May 13, 2024 16:48
Advertisement

-Advertisement-

މުޝް އުފައްދާ ތަފާތު އައިސްކްރީމްގެ ތެރެއަށް ސަބުދެލި އިތުރުކޮށް ރަހަ އިތުރަށް ފުރިހަމަކުރުމުގައި!

ޅ. ނައިފަރަށް އުފަން އައިމިނަތު މުޝްރިފާ (މުޝް) އަކީ މަސައްކަތްތެރި ކަނބަލެކެވެ. ކުރިން މުޝް މަޝްހޫރުވެފައިވަނީ 'ކޮއްކޮގެ ބަކުން' ނަމުގައި ޕޭޖެއް ހަދައި އެޕޭޖު މެދުވެރިކޮށް ތުއްތު ކުދިންނަށް ޚާއްސަ ކާނާ ވިއްކުމުގައެވެ. އެމަސައްކަތުގެ އިތުރަށް 2022 ވަނަ އަހަރުން ފެށިގެން މުޝްގެ ތަފާތު އުފެއްދުންތަކެއް ވަނީ ލިބެން ފަށައިފައެވެ.

ދިވެހިވަންތަ ރަހަ ހިމެނޭ އައިސްކްރީމް

އާންމުކޮށް އައިސްކްރީމް ކައިއުޅެނީ ގަނެގެންނެވެ. ވަރަށް ކުޑައިރު ކުންނާރު އައިސްކްރީމް ގޭގައި ތައްޔާރުކޮށްގެން ކެއީމެވެ. އެކަމަކު ދިވެހިރާއްޖޭގައި ލިބެން ހުންނަ ތަފާތު މޭވާގެ އައިސްކްރީމް ވިއްކާ ދިވެހިކަނބަލަކާ މިދިމާވީ ފުރަތަމަ ފަހަރަށެވެ.

Advertisement

'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން މުޝް ބުނީ އޭނާ ތައްޔާރުކުރާ އައިސްކްރީމްގެ ތެރޭގައި ހިމެނެނީ ކުއްޅަވައް އައިސްކްރީމް، ކަށިކެޔޮ އައިސްކްރީމް، ކަޅުހުއްތުމޭވާ އައިސްކްރީމް އަދި މުޑި އައިސްކްރީމް އާއި ވަރަށްފަހުން ތައާރަފްކުރި ސަބުދެލި އައިސްކްރީމެވެ.

މިމަސައްކަތް ފެށުނީ ކިހިނެއް؟

އައިސްކްރީމް ވިޔަފާރީގައި ކުރިއަރަމުން އަންނަ ޒުވާން މުޝް އަކީ 3 ކުދިންގެ މަންމައެކެވެ. ކޮވިޑް-19 އާއި ގުޅިގެން 2020 އިން 2021 އަށް މާލެ ފުރަބަންދުގައި އޮތްއިރު ބޭނުން އެއްޗެއް ބޭނުންވަގުތަކު ގަތުމަށް ފިހާރައަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވުމުން ކުދިންނަށް ދިނުމަށް ގޭގައި ލިބެންހުރި އެއްޗެއް ބޭނުންކޮށްގެން އައިސްކްރީމް އުފެއްދުމުގެ ވިސްނުން މުޝް އަށް އައިގޮތް ކިޔައިދިނެވެ.

" ކޮވިޑުގެ ދުވަސްވަރު ލިބުނީ ވަރަށް ގިނައިން އަނބު. އެއަނބު ބޭނުންކޮށްގެން އައިސްކްރީމް ތައްޔާރުކުރީމަ ކުދިންނާއި ރައްޓެހިންނަށް ކަމުދިޔައީ. ދެން އެގޮތަށް ދިވެހި ތަފާތު މޭވާ ބޭނުންކޮށްގެން އައިސްކްރީމް އުފައްދަން ފެށީ". އާމްދަނީ ހޯދުމުގެ ބޭނުމުގައި ފުޅާދާއިރާއެއްގައި އައިސްކްރީމް އުފައްދާ ކައިރި ރަށްރަށަށްވެސް ވިއްކަމުން އަންނަ މުޝް ފާހަގަކުރިއެވެ.

އެންމެ ގިނައިން ވިކެނީ؟

މުޑި އައިސްކްރީމް މިއީ އެންމެ ގިނަމީހުންގެ މެދުގައި މަގުބޫލު ވައްތަރެވެ. އަދި ކަޅުހުއްތުމޭވާގެ އައިސްކްރީމްވެސް ގިނަބަޔަކު ގަންނަކަމަށާއި، ތަފާތު މޭވާތަކުގެ އައިސްކްރީމްގެ ރަހަބަލާލަން ބޭނުންވާ މީހުން އުޅޭކަން ފާހަގަކުރިއެވެ. އެހެންނަމަވެސް ސަބުދެލި ހޯދަން އުދަގޫވުމުން އެބާވަތުގެ އައިސްކްރީމް ގިނައިން ނުއުފެއްދޭކަމަށް ފާހަގަކުރިއެވެ.  

މުޝްގެ އުފެއްދުމުގެ ޚާއްސަކަމަކީ ކޮބާ؟

އައިސްކްރީމް ތައްޔާރުކުރާއިރު އާޓިފިޝަލް ފްލޭވަރ ނައަޅާކަމަށް ވަނީ ބުނެފައެވެ.

" އައިސްކްރީމްގައި މި ދެނީ އެމޭވާގެ ރަހަ. އެކަމަކު ބައެއް އައިސްކްރީމަށް ވަރަށްކުޑަކޮށް ކުލަކޮޅެއް އަޅަން. އެއީ އެމޭވާއެއްގެ ކުލަ ގެނައުމަށް". މުޝް ބުންޏެވެ.

ކުރިމަގަށް ކުރެވޭ އުންމީދު

މުޝްގެ އުންމީދަކީ މި އުފެއްދުން ފިހާރަތަކުގެ އިތުރަށް ރިސޯޓްތަކުގައި ވެސް ލިބެން ހުންނަ މިންވަރަށް ވިޔަފާރި ފުޅާކުރުމެވެ. މުޝްގެ މިއުފެއްދުން ޅ. ނައިފަރު ކ. ކާށިދޫ އާއި މާފުށީގެ އިތުރަށް މާލެއިން ލިބެން އެބަހުއްޓެވެ. އައިސްކްރީމަށް ޚާއްސަ އައުޓްލެޓެއް ހުޅުވުމަކީވެސް ދެކޭ ހުވަފެނެކެވެ.

އަންނަ ޑިސެންބަރުގައި ޚާއްސަ އަގެއްގައި އައިސްކްރީމް ވިއްކުމަށް މުޝް ދަނީ ތައްޔާރުވަމުންނެވެ. ފޭސްބުކް އާއި އިންސްޓަގްރާމް ޕޭޖް scoopilicious މި ޕޭޖަށް އޯޑަރު ދިނުމުން މުޝްގެ އައިސްކްރީމްތައް ގަންނަން ލިބެން ހުންނާނެއެވެ. މާލެއަށް ޑެލިވަރީ ކޮށްދެއެވެ.

+1
0
+1
12
+1
5
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް