Advertisement
header ad
XeeTimesXeeTimes
އައިންތު: ސްޓްރޯކެއް ޖެހި ގޮނޑީގައި އިންނަން ޖެހުމުން ފެށި ދަތުރަށްފަހު ރެހެންދި އެވޯޑު ފަރުދުން

އައިންތު: ސްޓްރޯކެއް ޖެހި ގޮނޑީގައި އިންނަން ޖެހުމުން ފެށި ދަތުރަށްފަހު ރެހެންދި އެވޯޑު

އައިންތު ފުރަތަމަ ވަޒީފާއަކަށް ދާން ފެށީ 18 އަހަރުގައެވެ. އެއީ1990 ގައި މާލޭގައި ކުރިން ހިންގި ސެންޓްރަލް ހޮސްޕިޓަލްގެ އެއް ނަމްބަރު ކާތިބާކަމުގެ މަގާމުން ފެށި ދަތުރެވެ. އޭގެ ފަހުން އެ ހޮސްޕިޓަލުގެ ކޭޝިއަރެއްގެ މަގާމުވެސް އަދާކުރިއެވެ. އެ ހޮސްޕިޓަލުގައި 4 އަހަރު ވަޒީފާ އަދާކުރުމަށްފަހު އުމުރުން 23 އަހަރުގައި ވަޒީފާއިން ވަކިވީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުންނެވެ. އޭގެ 2 އަހަރު ފަހުން އަނެއްކާވެސް މަސައްކަތުގެ މާހައުލަށް ނިކުތެވެ. އެއީ އެމްޕީއެލްގެ ވަޒީފާއަކަށެވެ. އެ ވަޒީފާގައި 9 އަހަރު ހޭދަކުރުމަށްފަހު 2005 ވަނަ އަހަރު ވަޒީފާ ދޫކޮށްލި ނަމަވެސް އެއީ ޒިންމާދާރު މަންމައެކެވެ. ދެ އަންހެން ދަރިން ބަލާ ބޮޑުކުރުމުގެ ބުރަ ޒިންމާ އުފުލަމުން ތައުލީމީ ގޮތުން ފުންނާބު އުސް ބަޔަކަށް އެ ދެދަރިން ހަދައިދިނެވެ. އަދި އާއިލާގެ އެހެން މީހުންގެ ދަރިންގެ ކަންކަންވެސް ވީ އެންމެ ރަނގަޅަށް ކޮށްދެމުން އާއިލާގައިވެސް އަދާކުރަމުން ދިޔައީ ކުޑަ ޒިންމާއެއް ނޫނެވެ. އޭނާއަކީ އެންމެންގެ  ލޯބިވާ ކުޑާއްތައެވެ. ހިތްހެޔޮ ކަމާއި އޯގާތެރިކަމުގެ ދެވަނައެއްނެތް އާއިލާގެ ދެވަނަ މަންމައެކެވެ.

އައިންތު ރެހެންދި އެވޯޑާއި ހަވާލުވަނީ

ސްޓްރޯކެއް ޖެހި މާޔޫސްކަމުގެ ތެރެއަށް، އަދި "ގުރާފެހި ކަނބަލުން" ގެ ނަމުގައި ކަސްރަތު ކުލާހެއް އުފެއްދުން 

ސްޓްރޯކެއް ޖެހިގެން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހެއްގެ ގޮތުގައި ގޮނޑީގައި އިންނަން ޖެހުނެވެ. އެ އަނދިރި ދުވަސްތަކުގައި އޭނާއަށް އެހީތެރިވީ ދޮންތައާއި ދޮންތަގެ ކުދިންކަން ފާހަގަކޮށް ދޮންތައާއި މުޅި އާއިލާއަށް އައިންތުގެ ހިތުގައި އޮތީ ހާއްސަ ޝުކުރެކެވެ. މާފަންނުގައި އޭރު އޭނާ އުޅުނު އުސް އިމާރާތުން، ސިޑިން ބާލައިގެން މި ކާރޫ ބާރޫ ބޮޑު މާލޭގައި ފުރޮޅުލީ ގޮނޑި ދުއްވާފައި އާޓިފިޝަލް ބީޗަށް ގެންގޮސްދީ އެތައް މަހެއް ވަންދެން، އާއިލާއިން ދިން އެ ހިދުމަތަކީ ތާއަބަދަށް ހާސް ފަށުން އޭނާ ޝުކުރުވެރިވާނެ ކަންކަމެވެ. މޫދުން ހޯދަމުން އައި ފަރުވާއަށް ގިނަ ދުވަސްތަކެއް ނެގިނަމަވެސް އައިންތުއާއި އޭނާގެ އާއިލާއިން އުންމީދު ކަނޑައެއް ނުލައެވެ. އަލުން ހިނގޭތޯ ހިތްވަރު ކުރިއެވެ. އެނދުމަތިވެފައި އޮންނާކަށް ދުލެއް ނުކުރިއެވެ. ﷲގެ ރަހުމަތަށް އެދިގެން ގަދައަޅާ މަސައްކަތް ކުރަމުން ދިޔައީ އަލުން އަމިއްލައަށް ކޮޅަށް ތެދުވެ އެހެން މީހެއްގެ އެހީއާއި ނުލާ ހިނގާލެވޭތޯއެވެ.

Article - in content
Advertisement

ޕިޒިއޮތެރަޕީއާއި މޫދު ކަސްރަތުގެ އެހީގައި އަމިއްލަ ފައިމައްޗަށް އަލުން ތެދުވުމުގެ ނަސީބު މާތް ﷲ މިންވަރު ކުރެވީތީ އައިންތު ބޭނުންވީ އޭނާ ކުރި ހިތްވަރު އެހެން މީހުންނަށްވެސް ކުރެވޭނެ ކަން އިހުސާސްކޮށްދީ އެހެން މީހުުންނަށް އެހީވުމަށެވެ. މި ދުނިޔެވީ އިމްތިހާނީ ދަތުރުގައި އައިންތުއަށް ފިޒިއޮތެރަޕީ ނަގައިދީ މޫދު ކަސްރަތުކޮށްދިން އިންސްޓްރަކްޓަރުންގެ އެހީގައި އޭނާވެސް ދިޔައީ މަޑުމަޑުން ކަސްރަތުތައް އުނގެނި އިންސްޓްރަކްޓަރަކަށް ވަމުންނެވެ. އޭނާ އަކީ ގުރާފެހި ކަނބަލުންގެ، އައިންތު މިސްއެވެ. 

އެގޮތުން މާލޭ ހުޅަނގު ފަރާތުގައި 2016 ވަނަ އަހަރު ހެދި ގޮނޑުދޮށް "ރަސްފަންނު" ހުޅުވުމާއެކު އެތަނަށް މޫދަށް ދާން ފެށިއެވެ. އަދި އޭނާއަށް ދަސްވެފައިވާ ކަސްރަތު ހަރަކާތްތައް މޫދުގައި ކޮށް މޫދުން ދިމާވި ރައްޓެއްސަކަށްވެސް އެ ކަސްރަތުތައް ބުނެދޭން ފެށިއެވެ. ދެމީހުން ވެގެން ކުލާހެއް ގޮތަށް ކޮންމެ ދުވަހަކު އެއްގަޑިއެއްގައި އެ ކަސްރަތުތައް ކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެ މީހުން އެ ކުލާހާއި ގުޅެން ފެށިއެވެ. އަދި ކަނބަލުންގެ އަދަދު ގިނަވާން ފެށުމުން "ގުރާފެހި ކަނބަލުން" ގެ ނަމުގައި ކަސްރަތު ކުލާހަށް ނަންދީ، ގުރާފެހި ކުލައިގެ ނޫޑްލް ބޭނުންކޮށްގެން އެ ކުލާސްތައް ނަގައިދޭން ފެށިއެވެ. އިޖުތިމާއީ މަސައްކަތެއްގެ ގޮތުގައި ހިލޭ ސާބަހަށް ކުރިޔަށް ގެންދިޔަ މި ކަސްރަތު ކުލާހުގެ ސަބަބުން ހުޅުހުޅުގެ ރިއްސުމާއި، ނާރުތަކުގެ ބަލިތަކާއި، ހަކުރު ބައްޔާއި، ދާއިމީ ބަލިތަކަށް އުމުރަށް ބޭސް ކާން ޖެހިފައި ތިބި އެތައް ބަޔަކަށް، އަދި ހެލިފެލިވެ އުޅެން އުނދަގޫވެފައި ތިބި އެތައް ކަނބަލެއްގެ ހައްޓަށް ލުއިކަން އިހުސާސް ކުރެވެން ފެށިއެވެ. ޑޮކްޓަރީ ބޭހުން ރަނގަޅުނުވި ކިތަންމެ ކަމަކަށް މޫދު ކަސްރަތުން ފަރުވާ ހޯދިއެވެ. 

ގުރާފެހި ކަނބަލުންގެ ކަސްރަތު ކުލާހުން 800 އަށްވުރެ ގިނަ ކަނބަލުން މިހާތަނަށް ހިދުމަތް ހޯދާފައިވެއެވެ. އެހާ ގިނަ ބަޔަކަށް މޫދު ކަސްރަތު ކުލާސް ނަގައިދިނުމަށް އައިންތު އިސްނެގިއިރު އޭނާއަށް އެންމެ ފުރިހަމައަށް ކުލާސްތައް ކުރިޔަށް ގެންދެވުނީ ކުލާހުގެ ބައިވެރިވި ކަނބަލުންގެ ބޮޑު އެއްބާރުލުމަކާއެކުގައެވެ. އެގޮތުން އޭނާ ޓްރެއިން ކުރި އެހެން ކަނބަލުން ކުލާސްތައް ނަގައިދޭން ފަށައި އެކި ދުވަހު އެކި އިންސްޓްރަކްޓަރުންގެ ކޮމާންޑުގެ ދަށުން ކަސްރަތުތަކުގެ ސެޓުތައް ހަމަކުރުވަމުން ގޮސް ގިނަ ކަނބަލުންނަށް އެކަނިވެސް ފަސޭހަ ގަޑިއެއްގައި މޫދަށް އައިސް ކަސްރަތު ކޮށްލެވޭ ވަރަށް އައިންތު ވަނީ އެ ކަނބަލުން ފައްކާކޮށްފައެވެ.

އައިންތު ދެކުދިންނާއެކު

ކުލާހުގެ އެކުވެރިކަމާ ބަދަހިކަން އިތުރު ކުރުމަށް އިޖުތިމާއީ ހަރަކާތްތައް ރާވާ ހިންގިއެވެ. އެގޮތުން 'ހޯޕް ފޯ ވިމެން'ގެ އެހީތެރިކަމާއެކު މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު ސެޝަންތަކާއި، ހަކުރު އަދި ލޭގެ ޕްރެޝަރު ބެލުމުގެ ސެޝަންތަކާއި، ބްރެސްޓް ކެންސަރ ސްކްރީނިންގ ހާއްސަ އިވެންޓުތައް ކަމުގެ މާހިރުންނާއެކު ކުރިޔަށް ގެންގޮސްދިނެވެ.

ގޭތެރޭގެ ހާސްކަމާއި، ނުވަތަ ގޭތެރޭގައި ދޮށީ އުމުރުގެ މީހުން އެކަނިވެފައި ތިބެން ޖެހުމުގެ ސަބަބުން ސިނކުޑިއަށް އަންނަ ހާސްކަމާއި ނުތަނަވަސްކަން އަދި މިޒާމާނުގެ ބަހުން ބުނާނަމަ "ޑިޕްރެޝަނުގެ" ވޭން ތަހަންމަލުކުރަމުން ދިޔަ އެތައް ކަނބަލަކަށް ގުރާފެހި ކަނބަލުންގެ ކަސްރަތު ކުލާހުން އައިންތު އާއި އެނާގެ ބައިވެރިން ވަނީ މާތް ﷲގެ ތަނަވަސް ރަހުމަތާއެކު ތަސައްލީ ހޯދައިދީފައެވެ. އެފަދަ މީހުންގެ ފަރާތުން ލިބޭ ހެޔޮ ބަސްތަކާއި ހެޔޮ ދުޢާ ތަކުން އައިންތުއަށް ބަޔާން ނުކުރެވޭ އުފަލަކާއި ހިތްހަމަޖެހުން ގެނެސްދޭކަމަށް އޭނާ ބުންޏެވެ.

ގޮނޑީގައި އިން އަންހެނަކަށް އައިންތުއާއި ކުލާހުގެ ބައިވެރިން ދިން ފަރުވާ ވަކިން ފާހަގަކޮށްލެވޭ

އެއީ މައްކާއިން އައިންތުއާއި ދިމާވި މެދު އުމުރުގެ އަންހެނެކެވެ. މައްކާގައި އޭނާ އުޅުނު ހާލު ފެނިފައި އައިންތު އޭނާއަށް އެހީތެރިވެ ހިތްވަރުދޭން ބޭނުންވިއެވެ. އަދި މާލެ އައިސް ބައްދަލުކުރުމަށް ރަސްފަންނަށް އައުމަށް ދައުވަތު ދިނެވެ. އެ އަންހެން މީހާއަށް އަމިއްލަ ފައިމައްޗަށް އަލުން ތެދުވެވިދާނެ ކަމުގެ އިހުސާސް ކޮށްދީ ފުރަތަމަ ކުލާހުން ފެށިގެން ހާއްސަ އޯގާތެރިކަމެއް އައިންތުގެ ޓީމުން ބެހެއްޓިއެވެ. މާތް ﷲގެ އިރާދަފުޅާއެކު އަހަރެއްވެސް ނުވަނީސް އެ ދައްތައަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭވަރުވެ، ފާރުގައި އަތް ޖައްސާލައިގެން ހިނގޭވަރު ވިއެވެ. އަދި ގޮނޑުދޮށުގައި ވެލިއަޅާފައި ބޭއްވުމާއި، މޫދުތެރޭގައި އެކި ކަހަލަ ކަސްރަތުތައް ނޫޑްލްގެ އެހީގައި ކުރުވައިގެން އޭނާއަށް ތަނެއްގައި އަތް ނުލާ ހައެއްކަ ފިޔަވަޅު އަޅާލެވޭ ވަރަށް އޭނާގެ އެ ބަލި ފަސޭހަވިއެވެ. ގަވާއިދުން އޭނާއަށް މޫދަށް ނާދެވުނަސް އެމީހާގެ ބަލީގައި ލިބުނު ކުރިއެރުން އެއީ އައިންތުއާއި އެ ކުލާހުގެ ހިދުމަތްތެރި ކަނބަލުންނަށް ލިބުނު ބޮޑު އުފަލެކެވެ. އަދި މީގެ އިތުރުން ބަރުދަން ލުއި ނުވެގެން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މީހުންގެ ތެރެއަށް ނިކުންނަށް ލަދުގެންފައި ތިބި ޒުވާން ކަނބަލުންނަށްވެސް އައިންތުގެ ކުލާހުން ވަނީ ފަރުވާ ލިބިފައެވެ.. ހަށިގަނޑުގެ ބަރުދަން ލުއިވެ މިންހެޔޮ ކާނާ ކެއުމަށް އަހުލުވެރިކޮށް އެކަން އާދައަކަށް ހަދައިދިނެވެ. މީގެ އިތުން ނަމާދުގައި ސަޖިދައަށް ދާން އުނދަގޫ އެތައް ބަޔަކަށް އަދި ގުދުވާން އުނދަގޫވެ ގޮޑީގައި ތިބެގެން ނަމާދުކުރަމުން އައި ކަނބަލުންތަކަކަށްވެސް އޭނާގެ ކަސްރަތު ކުލާހުން ލުއިކަން ހޯދައިދެވުމާއި، އެ ކަނބަލުންނަށް އުނދަގުލަކާއި ނުލާ ސަޖިދައަށްގޮސް އައްތަހިއްޔާތަށް އިނދެވޭކަމަށް އެ ބައިވެރިން ބުނުމަކީވެސް އައިންތު ގަބޫލުކުރާ ގޮތުގައި އޭނާގެ އިޖުތިމާއީ މަސައްކަތުގެ އެންމެ ބޮޑެތި ކާމިޔާބީތަކެވެ.

މާތް ﷲ ވާގިފުޅާއެކު ދީނީ ދަރުސް ދިނުމާއި ރަމަޟާން މަހަށް ކަނބަލުންގެ ނަފުސުތައް ހާނުވާ މަޝްހޫރު ދީނީ ޢިލްމުވެރިން ގެންނަވައިގެން ހާއްސަ ބައްދަލުވުންތައް ކަސްރަތު ކުލާހުގެ ބައިވެރިންނަށް އޭނާވަނީ ބާއްވައިދީފައެވެ.

ރެހެންދި އެވޯޑު ހާސިލުކުރުން

ގުރާފެހި ކަނބަލުންގެ ކަސްރަތު ކުލާސް ހިންގުމުގައި ފަސް އަހަރު ފުރިހަމަވި ފަހުން ލިބުނީ ހައިރާން ކުރުވަނިވި ހަދިޔާއެކެވެ. އެ ކުލާހުގެ ބައިވެރިން އައިންތުގެ ނަން ރެހެންދި އެވޯޑަށް ހުށަހެޅި ވާހަކައެވެ. އެކަމާއި އެންމެ ފުރަތަމަ ހިތްހަމައެއްވެސް ނުޖެހުނެވެ. ދަރުމައަށް ކުރާ މި މަސައްކަތަކަކީ އާހިރަތުގައި އޭގެ ދަރުމައަށް އެދިގެން ކުރަމުން އަންނަ ކަމެއް ކަމަށް ބުނެ ކުލާހުގެ ބައިވެރިން ގާތު އޭނާ ބުނަމުން ދިޔައީ އެވޯޑަށް ނުލުމަށެވެ. އެހެންނަމަވެސް "ގުރާފެހި ކަނބަލުންނަށް" އެކި ގޮތްގޮތުން އެހީވަމުން އައި އެ ކުލާހުގެ ބައިވެރިއެއްގެ ފިރިމީހާގެ ހުވަފެނެއް ކަމަށް ބުނެ އޭނާ ނިޔާވިފަހުން އެ މަރުހޫމުގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުން އޭނާގެ ދަރިންނާއި ކުލާހުގެ ބައެއް ބައިވެރިން އައިންތުގެ ނަން ރެހެންދި އެވޯޑަށް ހުށަހެޅީއެވެ. އަދި ސަރުކާރުން އޭނާގެ މަސައްކަތް ގަބޫލުކޮށް ރެހެންދި އެވޯޑު ދިނުމުން އައިންތުއަށް މި މަސައްކަތުގައި ދެމި ހުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

