސްޓެންސް އުފެދޭ ހާލަތުގައި، ގަވާއިދުން މާގިނައިން ކާބޯހައިޑްރޭޓް ނުވަތަ ފޮނިމީރުކެއުންތައް ކެއުމުގެ ސަބަބުން ސެލްތަކުގެ "ތަޅުތައް" ދޫވެ، އިންސިއުލިންއަށް އިޖާބަދިނުން ހުއްޓާލައެވެ. ނަތީޖާއެއްގެ ގޮތުން، ލޭގައި ހުންނަ ހަކުރު ސެލްތަކަށް ނުވެއްދިގެން، ޕެންކްރިއާސް (Pancreas) އިން އިތުރަށް އިންސިއުލިން އުފައްދަން މަޖުބޫރުވެއެވެ. ލޭގައި އިންސިއުލިންގެ މިންވަރު މަތިވެފައި ހުރުމަކީ ހަށިގަނޑުގައި ސަރުބީ އަންދައިދިނުން ހުއްޓުވައި، ވަރުބަލިކަމާއި ބަނޑުހައިކަން އިތުރުކުރުވާ މައިގަނޑު ސަބަބެވެ.
ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (HPA) އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ގުޅިގެން ހެދި "ސްޓެޕްސް" ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައަށް އައިސްފައިވާ ބަދަލުތަކާއެކު، ހަށިގަނޑުގެ ދުޅަހެޔޮކަން ކުޑަވެ، ހަކުރުބައްޔާއި ހިތުގެ ބަލިތަކުގެ ނުރައްކާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އިންސިއުލިން ރެސިސްޓެންސްއަށް މަގުފަހިކުރާ މައިގަނޑު އާދަތަކުގެ ތެރޭގައި ހިމެނެނީ، ތައްޔާރީ ކާނާ މާގިނައިން ކެއުމާއި، ގަވާއިދުން ރީޓެއިންޑް ކާބޯހައިޑްރޭޓް (ހުދު ފުށާއި ހުދު ހަނޑުލާއި ހަކުރު) ބޭނުންކުރުމާއި، ފިޒީ އަދި އެނާޖީ ޑްރިންކްތަށް ބުއިމާއި، ކަސްރަތާއި ހަރަކާތްތެރިކަން ކުޑަވުމާއި އަދި ހަށިގަނޑަށް ފުރިހަމަ ނިދި ނުލިބުން ހިމެނެއެވެ.
އިންސިއުލިން ރެސިސްޓެންސްއަށް ފަރުވާނުދެވި ގިނަދުވަސްވުމަކީ، ޕެންކްރިއާސްގެ ބީޓާ ސެލްތައް ވަރުބަލިވެ، މުޅިން ހަލާކުވުމަށް މަގުފަހިވާ ކަމެކެވެ. މީގެ ނަތީޖާއަކީ ޓައިޕް 2 ޑައިބެޓީސް ނުވަތަ ހަކުރުބަލި، ފެޓީ ލިވާރ ނުވަތަ ފުރަމޭގައި ސަރުބިޖެހުން، އަންހެނުންގެ މައްސަރުކަންތަކަށް ބުރޫއެރުން (PCOS)، އަދި ހިތުގެ ބަލިތަކެވެ. އަޅުގަނޑުމެންގެ ދަރިންނާއި، ދޮށީއުމުރުގެ މައިންބަފައިންގެ އުފާވެރި މުސްތަގުބަލަކަށްޓަކައި، މިއަދު މިއީ ހަމައެކަނި ބޭސް ގުޅައަކުން ހައްލުކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ.
އެންޑޯކްރިނޮލޮޖީ އަދި އާންމު ސިއްޙަތުގެ ދާއިރާގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، އިންސިއުލިން ރެސިސްޓެންސްއަކީ އުމުރުދުވަހުގެ ސަޒާއެއް ނޫނެވެ. އެއީ ހަށިގަނޑުން ދޭ އިންޒާރެކެވެ. ރަނގަޅު ވަގުތުގައި ދިރިއުޅުމުގެ އާދަތަކަށް ބަދަލުުގެނެސްފިނަމަ، މިއީ މުޅިން ރަނގަޅުކުރެވިދާނެ ހާލަތެކެވެ.

އިންސިއުލިން ރެސިސްޓެންސް ރަނގަޅުކުރުމަށް ސައިންސްވެރިން އިރުޝާދުދޭ ގޮތްތައް
* މަސްތައް ވަރުގަދަކުރުން (Resistance Training): ހަށިގަނޑުގައިވާ ގްލްކޯޒްގެ 80 އިންސައްތައަށްވުރެ ގިނަ ބައި ބޭނުންކުރަނީ މަސްތަކުންނެވެ. ލިފްޓިންގ ނުވަތަ ބޮޑީވެއިޓް ކަސްރަތުތައް (Resistance training) ކުރުމުން، އިންސިއުލިންގެ އެހީއާނުލައިވެސް ލޭގައި ހުންނަ ހަކުރު މަސްތަކުގެ ތެރެއަށް ނަގައިދީ، އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުތަކުގައި ހިނގުން ދުވެލުން ފަދަ ކާޑިއޯ ހަރަކާތްތަށް ކުރުމަކީވެސް މިކަމަށް އެހީވެދޭނެ ކަމެކެވެ.
* ކާބޯހައިޑްރޭޓްގެ ފެންވަރު ރަނގަޅުކުރުން: ކެއުމުން ހަށިގަނޑަށް ގެއްލުންދޭ ހަކުރާއި ހުދު ފުށާއި ހުދު ހަނޑޫ އުނިކޮށް، ރަތްހަނޑުލާއި އާޓާފުށަށް ބަދަލުކޮށްލުން މުހިންމެވެ. އަދި ކެއުމުގައި ފައިބަރު (އެންމެން ގޭގައި ކައިއުޅޭ މޭވާ، އެކި ބާވަތުގެ ތަރުކާރީ، ނަޓްސް) އަދި ޕްރޮޓީންގެ މިންވަރު އިތުރުކުރުމުގެ ސަބަބުން ކެއުމަށްފަހު ލޭގައި ހަކުރު އުފުލޭ މިންވަރު ކޮންޓްރޯލްވެގެންދެއެވެ.
* ގުނަވަންތަކުގެ ސަރުބީ މަދުކުރުން: ކެއުމުގެ ވަގުތުތައް ތަރުތީބުކޮށް އިންޓަރމިޓެންޓް ފާސްޓިންގ ނުވަތަ ދުވަހުގެ އެންމެ ފަހު ކެއުމާއި ޖެހިގެން އަންނަ ދުވަހުގެ ހެނދުނުގެ ނާސްތާއާއި ދެމެދުގެ ވަގުތު ބަނޑު ހުސްކޮށް ބެހެއްޓުމުން މުޅި ހަށިގަނޑާއި ލިވާރގައި ހުންނަ އިތުރު ސަރުބީ އަންދާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.
* ކޮންމެ ރެއަކުވެސް ފުރިހަމަ ނިންޖަކުން ނިދުމަށް އިސްކަންދިނުން: ކޮންމެ ރޭގަނޑަކު 7-8 ގަޑިއިރުގެ އަރާމު ނިދި ހޯދުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދި މަދުވުމުން ހަށިގަނޑުގައި "ކޯޓިސޯލް" (ސްޓްރެސް ހޯމޯން) މަތިވެ، ލޭގެ ތެރެއަށް އިތުރަށް ހަކުރު ދޫކުރުމާއެކު ސެލްތަކުން ހަކުރު ނެގުމަށް ހުރަސްއެޅި، އިންސިއުލިން ރެސިސްޓެންސްއަށް ސީދާ މަގުފަހިވެގެންދާތަން އާދެއެވެ. އަދި މީގެ ސަބަބުން ކާހިތްވާ ހޯމޯންތައް މަތިވެ، ހަކުރު ކޮންޓްރޯލްކުރުމަށް ދަތިވެގެންދެއެވެ. އެހެންކަމުން، ކޮންމެ ރެއަކުވެސް ގަވާއިދުން އެއް ގަޑިއެއްގައި ނިދުމަށާއި، ނިދުމުގެ 1 ގަޑިއިރު ކުރިން ފޯނާއި ޓީވީ ފަދަ ސްކްރީންތަކާ ދުރުވުމަކީ ހޯމޯންތައް ތަރުތީބުކޮށް އިންސިއުލިން ރެސިސްޓެންސްއިން ސަލާމަތްވުމަށް އެޅޭނެ ވަރަށް މުހިންމު އެއް ފިޔަވަޅެވެ.

ނިންމުން
އިންސިއުލިން ރެސިސްޓެންސްއިން ސަލާމަތްވުމަކީ އެއްދުވަހުން ނުވަތަ އެއް ހަފުތާއިން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު އަޅުގަނޑުމެން ނަގާ ކުދިކުދި ނިންމުންތަކުން ބިނާކުރެވޭ ދިގު ރާސްތާއެކެވެ. މިއަދު ތަށިމައްޗަށް ނަގާ ކެއުމާއި، ދަރިންނަށް ދޭ ކާނާއާއި، ކޮންމެ ދުވަހަކު ކޮށްލާ ކުޑަކުޑަ ކަސްރަތަކީ މާދަމާ އަޅުގަނޑުމެންގެ ސިއްޙީ މުސްތަގުބަލު ބައްޓަންކުރާނެ ކަންކަމެވެ. އާއިލާއަށްޓަކައި، އަދި އަމިއްލަ ނަފްސަށްޓަކައި، މިއަދަކީ މި ބަދަލު ގެންނަންވީ ދުވަހެއްނޫންތޯއެވެ.
މަސްދަރު: ވަރލްޑް ހެލްތް އޯގަނައިޒޭޝަން، ޕްރައިމަރީ ކެއަރ ލެޑް ވެއިޓް މެނޭޖްމެންޓް ފޮރ ރެމިޝަން އޮފް ޓައިޕް 2 ޑައިބެޓީސް، އިންޓަރނޭޝަނަލް ޖަރނަލް އޮފް އޮބެސިޓީ، ޑައިބެޓީސް އެންޑް މެޓަބޮލިޒަމް ޖަރނަލް









