May 3, 2024 11:55
Advertisement

-Advertisement-

ކަރަންޓު ބޭނުންކުރަން މަޖުބޫރު، ބިލު ކުޑަކުރާނީ ކިހިނެއް؟

މިއީ ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށްވެސް ވަރަށް ހޫނު ދުވަސްވަރެކެވެ.  އަދި މި ދުވަސްވަރު ރަމަޟާން މަހާއި ދިމާވުމުން ކަރަންޓުގެ ބޭނުން ކުރަންޖެހޭ މިންވަރު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވާއިރު އެމަސް ވަނީ ދިވެހީން އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ މަހެއްގެ ގޮތުގައި ފާހަގަވެފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ފަހުމީ (މ) އަދި އެކުންފުނީގެ ބައެއް ވެރިން

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވެސް ވަނީ މިއަދު އާންމުންގެ ސަމާލުކަމަށް މިކަން ހިއްސާކުރައްވާފައެވެ.

" މި ދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި، އަދި ރޯދަ މަހަކީ ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓުގެ ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން. މިކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓަރ މާލެ ސަރަހައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރާއިރު، މިދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުންކުރަމުން. އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަކުރުމަށް، ކޮންމެހެން ބޭނުންވާވަރަށް ކަރަންޓު ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން" ފަހުމީ ފާހަގަކުރައްވާފައިވެއެވެ.

Advertisement

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރާނީ ކިހިނެއް؟ އަމިއްލައަށް މިކަމަށް ސަމާލުކަން ދެވޭތަ؟ މިއީވެސް އުފެދޭ ސުވާލެކެވެ. ކުރެވޭ ކުޑަކަމަކުންވެސް ބިލު ކުޑަކުރެވިދާނެއެވެ.

ކަރަންޓު ޚަރަދު ކުޑަ އިންވާޓަރ ބޭނުންކުރުން

ހޫނު މޫސުމުގައި ގޭގައި އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ އޭސީއެވެ. އެހެންވުމުން އޭސީ އާއި ދޮންނަމެޝިން އަދި އައިސްއަލަމާރިވެސް އިންވާޓާރ ބްރޭންޑްގެ ތަކެތި ބޭނުންކުރާނަމަ ކަރަންޓުގެ ޚަރަދު އިންތިހާއަށް ކުޑަވާނެއެވެ.

ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުން

ބައެއްފަހަރަށް ބޭނުންނުޖެހިވެސް ގޭގެ ބައެއް ތަންތަނުގައި ބޮކި ދިއްލާފައި ހުރެއެވެ. މިފަދަ ހޫނުގަދަ ދުވަސްވަރެއްގައި ކޮންމެހެން ބޭނުންވާ މިންވަރަށް ބޮކި ޖައްސާށެވެ. މިސާލަކަށް ބަދިގޭގެ ބޭނުން ނުކުރާނަމަ ބޮކި ނިއްވާލެވިދާނެއެވެ. އަދި ލެޕްޓޮޕް ފޯނު ފަދަ ތަކެތި ޗާޖުކޮށް ނިމުމުން ސްވިޗް އޮފް ކުރަން ހަނދާންކުރާށެވެ.

ޑީކޯޑަރ އަދި ކޮމްޕިއުޓަރ ނިއްވާލުން

ގޭގައި އާންމުކޮށް ބޭނުންކުރާ މިފަދަ ތަކެތި އަބަދުވެސް އޮންކޮށްފައި ހުންނަކަން ފާހަގަވެއެވެ. ބޭނުން ނިމުމުން މިތަކެތި އޮފް ކުރެވިދާނެއެވެ. އެއިރުންވެސް ކަރަންޓު އިގްތިސާދު ކުރެވޭނެއެވެ.

ބިއްލޫރި ދޮރުތަކުގައި ފޮތި ދެމުން

ހޫނުގަދަވުމުން އޭސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު މަތިވެއެވެ. ކޮޓަރި ނުވަތަ ސިޓިންގރޫމުގެ ކުޑަދޮރުތަކުގައި ފޮތި ދަމާފައި ހުންނަނަމަ ހޫނުވާމިންވަރު ކުޑަވެއެވެ. އަދި އިރުއިރުކޮޅާ އޭސީ ޖެއްސުމުގެ ބަދަލުގައި ގިނައިރު އޭސީގެ ޓެމްޕަރޭޗަރ 25 ގައި ބެހެއްޓިދާނެއެވެ. އެއިރުން އެއްވަރެއްގައި ފިނިކަން ހުރުމަށް އެހީވެއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވާ ދުވަސްވަރު ކަރަންޓުގެ ޚިދުމަތް މަދުވަގުތުކޮޅަކަށް ނަމަވެސް ކެނޑޭ ފަހަރުވެސް އާދެއެވެ. ސްޓެލްކޯއިން ދަނީ ކަރަންޓުގެ ޚިދުމަތް ޑިމާންޑާއި އެއްވަރަށް ދިނުމަށް ޒަމާނާއި އެއްގޮތަށް ޚިދުމަތަށް ބަދަލުގެންނަން ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްރަށުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި މިއަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓު ދޭން ފެށުމަށް ވަނީ ނިންމާފައެވެ. އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެފައިވަނީ 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ބޭނުންވާ އަމާޒަށް ވާސިލުވުމަށް އިއާދަ ކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ 'ސިކްސްތް ޕަވަރ ޑިވެލޮޕްމެންޓް' މަޝްރޫޢުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދަށް އިތުރުކުރާ ޖަނަރޭޓަރު ތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ ހައިބްރިޑް ޖަނަރޭޓަރު ތަކަކަށް ވެގެންދާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް