ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ، ކުޑަކުދިންގެ ދުވަހާއި ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.
އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. އަދި ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ޚިޠާބުގައި، އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަކަމަށް ވިދާޅުވިއެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމް ކަށަވަރުކޮށްދެއްވުމަށް ކަމަށާއި، ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުޞަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރު ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް ފޮނުއްވާފައެވެ.












