Advertisement
header ad
XeeTimesXeeTimes
ބީ.އެމް.އައި: ދިވެހިންނަށް ހަޤީޤަތުގައިވެސް އެންމެ ރައްކާތެރި މިންގަނޑަކީ ކޮބާ؟ ސިއްޙަތު

ބީ.އެމް.އައި: ދިވެހިންނަށް ހަޤީޤަތުގައިވެސް އެންމެ ރައްކާތެރި މިންގަނޑަކީ ކޮބާ؟

މިއަދު ރާއްޖޭގެ މުޖުތަމަޢުން ފެންނަމުންދަނީ ނުހަނު އުފާވެރި އަދި ހިތްވަރުދެނިވި މަންޒަރެކެވެ. ސިއްޙީގޮތުން ހޭލުންތެރިވެ، ބޫޓް ކެމްޕްތަކާއި، ކަސްރަތު ޕްރޮގްރާމްތަކާއި، ބަރުދަން ލުއިކުރުމުގެ ޗެލެންޖްތަކުގައި ގިނަ ބަޔަކު ބައިވެރިވަމުން އެބަދެއެވެ. މިފަދަ ހަރަކާތްތަކުން ވަރަށް ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އަމާޒު ހިފަނީ ބައިނަލްއަޤްވާމީ ގޮތުން އާންމުކޮށް ގެންގުޅޭ 'ސްޓޭންޑަޑް' ބީ.އެމް.އައި (BMI) މިންގަނޑަށްކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް، ފަހުގެ ސިއްހީ ހޯދުންތަކުން އެނގޭގޮތުގައި ދިވެހިން ފަދަ އޭޝިއާ ސަރަޙައްދުގެ މީހުންނަށް މާ އެކަށީގެންވަނީ، އޭޝިއާ ބައްރަށް ޚާއްޞަ 'އޭޝިއަން ބީ.އެމް.އައި'ގެ މިންގަނޑުތަކެވެ. މި މިންގަނޑަށް ބަލާއިރު، ސްޓޭންޑަޑް ޤަވާއިދުން 'ނޯމަލް' ކަމަށް ދައްކާ ބައެއް މިންވަރަކީ، އޭޝިއަން މިންގަނޑުން ބަލާއިރު 'އޯވަރވެއިޓް' ނުވަތަ ބަރުދަން ހުންނަންޖެހޭ، ސިއްޙީގޮތުން އެދެވިގެންވާ މިންވަރަށްވުރެ އިތުރު މިންވަރެކެވެ. މި ހަޤީޤަތް އެނގުމުން، މިއަދު ރާއްޖޭގައި ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ހަކުރުބައްޔާއި، އިންސުލިން ރެސިސްޓެންސް (Insulin Resistance) އަދި 'ފެޓީލީވަރ' (Fatty Liver) ފަދަ ސިއްޙީ މައްސަލަތަކުގެ ފޮރުވިފައިވާ އެއް ސަބަބު އަޅުގަނޑުމެންނަށް އިތުރަށް ވިސްނިގެންދެއެވެ.

އާންމުކޮށް ބޭނުންކުރާ 'ސްޓޭންޑަޑް' ބީ.އެމް.އައި އަކީ ކޮބާ؟

Article - in content
Advertisement

ބޮޑީ މާސް އިންޑެކްސް (BMI) އަކީ މީހެއްގެ އިސްކޮޅާއި ބަރުދަނަށް ބަލައިގެން ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު އަންދާޒާކުރަން ބޭނުންކުރާ މިންގަނޑެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (WHO) ގެ ސްޓޭންޑަޑް މިންގަނޑުތަކަކީ:

 * ނޯމަލް : 18.5 އާއި 24.9 އާ ދެމެދު

 * އޯވަރވޭޓް : 25.0 އާއި 29.9 އާ ދެމެދު

 * އޮބީސް : 30.0 އަށްވުރެ މަތި

މި މިންގަނޑުތަކަކީ މައިގަނޑުގޮތެއްގައި ހުޅަނގުގެ ޤައުމުތަކުގެ މީހުންގެ ހަށިގަނޑުގެ އޮނިގަނޑަށް ވިސްނައިގެން ތައްޔާރުކޮށްފައިވާ އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ.

އޭޝިއާ މީހުންނަށް ޚާއްޞަ ބީ.އެމް.އައި މިންގަނޑު: ތަފާތަކީ ކޮބާ؟

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ އިސްނެގުމުގެ މަތިން ކަނޑައަޅާފައިވާ އޭޝިއަން ބީ.އެމް.އައި މިންގަނޑުތައް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެއީ:

 * ނޯމަލް : 18.5 އާއި 22.9 އާ ދެމެދު

 * އޯވަރވޭޓް : 23.0 އާއި 27.4 އާ ދެމެދު

 * އޮބީސް : 27.5 އަށްވުރެ މަތި

މި ތަފާތަށް ބަލާއިރު، ސްޓޭންޑަޑް މިންގަނޑުން 'ހެޔޮވަރު' ނުވަތަ 'ނޯމަލް' ކަމަށް ދައްކާ 23 އަދި 24 ގެ ބީ.އެމް.އައި އަކީ، އޭޝިއަން މިންގަނޑުން ބަލާއިރު އޯވަރވޭޓް (ބަރުދަން އިތުރު) ރޭންޖެކެވެ.

މި ބަދަލު ގެންނަންޖެހުނީ ކީއްވެ؟ (ސައިންސާއި ސަބަބު)

ހުޅަނގުގެ މީހުންނާއި އޭޝިއާ މީހުންގެ ހަށިގަނޑުގެ އޮނިގަނޑުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެއްކަމަކީ، އޭޝިއާ މީހުންގެ ހަށިގަނޑުގައި ހިމެނޭ ބޮޑީ ފެޓް ޕަސެންޓޭޖް ނުވަތަ ހަށިގަނޑުގެ ސަރުބީ ހުންނަ މިންވަރާއި، އަދި ޚާއްޞަކޮށް ބަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ވަށައިގެން ޖަމާވާ ނުރައްކާތެރި ވިސަރެލް ފެޓް ނަމަކަށްކިޔާ ސަރުބީ ހުންނަ މިންވަރު، ހަމަ އެއް ބީ.އެމް.އައި އަދަދެއްގައި ހުންނަ ހުޅަނގުގެ މީހަކާ އަޅައިބަލާއިރު މާ މަތިވާނެކަމަށް ދިރަސާތަކުން ދައްކައެވެ.

މި ސަބަބާހުރެ، އޭޝިއާ މީހުންނަށް ހަކުރުބައްޔާއި، ހިތުގެ ބަލިތައް އަދި ލޭގެ ޕްރެޝަރު މަތިވުންފަދަ މެޓަބޮލިކް ނުރައްކާތައް ކުރިމަތިވަނީ މާ ދަށް ބީ.އެމް.އައި މިންގަނޑުތަކެއްގައެވެ. އެހެންކަމުން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބީ.އެމް.އައި މިންގަނޑުތައް ދަށްކުރަން ޖެހުނީއެވެ.

ރާއްޖޭގައި އިތުރުވަމުންދާ މެޓަބޮލިކް އަދި ސިއްޙީ ނުރައްކާތަކާއި މިކަމާ އޮތް ގުޅުން

އަޅުގަނޑުމެންގެ ހަށިގަނޑު ބޭރުފުށުން ހެޔޮވަރުކޮށް ހުރެއްޖެ ކަމަށް ފެނުނު ނަމަވެސް، މިއަދު ދިވެހިންގެ ތެރޭގައި ނުހަނު ކަންބޮޑުވާންޖެހޭ މިންވަރަކަށް ސިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހޭ މަންޒަރު ފެންނަމުންދެއެވެ. މީގެ ތެރޭގައި ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ހަކުރުބައްޔާއި، އިންސުލިން ރެސިސްޓެންސް ގެ މައްސަލަތަކާއި، ހޯރމޯންގެ ނިޒާމަށް ބުރޫއެރުމާއި، އަދި ފެޓީ ލީވަރ ފަދަ މެޓަބޮލިކް މައްސަލަތައް ހިމެނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ޤަބޫލުކުރެވިފައިވާ ގޮތުގައި މިފަދަ ނުރައްކާތެރި ބަލިތައް ޖެހި ނުވަތަ ބަލިތަކުގެ ރިސްކު ބޮޑުވެފައިވަނީ މާ ބޮޑަށް ފަލަވެ، ސްޓޭންޑަޑް މިންގަނޑުން 'އޮބީސް' ވެފައި ތިބޭ މީހުންނަށް ކަމަށެވެ. ނަމަވެސް، ސްޓޭންޑަޑް މިންގަނޑުން 'ނޯމަލް' ރޭންޖުގައި (23 އާއި 24.9 އާ ދެމެދު) ގައި ތިބޭ އެތައް ބައެއްގެ ހަށިގަނޑުގައި އިންސުލިން މަސައްކަތްކުރާ ގޮތްތައް ބަދަލުވެ، ލޭގައި ހަކުރު ދައުރުވާ މިންވަރު މަތިވަމުންދާކަން ސިއްޙީ ހޯދުންތަކުން ދައްކައެވެ.