އެހެންނަމަވެސް އެ ކުލާހުގެ ބައިވެރިންގެ އަދަދު މަދުވާން ފެށިއެވެ. ހުޅުމާލޭ ފޭސް 2 ގައި މީހުން އާބާދުވަމުން އައި ދުވަސްވަރު ގިނަ އަދަދެއްގެ ބައިވެރިން ހުޅުމާލެއަށް ބަދަލުވުމާއި، ބައެއް މީހުންގެ ވަޒީފާގެ ގަޑިތައް ހުންނަގޮތުން ގަވާއިދުން ކުލާހަށް ހާޒިރުވާ މީހުންގެ އަދަދު މަދުވިއެވެ. އެހެންނަމަވެސް ހިތްވަރު އެލުވާ ނުލާ އެއް ދުވަސްވެސް ވައްޓާނުލާ ހަފްތާގެ ހުރިހާ ދުވަހަކު ކުލާސްތައް ނަގަމުން ގެންދިޔައެވެ. މިފަހުން ރަސްފަންނު މަރާމާތަށް ބަންދުކުރުމާއި ގުޅިގެން ކުލާސް މެދުކަނޑާލަން ޖެހުނު ނަމަވެސް އަނެއްކާވެސް އައިންތު އަންނަނީ ކުލާސްތައް ކުރިޔަށް ގެންދަމުންނެވެ. ދެގޮތެއް ނުވެ ކުލާހުގައި ދެމި ތިބި ބައިވެރިންނާއެކު އޭނާގެ އޮތީ ފޮނި ހަނދާންތަކެކެވެ. ޕިކުނިކް ދަތުރު ދިއުމާއި ހަވީރު ސައިގެ އެއްވުންތަކާއި ހަދިޔާބަދިޔާ ބަދަލުކުރުމާ ބަރުދަން ލުއިކުރާ ބައިވެރިންނަށް އެކި އެކި އެވޯޑުތައް ދިނުމާއި، މިފަދަ އެތައް ހަފްލާއެއް ބާއްވައިފިއެވެ.

ބައިވެރިންގެ ދީލަތި އެހީއާއެކު އެ އިވެންޓުތައް ރާވާ ހަރަދު ބަރަދު ބަލަހައްޓަމުން އަންނައިރު އައިންތުއަށް މިކަމުގައި ދެމި ހުރުމަށް ކުޅިވަރު ވުޒާރާއިން ދޭ އެހީތެރިކަން އޭނާ ފާހަގަކުރެވެ. އަދި ކުލާސް ހިންގުމުގައި އިދާރީ ގޮތުންނާއި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވެދޭ ހުރިހާ ފަރާތްތަކާއި އޭނާ އެންމެ ލޯބިވާ ގުރާފެހި ބޮޑު އާއިލާގެ ހުރިހާ މެންބަރުންނަށް އައިންތުގެ ހިތުގައި އޮތީ ހާއްސަ ލޯތްބަކާއި ޝުކުރެވެ. ވަކިން ބޮޑަށް އޭނާއަށް މިކަމުގައި ދޭ އެއްބާރުލުމަށް އޭނާގެ ދެ އަންހެން ދަރިންނާއި ފިރިމީހާގެ ދައުރުވެސް އުފަލާއެކު އައިންތު ފާހަގަކުރިއެވެ. 'ޒީޓައިމްސް'ގެ އެދުމަކީ ދޮށީ އުމުގެ މީހުންނާއި ޒުވާނުންނަށް އައިންތު މިދޭ ހިދުމަތުގައި ބަރާކާތް ލައްވާ ގުރާފެހި ކަނބަލުންގެ މޫދު ކަސްރަތު ކުލާހަށް އަބަދުވެސް ކުރިއެރުމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —