މާފުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ ފަރުވާއެއްކަން އެނގޭ ހެއްޔެވެ. ދިރާސާތަކުން ދައްކާގޮތުގައި، ހިތުގައި އުފެދޭ ހިތްނުތަނަވަސްކަން ފިލުވާލުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ، ނަފްސާނީ ފިއްތުންތަކުން ދުރުކޮށްދެއެވެ. މިއީ ފަސޭހައިން އަރާމުކޮށް ނިދާލުމަށް މަގުފަހިވާ ކަމެކެވެ. ލޭގެ ޕްރެޝަރުގެ އިތުރުން ހިތުގެ ވިންދު ހަމަޔަކަށް އެޅުމަށް އެހީތެރިވެދޭ ކަމެކެވެ. "ފްރޮންޓިއާސް އިން ސައިކޮލޮޖީ" މަޖައްލާގައި ޝާއިޢުކޮށްފައިވާ އާ ދިރާސާއަކުން ހާމަވާ ގޮތުގައި، މާފުކުރުމުގެ ރިވެތި ސިފަ އަށަގަނެފައިވާ މީހުން އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ދިރިއުޅުމާމެދު އުންމީދީ ނަޒަރަކުން ބަލައި އުފާވެރިކަން އިތުރުވެގެންދެއެވެ. އަދި އެފަދަ މީހުންގެ ކިބައިގައި ރުޅިވެރިކަން ހުންނަ މިންވަރު ނިސްބަތުން ވަރަށް ބޮޑަށް ކުޑަވެއެވެ.
މާފުކުރުމަކީ ދެރަކަމެއް ނޫނެވެ. އެއީ ރަނގަޅު ވިސްނުންތެރިންގެ ސިފައެކެވެ. އުފާވެރިކަމަށް ދިއުމަށް އޮތް އެންމެ ކުރު މަގަކީ މާފުކުރުންކަން ސާބިތުކޮދިނުމަށް ބައެއް މީހުންނަށް ދިމާވެފައިވާ ބައެއް ކުދިކުދި ހާދިސާތަކަށް ބަލާލަމާ ހިނގާށެވެ.
އަހަރެން (މަރްޔަމް) ފުރަތަމަ ގްރޭޑުގައި އުޅުނުއިރު، ޓީޗަރަކު އަހަރެންގެ ބައްޕަގެ ނަން އެހިއެވެ. އެކަމަކު އަހަންނަކަށް އެ ނަމެއް ނޭނގެއެވެ. އޭރު އަދި ބައްޕައަކާ ދުވަހަކުވެސް ބައްދަލު ނުވާތީއެވެ. އަހަރެން އެ ޓީޗަރަށް ބަލައިލުމަށްފަހު، ނޭނގޭކަމަށް ބުނެ ބޯހޫރައިލީމެވެ.
އެވަގުތު ދޮރުމަތީގައި ތިބި އެހެން ޓީޗަރުންނަށް ބަލައިލާ ހީނލުމަށްފަހު، "އެހެންވީމާ އޭނާގެ މަންމައަކީ މުޅި ރަށުގެ މީހުން ބޭނުންކުރާ ބައިސްކަލެއްތާ" އޭ ޓީޗަރު ބުންޏެވެ. އޭގެ މާނައަކީ ކޮބައިކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. އެކަމަކު އެންމެން ހޭން ފެށުމުން އަހަރެން ލަދުން އިސްޖަހާލިގޮތަށް މީހަކަށް ބަލާލާކަށްވެސް ނުކެރުނެވެ. އެވަރަށް ދެރަވެސްވިއެވެ. މިކަމުގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. ދުނިޔޭގައި ދިރިއުޅުމަށް މާޒީގައި ދިމާވެފައިހުރި ކަންކަމުން އިބްރަތް ހާސިލްކޮށް އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކުރިއަށް ދިއުމަކީ އެންމެ ރިވެތިގޮތެވެ.
އަޅުގަނޑުގެ ކުޑައިރުގެ ދުވަސްތަކުގައި މަންމަ ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން، އަޅުގަނޑުގެ ބޮޑުވަމުން އައި ހަޔާތަށް ކުރިމަތިވި ހުރިހާ ދަތިތަކަކީ މަންމަގެ އިހުމާލު ކަމަށް ދެކި، ވަރަށް ގިނަ ދުވަސްވަންދެން އަޅުގަނޑު މަންމައަށް މަލާމާތްކޮށް ކުށްވެރިކުރީމެވެ. މިކަމުގެ ނުތަނަވަސްކަމުން އަރައިގަތުމަށް ތިން އަހަރު ވަންދެން ތެރަޕީ ނެގުމުގެ ތެރޭގައި، އެއްދުވަހަކު އަޅުގަނޑުގެ ތެރަޕިސްޓް ކުރި ސުވާލަކުން އަޅުގަނޑު ހައިރާންކޮށްލިއެވެ. އޭނާ އެހިއެވެ.
"މަންމަގެ އަތުގައި އެވަގުތު ހުރި ވަސީލަތްތަކާއި މިންވަރުން، މަންމައަށް ކޮށްދެވެން އޮތް އެންމެ ރަނގަޅު މިންވަރަށް ކަންތައް ކޮށްދިން ކަމަށް ގަބޫލުކުރުމަށް އޮތް ހުރަހަކީ ކޮބައިހެއްޔެވެ؟"
Advertisement
އެ ދުވަހު އަޅުގަނޑަކަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. އެކަމާ މެދު މަސްތަކެއް ވަންދެން ވިސްނީމެވެ. އެންމެ ފަހުން މަންމައަށް ގުޅާފައި، މަންމަގެ ކުޑައިރުގެ ވާހަކަތަކާއި، މީގެ ކުރިން ދުވަހަކުވެސް ހިއްސާނުކުރާ ބައެއް ހަނދާންތައް ކިޔައިދިނުމަށް އެދުނީމެވެ. އެދުވަހު މަންމަ ދެ ގަޑިއިރު ވަންދެން ވާހަކަ ދެއްކިއެވެ.
ވާހަކަ ނިމުނުއިރު އަޅުގަނޑުގެ އިތުރުން މަންމަގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އަޅުގަނޑަށް ކުރިމަތިވި ހިތްދަތި ކަންތައްތަކަކީ ނުވާ ކަންތައްތަކެއް ކަމަށް ނުދެކެމެވެ. ނަމަވެސް، އެކަންކަން އެގޮތަށް ދިމާވާން މެދުވެރިވި ސަބަބު އެންމެ ފަހުން އަޅުގަނޑަށް ވިސްނުނެވެ. މާފުކުރުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނެވެ. އެއީ 30 އަހަރު ވަންދެން ބަންދުކޮށްފައި ހުރި ކުޑަދޮރަކުން، މަޑުމަޑުން ފާއްދާލި އަލިކަމެއް ފަދަ އިހުސާސެކެވެ. އެ ދޮރު ހުޅުވުމަށްޓަކައި އަޅުގަނޑަށް ބޭނުންވީ ހަމައެކަނި ރަނގަޅު ސުވާލެއް ކުރަން ދަސްވުމެވެ.