އޭޝިއަން މިންގަނޑުން ބަލާއިރު މި ބީ.އެމް.އައި ރޭންޖަކީ 'އޯވަރވޭޓް' ކަމަށް ވުމުން، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ވަށައިގެން ސަރުބީ ޖަމާވެ، އިންސުލިންއަށް ހަށިގަނޑު ދެކޮޅު ހަދާ މިންވަރު އިތުރުވެގެންދެއެވެ. މިއީ ކުރިއަށް އޮތް ތަނުގައި ޒުވާން އުމުރުގައި  ޓައިޕް 2 ޑައިބެތީސް ނުވަތަ ހަކުރުބަލި ޖެހުމަށާއި، ހޯރމޯންގެ ނިޒާމު އޮޅުންބޮޅުންވެ، ލޭގެ ޕްރެޝަރާއި ހިތުގެ ބަލިތަކަށް މަގުފަހިވާ މައިގަނޑު ސަބަބެކެވެ. އެހެންކަމުން، ބޭރުފުށުގެ ސިފައަށްވުރެ ހަށިގަނޑުގެ އެތެރޭގެ ސިއްޙަތު ރައްކާތެރިކުރުމަށް މި މިންގަނޑުތަކަށް ސަމާލުވުން ނުހަނު ބޭނުންތެރިއެވެ.

މި މިންގަނޑު ދިވެހިންނަށް ފެތޭނެ ހެއްޔެވެ؟

މިއީ ބައެއްމީހުންގެ މެދުގައި އުފެދިދާނެ ވަރަށް ރަނގަޅު ސުވާލެކެވެ. "ދިވެހިންނަކީ ހަމައެކަނި އޭޝިއާގެ ނަސްލަކަށް ނުވެ، އެފްރިކާ، ޢަރަބި އަދި އެހެނިހެން ނަސްލުތަކުގެ ލޭ އެކުލެވިގެންވާ މިކްސް ޤައުމަކަށްވާތީ، އަޅުގަނޑުމެންނަށް ސްޓޭންޑަޑް ބީ.އެމް.އައި މިންގަނޑު ނުފެތެންވީ ކީއްވެގެންބާއެވެ؟

މިއީ ވަރަށްވެސް ވިސްނުންތެރި ސުވާލެކެވެ. ނަމަވެސް ސިއްޙީ ތަޖުރިބާކާރުން ބުނާގޮތުގައި، ޖެނެޓިކް ގޮތުން ކުދިކުދި ތަފާތުތައް ހުރި ނަމަވެސް، ދިވެހިން ދިރިއުޅޭ މާޙައުލާއި، ކާނާގެ ވައްޓަފާޅިއާއި، އަދި ހަށިގަނޑުގެ މެޓަބޮލިޒަމް މަސައްކަތްކުރާގޮތް ބިނާވެފައިވަނީ އޭޝިއާ (ޚާއްޞަކޮށް ދެކުނު އޭޝިއާ) ސަރަޙައްދުގެ އާންމު ޙާލަތާ ވަރަށް ބޮޑަށް އެއްގޮތަކަށެވެ. އަޅުގަނޑުމެންގެ ކިބައިންވެސް ބަނޑަށް ސަރުބީ އެރުމާއި، އިންސުލިން ރެސިސްޓެންސާއި ހަކުރުބައްޔާއި ފެޓީ ލިވަރ ގެ މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް ދަނީ ފެންނަމުންނެއެވެ. އެހެންކަމުން، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އޭޝިއަން ބީ.އެމް.އައި މިންގަނޑު ގެންގުޅުމަކީ ސިއްޙީގޮތުން މާ ބުއްދިވެރި އަދި ރައްކާތެރި ގޮތެއްކަމަށް ކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ.

ނިންމުން

ބޮޑީ މާސް އިންޑެކްސްއަކީ އާދައިގެ ނަންބަރަކަށް ވިޔަސް، އެ ނަންބަރުގެ ފަހަތުގައިވާ ސިއްޙީ ޙަޤީޤަތްތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގައި ފެންނަމުންދާ ސިއްޙީ ރަނގަޅު ބަދަލުތަކާއެކު، އަޅުގަނޑުމެންގެ އަމާޒު ހަމައެކަނި ބޭރުގެ ސްޓޭންޑަޑް ނަންބަރުތަކަށް ހެދުމުގެ ބަދަލުގައި، އޭޝިއަން ބީ.އެމް.އައި މިންގަނޑަށް ބަލައިގެން ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމަކީ ބުއްދިވެރި ފިޔަވަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. ކުޑަކޮށް ސަމާލުވެ، ކުރިން ފިޔަވަޅުއެޅުމަކީ މާދަމާގެ ދުޅަހެޔޮ ސިއްޙަތުގެ ތަޅުދަނޑި ނޫންތޯއެވެ.

މަސްދަރުތައް: ވަރލްޑް ހެލްތް އޯގަނައިޒޭޝަން، ދަ އޭޝިއާ ޕެސިފިލް ޕަރސްޕެކްޓިވް، ދަ ޖަރނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ، ރީޖަނަލް ސްޓަޑީޒް އޮން ނޮން އަލްކޮހޮލިކް ފެޓީ ލިވަރ ޑިސީސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —